ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 18
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު، [2023] SC 18 (2023/SC-A/15)
Prosecutor General's Office v. Mohamed Shifaau [2023] SC 18 (2023/SC-A/15, Supreme Court of the Maldives, 4 May 2023)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ އެ ކުށަކީ ޤާނޫނުލްޢުޤޫބާތުގެ 513 (ށ) ގައިވެސް ބަޔާންވެފައިވާ ކުށަކަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ ދަށުން ދަޢުވާ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައިކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް ނިންމިއިރު، 533 (ށ) ގެ 'ދައުލަތުގެ މުވައްޒަފު' ގެ މާނައިގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށް ނިންމިއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، 2017 ގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ މަޞްލަޙަތު ހުރި ކުންފުންޏަކުން ބާޒާރު އަގަށްވުރެ ބޮޑުކޮށް ޑަމްޕް ޓްރަކެއް ގަތުމަށް ހުއްދަދިން ކަމަށް ބުނެ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާކުރިއެވެ.
ދައުލަތުން ބުނީ ދެ ޤާނޫނުގެ ކުށް ތަޖުރީމުކުރާ ފަރާތްތައް ތަފާތުވާތީ 18 (ށ) ގައިވާ ފުށުއެރުމެއް ނެތް ކަމަށާއި، ހައިކޯޓުގެ ނިންމުމުން ކޮރަޕްޝަން ޤާނޫނުގެ ބާރު ކެނޑި ޤާނޫނުއަސާސީގެ 70 (ށ) (2) އާ ޚިލާފުވާ ކަމަށެވެ. ޝިފާޢު ބުނީ ދެ ޤާނޫނުގައިވަނީ އެއް ކުށް ކަމަށާއި، އެއްގޮތް އެހެން މައްސަލަތައް ދޫކޮށްލާފައި މި މައްސަލަ އިސްތިއުނާފުކުރުމަކީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ ހަމަހަމަކަމާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރުމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ހުރަސްއަޅާތޯ؛ އަދި ޤާނޫނުލްޢުޤޫބާތުގެ 533 (ށ) ގައިވާ 'ދައުލަތުގެ މުވައްޒަފު' ގެ މާނައިގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު ('ދައުލަތުގެ މުވައްޒަފު' ގެ މާނައާ ގުޅޭ ބައި)، ބާކީ ބައި ޤާއިމް؛ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލުން ދަޢުވާކުރުމަށް ހުރަހެއް ނެތް
ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން 533 (ށ) ގެ މާނައިގައި ހިމެނޭތީ ދެ ޤާނޫނުގައިވަނީ އެއް ކުށެވެ؛ އެހެންކަމުން 18 (ށ) ގެ ދަށުން ޤާނޫނުލްޢުޤޫބާތަށް އިސްކަން ދޭންޖެހޭއިރު، އެއީ ޤާނޫނުގެ މަޤްޞަދާއި ޤާނޫނުއަސާސީއާ އެއްގޮތެވެ. ތައުފީޤުގެ މައްސަލައަކީ 18 (ރ) ގެ ޚާއްޞަ ޤާނޫނުތަކާ ގުޅޭ މައްސަލައެކެވެ. ޕީ.ޖީގެ އިޚްތިޔާރު ޚިލާފަށް ބޭނުންކުރިކަން ސާބިތުނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއަކީ ކުރީގެ ޤާނޫނުލްޢުޤޫބާތާއި ކުށާއި އަދަބު ބަޔާންވެފައިވާ އެހެން ޤާނޫނުތަކުން ޤާނޫނުލްޢުޤޫބާތަށް ފުރިހަމައަށް ހިޖުރަކުރުމަށް އެކުލެވިފައިވާ އިންތިޒާމީ އުޞޫލެކެވެ. 18 (ށ) ގެ ދަށުން ބަލަންޖެހެނީ ޤާނޫނުލްޢުޤޫބާތުގައިވާ ކުށެއް އެހެން ޤާނޫނެއްގައި އޮތްތޯއާއި، އެ ކުށަކާ ގުޅުންހުރި އުޞޫލެއް އެހެން ޤާނޫނެއްގައި އޮތްތޯއެވެ؛ ކުށަކާ ނުވަތަ ކުށަކާ ގުޅުންހުރި އުޞޫލަކާ އެއްވެސް ފުށުއެރުމެއް ވާނަމަ އިސްކަން ދޭންޖެހޭނީ ޤާނޫނުލްޢުޤޫބާތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15، 28، 36)
- ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައިވާ 'ދައުލަތުގެ މުވައްޒަފު' ގެ މާނަކުރުމަކީ ހަނި މާނަކުރުމެއް ނޫނެވެ؛ އެ މާނައިގެ ތެރެއަށް ޤާނޫނުން އުފައްދާ މުއައްސަސާތަކާއި، ދައުލަތުގެ އަސާސީ މަސްއޫލިއްޔަތެއް އަދާކުރުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނެއެވެ. ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން އެ މާނައިގައި ނުހިމެނޭ ކަމަށް ހައިކޯޓުން ނިންމީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23، 44)
- ޤާނޫނުލްޢުޤޫބާތުގެ 11 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޤާނޫނު މާނަކުރަންވާނީ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުވާ ގޮތަށެވެ. ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން އެ މާނައިން ބޭރުކުރުމުން އެއް ކުށަކަށް ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ މީހުންނަށް ލުއި އަދަބާއި ދިފާޢުތަކުގެ ފުރުޞަތު ލިބި، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބުރަ އަދަބު ލިބޭނެއެވެ؛ ކުށުގެ ބުރަދަނާ އެކަށީގެންވާ އަދަބު ކަނޑައެޅުމާއި އެއް ކުށަކަށް އެއް އަދަބު ދިނުމަކީ ޤާނޫނުލްޢުޤޫބާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭތީ، 18 (ށ) ގެ އިސްކަން ދިނުމުގެ އުޞޫލު މި ޙާލަތަށް ތަޠުބީޤުކުރުމަކީ ޤާނޫނުގެ މަޤްޞަދާ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-33)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ([2021] SC 96) ގައި ބަހުސްކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގައިވާ، ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ޚާއްޞަ ޤާނޫނުތަކާމެދުގައެވެ؛ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަކީ 18 (ރ) ގައި ހިމެނޭ ޤާނޫނެއް ނޫންކަމުން އެ ނިންމުމަކީ މި މައްސަލައާ ގުޅުންހުރި ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ ސަބަބުން ބައެއް ޤާނޫނުތަކަށް އިސްކަން ނުދެވުމަކީ ރައްޔިތުންގެ މަޖިލީހުން ތަޞައްވުރުކޮށް 18 ވަނަ މާއްދާގެ (ނ) ގައި ފަރުވާ ދީފައިވާ ކަމެކެވެ؛ (ނ) ގައިވާ މުއްދަތު ހަމަވުމަކީ މަޖިލީހުގެ ބާރު ކެނޑިގެންދާ ކަމެއް ނޫނެވެ. އެހެންކަމުން 18 (ށ) ގެ އިސްކަން ދިނުމުގެ އުޞޫލު ނަގާހައްޓައި ނިންމުމަކީ ޤާނޫނުއަސާސީގެ 70 (ށ) (2) އާއި 143 (ހ) އާ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-38، 43)
- ޖިނާއީ ދަޢުވާއެއް އަނބުރާ ގެނައުމާއި ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ އިޚްތިޔާރެކެވެ؛ އެ އިޚްތިޔާރުގެ ބޭނުން ހިފީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދޭންޖެހޭނީ އެހެން ބުނާ ފަރާތުންނެވެ. އެއްގޮތް އެހެން މައްސަލަތައް އިސްތިއުނާފުނުކޮށް ދޫކޮށްލުމަކީ ހަމައެކަނި ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ ހަމަހަމަކަމުގެ އުޞޫލާ ޚިލާފުވިކަން ސާބިތުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42، 45)
- ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ ސަބަބުން އެހެން ޤާނޫނެއްގެ ދަށުން ކުރި ދަޢުވާ ކުރިއަށް ނުގެންދެވުނަސް، އެ ކުށުގެ ދަޢުވާ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލުން ކުރުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން ދައުލަތް) މުޙައްމަދު ޝިފާޢު ގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވަލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
މި ދަޢުވާ މުޙައްމަދު ޝިފާޢުގެ މައްޗަށް އުފުލާފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، 2017 ވަނަ އަހަރު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މުޙައްމަދު ޝިފާޢުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން 350 (ތިންސަތޭކަ ފަންސާސް) ކިލޯގެ ޑައިހެޓްސޫ ބްރޭންޑްގެ ޑަޕްޓް ޓްރަކެއް ބާޒާރުގެ އަގަށްވުރެ ބޮޑުކޮށް -402,800/ރ. (ހަތަރުލައްކަ ދެހާސް އަށްސަތޭކަ) ރުފިޔާއަށް ވެމްކޯއަށް ގަނެ، ވިއްކި ފަރާތަށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވާތީ ކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުންނެވެ. މި ހުށަހެޅުމުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަ ކޮށްފައިވާ އެއްކަމަކީ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދަޢުވާއަކީ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއާ ޙަވާލާދީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލޭނެ ދަޢުވާއެއް ނޫންކަމެވެ. އިތުރު ތަފުސީލުގައި މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ނުވަތަ ޤާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ޙާލަތުގައި އިސްކަން ދޭންޖެހޭނީ ޤާނޫނުލްޢުޤޫބާތަށް ކަމުގައި، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ކަމުގައެވެ. ވުމާއެކު، މިއީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މުޙައްމަދު ޝިފާޢުގެ މައްޗަށް އުފުލޭނެ ދަޢުވާއެއް ނޫންކަމުގައި ވާތީވެ، މި ދަޢުވާއަކީ ބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅައި ދިނުމަށް މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.
މުޙައްމަދު ޝިފާޢުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާމެދު ދެ ފަރާތުގެ ޖަދަލަށް ފަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މުޙައްމަދު ޝިފާޢުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ މައުޟޫޢީ ގޮތުން ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައެވެ. މި ފަދައިން ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ، ޤާނޫނުލްޢުޤޫބާތަށް 16 ޖުލައި 2015 ގައި ޢަމަލު ކުރަން ފެށިފަހުން 2017 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ހިންގިކަމަށް ބުނާ ޢަމަލަކާ ގުޅިގެންކަން.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންވެފައިވާ ކުށަކީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ވެސް ބަޔާންކޮށްފައިވާ ކުށް ކަން.
މުޙައްމަދު ޝިފާޢުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުން ދަޢުވާ ކުރި ނަމަ، ޤާނޫނުލްޢުޤޫބާތުގައިވާ ކުށުގެ އަދަބުގެ މިންވަރުތަކާއި، އަދަބު ލުއިކޮށް ދިނުމުގެ އުސޫލުތަކުގެ މަންފާ ލިބިދިނުމުގެ ފުރުސަތު އޮތްކަން. އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރުމުން މިފަދައިން ލުއިދެވޭނެ ފުރުސަތެއް ނެތްކަން.
ޝަރީޢަތުގެ ކުރިން މުޙައްމަދު ޝިފާޢުގެ ފަރާތުން ހުށަހެޅި ހުށަހެޅުން އޭނާއާ އެއްކޮޅަށް ނިމުމުން، ކްރިމިނަލް ކޯޓުގެ އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ ދައުލަތުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ތިން ނުކުތާއެއް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތައް ތިރީގައި މިވަނީއެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ނ) އާއި، 120 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއާ ޚިލާފު ކަމުގައި ބުނެ ހުށަހެޅި ހުށަހެޅުން.
ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައި ބުނެ ހުށަހެޅި ހުށަހެޅުން.
ދައުލަތުގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފު ނިމިފައިވަނީ ދައުލަތާ ދެކޮޅަށެވެ. ދެ ފަރާތުގެ ހުށަހެޅުންތަކަށް ތަފުސީލުކޮށް ބަހުސް ކުރުމަށްފަހު، ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލު ކުރާނެ ތަނެއް ނެތްކަމުގައެވެ.
މިއީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ.
ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ފާހަގަ ކުރި ތިން އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ހައިކޯޓުގެ ނިންމުން އަންނަނިވި ޤާނޫނީ މާއްދާތަކާ ޚިލާފު ކަމުގައެވެ.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު.
މި ކަންކަން ފާހަގަކުރުމަށްފަހު، ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.
އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނިންމުން ބާޠިލުކޮށް ދިނުން.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ފަދަ ފުށުއެރުމެއް މި މައްސަލައިގައި ވުޖޫދުވެފައި ނެތްކަމަށް ކަނޑައަޅައި ދިނުން.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންވާނެކަމަށް ބަޔާންކުރާ ބަޔާންކުރުމުގެ މާނައަކީ، އެހެން ޤާނޫނެއްގައި ތަޖުރީމު ކޮށްފައިވާ ކުށްތައް ބާޠިލުވުން ނޫންކަމަށާއި، އެ ޙާލަތުގައި އެހެން ޤާނޫނަކުން ކުށް ތަޖުރީމުކުރާ ނަމަ، އެ ޤާނޫނަކުން ދަޢުވާކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުން.
މި މައްސަލައަކީ ކްރިމިނަލް ކޯޓުގައި މައުޟޫޢީ ގޮތުން ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި ދިނުން.
ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ފަރާތުން އަންނަނިވި ދެ ނުކުތާ ފާހަގަ ކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިންގާ ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ދަޢުވާ ކުރަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަމަށް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަކީ، ދައުލަތުން ބަލައިގެންފައިވާ ނިންމުންތަކެއް ކަމުގައިވާއިރު، ދައުލަތުން މި މައްސަލަ އިސްތިއުނާފުކޮށް ކުރިއަށް ގެންދާ ގެންދިއުމަކީ، ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާމަކަމާއި، ހަމަހަމަކަމުގެ އަސާސް މުގުރިގެންދާނެ ގޮތަކަށް އަމަލުކުރާ އަމަލު ކުރުމެއްކަމުގައި ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ފާހަގަ ކުރަމުން ކްރިމިނަލް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނޫރުﷲ ސަޢީދު މައްސަލަ އާއި، އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާޠިމަތު ޝަމްވީލާ އަދި އިތުރު ބައެއް މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުރެވެންޖެހޭނެ ދަޢުވާތަކެއް ކަމުގައި ކްރިމިނަލް ކޯޓުން ނިންމައި އެ ދަޢުވާތައް ބާޠިލު ކުރުމަށް ނިންމާފައިވާ ނިންމުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލައިގެންފައިވާކަމާއި، އެ ނިންމުންތަކަށް ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ ނިންމުން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއާ ޚިލާފު ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ގޮތުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންވެފައިވާ ކުށަކީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ވެސް ބަޔާންކޮށްފައިވާ ކުށް ކަން ސާފުކޮށް އެނގޭ ކަމުގައްޔާއި، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މުވައްޒަފުން މާނަކޮށްފައިވާ މާނަކުރުމުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ އެ އަކުރުގައިވާ ޢިބާރާތަށް ބެލުމުން އެނގޭކަން ފާހަގަ ކޮށްފައިވެއެވެ.
މި ނުކުތާތައް ފާހަގަ ކުރުމަށް ފަހު މުޙައްމަދު ޝިފާޢުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކާ ޚިލާފަށް މި މައްސަލަ އަނބުރާ ނުގެންގޮސް، ޝަރުޢީ މަރުޙަލާތަކުގައި ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
މި މައްސައިގައި ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ޝަރީޢަތުގެ ކުރިމަތީގައި ގޮތެއް ނިންމުމަށް އޮތް މައިގަނޑު ކަމަކީ، މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއާ ޚިލާފުކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅުމެވެ. މިކަމާމެދު ގޮތެއް ނިންމުމުގައި އެ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ދަޢުވާ ކުރުމުގައި ޤާނޫނުލްޢުޤޫބާތަށް އިސްކަންދޭންޖެހޭކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅިގެން ދާނެއެވެ. އަދި ހަމައެހެންމެ ހައިކޯޓުގެ ނިންމުމަކީ، ޤާނޫނުލްޢުޤޫބާތުގެ މަޤުޞަދު ހާސިލު ނުވެދާނެ ފަދަ ނިންމުމެއްކަން ނުވަތަ ނޫންކަމާއި، އެ ނިންމުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން އުވާލާފައިނުވި ނަމަވެސް، އެ ޤާނޫނުގެ ބާރު ކެނޑިގެންދާ ފަދަ ނިންމުމެއް ކަމާމެދު ގޮތެއް މި ބަހުސްގެ ތެރެއިން ގޮތެއް ކަނޑައެޅިގެން ދާނެއެވެ.
މި ކަންކަމުގެ އިތުރަށް މި މައްސަލަ އިސްތިއުނާފުކޮށް ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ކަމެއްކަމާމެދު މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަ ކުރާ ނުކުތާއާމެދު ވެސް މި މައްސަލަ ނިންމުމުގައި ގޮތެއް ކަނޑައަޅަން ގަސްދުކުރަމެވެ.
ރާއްޖޭގައި މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުލްޢުޤޫބާތަކީ އެތައް ގޮތަކުން ތަފާތު ޤާނޫނެކެވެ. ކުށްކުށުގެ ޒިންމާ އުފުލާ މިންގަނޑުތަކާއި، ކުށްކުށުގެ ރުކުންތަކާއި، ކުށާއި އަދަބު ބަޔާން ކުރުމުގައި ޤާނޫނުގައިވާ އުސްލޫބުތަކާއި، އަދަބު ކަނޑައެޅުމުގެ އުސޫލުތައް ފަދަ ކަންކަން އެ ޤާނޫނުގައި ބަޔާންވެފައިވަނީ އެހެން ޤާނޫނުތަކާ ޚިލާފަށް ވަކި އިންތިޒާމަކުން ވަކި ތަރުތީބަކުންނެވެ. މި އިންތިޒާމުތަކުގެ ތެރެއިން ފާހަގަ ކުރެވޭ އެއް އިންތިޒާމަކީ، ޤާނޫނުލްޢުޤޫބާތުގައިވާ އުސޫލުތައް ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި، ކުރީގެ ޤާނޫނުލްޢުޤޫބާތާއި، ކުށާއި އަދަބު ބަޔާންވެފައިވާ އެހެނިހެން ޤާނޫނުތަކުން ޤާނޫނުލްޢުޤޫބާތަށް ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރާ އުސޫލުން ހިޖުރަ ކުރުމަށް އެކުލެވިފައިވާ އިންތިޒާމެވެ. މިފަދަ އިންތިޒާމީ އުސޫލެއް ބަޔާންވެފައިވާ އެއް މާއްދާއަކީ މި މައްސަލައިގައި ބަހުސްކުރެވޭ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއެވެ.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި ސާފު ޢިބާރާތުން، އައު ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމުން ކުރީގެ ޤާނޫނުލްއުޤޫބާތު އުވުނީކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ އަށްފަހު (ށ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.
"މި މާއްދާގެ (ހ) ގައި އުވުނީކަމުގައި ކަނޑައަޅާފައިވާ ޤާނޫނުގެ ބައިތަކުގެ އިތުރުންވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، މި ޤާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ނުވަތަ ޤާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާނަމަ، އެ ޙާލަތުގައި އިސްކަންދޭނީ މި ޤާނޫނަށެވެ."
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުގެ ނިންމުން ޤާނޫނުލްޢުޤޫބާތުގެ (ށ) އާ ޚިލާފު ކަމުގައެވެ. ދައުލަތުން ބުނަމުން އަންނަނީ މި މައްސަލައިގައި ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ތަޠުބީޤު ކުރަންޖެހޭ ހާލަތެއް ނެތްކަމުގައެވެ. ސަބަބަކީ އެ މާއްދާގައި ބުނާފަދަ ޤާނޫނީ ފުށުއެރުމެއް މި މައްސަލައިގައި ނެތެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި ޤާނޫނުލްޢުޤޫބާތުން ކުށް ތަޖުރީމުކޮށްފައި އޮތީ ދެ ފަރާތެއްގެ މައްޗަށް ކަމުގައިވުމެވެ.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދަ، ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ޤާނޫނެއްގައި ނުވަތަ ޤާނޫނުގެ ބައެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ ފުށުއެރުމެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި، މި މައްސަލައިގައި ދަޢުވާކޮށްފައިވާ ކުށުގެ ތަފުސީލަށް ދިއުން މުހިންމު ކަމުގައި ދެކެމެވެ.
މި މައްސަލައިގައި މުޙައްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވަލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ޤާނޫނުގެ ކުށް ބަޔާންކުރާ އަކުރުގައި؛ (ހ) ގައި އޮތީ،
"ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ، ކުށެކެވެ." މި ފަދައިންނެވެ.
މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަކުރާ ގޮތުން މި ކުށަކީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ކުށެކެވެ. އެ މާއްދާގައި މި ކުށާ ގުޅޭ އުސޫލުތައް ބަޔާންވެފައިވާ ކަމުގައެވެ. ކަންމިހެން އޮތުމުން އޭނާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރުމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ހުރަސް އަޅައެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އާއި، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި (ކުށް ބަޔާން ކުރުމުގައި ކުދިކުދި ފަރަގުތަކެއް ހުރި ނަމަވެސް) ބަޔާންވެފައިވަނީ އެއްކުށެއް ކަމާމެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް ނެތްކަން މި މައްސަލައިގައި ޝަރީޢަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. ހަމައެކަނި ޚިލާފެއް އޮތީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި އޮތް "ދައުލަތުގެ މުވައްޒަފު"ގެ މާނައިގައި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭކަން ނުވަތަ ނޫންކަމާމެދުގައެވެ. މި ޚިލާފުގައި މައްސަލައިގެ ދެ ފަރާތުން ތިބި ގޮތް އަހުރެން ބަޔާންކޮށްފީމެވެ. ސުވާލަކީ، ދައުލަތުގެ މުވައްޒަފުން ޤާނޫނުލްޢުޤޫބާތުގައި މާނަކޮށްފައި އޮތް އޮތުމުގެ ތެރެއަށް ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފެތޭ ހެއްޔެވެ ނުވަތަ ނޫން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އެނބުރިލަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މުވައްޒަފު މާނަކޮށްފައިވާ ގޮތަށެވެ.
ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މުވައްޒަފު މާނަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ މެމްބަރުންނާއި، މިނިވަން މުވައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. މީގެތެރޭގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މަޤާމުތަކުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ކުރިމަތިލައިގެން ތިބި މީހުންވެސް ހިމެނެއެވެ."
ޤާނޫނުލްޢުޤޫބާތުގައިވާ ދައުލަތުގެ މުވައްޒަފުގެ މާނަކުރުމަށް ބަލާއިރު، އެ މާނަކުރުމަކީ ކަނޑައެޅިގެން ވަކި ބަޔަކީ ދައުލަތުގެ މުވައްޒަފުން ނޫންކަމުގައި ބެލުމަށް ހަނިވެފައިވާ މާނަ ކުރުމެއް ނޫނެވެ. އެކަން އެ މާނަކުރުމުގެ ތެރޭގައި ހިމެނޭ މުވައްޒަފުންގެ ގިންތިތައް ޖުމުލަކޮށް ބަޔާންކޮށްފައި އޮތުމުންނާއި، އެ އަކުރުގައި ހިމެނޭ ދެ ޖުމުލަ ނިމޭ ތަނުގައި އޮތް "ހިމެނޭ ގޮތަށެވެ." އާއި "މީހުން ވެސް ހިމެނެއެވެ." މި ދެ ޢިބާރާތުން އެނގެއެވެ. އަދި ޤާނޫނުގައި ދައުލަތުގެ މުވައްޒަފުންގެ މާނަކުރުމުގެ ތެރެއަށް ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ ދައުލަތުގެ ތިން ބާރާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި، މުވައްޒަފުން ހިމެނޭ ގޮތަށް "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައި އޮތް އޮތުމުގެ ތެރެއަށް ޤާނޫނުން އުފައްދާ އެކި މުއައްސަސާތަކާއި، ދައުލަތުގެ ކުންފުނިތައް ހިމެނިގެން ދާނެއެވެ. އެހެނީ އެފަދަ ކުންފުނިތަކުގެ މުވައްޒަފުންނަކީ، ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ މައްސަލައިގައި ބަޔާންކޮށްފައިވާ ފަދަ، "ދައުލަތުގެ އަސާސީ މަސްއޫލިއްޔަތެއް އަދާކުރުމަށް" އުފައްދާފައިވާ ތަނެއްގެ މުވައްޒަފުންނެވެ.
ކަންމިހެން އޮތުމުން ހައިކޯޓުން ޤާނޫނުންޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައިވާ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމުގައި ނިންމާފައިވާނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފުސީލު ކުރަމުން ދައުލަތުން ދައްކާފައިވާ ވާހަކަތަކުގައި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު މައްސަލައާ ޙަވާލާދީ، "ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ވަކި އަމަލުތަކެއް ތަޖުރީމު ކުރުމަށް ޚާއްޞަ ޖިނާއީ ޤާނޫނެއް ހަދާފައިވާ ނަމަ، އަދި އެ ކުށްތައް ޤާނޫނުލްޢުޤޫބާތުގައި ވެސް ބަޔާން ވެގެންވާނަމަ، އެ ހާލަތުގައި އެކުށްތަކަށް ދަޢުވާ ކުރަންވާނީ އެ ގޮތުން ހަދާފައިވާ ޚާއްޞަ ޤާނޫނުގެ ދަށުން" ކަމުގައި އެ މައްސަލައިގައި ކަނޑައަޅާފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި ޤާނޫނުން ދޭ އިރުޝާދު ތަކަކީ އެ ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށް ބެލެވިގެން ލިޔެފައިވާ މުޠުލަޤު އިރުޝާދުތަކެއް ނޫންކަން ދައުލަތުން ފާހަގަކޮށް ފައިވެއެވެ.
ދައުލަތުގެ މި ވާހަކަތަކަށް ބަލާއިރު، ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު މައްސަލައިގައި ޤާނޫނުލްޢުޤުބާތުގެ 18 ވަނަ މާއްދާގެ ވާހަކަ ބަޔާންކޮށްފައި އެވަނީ އެ މާއްދާގެ (ރ) އަށް ޙަވާލާ ދިނުމުގެ ބޭނުމުގައެވެ. އެ އަކުރުގައި ބަޔާންކޮށްފައިވާ ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ޤާނޫނުތަކަށް އިޝާރާތްކޮށެވެ. އެކަން އިތުރަށް ސާފުވެގެން ދަނީ އެ މައްސަލައިގައި ކޯޓުގެ ކުރިމަތީގައި ޖަވާބު ހޯދަން އޮތް މައިގަނޑު ސުވާލުންނެވެ. އެ ސުވާލަކީ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގެ 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ޖިންސީކުށުގެ ޤާނޫނުގައްޔާއި، ޤާނޫނުލްޢުޤޫބާތުގައި އެއް ކުށެއް ބަޔާންވެފައިވާ ހާލަތުގައި ޢަމަލުކުރާނީ ކިހިނަކުން ކަމާމެދުގައެވެ. މި ސުވާލުގެ ޖަވާބު ތަފުސީލުކޮށް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބަޔާން ކޮށްފައިވެއެވެ.
މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނަކީ، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގައި ހިމެނިފައިވާ އިސްކަންދޭންޖެހޭ ޤާނޫނެއް ނޫނެވެ. ވުމާއެކު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު މައްސަލައިގެ ނިންމުމަކީ، މި މައްސަލައާ ގުޅުންހުރި ނިންނުމެއް ކަމުގައި ނުދެކެމެވެ.
ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް ހިމެނޭ ކަމަށް އަހުރެންނަށް ބުރަވެވޭ ރައުޔަށް އިތުރު ބާރެއް ލިބިގެންދަނީ ޤާނޫނުލްޢުޤޫބާތު މަނާކުރުމާމެދު އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ. އަހުރެން މި އިޝާރާތް ކުރަނީ ޤާނޫނުލްޢުޤޫބާތުގެ 11 ވަނަ މާއްދާގައިވާ މާނަކުރުމުގެ އުސޫލުތަކަށާއި، އެ ޤާނޫނުގެ ޢާންމު މަޤުޞަދުތަކަށެވެ. މިއީ އިސްތިއުނާފީ ދެވަނަ ނުކުތާގައި ދައުލަތުން ތަފުސީލުކޮށް ވާހަކަ ދައްކާފައިވާ މާއްދާ ވެސް މެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާގައި ދައުލަތުން ފާހަގަ ކޮށްފައިވަނީ، ހައިކޯޓުން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ މާނަކޮށްފައިވަނީ އެ ޤާނޫނުގެ މަޤުޞަދުތައް ހާސިލުވާނެ ގޮތަށް ނޫންކަމުގައެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ޤާނޫނު މާނަކުރުމުގައި ޤާނޫނެއް އެކުލަވާލި މަޤްޞަދަށް ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާޒިލުވާނެ ގޮތަކަށް ޤާނޫނު މާނަކުރުމަށް ދީފައިވާ އިރުޝާދުތަކާ ޚިލާފަށް ކަމުގައެވެ.
ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގައި، ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ އުސޫލު ބަޔާންކުރުމުގައި އިރުޝާދު ދީފައިވަނީ ދެ ކަމަކަށް ސަމާލު ވުމަށެވެ. އެއްކަމަކީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ ކުށެއް އެހެން ޤާނޫނެއްގައި އޮތްތޯ ބެލުމެވެ. ދެވަނަ ކަމަކީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅުންހުރި އުސޫލެއް އެހެން ޤާނޫނެއްގައި އޮތް ތޯ ބެލުމެވެ. އަދި މިފަދައިން ބަލާބެލުމުގައި ކުށެއް ނުވަތަ ކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހިސާބުން ޤާނޫނުލްޢުޤޫބާތަށް އިސްކަން ދޭންޖެހޭނެ ކަމުގައި މި މާއްދާގައި ބަޔާންވެފައިވެއެވެ.
ކުރިން ވެސް އިޝާރާތްކުރި ފަދައިން މި މައްސަލައިގައި ބަހުސްކުރެވޭ ދެ ޤާނޫނުގައި ޖުމުލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ އެއްކުށެއް ކަމާމެދު ޚިލާފެއް ނެތެވެ. ޚިލާފު އޮތީ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ވަންނާނެ ކަމާމެދުގައެވެ.
ޤާނޫނުލްޢުޤުބާތު މާނަކުރުމުގެ އުސޫލުތައް ބަޔާންވެފައިވާ އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި
ޤާނޫނުލްޢުޤޫބާތުގެ މާއްދާއެއްގެ "ޢިބާރާތްތަކުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާގޮތަށް މާނަކުރެވޭނަމަ، އެ މާއްދާ މާނަކުރަންވާނީ، މި މާއްދާގައި ބަޔާންކުރެވިގެންވާ ޢާންމު މަޤްޞަދުތައް ޙާޞިލުވާނެ ގޮތުގެމަތިންނާއި، މާނަކުރަންޖެހޭ މާއްދާގައި ހިމެނިގެންވާ ޚާއްޞަ މަޤްޞަދުތައް ޙާޞިލުވާނެ ގޮތުގެމަތިން" ކަމުގައި ބަޔާންވެފައިވެއެވެ.
ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނުލްޢުޤޫބާތުގެ 11 ވަނަ މާއްދާއާއި، 18 ވަނަ މާއްދާގެ (ށ) އާއި 533 ވަނަ މާއްދާގެ (ށ) ގައިވާ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭނެ ކަމުގައި ބަލާ ނަމަ، ނުކުންނާނެ ނަތީޖާއަކީ، ދައުލަތުގެ ތިންބާރާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިފިނަމަ، ނުވަތަ އެހެން މީހަކަށް ހޯދައިދީފި ނަމަ، ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާ އުފުލުމެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށާގުޅިގެން ނެގިދާނެ ކަމަށް ބަޔާންކޮށްފައިވާ ދިފާޢުތަކާއި، ކުށަށް އަދަބު ކަނޑައެޅުމުގައި އަދަބު ލުއި ކުރުމަށް ލިޔެވިފައި ހުރި އުސޫލުތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ތަނަވަސް ވެގެން ދިއުމެވެ. އަދި މިފަދަ މަންފާތަކުގެ ތެރެއިން ކުށުގެ ޢުޤޫބާތަށް ލުއި ލިބޭ ހާލަތުގައި އަސާސީ މިންގަޑަށްވުރެ އެ އަދަބު ލުއިވެގެން ދިއުމުގެ ފުރުސަތު ވެސް ހުޅުވިގެން ދިއުމެވެ. ނަމަވެސް ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިފިނަމަ، ނުވަތަ އެހެން މީހަކަށް ހޯދައިދީފި ނަމަ، އެ ފަދަ މުވައްޒަފަކަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މި ފަދަ ދިފާޢުތަކާއި އަދަބަށް ލުއި ލިބުމުގެ އުސޫލުތަކެއްގެ މަންފާ ލިބިގެން ދިއުމުގެ ފުރުސަތެއް ލިބިގެން ނުދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ، ދައުލަތުގެ ތިން ބާރާއި، މިނިވަން މުއައްސަސާތަކުގެ މީހުން ހިންގާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ ޢަމަލުތަކަށް ލުއި އަދަބު ލިބިގެންދާއިރު، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފަދަ ކުށްތަކާ ގުޅިގެން ބުރަ އަދަބެއް ލިބިގެން ދިއުމެވެ.
ވުމާއެކު، ދެ ޤާނޫނެއްގައި އެއް ކުށެއް ބަޔާންވެފައި އޮތް މި ހާލަތުގައި ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ހިމެނިގެން މެނުވީ ކުށުގެ ބުރަދަނުގެ ނިސްބަތާ އެކަށީގެންވާ މިންވަރެއްގެ އުޤޫބާތެއް ކަނޑައެޅުގެ ފުރުސަތު މި ކުށާ ގުޅިގެން ލިބިގެން ނުދާނެއެވެ. އަދި އެއްކުށަކަށް އެއް އަދަބެއް ދިނުމަށް މުޖުތަމަޢު ޤަބޫލުކުރާ ޢާންމު ހަމަތައް އެ ގޮތުގެ މަތިން ދެމެހެއްޓިގެން ނުދާނެއެވެ. މި އިޝާރާތްކުރި، ކުށުގެ ބުރަދަނުގެ ނިސްބަތާ އެކަށިގެންވާ މިންވަރެއްގެ އަދަބު ކަނޑައެޅުމާއި، މުޖުތަމަޢު ޤަބޫލުކުރާ ސުލޫކީ ޤިޔަމްތައް ރައްކާތެރި ކުރުމަކީ، ޤާނޫނުލްޢުޤޫބާތުން ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކަށައަޅާފައިވާ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކަންމިހެން އޮތުމުން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ އިސްކަން ދިނުމުގެ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރެވޭނެކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުލްޢުޤޫބާތު އެކުލަވާލި މަޤުޞަދު ހާސިލުނުވާނެހެން ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުނުވާނެ ފަދައަކުން ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެން ނުދެކެމެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަކީ މި މައްސަލައިގެ ހާދިސާ ހިނގިއިރު ޤާނޫނީ ބާރު ލިބިގެންވާ ޢަމަލު ކުރެވެމުން އަންނަ ޤާނޫނެއް ކަމުގައެވެ. ކަންމިހެން އޮތްވައި، އިސްތިއުނާފު މި ކުރެވޭ ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަކީ ބާރެއް ނެތް ޤާނޫނަކަށް ވެގެން ދިއުމެވެ. ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލު ގެނައުމާއި، ބާޠިލު ކުރުމުގެ ބާރަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) 02 ވަނަ ނަންބަރުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއްކަން އެނގޭއިރު، ހައިކޯޓުގެ ނިންމުމަކީ އެ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި ދައުލަތުން ބުނެއެވެ. އަދި ކޯޓުތަކަށް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ބާޠިލު ކުރުމުގެ ބާރު ލިބިފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން އެ ބާރު ލިބިދޭ މިންވަރަށް ކަމުގައި ދައުލަތުން ފާހަގަ ކުރެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ބުނެފައިވަނީ، ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ އުސޫލަކީ އެ ޤާނޫނުގައި ބަޔާންވެފައިވާ އުސޫލެއް ކަމުގައެވެ. މި ހާލަތުގައި ޤާނޫނަށް އިސްކަންދޭ ދިނުމުގައި، ބައެއް ޤާނޫނުތަކަށް އެ އިސްކަންދޭ މިންވަރަށް ޢަމަލު ނުކުރުމަކީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުލްޢުޤޫބާތު އެކަށައެޅުމުގައި ތަސައްވުރުކޮށްފައިވާ ކަމެއްކަން ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ އެކުގައި ކިޔުމުން ދޭހަވާކަމުގައެވެ.
ޤާނޫނުލްޢުޤޫބާތުގައި ބަޔާންވެފައިވާ މަޤުޞަދުތަކަށާއި، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ އެކުއެކީގައި ކިޔާލުމުން މުޙައްމަދު ޝިފާޢުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ޤާނޫނީ ބުރަދަނެއް ދެވެއެވެ. އެހެނީ، މި ޤާނޫނުލްޢުޤޫބާތު ވުޖޫދުވިއިރު ވެސް ޢަމަލުކުރެވެމުންދިޔަ ޒަމާންވީ ޤާނޫނުލްޢުޤޫބާތެއް އޮތެވެ. އަދި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކުށާއި އަދަބު އެކި ގޮތްގޮތަށް ބަޔާންކުރެވިފައިވާ ޤާނޫނުތަކަށް ޢަމަލު ކުރެވެމުން ދިޔައެވެ. އެއްކުށެއް، ނުވަތަ އެއްބާވަތުގެ ކުށްތަކެއް އެކި ގޮތް ގޮތަށް ތަޖުރީމު ކުރެވިފައިވިއެވެ. ކަންމިހެން އޮތްކަން މި ޤާނޫނުލްޢުޤޫބާތު ދަނެއެވެ. އެކަމަށްޓަކައި ޤާނޫނުލްޢުޤޫބާތުގައި ޚާއްޞަ މާއްދާތަކެއް ލިޔެވިފައިވެއެވެ. ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށްކުށަށް ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމުގެ ފަހުން އަދަބު ކަނޑައަޅާނެ ގޮތާއި، ޤާނޫނުލްޢުޤޫބާތުގައިވާ ކުށަކާއި، ނުވަތަ ކުށަކާ ގުޅުންހުރި އުސޫލަކާ އެހެން ޤާނޫނަކާ ފުށުއަރާނަމަ، ޤާނޫނުލްޢުޤޫބާތަށް އިސްކަން ދޭންޖެހޭނެ ކަމުގައި ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނުލްޢުޤޫބާތަށް ފުރިހަމައަށް ހިޖުރަ ކުރުމަށްޓަކައި ލިޔެވިފައިހުރި އުސޫލުތަކެކެވެ.
މި އުސޫލުތަކަށް ޢަމަލުކުރުމުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ ސަބަބުން، އިސްކަން ނުދެވޭ ޤާނޫނުތަކެއް ހުންނާނެއެވެ. އެއީ ވެސް ޤާނޫނުލްޢުޤޫބާތު ދަންނަ ކަމެކެވެ. އެކަމަށް ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ނ) ގައި ފަރުވާ ދީފައިވެއެވެ. އެއީ ޤާނޫނުލްޢުޤޫބާތާ ތަޢާރުޟުވާ ޤާނޫނުތަކާއި، ތަޢާރުޟުވާ ޤާނޫނުތަކުގެ ބައިތަކުގެ ތެރެއިން އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ޤާނޫނުތަކާއި، ޤާނޫނުތަކުގެ ބައިތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން އެކަމަށް ހައްލު ހޯދަމުން ދިއުމެވެ. މި އިޝާރާތްކުރި 18 ވަނަ މާއްދާގެ (ނ) ގައި އެ ފަދައިން ހައްލު ހޯދުމަށް މުއްދަތެއް ދީފައި އޮތްނަމަވެސް، އެއީ އެ މުއްދަތު ހަމަވުމުން ނުކުރެވޭ ކަމެއް ނޫނެވެ. އެހެނީ ޤާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދުމަށް ލިބިދީފައިވާ ބާރަކީ އެއަށްވުރެ ތަނަވަސް، ފުޅާ ބާރެކެވެ.
ކަންމިހެން އޮތުމުން، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ޤާނޫނުލްޢުޤޫބާތަށް އިސްކަންދިނުމުގެ އުސޫލު މި މައްސަލައިގައި ނަގަހައްޓައި ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.
ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މުޙައްމަދު ޝިފާޢުގެ މައްސަލައާ އެއްގޮތް މައްސަލަތަކެއްގައި (ކްރިމިނަލް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނޫރުﷲ ސަޢީދު މައްސަލަ އާއި، އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާޠިމަތު ޝަމްވީލާ އަދި އިތުރު ބައެއް މައްސަލަ) ދަޢުވާކުރެވޭނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަމުގައި ކްރިމިނަލް ކޯޓުން ކަނޑައަޅައި، އެ ދަޢުވާތައް ބާޠިލުކުރުމުން އެއިން އެއްވެސް ނިންމުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. ދައުލަތުން އެ ނިންމުން އިސްތިއުނާފުކޮށްފައި ނުވުމުން އެ ނިންމުންތައް ދައުލަތުން ބަލައިގެންފައިވާ ކަމުގައްޔާއި، ނަމަވެސް މުޙައްމަދު ޝިފާޢުގެ މައްސަލަ، އެ ނިންމުންތަކަށް ރިޢާޔަތްކޮށް ދައުލަތުން އަނބުރާ ގެންގޮސްފައިނުވުމުގެ އިތުރަށް މުޙައްމަދު ޝިފާޢުގެ މައްސަލަ އިސްތިއުނާފުކުރަމުން އަންނަ އައުމަކީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހަމަހަމަކަމުގެ އަސާސްތަކާ ޚިލާފަށް ދައުލަތުން އަމަލުކުރަމުން އަންނަ އައުމެއް ކަމުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި މުޙައްމަދު ޝިފާޢުގެ މައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވަނީ މި ބަޔަންކުރި ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް މުޙައްމަދު ޝިފާޢުގެ ފަރާތުން އެދިފައިވެއެވެ.
މި ނުކުތާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ޝިފާޢުގެ ފަރާތުން ފާހަގަ ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމުންތައް ދައުލަތުން އިސްތިއުނާފު ކޮށްފައިނުވަނީ، އެ ނިންމުންތައް އިސްތިއުނާފު ކުރިއަށް ގެންދެވޭ މިންވަރަށް ދަށު މަރުޙަލާގައި ޤާނޫނީ ނުކުތާތަކުގައި ދައުލަތުގެ ފަރާތުން ބަހުސްކޮށް ވާހަކަ ދެކެވިފައި ނުވާތީކަމުގައެވެ.
ޖިނާއީ މައްސަލައެއްގައި އުފުލާފައިވާ ދަޢުވާއެއް އަނބުރާ ގެނައުމާއި، ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރެކެވެ. މި އިޚްތިޔާރުގެ ބޭނުން ހިފާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި ބުނާނަމަ، އެ ފަދައިން ބުނާ ފަރާތަކުން އެކަން ސާބިތު ކޮށްދޭންޖެހޭނެ ކަމުގައި ދެކެމެވެ. މި މައްސަލައަށް ބަލާއިރު، މުޙައްމަދު ޝިފާޢުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނޫރުﷲ ސަޢީދު މައްސަލަ އާއި، އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާޠިމަތު ޝަމްވީލާ އަދި އިތުރު ބައެއް މައްސަލައާ ޙަވާލާދީ ވާހަކަ ދައްކާފައިވެއެވެ. އަދި މި ދެ މައްސަލައިގެ ތެރެއިން ފާޠިމަތު ޝަމްވީލާ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ހުށަހަޅާފައިވެއެވެ. ނޫރުﷲ ސަޢީދުގެ މައްސަލައިގެ މިފަދަ ނިންމުމެއް ހުށަހަޅާފައިނުވެއެވެ. އަދި މިއިން އެއްވެސް ނިންމުމަކާ ގުޅިގެން ދަށު މަރުޙަލާގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތަފުސީލުތައް މުޙައްމަދު ޝިފާޢުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވެއެވެ.
ކަންމިހެން އޮތުމުން މުޙައްމަދު ޝިފާޢުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ކަނޑައެޅޭނެ ތަނެއް މި މައްސައިގައި އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މި މައްސަލައިގައި ތަފުސީލުކޮށް އަހުރެން މި ބަޔާންކުރި ކަންކަމުގެ އަލީގައި، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ޤާނޫނުލްޢުޤޫބާތަށް އިސްކަން ދިނުމުގެ އުސޫލު މި މައްސަލައަށް ތަޠުބީޤުވާނެ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ. އަދި ހައިކޯޓުގެ އެ ނިންމުމަކީ، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާއި، 143 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ނޫންކަމުގައި ކަނޑައަޅަން ވެސް އަހުރެންނަށް ފެނެއެވެ.
އެހެން ނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައިވާ "ދައުލަތުގެ މުވައްޒަފު" ގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިނުވާތީ، އެ ނިންމުން ބާޠިލު ކުރަންޖެހޭ ކަމުގައި ދެކެމެވެ.
އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ކަންކަމަށް ބަލައި، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައިވާ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ނިންމަން ވެސް އަހުރެންނަށް ފެނެއެވެ.
މި ކަންކަމުގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ ދަށުން މި މައްސަލައިގައި އަލުން ދަޢުވާކުރުމަށް ހުރަހެއް ނެތްކަމުގައި ކަނޑައަޅަން ވެސް އަހުރެންނަށް ފެނެއެވެ.
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީ ލާޒިމުކުރާ ކަމެކެވެ. ގާނޫނުގެ ވެރިކަމުގެ އެންމެ އަސާސީ އެއް އުންސުރަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް ފަސޭހައިން އޮޅުންފިލާނޭ މޭރުމަކުން ހެދުމެވެ. ރައްޔިތުންގެ އަމަލުތަކުގެ ތެރެއިން ކުށަކަށްވަނީ ކޮން އަމަލެއް ކަމާއި އެ ކުށެއް ކޮށްފިނަމަ، އެއިން ނިކުންނާނެ ނަތީޖާ ނުވަތަ އަދަބަކީ ކޮބައިކަން ދުރާލައި އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ.
މަތީގައި މި ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން އެއް އަމަލެއް ތަޖުރީމުކުރުމަށް، އަދި އަދަބު ކަނޑައެޅުމަށް އެއް ގާނޫނަށްވުރެ ގިނާ ގާނޫނު ހަދާފައި ހުރުމާއި، އަދި އެއް ކުށަކަށް ދެ އަދަބެއް ދެ ގާނޫނަކުން ކަނޑައަޅާފައި އޮތުމަކީ ގާނޫނު އަސާސީގެ އެއް އުސޫލަށްވުރެ ގިނަ އުސޫލާ ތައާރަޒު ވުމުގެ ފުރުސަތު އޮންނާނެ ކަމެކެވެ. އަދި ވެރިކަން ހިންގާ ފަރާތާއި، ފުލުހުންނާއި ޕްރޮސިކިއުޓަރުން ބާރު ނަހަމަގޮތުގައި ބޭނުންކުރުމަށް އެކަމުގެ ސަބަބުން މަގު ހުޅުވިފައި އޮތުމުގެ އިތުރުން، ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި، ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެތީވެ، ގާނޫނުލް އުގޫބާތުގައި ތަޖުރީމުކޮށްފައި އޮތް ކުށެއް އެހެން ގާނޫނަކުން ތަޖުރީމުކޮށް، ތަފާތު އަދަބެއް އެއް އަމަލެއްގެ މައްޗަށް ކަނޑައަޅާފައިވާ ނަމަ، އެފަދަ ގާނޫނުތައް އުވާލައި އެގޮތަށް ހުރި ގާނޫނުތައް އެއް ހަމަކުރުމަށް ވީއެންމެ އަވަހަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރަންޖެހޭ ކަމަށް ދެކެމެވެ.
މިހެން މި ބަޔާންކުރި ސަބަބަކީ އެއް ކުށެއް އެއް ގާނޫނަށްވުރެ ގިނަ ގާނޫނުން ތަޖުރީމުކޮށް އަދަބު ކަނޑައަޅައިވާނަމަ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރިއަތްކުރާ ފަރާތްތަކާއި، އަދި މިހުރިހާ ކަމެއްގެ ކުރިއަށް، އެ ގާނޫނުތަކަށް ތަބައަވާންޖެހޭ ރައްޔިތުންނަށް އޮޅުންބޮޅުން އަރައި މީގެ ތެރެއިން ތަބާވާންޖެހޭ ގާނޫނަކީ ކޮބައިކަމާއި ތަންފީޒުކުރަންޖެހޭ ގާނޫނަކީ ކޮބައިކަން ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ.
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން،
ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ށ) ގައިވާ "ދައުލަތުގެ މުވައްޒަފު" ގެ މާނައިގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމުގައި ހައިކޯޓުގެ ނަންބަރު 2023/HC-B12/2 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިނުވާތީ، އެ ޤަޟިއްޔާގެ އެ ބައި ބާޠިލު ކުރަންޖެހޭ ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
އަދި އެ ނޫން ބައިތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، އެ ޤަޟިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ބާޠިލު ކުރަންޖެހޭ ތަނެއް ނެތް ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
އަދި މި މައްސަލައިގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުރަހެއް ނެތްކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 11 ވަނަ މާއްދާ (ހ)، (ށ) (1)، (ނ) (1)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ (ށ) (ޤާނޫނު ނަންބަރު 4/2021 ގެ ދަށުން ގެނެވުނު 4 ވަނަ އިޞްލާޙާއެކު)
- ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (2)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ
- މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރަފީ ވ. ޔައުގޫބު ޢަބްދުﷲ (ސުޕްރީމް ކޯޓު، 2020 ގެ ޤަޟިއްޔާ؛ ޓެކްސްޓުގައި '8,79C/7-SC/2020')
- [2021] SC 96 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- [2022] SC 34 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ)
- ކްރިމިނަލް ކޯޓުގެ 100/Cr-C/2017 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނޫރުﷲ ސަޢީދު)
- ކްރިމިނަލް ކޯޓުގެ 553/Cr-C/2018 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާޠިމަތު ޝަމްވީލާ)
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 7 ފެބުރުއަރީ 2023 · ރަޖިސްޓްރީކުރީ 13 އޭޕްރީލް 2023 · ނިމުނީ 4 މޭ 2023 (21 ދުވަސް)