ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 33
ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، [2022] SC 33 (2022/SC-A/44)
Name withheld v. Prosecutor General's Office [2022] SC 33 (2022/SC-A/44, Supreme Court of the Maldives, 31 May 2022)
ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙުތިމާލާއި ކުށް ތަކުރާރުކުރުމުގެ ބިރާއި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި. ހައިކޯޓުން އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމި.
އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ނަން ފޮރުވާފައި ހައްޔަރުކޮށް، ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި. ހައްޔަރުކުރުމުގެ އަމުރާއި ބަންދުގެ އަމުރު ނެރުނީ އެއް މެޖިސްޓްރޭޓެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަނޑިޔާރަށް ބަންދާމެދު ގޮތެއް ނުނިންމޭނެ ކަމަށާއި، މައްސަލަ ހުށަހެޅީ ހައިސިއްޔަތު ނެތް ފުލުހުން ކަމަށާއި، 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތް ނުކުރާ ކަމަށާއި، ހުށަހެޅިފައިނުވާ ކުއްޖާގެ ބަހަށް ބުރަވި ކަމަށެވެ. ދައުލަތުން ބުނީ 204 (ރ) ތަޠުބީޤުވާނީ އެވަގުތު މަސައްކަތްކުރާ ފަނޑިޔާރުންގެ ޢަދަދަށް ބަލައިގެން ކަމަށާއި، ބަންދަށް އެދުނީ ދައުލަތުން ކަމަށާއި، ކުއްޖާގެ ވާހަކަ އޮފިސަރު މަޖިލީހުގައި ހިއްސާކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަނޑިޔާރަށް ބަންދާމެދު ގޮތެއް ނިންމިދާނެތޯއާއި، ބަންދަށް އެދި މައްސަލަ ހުށަހެޅީ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތުންތޯއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިވޭތޯއާއި، ހުށަހެޅިފައިނުވާ ހެއްކަކަށް ބުރަވެގެން ބަންދުގެ އަމުރު ނެރެފައިވޭތޯ ކަނޑައެޅުން.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުން ޤާއިމް؛ އިސްތިއުނާފު ބަލައިނުގަތުން
އެވަގުތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެހެން މެޖިސްޓްރޭޓުން މަސައްކަތަށް ނުނިކުމެ ހުރުމުން 204 (ރ) ތަޠުބީޤު ނުވާނެ ކަމާއި، ޤަވާޢިދުގެ 3 (ނ) ގެ ޙާލަތެއް ނެތް ކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލް ސިޓީއަކުން އެދި އަޑުއެހުމުގައި ބައިވެރިވެފައިވާ ކަމާއި، ފަނޑިޔާރު ރިޢާޔަތްކުރި ކަންކަން އަމުރުގައި ތަފުސީލުކޮށްފައިވާ ކަމާއި، އެހެން ހެކިތަކުން ޤާނޫނު ލާޒިމުކުރާ މިންވަރަށް ހެކި ލިބޭ ކަމަށް ކޯޓުން ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ބ) ގައިވާ "އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް" މާނަކުރަންވާނީ، އެ ވަގުތަކު އެ ކޯޓުގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންގެ ޢަދަދަށް ރިޢާޔަތްކޮށްގެންނެވެ. ގިނަ ފަނޑިޔާރުން ތިބި ކޯޓެއްގައި އެންމެ ފަނޑިޔާރަކު ފިޔަވައި އެހެން ފަނޑިޔާރުން ޤާނޫނުގައިވާ ގޮތުގެ މަތިން (ޗުއްޓީ، ބަލިވުން ފަދަ ސަބަބުތަކާހުރެ) މަސައްކަތަށް ނުނިކުންނަ ޙާލަތުގައި އެ މާއްދާތައް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20، 22)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށް ދާއިރާގެ އެހެން ކޯޓަކަށް ހާޒިރުކުރަންޖެހޭނީ، އެ މާއްދާގެ (ނ) ގައިވާ ޙާލަތެއް (މެޖިސްޓްރޭޓަކު ނެތުން، ސަލާމަތީ ސަބަބު، ނުވަތަ ފަނޑިޔާރު ތަނާޒުލްވާންޖެހުން) ކުރިމަތިވެއްޖެނަމައެވެ. ތުހުމަތުކުރެވޭ މީހާ ހާޒިރުކުރި ކޯޓުގައި އެވަގުތު މެޖިސްޓްރޭޓަކު މަސައްކަތްކުރާނަމަ، އަދި ތަނާޒުލްވާންޖެހޭ ޙާލަތެއް ނެތްނަމަ، އެ ޙާލަތު ކުރިމަތިވެފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ބަންދުގެ އަމުރަށް ކޯޓަށް މައްސަލަ ހުށަހަޅަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ސިޓީއަކުން ބަންދުގެ އަމުރަށް އެދި، އަޑުއެހުމަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހާޒިރުވެފައިވާނަމަ، ސިޓީގައި ފުލުހުންގެ ފޯމަކާ ޙަވާލާދީފައިވުމާއި، ނެރުނު އަމުރުގައި އެދުނު ފަރާތަކަށް ފުލުހުން ލިޔެފައިވުމަކީ އިޖުރާއަތު ފުރިހަމަނުވާ ކަމަކަށް ވިޔަސް، އެކަމުގެ ސަބަބުން އެ އިޖުރާއަތު ޤާނޫނާ ޚިލާފެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-29)
- ބަންދުގެ އަމުރު ނެރުނު ފަނޑިޔާރު ރިޢާޔަތްކުރި ކަންކަން އަމުރުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވާނަމަ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ވަކިވަކި އަކުރުތަކާ ޙަވާލާދީފައި ނެތުމަކީ، އެ ކަންކަމަށް ފަނޑިޔާރު ރިޢާޔަތް ނުކުރާ ކަމުގައި ކަނޑައެޅިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36)
- ޝަކުވާކުރި ކުއްޖާ ކިޔައިދީފައިވާ ކަންކަން ފުލުހުންގެ އޮފިސަރު ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައި، ބަންދަށް އެދި ހުށަހެޅި ފޯމުގައި ވެސް ހިމެނިފައިވާނަމަ، ކުއްޖާގެ ބަޔާން ލިޔުމުން ހުށަހެޅިފައި ނުވިނަމަވެސް، އެއީ ޝަރީޢަތުގައި ވާހަކަ ދެކެވިފައިނުވާ އެއްޗެއް ކަމުގައި ނުބެލެވޭނެއެވެ. އަދި ވަކި ހެއްކެއް ހުށަހެޅިފައި ނުވުމަކީ ހުށަހެޅިފައިވާ އެހެން ހެކިތަކުން ލިބޭ ބުރަދަން ނެތިގެންދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-39)
ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާ ނިންމާފައިވާގޮތް ރަނގަޅުނޫން ކަމަށް ބުނެ، ނަން ފޮރުވާފައި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 6 (ހައެއް) އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 24 މާރޗް 2022 ގެ 17:00 ގައި ނަން ފޮރުވާފައި ހައްޔަރުކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-CA/37/2022 ކޯޓު އަމުރު ނެރެފައިވެއެވެ.
25 މާރޗް 2022 ގައި ނަން ފޮރުވާފައިގެ ބަންދާމެދު ގޮތެއް ނިންމުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ތަޙްޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ނަން ފޮރުވާފައި ބަންދުކޮށްފައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/MA/16/2022 ކޯޓު އަމުރުން ނިންމާފައިވެއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/MA/16/2022 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ނަން ފޮރުވާފައިގެ ފަރާތުން 6 އެޕްރީލް 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.
ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ނަން ފޮރުވާފައި ބަންދުކޮށްފައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް 20 އެޕްރީލް 2022 ގައި ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާ އިން ކަނޑައަޅާފައިވެއެވެ.
ނަން ފޮރުވާފައިގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި 20 އެޕްރީލް 2022 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން ދަޢުވާ ކުރެވޭ މިންވަރަށް އެ މައްސަލައިގައި ހެކި ލިބިފައިނުވާތީ، އެ މައްސަލައިގައި ނަން ފޮރުވާފައިގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމައި، 21 މާރޗް 2022 ގައި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައި ވެއެވެ. އަދި 21 އެޕްރީލް 2022 ގެ ރޭގަނޑުގެ ވަގުތެއްގައި އިސްތިއުނާފުކުރާ ފަރާތް ފުލުހުންގެ ބަންދުން މިނިވަން ކޮށްފައިވެއެވެ.
މިއީ ނަން ފޮރުވާފައިގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި، އެ އިސްތިއުނާފުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅި ނިޔާއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/MA/16/2022 ކޯޓު އަމުރުގައި ޝަރީޢަތުން އެ އަމުރާމެދު އިތުރު ގޮތެއް ކަނޑައަޅަންދެން ނަން ފޮރުވާފައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބު ތަފުސީލު ކުރަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ތިރީގައިވާ ހެކިތައް ބަޔާންކޮށް ފައިވެއެވެ.
ކުއްޖާގެ މަންމައަށް ކުއްޖާއާމެދު ޖިންސީ އަނިޔާ ހިނގާފައިވާގޮތް ކިޔާދީފައިވުން.
އަނިޔާލިބުނު ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓު
ސުކޫލުގައި ކުއްޖާގެ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާން
ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ހެކިތަކަށް ބުރަވެ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތަކީ، "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ހެކިބަސް ދޭންތިބި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީއާއި، މިފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭތީއާއި މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި" ކަމުގައި އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ނަން ފޮރުވާފައި ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުތައް ތަފުސީލު ކުރަމުން އެ ކޯޓުން އަންނަނިވި ކަންކަން އެ އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
މި މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންގެ ތެރޭގައި ތުހުމަތުކުރެވޭ ނަން ފޮރުވާފައިއާ އެކު މަސައްކަތްކުރާ މީހުން ތިބިކަމުގައި ފުލުހުން ބުނާކަން.
ނަން ފޮރުވާފައި ބަލަމުންދާ 18 އަހަރުން ދަށުގެ ތިންކުދިން ތިބި ކަމާއި، އެކުދިންވެސް މިފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެދާނެ ކަމަށް ފުލުހުން ބުނާކަން.
ނަން ފޮރުވާފައިއަކީ ކުޑަކުދިން ތަޢުލީމު ޙާސިލު ކުރަމުންދާ ސުކޫލެއްގައި ޒިންމާދާރު މަގާމެއްގައި ހުރި ފަރާތަކަށްވެފައި، ކުއްޖާއާމެދު ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް، ކުއްޖާއާމެދު ޖިންސީ އަމަލު ހިންގާފައިވާގޮތް ކުއްޖާގެ މަންމައަށް ކިޔައިދީ، އެވަގުތުން ފެށިގެން ޑޮކްޓަރަށް ދެއްކިއިރު، މެޑިކަލް ލީގަލް ރިޕޯޓުން ކުއްޖާގެ ކުރިމަތި ފަރާތުންނާއި، ފުރަގަސް ފަރާތުން ތާޒާ ޒަޚަމްތަކެއް ފެންނަން ހުރިކަމަށް ފުލުހުން ބުނާކަން.
ހެކިބަސް ދީފައިވާ އެހެން ހެކިންގެ ބަސް، ޝަކުވާކުރި ކުއްޖާ ބުނާ ބުނުންތަކާ ގުޅުވާލެވޭކަން.
މި ސަބަބުތައް ބަޔާންކުރުމަށްފަހު، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ތުހުމަތުކުރެވޭ މީހާއަކީ މައްސަލައިގެ ތަޙްޤީޤު މަރުޙަލާގައާއި، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ފެންނާތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގޭ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ނަން ފޮރުވާފައި ބަންދުގައި ބަހައްޓަން ފެންނަކަމުގައި އެ ކޯޓުން ނިންމާފައިވެއެވެ.
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: S2C/MA/16/2022 ކޯޓު އަމުރު އިސްތިއުނާފުކުރަމުން ނަން ފޮރުވާފައިގެ ފަރާތުން 04 (ހަތަރެއް) އިސްތިއުނާފީ ނުކުތާ ހުށަހަޅައި، އެ ނުކުތާތަކުގެ މައްޗަށް ބަހުސް ކޮށްފައިވެއެވެ. ނަން ފޮރުވާފައިގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ ނަން ފޮރުވާފައިއާ ދެކޮޅަށެވެ. ނަން ފޮރުވާފައިގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ނަން ފޮރުވާފައިގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ކަމުގައިވާތީ، މި ނުކުތާތަކުގެ ތަފުސީލު ތިރީގައި ބަޔާންވެފައި ވާނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ހަތަރު އިސްތިއުނާފީ ނުކުތާ ތިރީގައި މިވަނީއެވެ.
ފުރަތަމަ ނުކުތާއަކީ، ނަން ފޮރުވާފައި ހައްޔަރުކުރުމަށް އަމުރު ނެރުނު ފަނޑިޔާރު ބަންދާމެދު ގޮތެއް ނިންމި މަޖިލިސް ކުރިއަށް ގެންގޮސްފައިވުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އާއި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދުގެ 32 ވަނަ މާއްދާގެ (ބ) އަދި އެ ޤަވާއިދުގެ 3 ވަނަ މާއްދާއާ ޚިލާފުނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ނަން ފޮރުވާފައިގެ ފަރާތުން ޙަވާލާ ދީފައިވާ ޤާނޫނީ މާއްދާތަކާއި، (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމެއްނެތި ކަމަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ އެ އަމުރަށް އެދުމުގެ ޤާނޫނީ ހައިސިއްޔަތު ނެތް ފަރާތަކުން ޤާނޫނާ ޚިލާފަށް ހުށަހަޅާފައިވާ ފޯމެއްގެ މައްޗަށް ނެރެފައިވާ އަމުރެއްކަން ފެންނަން އޮތްއިރު ކަނޑައެޅިގެން ޤާނޫނާ ޚިލާފު އިޖުރާއަތެއް ރަނގަޅުކަމަށް ހައިކޯޓުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ޤާނޫނުގެ ރައްކާތެރިކަން ގެއްލޭގޮތަށް އަދި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރާ ފަރާތް ތަޙުޤީޤު މަރުޙަލާއާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކޯޓުން ރިޢާޔަތްކުރުން ލާޒިމުކަމަށް ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަކާ ނުލައިކަން ފާހަގަ ކުރުމުން ވެސް ހައިކޯޓުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއް ނެތި ނިންމަވާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރު ވަނަ ނުކުތާއަކީ، ނަން ފޮރުވާފައި ތަޙުޤީޤު މަރުޙަލާއާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުމުގައި އަނިޔާ ލިބުނު ކުއްޖާގެ ބަހެއް ހުށަހަޅާފައި ނުވަނީސް އަދި ހުށަހެޅުނު ހެކީގެ ގޮތުގައި އެފަދަ ހެއްކެއް ނެތްކަން ކޯޓު އަމުރުގައި ހެކީގެ ގޮތުގައި ބަޔާން ކުރުމަށްފަހު ވެސް ފަނޑިޔާރު ރިޢާޔަތް ކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިނުވާ ހެއްކަކަށް ބުރަދަން ދީފައިވާކަން ފާހަގަ ކުރުމުން ވެސް އެކަމަށް އެއްވެސް މިންވަރަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ނަން ފޮރުވާފައިގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަ ކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) ތަޠުބީޤުވާނީ ކޯޓެއްގައި ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ހާލަތުގައި ކަމަށާއި، މިކަމަށް ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާއިން ބާރުލިބޭ ކަމުގައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވާ "އެއް ފަނޑިޔާރުންނަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއްނަމަ" ޢިބާރާތް ހައިކޯޓުން މާނަކޮށް، އެ އަކުރުގައި ހަވާލާދީފައި އެ ވަނީ، "އެވަގުތު އެ ކޯޓުގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންގެ އަދަދު" ކަމުގައި ބަޔާންކޮށްފައި އެވަނީ ރަނގަޅަށް ކަމުގައްޔާއި، އެ ނޫން ގޮތަކަށް އެ މާއްދާ މާނަކޮށްފިނަމަ، ޢަމަލީ ގޮތުން އެ މާއްދާއަކީ ތަންފީޒު ކުރެވޭނެ މާއްދާއެއް ނޫންކަމުގައި ދައުލަތުން ބުނެފައިވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި، ދައުލަތުން ފާހަގަ ކޮށްފައިވަނީ، ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި އެ އަމުރު ނެރެދިނުމަށް އެދުނު ފަރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް ކަމުގައި ލިޔެފައިވީނަމަވެސް، ނަން ފޮރުވާފައި ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާނީ ދައުލަތުން ކަމުގައެވެ. އަދި އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބައިވެރިވިކަމަށާއި، މި އެންމެހައި ކަންކަން މައްސަލައާއެކު ހުށަހެޅި ލިޔެކިޔުންތަކުން ފެންނަ ހުރިކަމުގައެވެ. އަދި އަމުރު ނެރެދިނުމަށް އެދުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގައިވާ އިޖުރާއަތު ދައުލަތުން ފުރިހަމަކޮށްފައިވާނޭ ކަމުގައްޔާއި، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަ ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބަންދު އަމުރު ނެރުނު ފަނޑިޔާރު ރިޢާޔަތްކުރި ކަންކަން ތަފުސީލުކޮށް އެ އަމުރުގައި ބަޔާންކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އެ ތަފުސީލުގައި ޤާނޫނުގެ 32 ވަނަ މާއްދާއާ ޙަވާލާދީ ސީދާ އެ މާއްދާ ނުވަތަ އެ މާއްދާގެ ވަކިވަކި އަކުރުތައް ބަޔާންކޮށްފައި ނެތްނަމަވެސް، އެއީ އެ ސަބަބަށްޓަކައި ޤާނޫނީ ގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ފަނޑިޔާރު ރިޢާޔަތް ނުކުރުމުގެ ސަބަބުން އެ އަމުރު ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭނެ ސަބަބެއް ނޫންކަމުގައެވެ.
ހަތަރުވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ފާހަގަ ކޮށްފައިވަނި، ޝަކުވާ ކުރި ކުއްޖާގެ ބަޔާން ލިޔުމުން ބަޔާނެއްގެ ސިފައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިނުވި ނަމަވެސް، އެ އަމުރު ނެރުމާމެދު ގޮތެއް ނިންމުމަށްޓަކައި އެ ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ފުލުހުންގެ އޮފިސަރު އެ ކުއްޖާގެ އިންޓަވިއުއެއް 24 މާރޗް 2022 ގައި ވީޑިއޯ ރެކޯޑް ކުރެވިފައިވާ ކަމުގައްޔާއި، އެ އިންޓަވިއުގައި ކުއްޖާ ދެއްކި ވާހަކަތައް ފަނޑިޔާރާ ހިއްސާ ކުރިކަމުގައެވެ. ކަންމިހެން އޮތުމުން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިނުވާ ހެއްކަކަށް ފަނޑިޔާރު ރިޢާޔަތްކުރީ ކަމުގައި މި ހާލަތުގައި ބެލެވެން ނެތްކަމުގައެވެ.
ނަން ފޮރުވާފައިގެ ފަރާތުން ފާހަގަ ކުރާ ގޮތުގައި ނަން ފޮރުވާފައި ހައްޔަރު ކުރުމަށް އަމުރު ނެރުނު ފަނޑިޔާރު، އެ އަމުރުގެ ދަށުން ނަން ފޮރުވާފައި ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިއުން ޤާނޫނާ ޚިލާފެވެ. އަދި މި ބުނުމަށް، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިދޭ ކަމުގައި ނަން ފޮރުވާފައި ބުނެއެވެ. އެ އަކުރުގައި އޮންނަނީ،
"އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް ނަމަ، ހައްޔަރު އަމުރެއް ނެރުނު ފަނޑިޔާރު، އެ އަމުރަކާ ގުޅިގެން ހައްޔަރުކުރެވުނު މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ބެލުމުގައި ބައިވެރިވެގެންނުވާނެއެވެ."
މިފައިންނެވެ. މި އުސޫލު މިފަދައިން ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ބ) ގައިވެސް ބަޔާންވެފައިވާ ކަމުގައްޔާއި، އަދި އެއް ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓުތަކަށް ގަވާއިދުގެ އެ މާއްދާގެ (ރ) އިން ލިބޭ އިސްތިސްނާތަކުގައި ވެސް އެ މާއްދާގެ (ބ) ހިމެނިފައިނުވާކަން ނަން ފޮރުވާފައިގެ ފަރާތުން ފާހަގަ ކުރެއެވެ.
މި ނުކުތާގައި އިތުރަށް ނަން ފޮރުވާފައިގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ހައްޔަރު ކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު، އެ އަމުރާ ގުޅިގެން ބާއްވާ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ބައިވެރި ނުވެ، އެ ހާލަތުގައި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 03 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ޢަމަލުކޮށް، އެ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކުން ބަންދާމެދު ގޮތެއް ނިންމިދާނެ ކަމުގައެވެ. އަދި މިފަދައިން ޢަމަލުކުރުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ވަކިފަރާތަކަށް ނުޖެހި ޝަރީޢަތް ކުރެވުމުގެ ޙައްޤު ހިމާޔަތް ކުރެވި ރައްކާތެރި ކުރެވިގެންދާނެ ކަމުގައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައިވަނީ ކޯޓު އަމުރެއް ހޯދައިގެން މެނުވީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި އެ ފަދަ އަމުރުތައް ދޫކުރުމުގައި އަމަލުކުރާނެ މައިގަނޑު އުސޫލުތަކެވެ. މި މައިގަނޑު އުސޫލުތައް ބަލައިގެން މި އުސޫލުތަކުގެ އިތުރު ތަފުސީލު ބަޔާންކޮށްފައިވަނީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގައެވެ.
ޤާނޫނުގެ 204 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓުތަކާއި، އެއް ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓުތައް ހުރިކަން ދެނެގަނެ އެ ދެ ބާވަތުގެ ކޯޓުތަކަށް ވަކި އުސޫލުތަކެއް ބަޔާން ކޮށްފައިވެއެވެ. މި ގޮތުން އެއް ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓެއްނަމަ، ހަފުތާއެއްގެ ތެރޭގައި އަމުރު ދޫކުރުމަށް ޚާއްޞަ ދުވަސްތަކެއް ކަނޑައެޅުމާއި، ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓުއަމުރު ދޫނުކުރެވޭނެ ގޮތަށް ހަމަޖެހުމާއި، ކޯޓުއަމުރު ދޫކުރުމުގައި ފަނޑިޔާރުން ދައުރުވާންޖެހުން ފަދަ އެ މާއްދާގައި ބަޔާންކޮށްފައިވާ ބައެއް އުސޫލުތަކުން އެންމެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓުތައް އިސްތިސްނާ ކޮށްފައިވެއެވެ.
ދަށު މަރުޙަލާގެ ބައެއް ކޯޓުތަކަކީ، ގިނަފަހަރު ދާއިމީ ގޮތެއްގައި އެންމެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓުތަކެވެ. އަދި އަނެއްބައި ކޯޓުތަކުގައި އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރެއެވެ. އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓުތަކުގައި، ފަނޑިޔާރުންގެ މަސައްކަތްތައް ޤާނޫނުގައި އިންތިޒާމުވެފައި އޮންނަ އުސޫލުތަކުގެ ތެރެއިން ފަނޑިޔާރަކު ޢައްޔަން ކޮށްފައިވާ ކޯޓުގެ މަސައްކަތަށް ނުނިކުންނަ ހާލަތްތައް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އެކިއެކި ޗުއްޓީއާއި، ބަލިވުމުގެ ސަބަބުން ސަލާމުގައި ހުރުންފަދަ ހާލަތްތައް ހިމެނެއެވެ.
އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއްގައި، އެންމެ ފަނޑިޔާރަކު ފިޔަވައި ދެން ތިބި ފަނޑިޔާރުން ޤާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުނިކުންނަ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ބ) ތަޠުބީޤު ނުކުރެވޭނެއެވެ. ނުވަތަ ތަޠުބީޤު ކޮށްފިނަމަ، އެކަމުން ޤާނޫނު ހާސިލު ކުރަން ބޭނުންވާ ނަތީޖާ ހާސިލު ކުރެވިދާނެ ކަމުގައި ނުދެކެމެވެ. މީގެ ވާޤިޢީ މިސާލަކީ ކުރިމަތީގައިވާ މައްސަލައެވެ. މި މައްސަލައިގައި ހިތަދޫ މެޖިސްޓޭޓް ކޯޓުގައި ތިން މެޖިސްޓްރޭޓުން މަސައްކަތް ކުރާއިރު، އެ ތިން މެޖިސްޓްރޭޓުން މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމި ދުވަސްވަރު އެކި ސަބަބުތަކާހުރެ އެ ކޯޓުގައި ރަސްމީ މަސައްކަތަށް ނުނިކުމެއެވެ. އަދި އެ ތިން މެޖިސްޓްރޭޓުންގެ މަސައްކަތުގެ އިތުރުން ސ. ޖުޑީޝަލް ދާއިރާއާ ޙަވާލުވެ ހުރީ މި މައްސަލައިގައި ބަންދުގެ އަމުރާމެދު ގޮތެއް ނިންމި މެޖިސްޓްރޭޓެވެ.
ދެން އޮތް ސުވާލަކީ، މި ހާލަތުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 03 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައްލެއް ލިބިދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ބަލާއިރު، ގަވާއިދުގެ 03 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ފަދަ މެޖިސްޓްރޭޓް ކޯޓަކުން ބަންދާމެދު ގޮތެއް ނިންމެން ނެތް ހާލަތްތައް ކަމުގައި އެ މާއްދާގެ (ނ) ގައި ބުނެފައިވާ ހާލަތެއް މި މައްސަލައިގައި ކުރިމަތިވެފައި ނުވެއެވެ. އެހެނީ މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމަން ތުހުމަތު ކުރެވޭ ފަރާތް ހާޒިރުކުރި ކޯޓުގައި އެވަގުތު މެޖިސްޓްރޭޓަކު މަސައްކަތް ކުރެއެވެ. އަދި ތުހުމަތު ކުރެވޭ މީހާއާ އޮތް ގާތްތިމާގެ ކަމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ، އެ މެޖިސްޓްރޭޓް އެ މައްސަލައިން ތަނާޒުލުވާންޖެހޭ ހާލަތެއް މެދުވެރިވެ، އެކަމާމެދު މި މައްސަލައިގެ ބަހުސް ކުރެވިފައި ނުވެއެވެ. މި ފަދަ ހާލަތެއް ކުރިމަތި ނުވަނީސް އެ މާއްދާގެ (ށ) ގެ ދަށުން ހައްލެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
ކަންމިހެން ހުރިއިރު، ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 204 ވަނަ މާއްދާގެ (ރ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ބ) މާނަ ކުރަންވާނީ، އެ ވަގުތަކު އެ ކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންގެ ޢަދަދުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމުގައި އަހުރެން ދެކެމެވެ. އަދި މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.
ނަން ފޮރުވާފައިގެ ފަރާތުން ފާހަގަ ކުރާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމުގައެވެ. ނަމަވެސް މި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ފުލުހުން ކަމުގައްޔާއި، މިކަން ބަންދާމެދު ގޮތެއް ނިންމުމަށްފަހު، އެ ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުންވެސް ސާފުކޮށް އެނގޭ ކަމުގައެވެ. އެ އަމުރުގައި އަމުރަށް އެދުނު ފަރާތުގެ ގޮތުގައި ލިޔެފައިވަނީ "ދިވެހި ފުލުހުންގެ ޚިދުމަތް" މި ފަދައިން ކަމުގައެވެ. ކަންމިހެން އޮތުމުން މި މައްސަލަ ހުށަހަޅާފައިވަނީ މައްސަލަ ހުށަހެޅުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިނުވާ ފަރާތަކުންކަމުގައި ކަނޑައަޅަންޖެހޭނެ ކަމުގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވާ ޚާއްޞަ އުސޫލުތަކާ އެއްގޮތަށް އެ ޤާނޫނުގެ ދަށުން ތުހުމަތު ކުރެވޭ މީހަކާމެދު ޢަމަލުކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ކުށުގެ ތުހުމަތު ކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައި ދިނުން އެދި ކޮމިޝަނަރ އޮފް ޕޮލިހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެ ކަމުގައި އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވެއެވެ.
އަދި އެ މާއްދާގެ (ށ) ގައި ބަޔާންވެފައިވަނީ، ކޮމިޝަނަރ އޮފް ޕޮލިސް، އެ ފަދައިން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް އެދި ކޯޓަށް ހުށަހަޅައި ދިނުމަށް އެދެފި ހާލަތެއްގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ވީ އެންމެ އަވަހަކަށް އެ ފަދަ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމުގައެވެ.
މި މައްސަލައިގައި ކަންހިނގާފައިވަނީ ޤާނޫނުގައި ބުނެފައިވާ އުސޫލުންކަން ނުވަތަ ނޫންކަމަށް ބަލާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ރިފަރެންސް ނަންބަރު MF/193054 " ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމާ ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލް 25 މާރޗް 2022 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީ ފެށިގެން އަންނަ އިރު، ސިޓީގައި ބަޔާންވެފައިވަނީ ސިޓީގައި، "ޙަވާލާދީފައިވާ ފޯމުން، ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ތިޔަ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ.." މި ފަދައިންނެވެ. މި ޢިބާރާތުން ދޭހަވަނީ މި މައްސަލަ ހުށަހަޅާފައިވަނީ ފުލުހުން ކަމުގައެވެ.
ނަމަވެސް މި ސިޓީގައި މައްސަލައިގެ ތަފުސީލުތައް ބަޔާންކުރުމަށްފަހު "މި މައްސަލައިގައި ތުހުމަތު ކުރެވޭ ނަން ފޮރުވާފައި މައްސަލައިގެ ތަޙްޤީޤު މަރުޙަލާއާއި، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދެއްވުން އެދި ދެންނެވީމެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި މިސިޓީގައި އަޑުއެހުން ތާވަލު ކޮށްދިނުމަށް އެދޭ ވަގުތާއި ތާރީޚާއި، ސިޓީއާއެކު މި މައްސަލައިގައި އެހައިތަނާށް ނެގިފައިވާ ބަޔާންތަކާއި، ތުހުމަތުކުރެވޭ ފަރާތުގެ ހައްޔަރާ ގުޅޭ ލިޔުންތައް ފޮނުވި ވާހަކަ ބަޔާންކޮށްފައިވެއެވެ.
މި ކަންތައްތަކުގެ އިތުރަށް މި މައްސަލައިގައި ބަންދުގެ މުއްދަތު އިތުރު ކުރި ޝަރީޢަތުގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހާޒިރުވެފައިވެއެވެ. އަދި އެ އަޑުއެހުމަށްފަހު ނެރެފައިވާ ބަންދު އަމުރުން އެ އޮފީހުން އެ މަޖިލީހުގައި ބައިވެރިވެފައިވާކަން އެނގެއެވެ. މިހުރިހައި ކަމެއް މިހެން ހުރިނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށްފަހު، ނަން ފޮރުވާފައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ ކޯޓުއަމުރުގައި، އަމުރަށް އެދުނު ފަރާތްކަމުގައި ލިޔެފައިވަނީ، "ދިވެހި ފުލުހުންގެ ޚިދުމަތް" އެވެ.
މި ބަޔާންކުރި ކަންކަމުގެ އަލީގައި، މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކަމުގައި އަހުރެންނަށް ނުފެނެއެވެ. ނަމަވެސް އަހުރެން އެއްބަހެވެ. މި މައްސަލަ ހުށަހެޅުމުގެ އިޖުރާއަތުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. މައްސަލަ ހުށަހެޅުމަށްޓަކައި ފޮނުވާފައިވާ ސިޓީގައި ފުލުހުންގެ ފޯމަކުން ހުށަހެޅިފައިވާ މައްސަލައެކޭ ބަޔާންވެފައި ނުވިނަމަ، އިތުރަށް ފުރިހަމަވީހެވެ. އަދި ނެރުނު އަމުރުގައި އަމުރަށް އެދުނު ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ކަމުގައި އޮތް ނަމަ އިތުރަށް ފުރިހަމަވީހެވެ. ނަމަވެސް މިކަންކަން މިހެން ހުރުމުގެ ސަބަބުން މި އިޖުރާއަތު ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ. އަދި މިއީ ޤާނޫނޫއަސާސީގެ 20 ވަނަ މާއްދާގެ ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
މި ބަޔާންކުރި ކަންކަމުގެ އިތުރަށް މި އައިބުތަކުގެ މަންފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިނުމަށް އަހުރެން ބުރަވެވޭ އަނެއް ސަބަބަކީ، މި މައްސަލައިގައި ނަން ފޮރުވާފައިގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަކަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންވެފައިވާ ކުށްތަކެއް ކަމުގައި ނުވުމެވެ.
ކަންމިހެން ހުރުމުން މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.
ނަން ފޮރުވާފައިގެ ފަރާތުން ފާހަގަކުރާ ތިންވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އަމުރެއް ކުރުމުގެ ކުރިން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް 32 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ބަޔާންވެފައިވާއިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަމުރުގައި އެއިން އެއްވެސް ކަމަކަށް ރިޢާޔަތް ކޮށްފައިނުވާ ކަމުގައްޔާއި، އަދި އެއިން ކަމަކަށް ރިޢާޔަތް ނުކުރި ސަބަބުވެސް އެ އަމުރުގައި ބަޔާންކޮށްފައި ނުވާކަމުގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަންދުގެ އަމުރު ނެރުމުގެ ކުރިން ރިޢާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިފައިވެއެވެ.
ޞިއްޙީ، ނަފްސާނީ، އަދި ސައިކިއޭޓްރީއާގުޅޭ ދާއިރާގެ ތަޖުރިބާކާރުން އެކަމާގުޅޭގޮތުން ދެކޭގޮތް.
ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިވާ ކުށް.
ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުއްޖާގެ ޙާލަތާއި އެ ކުއްޖާގެ އުމުރު.
ކުށް ކޮށްފައިވަނީ ކުޑަކުއްޖާއަށް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކުކަން ނުވަތަ ނޫންކަން.
ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން.
އެކުށް ތަޙްޤީޤުކުރުމަށް އޭނާ އެހީތެރިވެދީފައިވާ މިންވަރު.
ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ޖިނާއީ ކުށުގެ ރެކޯޑު.
ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތުގެ ބޮޑުކަން.
މައްސަލައާ ގުޅުންހުރި އެހެނިހެން ހެއްކާއި ޤަރީނާއާއި ޙާލަތު.
ނަން ފޮރުވާފައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުގައި ތަފުސީލުކޮށް، ފަނޑިޔާރު ރިޢާޔަތްކުރި ކަންކަން ބަޔާންކޮށްފައިވެއެވެ. އެ ކަންކަމުގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތަކީ ކުޑަކުދިން ތަޢުލީމު ހާސިލު ކުރަމުންދާ ސުކޫލެއްގެ ޒިންމާދާރު މަގާމެއްގައި ހުރި މިހެއްކަމާއި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ކުއްޖާގެ ކުރިމަތި ފަރާތުންނާއި ފުރަގަސް ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށާއި، އެ ގެއްލުންތަކަކީ ތާޒާ ގެއްލުންތަކެއް ކަމުގައްޔާއި މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތާއެކު މަސައްކަތްކުރާ އެހެން މީހުން ތިބި ކަމުގައްޔާއި، ތުހުމަތު ކުރެވޭ ފަރާތް ބަންދުގައި ނުބަހައްޓައިފިނަމަ، އޭނާ ބަލަހައްޓަމުންދާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ތުހުމަތު ކުރެވޭ ކުށްފަދަ ކުށެއްގެ ޝިކާރައަކަށް ވެދާނެ ކަމުގައި ބެލެވުން ފަދަ ކަންކަން ބަޔާންކޮށްފައިވެއެވެ.
އަހުރެންވެސް އެއްބަހެވެ. މި ބަޔާންކުރި ހުރިހާކަމެއް މައްސަލަ ބެލި ފަނޑިޔާރު ބަޔާންކުރިއިރު، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، އެ މާއްދާގައިވާ ވަކިވަކި އަކުރުތަކާ ޙަވާލާދީ ބަޔާންކޮށްފައިވާ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް، އެ އަކުރުތައް އަމުރުގައި ލިޔެ، އެ އަކުރުތަކާ ވަކިވަކިން ޙަވާލާ ދީފައި ނެތުމަކީ، އެ ކަންކަމަށް ފަނޑިޔާރު ރިޢާޔަތް ނުކުރާ ކަމުގައި ކަނޑައެޅިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ނުކުތާއާ ގުޅިގެންވެސް ކުރިން އިޝާރާތް ކުރި ގޮތަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމައި އަމުރެއް ނެރެފައިވަނީ، ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންވެފައިވާ ކުށްތަކެއްގެ ތުހުމަތާ ގުޅިގެން އެ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ނޫންކަން ފާހަގަ ކުރަމެވެ.
އެހެންކަމުން މި ނުކުތާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނަން ފޮރުވާފައިގެ ބަންދާމެދު ގޮތެއް ނިންމައި ކޯޓު އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ހެއްކަށް ރިޢާޔަތްކޮށްގެން ކަމުގައި އަހުރެން ދެކެމެވެ. އަދި ހައިކޯޓުގެ އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުދެކެމެވެ. އަދި މިއީ ހައިކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް އަހުރެން ނުދެކެމެވެ.
ނަން ފޮރުވާފައިގެ ފަރާތުން ފާހަގަ ކުރާ އެންމެ ފަހު އިސްތިއުނާފީ ނުކުތާގައި ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޝަކުވާ ކުރި ކުއްޖާގެ ބަހެއް ހުށަހެޅިފައި ނުވާކަމުގައެވެ. އަދި އެ ފަދައިން ކުއްޖާގެ ބަހެއް ހުށަހެޅިފައި ނުވިނަމަވެސް، ކުއްޖާގެ ބަހާއި، އެހެން ހެކިތައް ގުޅުވައިލެވޭ ކަމުގައި އެ ކޯޓުން ނިންމާފައިވަނީ، ކޯޓަށް ހުށަހެޅިފައިނުވާ ހެއްކެއް ހުށަހެޅުނު ކަމަށް ބަލައިގެންނެވެ. އަދި މިކަން މިފަދައިން ހައިކޯޓުގައި ފާހަގަ ކުރުމުން ހައިކޯޓުން މިކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ.
މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބަންދާމެދު ގޮތެއް ނިންމުމަށް ނަން ފޮރުވާފައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރެވުނުއިރު، ޝަކުވާކުރި ކުއްޖާގެ އިންޓަވިއު ވީޑިއޯ ރެކޯޑު ކުރެވިފައިވީ ނަމަވެސް، އެ ކުއްޖާގެ އިންޓަވިއު ބަޔާނެއްގެ ސިފައިގައި އެ ކޯޓަށް ހުށަހެޅިފައި ނުވާކަމުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ޝަކުވާ ކުރި ކުއްޖާ ކިޔައިދީފައިވާ ކަންކަން އެ ކޯޓަށް ހާޒިރުވި ފުލުހުންގެ އޮފިސަރު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ކަމުގައްޔާއި، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ފޯގައި ލިބިފައިވާ ހެކީގެ ގޮތުގައި ކުއްޖާ ބުނާ ބުނުން ހިމެނިފައިވާކަން ވެސް ދައުލަތުން ފާހަގަ ކުރެއެވެ. މިކަންކަމަށް އިސްތިއުނާފު ކުރާ ފަރާތުން އިންކާރެއް ނުކުރެއެވެ. ކަންމިހެން ހުރުމުން ކުއްޖާ ބުނާ ބުނުމަކީ، އެ ބުނުމާމެދު ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެކެވިފައި ނުވާ އެއްޗެއް ކަމުގައި ނުބެލެވޭނެއެވެ.
ޝަކުވާކުރި ކުއްޖާގެ ބަހަކީ، މި މައްސަލައިގައި އެހައިތަނަށް ލިބިފައިވާ ހެކިތަކުގެ ތެރެއިން އެއް ހެއްކެވެ. ބަހުސްގެ ބޭނުމަށްޓަކައި، ކުއްޖާގެ ބަހެއް ހުށަހެޅިފައި ނުވާކަމުގައި ބެލިނަމަވެސް، މި މައްސަލައިގައި ކުއްޖާގެ މަންމައަށް ކުއްޖާއާމެދު ކަންހިނގާފައިވާ ގޮތް ކިޔައިދީފައިވާ ކިޔައިދިނުމާއި، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި، ސުކޫލުގައި ކުއްޖާ ބެލުމާ ޙަވާލުވެ ހުރި ފަރާތުގެ ބަޔާން ހުށަހެޅިފައިވުމުން، މި ހާލަތުގައި ހެކި ހުރުން ޤާނޫނު ލާޒިމު ކުރާ މިންވަރަށް މި ހެކިތަކުން ހެކި ލިބެއެވެ. އަދި މައްސަލަ ބެލި ފަނޑިޔާރުގެ ކުރިމައްޗަށް ވަކި ހެއްކެއް ހުށަހެޅިފައި ނުވުމަކީ، ހުށަހެޅިފައިވާ އެހެން ހެކިތަކުން ލިބޭ ބުރަދަން ނެތިގެން ދާނެ ކަމެއް ނޫނެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތް ކުރުމާމެދު އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާމެދު އެ ކޯޓުން ނިންމާފައިވަނީ އެއް ނިންމުމެކެވެ. އެއީ މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށްގެން ކަމުގައި ނިންމާފައިވާ ނިންމުމެވެ. ކަންމިހެން އޮތުމުން ހައިކޯޓުން މި ނުކުތާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކުރާ ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައިވެސް އަހުރެން ނުދެކެމެވެ.
މަތީގައި ތަފުސީލުކޮށް ބަޔާން މިކުރި ކަންކަން އެ ގޮތަށް ހުރުމުގެ ސަބަބުން މި މައްސަލައިގައި ނަން ފޮރުވާފައިގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2022/HC-B12/40 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 204 ވަނަ މާއްދާގެ (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދު (ގަވާއިދު ނަންބަރު 01-REG-SC-2021 ކަމަށް ޕީޑީއެފްގައި) ގެ 3 ވަނަ މާއްދާގެ (ށ)، (ނ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ބ)، (ރ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)، (ށ)
- ޤާނޫނު ނަންބަރު 12/2009 ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 35 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ، 42 ވަނަ މާއްދާ، 142 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)
- ބެންޗު
- އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 މޭ 2022 · ރަޖިސްޓްރީކުރީ 22 މޭ 2022 · ނިމުނީ 31 މޭ 2022 (9 ދުވަސް)