ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 41
ޕްރޮސިކިއުޓަރ ޖެނެރަލް، [2023] SC 41 (2023/SC-A/20)
Prosecutor General [2023] SC 41 (2023/SC-A/20, Supreme Court of the Maldives, 16 October 2023)
ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރ ދަޢުވާތައް ބަލައިނުގަތީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 61 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ މުއްދަތު ފަހަނައަޅާފައިވާތީއެވެ؛ އިސްގާޒީ އެ ނިންމުމަށް ތާއީދުކުރިއެވެ. ހައިކޯޓުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 69 ވަނަ މާއްދާއަކީ ޓެކްސް ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅުތަކަށް މުއްދަތު ކަނޑައަޅާ މާއްދާއެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ.
މީރާގެ ޖީ.އެސް.ޓީ އޮޑިޓުން ޖީ.އެސް.ޓީ ބަޔާނުގައި އާމްދަނީގެ މަޢުލޫމާތު ހާމަނުކޮށް ހިފެހެއްޓިކަމަށް ފާހަގަވުމުން، މުޙައްމަދު ޙިސާނާއި ހޮސްޕިޓާލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން 7 ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ދެ ޤާނޫނުގެ ކުށަކީ އެއް ކުށް ކަމަށާއި 18 (ށ) ގެ ދަށުން ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރި ނަމަވެސް މުއްދަތު ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
މައިގަނޑު ސުވާލު
ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އުފުލާ ދަޢުވާއެއްގައި ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ ތަޠުބީޤުކުރެވޭނެތޯ، ނުވަތަ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގައިވާ މުއްދަތު ހިނގާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް
މި ދެ ކުށަކީ ތަފާތު ދެ ކުށެވެ؛ ފުށުއެރުމެއް ވީ ކަމަށް ބަލައިފިނަމަވެސް، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 69 ވަނަ މާއްދާ ހިނގަނީ ޓެކްސް ޤާނޫނުގެ ކުށްތަކަށެވެ. ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރަން ޚިޔާރުކުރުމުން އެ ޤާނޫނުގެ މުއްދަތުވެސް ހިނގާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހެނީ އެ ޤާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެ ކުށާގުޅޭ އުޞޫލަކާއި، އެހެން ޤާނޫނެއްގައިވާ ކުށަކާއި ނުވަތަ އުޞޫލަކާ ދެމެދު ފުށުއެރުމެއްވާ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާ (ޤާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުން) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާ (ޓެކްސް ދެއްކުމުން އެއްކިބާވުން) ގެ ދަށުން ސާބިތުކުރަންޖެހޭ ޢުންޞުރުތައް ތަފާތެވެ؛ މިއީ ޒާތުގައި ތަފާތު ދެ ކުށެވެ؛ އެއް ޤާނޫނުން އަނެއް ޤާނޫނަށް ފަސޭހައިން ހިޖުރަކުރެވޭނެ ނުވަތަ ބަދަލުގައި ބޭނުންކުރެވޭނެ މާއްދާތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާގައިވަނީ އެ ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާމެދު އެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ މުއްދަތު ގުނާނެ ގޮތެވެ؛ އެ މާއްދާ ހިނގާނީ އެ ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ކުށްތަކާ ގުޅިގެން އުފުލާ ދަޢުވާތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ވަކި ޤާނޫނެއްގެ ދަށުން ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމުމުން، އެ ޤާނޫނުގައި އެނޫން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ ޤާނޫނުގެ ދެން ހުރި ކަމާގުޅުންހުރި މާއްދާތައްވެސް (އަދަބާއި ދަޢުވާކުރުމުގެ މުއްދަތު ހިމެނޭގޮތަށް) އޮޓޮމެޓިކުން އެ މައްސަލައިގެ މައްޗަށް ހިނގާނެއެވެ؛ އެހެންކަމުން 533 ވަނަ މާއްދާގެ ދަށުން (ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށަކަށް) ކުރާ ދަޢުވާއަކަށް 61 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ 3 އަހަރުގެ މުއްދަތު ހިނގާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 25)
- ޤާނޫނެއްގެ ވަކި މާއްދާތަކަކަށް ޢަމަލުކޮށް، އެ ޤާނޫނުގެ މުއްދަތު ގުނުމާބެހޭ މާއްދާއަށް ޢަމަލުކުރަން ނުޖެހޭކަމަށް ކަނޑައެޅުމަކީ ޤާނޫނުގެ ސިޔާދަތު ނުހިފެހެއްޓި، ދަޢުވާކުރުމާގުޅޭ އުޞޫލުތައް އޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެކެވެ؛ ދަޢުވާކުރުމުގެ މުއްދަތުތަކަކީ ދައުލަތުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވައި، ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ޚާއްޞަ ޤާނޫނުތަކުގައި ޚާއްޞަ އުޞޫލުތައް ބަޔާންކޮށްފައިވަނީ ޢާންމު ޤާނޫނުތަކުން ޚާއްޞަ ޙާލަތްތަކަށް ޙައްލު ނުލިބޭތީއެވެ؛ ޚާއްޞަ އުޞޫލުތައް ޚިޔާރުނުކޮށް ޢާންމު ޤާނޫނުގެ ބައެއް މާއްދާތަކާ ޚާއްޞަ ޤާނޫނުގެ ބައެއް މާއްދާތައް އެއްކޮށް ތަޠުބީޤުކުރުމުގެ ނަތީޖާއަކީ ޤާނޫނުގެ މަޤްޞަދު މާޔޫސްކޮށްލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 41 2023/SC-A/20 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 16 އޮކްޓޯބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/419
2022/HC-A/420
2022/HC-/A421
2022/HC-A/422
2022/HC-A/423
2022/HC-A/424
2022/HC-A/425 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނެތް ޕްރޮސިކިއުޓަރ ޖެނެރަލް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުފަލް
ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 އަދި 69 ވަނަ މާއްދާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 61 އަދި 533 ވަނަ މާއްދާ، ދަޢުވާކުރުމުގެ މުއްދަތު
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ރަޖިސްޓްރަރގެ ނިންމުންތައް އަލުން ބަލައި ގޮތެއް ނިންމުން 2
ހައިކޯޓުގެ ނިންމުން 3
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ 4
ކުށްކަނޑައަޅާ ޤާނޫނާއި ދަޢުވާކުރުމުގެ މުއްދަތު 4
ދަޢުވާ އުފުލުމުގައި މުއްދަތު ގުނާނެ ގޮތް 8
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 12
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 12
ޙުކުމް 13
` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް [2023] SC 41 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މުޙައްމަދު ޙިސާންގެ މައްޗަށާއި، ހޮސްޕިޓާލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް" ނުވަތަ "ދައުލަތް") 07 (ހަތެއް) ދަޢުވާއެއް ކޮށްފައިވެއެވެ.1 މި ދެ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ2 ގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެ މާއްދާގެ (2) ވަނަ ނަންބަރުގެ (ii) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
2ބުނެވިދިޔަ 07 (ހަތެއް) ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، މި މައްސަލަތަކުގައި ދަޢުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަމުގައިވާތީ، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ މައްސަލަތަކެއް ކަމުން، މި މައްސަލަތައް ބަލައިނުގަތުމަށެވެ.3 މި ނިންމުންތައް ނިންމާފައިވަނީ އެއް ސަބަބުތަކެއްގެ މައްޗަށްކަމަށްވާތީ، ބުނެވުނު ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމުންތަކަށް މީގެ ފަހުން ހަވާލާދެވިފައިވާނީ ޖުމްލަކޮށް "ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުންތައް" ނަމުގައެވެ.
ރަޖިސްޓްރަރގެ ނިންމުންތައް އަލުން ބަލައި ގޮތެއް ނިންމުން
3މި މައްސަލަތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުންތައް އަލުން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސްގާޒީއަށް ހުށަހެޅިއެވެ. ކްރިމިނަލް ކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ގޮތެއް ނިންމި ނިންމުން" ނަންބަރު 145/RNM/2022/31 އާއި، ނަންބަރު 145/RNM/2022/32 އާއި، ނަންބަރު 145/RNM/2022/33 އާއި، ނަންބަރު 145/RNM/2022/34 އާއި، 145/RNM/2022/35 އާއި، ނަންބަރު 145/RNM/2022/36 އާއި ނަންބަރު 145/RNM/2022/37 ގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އެ ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. މި ނިންމުންތައް ނިންމާފައިވަނީ އެއް ސަބަބުތަކެއްގެ މައްޗަށްކަމަށްވާތީ، މީގެ ފަހުން މި ނިންމުންތަކަށް ހަވާލާދެވިފައިވާނީ ޖުމްލަކޮށް "ރަޖިސްޓްރަރގެ ނިންމުން އަލުންބަލައި ނިންމި ނިންމުންތައް" މިގޮތަށެވެ.
4ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމި ނިންމުންތަކުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ4 69 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭނީ އެ ޤާނޫނުގައި ހުރި ކުށްތަކުގެ މައްޗަށްކަމަށާއި، މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުންކަމަށް ވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) ގައި ދަޢުވާ އުފުލަންވާނެ މުއްދަތު ބަޔާންކޮށްފައިވާކަމަށާއި، މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ އެ މުއްދަތު ފާއިތުވިފަހުންކަމަށްވާތީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތަނެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުން
5ބުނެވުނު ރަޖިސްޓްރަރގެ ނިންމުންތައް އަލުން ބަލައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ޕްރްސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 2022/HC-A/419,420,421,422,423,424,425 ގަޒިއްޔާތަކުގައި އެ މައްސަލަތައް ބަލާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމި ނިންމުންތަކަށް ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.
6ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
6.1 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ ޢިބާރާތްކުރެވިފައިވާގޮތަށް ބަލާއިރު، މިއީ އެ ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅުތަކަށް މުހުލަތު ކަނޑައެޅުމަށް ލިޔެފައިވާ މާއްދާއެއްކަން ސާފުކަން؛ އަދި
6.2 ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ޢާންމު އިޖުރާއަތުގެ ދަށުން ދަޢުވާކުރެވޭ ޙާލަތުގައި ދައުލަތުން ހަވާލާދޭ ޚާއްސަ އިޖުރާއަތަކީ، ޚާއްސަ ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅުތަކަށް މުއްދަތު ގުނުމުގެ އުޞޫލު ކަމުގައިވާތީ، ޚާއްސަ ޤާނޫނުގެ ބޭރުން އެޅޭ ފިޔަވަޅެއްގައި އެ އުޞޫލު ހިންގަންޖެހޭ ޤާނޫނީ އަސާސެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ބުނެދެވިފައިނުވާކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
7ހައިކޯޓުގެ ނަންބަރު 2022/HC-A/419,420,421,422,423,424,425 ގަޒިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ގަޒިއްޔާތައް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި ނުކުތާއަކީ، ހައިކޯޓުގެ ގަޒިއްޔާތަކުގައި ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) އާއި، އެ މާއްދާގެ މަޤްޞަދާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ5 17 ވަނަ މާއްދާއާއި، ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8މި މައްސަލައިގައިވާ 07 (ހަތެއް) ދަޢުވާއަކީވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާތަކެކެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދަޢުވާ އުފުލާފައިވާ ކުށްތަކަށް މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ތަތުބީގު ކުރެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ކުށްކަނޑައަޅާ ޤާނޫނާއި ދަޢުވާކުރުމުގެ މުއްދަތު
9ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ޙިސާންގެ މައްޗަށާއި، ހޮސްޕިޓާލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާތަކަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ6 29 ވަނަ މާއްދާގެ (ރ) އަދި (އ) ގެ ދަށުން ހުށަހަޅާފައިވާ ޖީ.އެސް.ޓީގެ ބަޔާނުގައި ޓެކްސް ނެގޭ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރާއި، ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ދިމާނުވާކަން މީރާގެ ޖީ.އެސް.ޓީ އޮޑިޓް ރިޕޯޓުން އެނގެން އޮންނާތީ، އެ މައުލޫމާތުތައް ހާމަނުކޮށް ހިފެހެއްޓުމުން ކުރި ދަޢުވާތަކެކެވެ. މި ކުށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ތަޖުރީމު ކުރެވިފައިވާކަމަށް ދައުލަތުން ބުނެއެވެ.
10ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ޙިސާންގެ މައްޗަށާއި، ހޮސްޕިޓާލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެ މާއްދާގެ (2) ވަނަ ނަންބަރުގެ (ii) އާ ޙަވާލާދީ 533 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
11ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ދަޢުވާކުރި ސަބަބެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެ މާއްދާގެ (2) ވަނަ ނަންބަރުގެ (ii) ގައި ޙަވާލާދީފައިވާ ކުށަކީ އެއް ކުށެއްކަމަށް ވީނަމަވެސް، ކުށުގެ އަދަބު ދެ ޤާނޫނުގެ ދަށުން ތަފާތުވުމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ފުށުއެރުމެއް އޮތްކަމަށްވާނަމަ އިސްކަން ދޭންޖެހޭނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ކަމަށް ބުނެފައިވާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަމަށެވެ.
12ޕްރޮސިކިއުޓަރ ޖެނެރަލް ހަވާލާދޭ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ އަކުރުތައްވަނީ އަންނަނިވި ފަދައިންނެވެ.
533 (ހ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ.
(1) ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތް ކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަޤްޞަދު ޙާޞިލުވިޔަ ނުދިނުން؛ އަދި
(2) (i) މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން ޢަމަލެއްކޮށްގެން؛ ނުވަތަ
(ii) ޓެކްސް ނެގުމާ ގުޅޭ ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށް ނުވަތަ އާމްދަނީގެ ތަފްސީލު ހޯދުމާ ގުޅޭ މުވައްޒަފުންނަށް، ޤާނޫނުގެ ދަށުން ހާމަކުރުން ލާޒިމު، އާމްދަނީގެ މަޢުލޫމާތާއި، ލިބޭ ފައިސާގެ މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު ހާމަކޮށްނުދީ ހިފަހައްޓައިގެން؛ ނުވަތަ
(iii) ދައްކަން ޖެހޭ ޓެކްސް ނުވަތަ ޑިއުޓީ ނުދައްކައިގެން.
މި ކުށަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
13ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި އެ މާއްދާގެ (ނ) އަކީވެސް ޓެކްސް ނެގޭ އާމްދަނީގެ ރަނގަޅު މަޢުލޫމާތު ހާމަނުކުރުން ތަޖުރީމުކުރާ މާއްދާއެއް ކަމަށެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ހަވާލާދޭ އަކުރުތައް ވަނީ އަންނަނިވި ފަދައިންނެވެ.
64 (ހ) އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ދެއްކުމުން، އެނގިހުރެ، ގަސްދުގައި، އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
(2) ޓެކްސް ބަޔާނެއް ހުށަހަޅާއިރު، އޭގައި ހިމަނަންޖެހޭ ޓެކްސްނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އެނޫންވެސް އެފަދަ ޓެކްސްގެ ޢަދަދު ކަނޑައެޅުމަށް މުހިންމު އާމްދަނީއާއި ފައިދާއާ ގުޅޭ މަޢުލޫމާތެއް ނުހިމެނުން
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ކުށްކުރި ފަރާތެއް 3 (ތިނެއް) މަސް ދުވަހާއި 1 (އެކެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
14ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ނުވަތަ ޤާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެ ކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއް ވާނަމަ، އެ ޙާލަތުގައި އިސްކަންދޭނީ ޤާނޫނުލްޢުޤޫބާތަށްކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު، ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހެނީ ދެ ޤާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި ފުށުއެރުމެއްވާ ޙާލަތުގައިކަން އެނގެއެވެ.
15ޕްރިސިޑެންސް 2މި މައްސަލައިގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކޮށްފައިވަނީ ފުށުއެރުމެއް އޮވެގެންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނި ނަމަވެސް ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެ މާއްދާގެ (2) ވަނަ ނަންބަރުގެ (ii) ގެ ދަށުން ކުށް ސާބިތުކުރުމަށް ސާބިތުކޮށްދޭންޖެހޭ އުންސުރުތަކާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސާބިތުކޮށްދޭންޖެހޭ އުންސުރުތަކުގެ ފަންނީ ތަފާތުތަކެއްވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާ ބިނާވަނީ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމަށް ކަމުގައިވާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާ ބިނާވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށަށްކަން އެ މާއްދާއަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ޓެކްސް ދެއްކުމުން އެއްކިބާވުމާ ގުޅޭ މައުލޫއީ ކުށްތަކާއި، ޤާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށްތަކަކީ އޭގެ ޒާތުގައި ތަފާތު ދެކަމެކެވެ. އަދި މި ދެ ޤާނޫނުގެ ދަށުން އުފުލޭނެ ދަޢުވާތަކަކީ މައްސަލައިގެ ވާގިއާތަކުގެ ގޮތުން، އެއް ޤާނޫނަކުން ސާބިތުކުރެވުނު ނަމަވެސް، އަނެއް ޤާނޫނުގެ ދަށުން ސާބިތުނުވެގޮސްދާނެ ކަންކަން ކަމުގައި އަހުރެން ދެކެމެވެ. ދެ ޤާނޫނުގައިވެސް ކުށް ތަޖުރީމް ކުރެވިފައިވާ މާއްދާތަކަކީ އެއްގޮތް ކަމުން އެއް ޤާނޫނުން އަނެއް ޤާނޫނަށް ފަސޭހައިން ހިޖުރަ ކުރެވޭނެ ނުވަތަ ބަދަލުގައި ބޭނުންކުރެވިދާނެ މާއްދާތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.
16މި މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއަށް ޖަވާބު ދިނުމުގައި، މިއީ ފުށުއަރާ ދެ މާއްދާކަމަށް އިފްތިރާޟުކޮށް، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ތަތުބީޤުކުރަންޖެހޭ ފަދަ ހާލަތެއްކަމަށް ބަހުސްގެ ބޭނުމަށްޓަކައި ބަލައި، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އުފުލާ ދަޢުވާއެއްގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ދަޢުވާ އުފުލުމަށް އޮންނަ މުއްދަތު ގުނިދާނެކަމާ މެދު އަހުރެންގެ ރައުޔު ބަޔާންކުރާނަމެވެ.
ދަޢުވާ އުފުލުމުގައި މުއްދަތު ގުނާނެ ގޮތް
17ޕްރިސިޑެންސް 3ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި މުއްދަތު ގުނާނެގޮތް އެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
(ހ) މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާމެދު މި ޤާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނީ، އެ ކުށް ކުރި ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
(ށ) މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާކަން މީރާއަށް ނޭނގޭނަމަ، ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ފިޔަވަޅެއް އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ގުނަންފަށާނީ، މީރާއަށް އެކަން އެނގޭ ތާރީޚް ނުވަތަ އެކަމާމެދު ފިޔަވަޅު އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެކަމަށް މީރާއަށް ޤަބޫލުކުރެވޭ ތާރީޚް، މި ދެ ތާރީޚުންކުރެ ފަހުން އަންނަ ތާރީޚެއްގައެވެ.
18ފުރަތަމަ ކަމަކަށް، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ސާފު އިބާރާތުން ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާ މީހަކާމެދު އެ ޤާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނެ މުއްދަތު ގުނާނެގޮތެވެ. އެހެންގޮތަކަށް ބުނާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 69 ވަނަ މާއްދާ ހިނގާނީ އެ ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ކުށްތަކާ ގުޅިގެން އުފުލާ ދަޢުވާ ތަކުގެ މައްޗަށެވެ.
19ޕްރިސިޑެންސް 4ދެވަނަ ކަމަކަށް، މި މައްސަލަތަކުގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމި ހިނދު، ޤާނޫނުލްޢުޤޫބާތުގައި ދެން ހިމެނިފައިވާ މާއްދާތައްވެސް އޮޓޮމެޓިކުން ހިނގާނެއެވެ. އެހެނީ، ވަކި ޤާނޫނެއްގެ ދަށުން ދަޢުވާކުރުމަށް ނިންމުމުން ހިނގާނެ ޢާންމު އުސޫލަކީ، އެ ޤާނޫނުގައި ބަޔާންކުރާ ދެންހުރި މާއްދާތައް އެ މައްސަލައިގެ މައްޗަށް ހިނގުމެވެ. އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މި މައްސަލަތަކުގައި ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމި ހިނދު، އެ މާއްދާގެ ދަށުން ކަނޑައެޅޭ އަދަބަކީ އެ ޤާނޫނުގައި ބަޔާންކުރާ އަދަބެވެ. ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ނ) ގައި އެ މާއްދާގައި ބަޔާންކުރާ ކުށަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ޖުނަޙްގެ ތެރޭގައި ހިމެނޭ ކުށްކުށުގައި އެ ކުށް ކުރި ވަގުތުން ފެށިގެން 3 އަހަރު ދުވަހުގެ ތެރޭގައި ދަޢުވާ ނުއުފުލައިފިނަމަ، އެ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ދަޢުވާ އުފުލުން ޤާނޫނު މަނާކުރެއެވެ.
20ޕްރިސިޑެންސް 5ޕްރޮސިކިއުޓަރ ޖެނެރަލް ޚިޔާރުކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ކުށަކަށް ހަމަ އެ ޤާނޫނުގައި ބަޔާންކުރާ އަދަބު ދިނުން ކަމުގައިވާއިރު، އެ އަދަބު ހިމެނޭ ދަރަޖައިގެ ކުށްތަކުގައި ދަޢުވާ އުފުލުމަށް އޮންނަ މުއްދަތު އެ ޤާނޫނުގައި ސާފުކޮށް ކަނޑައެޅި ބަޔާންކޮށްފައިވާ ހިނދު، ޤާނޫނުލްޢުޤޫބާތުގެ ވަކި މާއްދާތަކަކަށް ޢަމަލުކޮށް، މުއްދަތު ގުނުމާބެހޭ މާއްދާއަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ، ޤާނޫނުގެ ސިޔާދަތު ނުހިފެހެއްޓި، ޤާނޫނުތައް ލިޔެވިފައި ހުރުމުގެ ބޭނުން ނެތި ގޮސް، އެކި މައްސަލަތަކުގައި އެ ގޮތްގޮތަށް ޢަމަލުކޮށް، އެވަގުތު ޕްރޮސިކިއުޓަރ ޖެނެރަލް ޚިޔާރުކުރާ އެކި ޤާނޫނުތަކުގެ އެކި މާއްދާތައް މަސްހުނިވުމުން، ރައްޔިތުންގެ މައްޗަށް އެކި ކުށްކުށުގައި ހިނގާނެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގައިވެސް ހިނގާނެ މާއްދާތަކާއި ނުހިނގާނެ މާއްދާތަކާމެދު ބޮޑު އޮޅުންގަނޑެއްގެ ތެރެއަށް ދަޢުވާކުރުމާގުޅޭ އުޞޫލުތައް ވެއްޓިގެން ދިޔުމެވެ.
21ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކަމާބެހޭ ދައުލަތުގެ އެންމެހައި އިދާރާތަކުން ހަނދާން ބަހައްޓަންޖެހޭ އެއް ކަމަކީ، ޤާނޫނުތައް ހަދާފައިވަނީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމެވެ. މީގެ ތެރޭގައި ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޙައްޤުތަކެއްވެސް ހިމެނިގެންވެއެވެ. ދައުލަތަކީ ބާރުވެރި ފަރާތްކަމުގައިވާ ހިނދު، ފަރުދީ ހައްޤުތައް ހިމާޔަތް ކުރެވިފައިވަނީ ދައުލަތުގެ ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ މަޤުސަދުގައެވެ. އޭގެ މިސާލަކަށް މީހެއްގެ މައްޗަށް ކުރެވޭ ތަހުޤީޤަކަށްފަހު ދަޢުވާ އުފުލުމަށް އޮންނަ މުއްދަތު ނެގިދާނެއެވެ. މިފަދަ މުއްދަތުތަކުގެ ނަތީޖާއަކީ ތަހުޤީޤުތައްވެސް ޤާނޫނުގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ފަރުވާތެރިކަމާއެކު ފުރިހަމަކޮށް، އަނެއް ފަރާތުގެ ހައްޤުތަކަށްވެސް އިހުތިރާމްކުރުމާއެކު، ފިޔަވަޅު އެޅުމުގެ ފުރުސަތު ދައުލަތަށް ލިބިގެން ދިޔުމެވެ. ޤާނޫނުގައި ތަސައްވުރު ކުރެވިފައިވާ ފަދައިން، ކަންކަން ކުރުމަށް އޮންނަ މުއްދަތު ފަހަނައަޅައި ދިޔުމުން، ޤާނޫނުތައް މަސްހުނިކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ދަޢުވާ އުފުލުން މައިގަނޑު އަމާޒަކަށްވުމެއް ނޫނެވެ.
22ޕްރިސިޑެންސް 6ތިންވަނަ ކަމަކީ، ޚާއްސަ ޤާނޫނުތަކުގައި ޚާއްސަ އުސޫލުތައް ބަޔާންކޮށްފައިވަނީ ޢާންމު ޤާނޫނުތަކުން ޚާއްސަ ހާލަތްތަކަށް ހައްލު ނުލިބޭތީއެވެ. ޚާއްސަ އުސޫލުތައް އެކި ކަންކަމަށް އެކި ޤާނޫނުތަކުގައި ބަޔާންކޮށްފައިވަނީ އެ މައުލޫއުތަކުގެ ދަށުން އުފެދޭ ޚާއްސަ ހާލަތްތަކަށް ހައްލު ދިނުމުގެ ގޮތުންނެވެ. އެއިގެ މިސާލެއްގެ ގޮތުން ހުށަހެޅިފައިމިވާ މައްސަލަ ބޭނުން ކުރެވިދާނެއެވެ. މި މައްސަލައިގައި ދަށު ކޯޓުން މުއްދަތު ގުނާފައިވަނީ ކުށްކުރި ތާރީޚަކީ ޓެކްސް ބަޔާން ހުށަހެޅި ތާރީޚުކަމަށް ބަލައިގެންނެވެ. މުޅި ދަޢުވާ ބިނާވަނީ ދައުލަތުގެ މަސައްކަތަކަށް ހުރަސް އަޅައި ޤާނޫނުގެ ބާރު ހިނގިޔަ ނުދިނުމުގެ މައްޗަށެވެ.
23އެއާ ޚިލާފަށް ޓެކްސް ބަޔާނެއް ހުށަހަޅާއިރު ހިމަނަންޖެހޭކަމަށް ޤާނޫނު ލާޒިމްކުރާ މަޢުލޫމާތު ނުހިމެނުމަކީ ކުށެއްކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ބަޔާނެއްގައި ހުރި ޤާނޫނާ ޚިލާފު ކަންތައްތައް ކަމާބެހޭ އިދާރާއަށް ފާހަގަކުރެވުމަށް ވަގުތުތަކެއް ހޭދަވާނެކަމަށް ޚުދު އެ ޤާނޫނު ތަސައްވުރު ކުރެއެވެ. ޚާއްސަ އުސޫލުތައް ޤާއިމުވެފައިވަނީ މި ސަބަބުތަކަށްޓަކައެވެ.
24ޚާއްސަ އުސޫލުތައް ޚިޔާރުނުކޮށް، ޢާންމު އުސޫލުތަކަށް ޚާއްސަ ޤާނޫނުގެ ބޭނުން މާއްދާތަކެއް ތަތުބީޤުކޮށް، ދެން ހުރި މާއްދާތަކަށް ޢާންމު ޤާނޫނުގެ ބައިތައް ތަތުބީޤުކުރުމުގެ ނަތީޖާއަކީ ވަކި ޤާނޫނުތަކަކުން މައްސަލަތަކަށް ހައްލުދޭ ނިޒާމު ނުވަތަ ޤާނޫނު ތަސައްވުރުކުރާ އޮނިގަނޑުތަކުގެ ބާރު ކަނޑުވާލައި، ޤާނޫނުގެ މަޤުސަދާއި ނެރެން ބޭނުންވާ ނަތީޖާ މާޔޫސްކޮށްލުމެވެ.
25އެއް ގޮތަކަށް ތަޖުރީމުކޮށްފައިވާ ޢަމަލެއްގައިވެސް، ވަކި ޤާނޫނެއް ޚިޔާރު ކުރަން ނިންމާ ހިނދު، އެޤާނޫނުގައި އެނޫން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ ޤާނޫނުގެ ކަމާގުޅުންހުރި ދެން ހުރި މާއްދާތައް އެ މައްސަލައިގެ މައްޗަށް ހިނގާނެއެވެ.
26އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/419,420,421,422,423,424,425 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމުން، އެ ގަޒިއްޔާތަކުގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިފައިނުވާ ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
28މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/419,420,421,422,423,424,425 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާތަކުގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1 ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/13 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/14 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/15 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/16 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/17 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/18 ދަޢުވާ ފޯމު، ކްރިމިނަލް ކޯޓުގެ ނަންބަރު 1367/2021-2022/CRC/19 ދަޢުވާ ފޯމު
2 ޤާނޫނު ނަންބަރު 9/2014
3 ކްރިމިނަލް ކޯޓުގެ ނަންބަރު 145-L(RN)/2022/03 އާއި، ނަންބަރު 145-L(RN)/2022/04 އާއި، ނަންބަރު 145-L(RN)/2022/05 އާއި، ނަންބަރު 145-L(RN)/2022/06 އާއި، ނަންބަރު 145-L(RN)/2022/07 އާއި ނަންބަރު 145-L(RN)/2022/08 އާއި ނަންބަރު 145-L(RN)/2022/09 ރަޖިސްޓްރަރގެ ނިންމުން
4 ޤާނޫނު ނަންބަރު 3/2010
5 ޤާނޫނު ނަންބަރު 4/2011
6 ޤާނޫނު ނަންބަރު 10/2011
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 61 ވަނަ މާއްދާގެ (ހ) ގެ (2)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ (ހ) ގެ (1)، (2) ގެ (ii) އަދި (ނ)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) ގެ (2) އަދި (ނ)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާ
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއް ސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 މާރިޗު 2023 · ރަޖިސްޓްރީކުރީ 7 މޭ 2023 · ނިމުނީ 16 އޮކްޓޫބަރު 2023 (5.3 މަސް)