ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/427
މޫސާ ޢަބްދުއްރަޙީމް ވ. ޢަބްދުﷲ ޢަބްދުއްރަހީމް، 2018/HC-A/427
Moosa Abdul Raheem v. Abdhuﷲ Abdhuraheem 2018/HC-A/427 (2018/HC-A/427, High Court of the Maldives, 18 August 2020)
މޫސާ ޢަބްދުއްރަޙީމް ވ. ޢަބްދުﷲ ޢަބްދުއްރަހީމް
މައްސަލައިގެ ޚުލާޞާ
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ފައިބަރު ދޯންޏާއި ގިރިޓީ ދޯންޏަކީ ތަރިކަ މުދާ ކަމަށް ކަނޑައަޅައި ގޯތީގެ ބައި ހަތްބައިކުޅަ ގޮތަށާއި، ދޯނިތަކާއި ރުއްގަސް ފަސްބައިކުޅަ ގޮތަށް ވާރިޘުންނަށް ބެހިއެވެ.
މަރުޙޫމާ ނިޔާވުމާ ގުޅިގެން ތަރިކަ ބެހުމަށް ފިރިހެން ދަރިއަކު ހުށަހެޅި މައްސަލައެއްގައި، ބަންނަމުންދާ ފައިބަރު ދޯންޏަކީ އޭނާގެ އަމިއްލަ ދޯންޏެއް ކަމަށް އޭނާ ބުނުމާއެކު، އެހެން ވާރިޘުން ބުނީ އެއީ މަރުޙޫމާގެ 'ގިރިޓީ' ދޯނީގެ މަންފާއިން ބަނާ ދޯންޏެއް ކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެހެން ވާރިޘުން ކަމަށާއި، ދޯނި ރަސްމީ ލިޔުންތަކުގައި ރަޖިސްޓްރީވެފައިވަނީ އޭނާގެ ނަމުގައި ކަމަށާއި، ޔަޤީނީ ދަލީލު ނަފީވާނީ ޔަޤީނީ ދަލީލަކުން ކަމަށާއި، ގޭގައި ބެހި ބެހުމަށް ބަލައިގެން ނިންމުން ރަނގަޅުނޫން ކަމަށެވެ.
މައިގަނޑު ސުވާލު
ތަރިކަ ބެހުމުގެ މައްސަލައެއްގައި، ވާރިޘަކުގެ ނަމުގައި ރަސްމީ އިދާރާތަކުން ލިޔުންތައް ދޫކޮށްފައިވާ، ބަންނަމުންދާ ފައިބަރު ދޯންޏަކީ މަރުޙޫމާގެ ތަރިކަ މުދަލުގެ ބައެއްތޯ، އަދި ދޯނި ތަރިކައިގެ މަންފާއިން ބަނުމުގެ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ކޮން ފަރާތަކުންތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި
ދޯނި ގިރިޓީ ދޯނީގެ މަންފާއިން ބަނާކަން ސާބިތުކުރުމުގެ ބުރަ އެ ދަފްޢު ކުރި ވާރިޘުންގެ މައްޗަށް އޮތް ނަމަވެސް އެކަން ސާބިތުވާވަރަށް ހެކި ނެތުމާއި، ދައުލަތުގެ އިދާރާތަކުން ދޫކުރި ހުރިހާ ލިޔުމެއް އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ހުރުމުން، ފައިބަރު ދޯނި އޭނާގެ މިލްކު ކަމަށް ކަނޑައަޅައި ތަރިކައިން އުނިކުރިއެވެ. ގޯތީގެ ބައި ބެހި ގޮތަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތަރިކަ މުދަލުގެ ބައެއްކަމަށް ދަށުކޯޓުގައި ވާރިޘަކު އިޢުތިރާޟުކުރި މުދަލަކާ ގުޅިގެން، އިސްތިއުނާފުގައި އެއްވެސް ޝަކުވާއެއް ނުކުރާނަމަ، އެ މުދަލަކީ ތަރިކައިގެ ބައެއްކަން ހުރިހާ ވާރިޘުން ޤަބޫލުކުރާ ކަމަށް ބެލެވޭނެއެވެ.
- މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނައިގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ހުށަހަޅާ ފަރާތެއް ނޫނެވެ. ދަޢުވާ ރައްދުވާ ފަރާތުން ކުރިމަތިކުރާ ދަފްޢު (plea) ނުވަތަ ދިފާޢީ ދަޢުވާ (counterclaim) ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދަފްޢެއް ކުރާ ފަރާތުންނެވެ.
- މަދަނީ ޚުޞޫމާތްތަކުގައި ކަމެއް ސާބިތުވާ މިންގަނޑަކީ ހުށަހެޅިފައިވާ ހެކި ޤަރީނާ ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެވެ (balance of probabilities). ދަފްޢު ކުރާ ފަރާތްތަކުގެ ބުނުމުގެ އިތުރަށް އެ ކަން ޔަޤީންކަމާއެކު ބުނެދޭ ހެއްކެއް ނެތްނަމަ ދަފްޢު ސާބިތެއް ނުވެއެވެ.
- ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް ދޫކުރާ ރަސްމީ ލިޔުމަކީ، އެ މުދަލުގެ މިލްކުވެރިކަން އެ މީހަކަށް އޮތްކަން ޔަޤީންކަމާއެކު ހާމަކޮށްދޭ، އެންމެންގެ މައްޗަށް އޮތް ދަލީލެކެވެ. އެ ލިޔުމަކީ ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ނުވެއްޓޭނެއެވެ.
- ޔަޤީނީ ޢިލްމު ޙާޞިލުކުރެވޭ ޤާނޫނީ ޙުއްޖަތްތައް ބާޠިލުވެގެން ދާނީ އެފަދަ ޔަޤީނީ ޙުއްޖަތަކުންނެވެ. ކިތާބީ ހެކީގެ ބާރަށްވުރެ ޝަފަހީ ހެކީގެ ބާރު ބަލިކަމުން، ޝަރުޢުން ނުވަތަ ޤާނޫނުން ލިޔުމެއް ލާޒިމުކުރާ ކަންކަމުގައި އަޞްލަކަށް ބަލަންޖެހެނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެވެ.
- ދޯނި ބަނުމަށް އޮޑީ ނަންބަރާއި މާވަޑިޔާ ސެޓްފިކެޓް ފަދަ ދައުލަތުގެ އިދާރާތަކުން ދޫކުރި ހުރިހާ ލިޔުމެއް ވާރިޘަކުގެ ނަމުގައި ވާނަމަ، އެ ދޯންޏަކީ އޭނާގެ މިލްކެއްކަން މަދަނީ މިންގަނޑުން ސާބިތުވެ، އެ ދޯނި މަރުޙޫމާގެ ތަރިކައިގައި ނުހިމެނެއެވެ.
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/02
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/17
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2017/HC-A/15
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/SC-A/23
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2015/HC-A/221
- ބެންޗު
- މުޙައްމަދު ފައިޞަލް، ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް