ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 02
މުޙައްމަދު ޔާސިރު ވ. އިބްރާހީމް ޙަސަން، [2023] SC 02 (2021/SC-A/101)
Mohamed Yaasiru v. Ibrahim Hassan [2023] SC 02 (2021/SC-A/101, Supreme Court of the Maldives, 18 January 2023)
މުޙައްމަދު ޔާސިރު ވ. އިބްރާހީމް ޙަސަން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 2138/Cv-C/2017 ޤަޟިއްޔާއިން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބަދަލު ނުލިބޭ ނަމަވެސް އަދާލަތުގެ ހަމަތަކުން، ސާބިތުވި ބިލުގެ ޚަރަދުން ދައްކަންޖެހޭ ކުލި އުނިކޮށް 156,839 ރުފިޔާ ނަގައިދިނެވެ. ހައިކޯޓުގެ 2019/HC-A/122 ޤަޟިއްޔާއިން އެ ޙުކުމަށް ތާއީދުކުރިއެވެ.
މުޙައްމަދު ޔާސިރު ކުއްޔަށް ހިފާފައިވާ ޢިމާރާތެއްގެ ގްރައުންޑް ފްލޯރ ރެސްޓޯރަންޓެއް ހެދުމަށް އިބްރާހީމް ޙަސަނަށް ކުއްޔަށް ދިނެވެ. 2 މަހުގެ ކުލި ނުދެއްކުމުން އެއްބަސްވުމުގެ 1 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށް ތަން އަނބުރާ ހޯދިއިރު، އިބްރާހީމް ޙަސަން ތަނަށް ކުރި ޚަރަދު ދޭން ލިޔުމަކުން އެއްބަސްވި ނަމަވެސް ނުދިނުމުން، އެ ޚަރަދާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރިއެވެ.
މުޙައްމަދު ޔާސިރު ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުމާ ޚިލާފުވި ފަރާތަށް ބަދަލު ނުލިބޭނެ ކަމަށާއި، އެކުއިޓީގެ ދަށުންވެސް ބަދަލު ދެވޭނީ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް ކަމަށާއި، ޚަރަދު ހެކިން ސާބިތުވެފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރެވުނު ކުއްޔަށް ހިފި ފަރާތަށް، ކުއްޔަށް ހިފި ތަނަށް ކުރި ޚަރަދު ނުޙައްޤު މުއްސަނދިކަމުގެ (unjust enrichment) އުސޫލުތަކުގެ ދަށުން ކުއްޔަށްދިން ފަރާތުން ނަގައިދެވޭނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ ނަގައިދީފައިވާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން ނުވަތަ ކޮންޓްރެކްޓާ ޚިލާފުވުމުގެ ގެއްލުމުގެ ބަދަލު ނޫން، ނުޙައްޤު މުއްސަނދިކަމުގެ ސަބަބުން ދެވޭ ރެސްޓިޓިޔުޝަން ކަމަށާއި، އެ ޝަރުޠުތައް މި މައްސަލައިގައި ފުރިހަމަވާ ކަމަށެވެ. ކޮންޓްރެކްޓާ ޚިލާފުވި ފަރާތަކީ މިފަދަ ޚަރަދު ހޯދުމުން މަޙްރޫމްވާ ފަރާތެއް ނޫންކަމަށާއި، ޚަރަދު ސާބިތުވި ގޮތުގައި ޤާނޫނީ ކުށެއް ނެތްކަމަށާއި، އިސްތިއުނާފުގައި އަލަށް ހުށަހެޅި ބަހުސް ބަލައި ނުގަނެ، ހައިކޯޓުގެ ޙުކުމް ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ނުޙައްޤު މުއްސަނދިކަން ނުވަތަ ބޭއިންސާފު މަންފާ (unjust enrichment) (މީގެ ފަހުން "ނުޙައްޤު މުއްސަނދިކަން") އާ ގުޅޭ ޤާނޫނީ އުސޫލުތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު، ޓޯޓް ނުވަތަ މިނޫންވެސް އެހެން ޤާނޫނުތަކާ މުޅިން ތަފާތު، ވަކި ޤާނޫނީ ގޮތްޕެކެވެ. ނުޙައްޤު މުއްސަނދިކަމާ ގުޅޭ ދަޢުވާއެއް ކުރެވޭނީ އެފަދަ ދަޢުވާއެއް ރައްދުވާ ފަރާތަށް، ދަޢުވާކުރާ ފަރާތުގެ ކިބައިން ލިބުނު ނުޙައްޤު މުއްސަނދިކަމެއް ރެސްޓިޓިޔުޝަން (restitution) މެދުވެރިކޮށް އަނބުރާ ހޯދުމަށެވެ. މިފަދަ ދަޢުވާއެއް މަދަނީ ގޯހެއް (civil wrong) ގެ މައްޗަށް ބިނާވާކަށް ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [31])
- ނުޙައްޤު މުއްސަނދިކަމާގުޅޭ ދަޢުވާއެއްގެ ފަރުވާއަކީ ރެސްޓިޓިޔުޝަންއެވެ. ރެސްޓިޓިޔުޝަންއަކީ ދަޢުވާ ލިބޭ ފަރާތުން ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަން އަނބުރާ ދަޢުވާކުރާ ފަރާތަށް ރައްދު ކޮށްދިނުމެވެ. މިއީ ކޮންޓްރެކްޓެއްގެ ދަށުން ނުވަތަ ޓޯޓް ޤާނޫނުގެ ދަށުން ހޯދުމަށް އެދި ދަޢުވާކުރާ ގެއްލުމުގެ ބަދަލާ މުޅިން ތަފާތު އެއްޗެކެވެ. ... ގެއްލުމުގެ ބަދަލު ކަނޑައެޅުން މަދަނީ ގޯހެއްގެ މައްޗަށް ބަރޯސާވި ނަމަވެސް، ނުހައްޤު މުއްސަނދިކަމަކީ ކޮންމެހެން ދަޢުވާ ލިބޭ ފަރާތުގެ ކުށެއް އޮވެގެން އުފަންވާ އެއްޗެއް ނޫނެވެ. އަދި ދަޢުވާ ލިބޭ ފަރާތުގެ ކުށެއް ދެއްކުންވެސް ކޮންމެހެން ލާޒިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [32])
- ނުޙައްޤު މުއްސަނދިކަމަކީ ދަޢުވާކުރުން ބިނާވާ އަސާސެއް (ކޯޒް އޮފް އެކްޝަން) ކަމުގައިވާއިރު، ރެސްޓިޓިޔުޝަން ނުވަތަ ރައްދުކުރުމަކީ މައްސަލައަކަށް ދެވޭ ފަރުވާ، ނުވަތަ (ރެމެޑީ) އެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [34])
- ކޮންޓްރެކްޓުގެ ޤާނޫނުން ވިޔަސް ނުވަތަ އެ ނޫން އެހެން ޤާނޫނެއްގެ ދަށުންވިޔަސް، ހައްލެއް ނުލިބޭ ހާލަތްތަކުގައި، ނުޙައްޤު މުއްސަނދިކަމުގެ އުސޫލުތަކުގެ ދަށުން އެއް ފަރާތަށް ޙައްޤުނުވާ މަންފާއެއް، އެމަންފާގެ ހައްޤުވެރިފަރާތަށް އަނބުރާ ރައްދުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުވެސް ބަލައިގަންނަ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [36])
- މީހަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބިފައިވާކަން ކަނޑައެޅުމަށްޓަކައި މައިގަނޑު 4 ޝަރުޠެއް ފުރިހަމަވާންޖެހެއެވެ. ... އެ މުއްސަނދިކަމަކީ ދަޢުވާކުރާ ފަރާތުގެ ހެވަތުގައި ލިބިފައިވާ މުއްސަނދިކަމެއް ކަމުގައިވުން، އެ މުއްސަނދިކަމަކީ ނުޙައްޤު މުއްސަނދިކަމެއް ކަމުގައިވުން، (ޙުކުމްގެ ޕެރެގްރާފް ނަންބަރު [37]–[39])
- ކޮންޓްރެކްޓަކާ ޚިލާފުވާ ފަރާތެއް އޭނާ އެ ކޮންޓްރެކްޓާ ޚިލާފުވީތީ މި ބާވަތުގެ ޚަރަދު ހޯދުމަކުން މަހްރޫމްނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [49])
- ނުޙައްޤު މުއްސަނދިކަމަށް ނަގައިދެވޭ ރެސްޓިޓިޔުޝަންގެ ފަރުވާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ގުޅުމެއްވާކަމެއް ނޫނެވެ. ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބޭ ގެއްލުމަކަށް ބަދަލު ނަގައިދިނުމެއްވެސް ނޫނެވެ. މިއީ، މައްސަލައިގެ އެއް ފަރާތުގެ ކިބައިން އަނެއް ފަރާތަށް ނުޙައްޤުން ލިބޭ މަންފާއެއް އަނބުރާ ހޯދައިދިނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [51])
- މި ވާހަކަތަކަކީ މުޙައްމަދު ޔާސިރުގެ ފަރާތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން، މިއީ މި މަރުޙަލާގައި އަލަށް ހުޅުވާލެވިދާނެ ބަހުސެއްކަމުގައި އަހުރެން ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [59])
މުޙައްމަދު ޔާސިރު ވ. އިބްރާހީމް ޙަސަން
[1]މި މައްސަލައަކީ މާލެ، މުޙައްމަދު ޔާސިރުއާއި، ރ. ކަނދޮޅުދޫ، ހިރުނދުއައްސޭރި، އިބްރާހީމް ޙަސަންއާ ދެމެދު ކުރެވިފައިވާ ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އުފެދިފައިވާ ޚުސޫމާތަކާ ގުޅޭ މައްސަލައެކެވެ.
[2]މ. ސްލީޓް އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރގައި ހަދާފައިވާ ތަން ކުއްޔަށް ދިނުމަށްޓަކައި މުޙައްމަދު ޔާސިރުއާއި އިބްރާހީމް ޙަސަންއާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ އެއްގޮތަށް 2 (ދޭއް) މަސް ދުވަހުގެ ކުލި އިބްރާހީމް ޙަސަން ނުދައްކާކަމަށް ބުނެ، ޢިމާރާތުގެ ތަޅުދަނޑި އަތުލާފައިވާތީ، ތަޅުދަނޑި އަތުލިއިރު، ކުއްޔަށް ހިފި ބައިގައި ރެސްޓޯރަންޓެއް ހެދުމަށްޓަކައި އިބްރާހީމް ޙަސަން ކޮށްފައިވާ ޚަރަދު ހޯދުމަށާއި، ތަޅުދަނޑި އަތުލުމުގެ ސަބަބުން ރެސްޓޯރަންޓް ނުހުޅުވި ހިނގާ ދުވަސްތަކަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް އިބްރާހީމް ޙަސަންގެ ފަރާތުން މުޙައްމަދު ޔާސިރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އިބްރާހީމް ޙަސަންއަށް އެ ޢިމާރާތުގައި ކޮށްފައިވާ ޚަރަދު ނަގައިދިނުމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާ މުޙައްމަދު ޔާސިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
[3]މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޔާސިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން އެ މައްސަލައާމެދު ނިންމިގޮތެވެ.
[4]އިބްރާހީމް ޙަސަންއާއި މުޙައްމަދު ޔާސިރުއާ ދެމެދު 14 ފެބްރުއަރީ 2016 ގައި ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުން ވެވުނީ މ. ސްލީޓް އެވެ ކިޔާ ގޯތީގެ ޢިމާރާތުގެ ތިރީގައިވާ ބައި ވިޔަފާރީގެ ބޭނުމަށް ކުއްޔަށްދިނުމަށެވެ. މުޙައްމަދު ޔާސިރުއަކީ ކުއްޔަށްދިން ފަރާތެވެ. އަދި އިބްރާހީމް ޙަސަންއަކީ ކުއްޔަށް ހިފި ފަރާތެވެ. ތަނަކީ މުޙައްމަދު ޔާސިރުގެ މިލްކު ތަނެއް ނޫނެވެ. އެތަނަކީ މުޙައްމަދު ޔާސިރުވެސް މ. ސްލީޓްގެ ވެރިފަރާތުގެ ކިބައިން ކުއްޔަށް ހިފާފައިވާ ތަނެކެވެ.
[5]އެއްބަސްވުމުގެ 1 ވަނަ މާއްދާގައިވާ ގޮތުން ތަނުގެ ކުއްޔަކީ މަހަކު 25,000/-ރ. (ފަންސަވީސް ހާސް ރުފިޔާ) އެވެ. އަދި ކޮންމެ މަހެއްގެ ވެސް 13 (ތޭރަ) ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންވާނެކަމަށާއި، ކުލި ނުދައްކައި 02 (ދޭއް) މަހަށް ވުރެ އިތުރުވެއްޖެނަމަ، އެއްބަސްވުން ބާޠިލުކުރެވޭނެކަމަށް އެ މާއްދާގައި އޮވެއެވެ.
[6]އެއްބަސްވުމުގައިވާ ގޮތަށް އިބްރާހީމް ޙަސަންގެ ފަރާތުން 02 (ދޭއް) މަސް ދުވަހުގެ (އެއީ 2016 ގެ އެޕްރިލް އަދި މެއި މަހުގެ) ކުލި ނުދައްކާތީ، އެއްބަސްވުން ބާޠިލުކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ޙަވާލުކުރުމަށް މުޙައްމަދު ޔާސިރު އެންގިއެވެ. އޭރު، އިބްރާހީމް ޙަސަންގެ ފަރާތުން ރެސްޓޯރަންޓެއް ހިންގުމަށްޓަކައި އެތަނަށް ޚަރަދުތަކެއް ކޮށްފައިވާކަމަށް އިބްރާހީމް ޙަސަން ބުނެއެވެ. އަދި ތަނުގެ ތަޅުދަނޑި ޙަވާލުކުރުމަށް އިންކާރުކުރުމުން، އެތަނަށް ކޮށްފައިވާ ޚަރަދު ދޭނެކަމަށް މުޙައްމަދު ޔާސިރު އެއްބަސްވެ، 15 ޖޫން 2016 ގައި ލިޔުމެއްގައި ސޮއިކުރުމުން، ތަނުގެ ތަޅުދަނޑި އިބްރާހީމް ޙަސަން މުޙައްމަދު ޔާސިރުއާ ޙަވާލުކުރިއެވެ. ނަމަވެސް، ތަނަށް ކޮށްފައިވާ ޚަރަދުގެ އެއްވެސް މިންވަރެއް ދީފައިނުވާތީ، އިބްރާހީމް ޙަސަން ކޮށްފައިވާ ޚަރަދު ހޯދުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އިބްރާހީމް ޙަސަންގެ ފަރާތުން މުޙައްމަދު ޔާސިރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާއިންނެވެ.
[7]އިބްރާހީމް ޙަސަންގެ ފަރާތުން މ. ސްލީޓް ގްރައުންޑް ފްލޯރއިން ކުއްޔަށް ހިފާފައިވާ ތަނަށް ކޮށްފައިވާ ޚަރަދު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާގައި ނިންމީ، އިބްރާހީމް ޙަސަންގެ ފަރާތުން އެތަނަށް ކޮށްފައިވާ ޚަރަދު ނަގައިދިނުމަށެވެ. ސިވިލް ކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[8]އެއްބަސްވުމުގެ ދަށުން ކުލި އަދާކުރުމުގެ މައްޗަށް އޮންނަ މާއްދާއަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްކަމާއި، އިބްރާހީމް ޙަސަންގެ އިޢުތިރާފުން 02 (ދޭއް) މަސް ދުވަހުގެ ކުލި ނުދައްކައިވާކަން އެނގެން އޮންނަކަމާއި، މިއީ އެއްބަސްވުމުގެ 1 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވާ ސަބަބެއްކަން.
[9]މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ބާޠިލުކޮށްފައިވަނީ އިބްރާހީމް ޙަސަންގެ ފަރާތުން އެއްބަސްވުމުގެ 1 ވަނަ މާއްދާއާ ޚިލާފުވުމުގެ ސަބަބުންކަމާއި، މި މައްސަލައިގައި ތަނުގެ ތަޅުދަނޑި ލިބިގަތުމަށް އެދޭކަމަށް އިބްރާހީމް ޙަސަންގެ ފަރާތުން ބުނެފައިވީނަމަވެސް، ދެފަރާތުގެ ދެމެދުގައި ވެވުނު ކުލީގެ އެއްބަސްވުން ބާޠިލުކޮށްފައިވާތީ، އެ އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ތަނުގެ ތަޅުދަނޑި އިބްރާހީމް ޙަސަންއާ ޙަވާލުކުރުމަށް އަންގާނޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން.
[10]އިބްރާހީމް ޙަސަންގެ ފަރާތުން ތަނަށް ކޮށްފައިވާ ޚަރަދާއި، ރެސްޓޯރަންޓެއް ނުހުޅުވުމުގެ ސަބަބުން ވަމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާއިރު، މި މައްސަލައިގައި ކުލީގެ އެއްބަސްވުމާއި ޚިލާފުވި ފަރާތަކީ އިބްރާހީމް ޙަސަން ކަމުގައިވުމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ޖާގަ ލިބިނުދޭކަމާއި، އެއްބަސްވުން ބާޠިލުކުރާ ޙާލަތެއްގައި ތަނަށް ކޮށްފައިވާ ޚަރަދަކާމެދު ޢަމަލުކުރުމަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވެފައިވާކަން އެނގޭފަދަ މާއްދާއެއް ހިމެނިފައިނުވާކަމާއި، ތަނަށް ކޮށްފައިވާ ޚަރަދު ނަގައިދިނުމާމެދު އެއްބަސްވުމުގެ ދަށުން ދެވޭނެ ފަރުވާއެއް (contractual remedy) ނެތްނަމަވެސް، އިބްރާހީމް ޙަސަންގެ ފަރާތުން އެ ބުނާ ޚަރަދަކީ ޙަޤީޤަތުގައިވެސް އެފަރާތުން ކުރި ޚަރަދެއް ކަމުގައިވާނަމަ، އެއްބަސްވުން ބާޠިލުވުމަށްފަހު އޭގެ މަންފާ ފޯރާނެ ފަރާތަކީ ތަން އެފަރާތެއްގެ ހިޔާޒަތުގެ ދަށަށް ދާނޭފަރާތް (މި މައްސަލައިގައި މުޙައްމަދު ޔާސިރު) ކަން އެނގެން އޮންނާތީ، އެކަމުގައި އަދާލަތު (equity) ގެ ހަމަތަކާއި، އުޞޫލުތަކަށް ރިޢާޔަތްކުރުމާއެކު، ތަނަށް ޚަރަދެއްކޮށްފައިވާނަމަ އެފަދަ ޚަރަދެއް ޝަރީޢަތް މެދުވެރިކޮށް ނަގައިދިނުމުގައި ޝަރުޢީ އަދި ޤާނޫނީ ހުރަހެއްނެތްކަން.
[11]އިބްރާހީމް ޙަސަންގެ ފަރާތުން "ހެކިންގެ ލިސްޓް" އާ އެކު ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު MSC/B.001 (14 އެޕްރީލް 2016) ފައިސާގެ ބިލު ފިޔަވައި، އެހެން އެއްވެސް ބިލަކީ އިތުރު ހެއްކާއި ނުލައި، ކުއްޔަށް ހިފާފައިވާ ތަނުގައި ޚަރަދެއްކުރިކަން ސާބިތުކޮށްދެވޭ ފަދަ ހެއްކަކަށްނުފުދޭ ސަބަބަށްޓަކައި، މި މައްސަލައިގައި ޝަރީޢަތުން ނަގައިދެވޭނީ ބުނެވުނު ބިލުގައިވާ ފައިސާގެ ޢަދަދު ކަމުގައިވާ 228,589/-ރ. (ދެ ލައްކަ އަށާވީސް ހާސް ފަސް ސަތޭކަ އަށްޑިހަނުވައެއް ރުފިޔާ) ކަން.
[12]މި މައްސަލައިގައި އިބްރާހީމް ޙަސަންގެ ފަރާތުން މުޙައްމަދު ޔާސިރުއަށް ލިބިދެވެންޖެހޭ ޖުމްލަ ފައިސާގެ ޢަދަދަކީ 71,750/-ރ. (ހަތްދިހަ އެއްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ކަމާއި، އިބްރާހީމް ޙަސަންއަށް ޝަރީޢަތުން ނަގައިދޭ 228,589/-ރ. (ދެ ލައްކަ އަށާވީސް ހާސް ފަސް ސަތޭކަ އަށްޑިހަނުވައެއް ރުފިޔާ) އިން 71,750/-ރ. (ހަތްދިހައެއް ހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އުނިކުރުމުން، މުޙައްމަދު ޔާސިރުގެ ފަރާތުން އިބްރާހީމް ޙަސަންއަށް ދޭންޖެހޭ ފައިސާއަކީ 156,839/-ރ. (އެއް ލައްކަ ފަންސާސްހަ ހާސް އަށް ސަތޭކަ ތިރީސްނުވައެއް ރުފިޔާ) ކަން.
[13]މުޙައްމަދު ޔާސިރުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާގައި ނިންމީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[14]ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ތަން ކުއްޔަށް ހިފާފަރާތުން ތަނަށް ކުރާ ޚަރަދު، ކުއްޔަށްދޭ ފަރާތުން އަނބުރާ ދޭންޖެހޭނެކަމަށް ބަޔާންވެގެންވާ މާއްދާއެއް ހިމެނިގެން ނުވާކަމަށާއި، އަދި ކުއްޔަށްދޭ ފަރާތުން ތަން އަތުލާ ޙާލަތުގައި ކުއްޔަށް ހިފި ފަރާތުން ތަނަށް ކޮށްފައިވާ ޚަރަދު ކުއްޔަށްދިން ފަރާތުން ދޭންނުޖެހޭނެކަމަށްވެސް ބަޔާންކޮށްފައިނުވާކަން.
[15]ސިވިލް ކޯޓުން ބަދަލު ނަގައިދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނޫންކަމަށާއި، އެ ފައިސާއަކީ އަދާލަތު (equity) ގެ ހަމަތަކުގެ މަތިން، ނަގައިދީފައިވާ ފައިސާއެއް ކަމުގައިވާއިރު، މި ފައިސާ ނަގައިދީފައިވަނީ އަދާލަތުގެ ހަމަތަކުގެ ތެރެއިން ކޮން ހަމައަކާ ޚިލާފަށްކަން މުޙައްމަދު ޔާސިރުގެ ފަރާތުން ބުނެފައިނުވާކަން.
[16]އެއްބަސްވުމެއްގައި އެއްފަރާތުން ވެފައިވާ ޚިލާފެއް އޮތްކަމުގައިވީނަމަވެސް، އެއްބަސްވުން ހުރަސްނާޅާ ޙާލަތުގައި އަދާލަތުގެ ހަމަތަކުގެ މަތިން ޢަދުލުވެރި ބަދަލެއް ލިބިދިނުމަށް ޤާނޫނީ ހުރަހެއް ނެތްކަން.
[17]ސިވިލް ކޯޓުން ރިޢާޔަތްކުރި މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލަކީ 02 ފެބްރުއަރީ 2016 ގެ ބިލެއްކަމަށާއި، އެ ބިލަކީ އެއްބަސްވުން ވުމުގެ ކުރީގެ ތާރީޚެއްގެ ބިލެއްކަމުން، އެ ތަނުގައި މަސައްކަތްކުރިކަމާމެދު ސުވާލު އުފެދޭކަމަށް މުޙައްމަދު ޔާސިރުގެ ފަރާތުން ބުނެފައިވާއިރު، ބިލުގައިވާ ތަފުސީލުތަކަށާއި، އެ ބިލަކީ 16 އެޕްރީލް 2016 ގައި ފައިސާ ދައްކާފައިވާ ބިލެއްކަން އެނގެން އޮތުމާއި، އަދި ސިވިލް ކޯޓުގައި ހެކިބަސް ދިން ދަފްތަރު ނަންބަރު 5428، މުސާދީދީގެ ހެކިބަހުން، އެ ތަނުގައި މަސައްކަތް ކުރިކަމުގެ މައްޗަށް ބާރުލިބޭތީ، އިބްރާހީމް ޙަސަންގެ ފަރާތުން އެ ޚަރަދު ކުރިކަމަށް މަދަނީ މިންގަނޑުން ބުރަވެވޭކަމަށާއި، އަދި ބިލުގައިވާ ފައިސާއާމެދު ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށްކަން.
[18]ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް މުޙައްމަދު ޔާސިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސުޕްރީމް ކޯޓުގައި އަންނަނިވި 3 (ތިނެއް) ނުކުތާއާމެދު ވާހަކަދައްކާފައިވެއެވެ.
[19]ކޮންޓްރެކްޓެއްގެ ދެބައިވެރިން ޢަމަލުކުރަންޖެހެނީ ކޮންޓްރެކްޓުގައި ބުނެފައިވާ ޝަރުތުތަކާ އެއްގޮތަށްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އިން އެނގޭއިރު، އަދި ކޮންޓްރެކްޓެއްގެ ދަށުން ގެއްލުމުގެ ބަދަލު ދޭންޖެހެނީ ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކޮށްފައިވާ ފަރާތެއްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އެއްބަސްވުމާ ޚިލާފުވެފައިވަނީ އިބްރާހީމް ޙަސަން ކަމުގައިވާއިރު، އެއްބަސްވުމާ ޚިލާފުނުވާ މައުސޫމް ފަރާތް ބަދަލުދޭން ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[20]އެކުއިޓީ ނުވަތަ އަދާލަތުގެ ހަމަތަކުންވެސް ބަދަލެއް ނަގައިދިނުމުގައި، ބަލަންޖެހޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ކަމުގައިވާއިރު، އެކުއިޓީގެ ހަމަތަކުގެ މަތިން ބަދަލު ދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ކޮންޓްރެކްޓް ލޯގައި އެކުއިޓީގެ މަފްހޫމް ބޭނުންކުރާގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[21]އިބްރާހީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލަށް ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ އެ މަސައްކަތްކުރިކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހެޅުމެއްނެތި، އަދި ވަށައިގެންވާ ކަންކަމަށް އެންމެ ފުރިހަމައަށް ރިއާޔަތްކުރުމެއްނެތި ކަމުގައިވާތީ، މި ނިންމުން ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާގައިވާ މަދަނީ މައްސަލަ ސާބިތުކުރުމުގެ އުސޫލާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[22]ކޮންޓްރެކްޓެއްގެ ދެބައިވެރިން ޢަމަލުކުރަންޖެހެނީ ކޮންޓްރެކްޓުގައި ބުނެފައިވާ ޝަރުތުތަކާ އެއްގޮތަށްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ކަމަށާއި، ކޮންޓްރެކްޓެއްގެ ދަށުން ގެއްލުމުގެ ބަދަލު ދޭންޖެހެނީ ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކޮށްފައިވާ ފަރާތްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނާތީ، މި މައްސަލައިގައި މުޙައްމަދު ޔާސިރު، އިބްރާހީމް ޙަސަންއަށް ބަދަލުދޭންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މުޙައްމަދު ޔާސިރު ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
[23]އެގޮތުން މި ކޯޓަށް ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާގައި މުޙައްމަދު ޔާސިރުގެ މައިގަނޑު ޝަކުވާއަކީ، ދެފަރާތުގެ ދެމެދުގައިވެވުނު އެއްބަސްވުން ބާޠިލުކުރީ އިބްރާހީމް ޙަސަން އެއްބަސްވުމުގައިވާގޮތުގެ މަތިން 2 މަސް ދުވަހުގެ ކުލި ނުދައްކައި، އެއްބަސްވުމާ ޚިލާފުވުމުން ކަމުގައިވާތީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް މައުސޫމް ފަރާތުން ބަދަލުދޭން ކޯޓުން ކަނޑައެޅުމުންނެވެ.
[24]މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި މައްސަލަ ޖެހުނީ އިބްރާހީމް ޙަސަން ވިދިވިދިގެން 2 މަސް ދުވަހުގެ ކުލި ނުދެއްކުމުންނެވެ. ދެފަރާތުގެ ދެމެދުގައިވެވުނު އެއްބަސްވުމުގައިވާ ގޮތުން ކުލި ނުދައްކައި 2 މަހަށްވުރެ ގިނަވާނަމަ، އެއްބަސްވުން ބާޠިލުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
[25]އިބްރާހީމް ޙަސަން 2 މަސް ދުވަހުގެ ކުލި ނުދެއްކުމުން، ތަން އަނބުރާ ހޯދުމަށް މުޙައްމަދު ޔާސިރު މަސައްކަތްކުރިއެވެ. އިބްރާހީމް ޙަސަން، މުޙައްމަދު ޔާސިރުއާ ތަޅުދަނޑި ހަވާލުކުރީ ދެފަރާތުން ލިޔުމެއްގައި ސޮއިކުރުމަށްފަހުގައެވެ. މި ލިޔުމުގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ޙަސަން 2 މަސް ދުވަހުގެ ކުލި ނުދައްކާ ކަމަށާއި، ނަމަވެސް ތަނުގެ ތަޅުދަނޑި މުޙައްމަދު ޔާސިރުއަށް ދިނުމަށް އެއްބަސްވަނީ ދެފަރާތުންކުރެ އެއްވެސް ފަރާތަކުން އަނެއް ފަރާތަށް ދޭންޖެހޭ ގެއްލުމުގެ ބަދަލެއްވާނަމަ، އެ ބަދަލު ދިނުމަށް އެއްބަސްވުމަށްފަހުގައި ކަމަށެވެ.
[26]އެހެންކަމުން، މ. ސްލީޓްގެ ގްރައުންޑް ފްލޯރ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ނިމުމަކަށްގެނައީ އެ އެއްބަސްވުމުގައި ސޮއިކުރިތާ 4 މަސް ފަހުންނެވެ. އަދި އެއިގެ ފަހުން ތަން ހުރީ ތަން ކުއްޔަށް ދިން ފަރާތްކަމުގައިވާ މުޙައްމަދު ޔާސިރުގެ ބެލުމުގެ ދަށުގައެވެ.
[27]މުޙައްމަދު ޔާސިރުއާއި އިބްރާހީމް ޙަސަން މ. ސްލީޓް އެވެ ކިޔާ ގޯތީގެ ގްރައުންޑް ފްލޯރ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރީ 14 ފެބްރުއަރީ 2016 ގައި ކަމުގައިވާއިރު، އެ އެއްބަސްވުން ނިމުމަކަށްގެނައީ 15 ޖޫން 2016 ގައެވެ.
[28]އެއްބަސްވުން ނިމުމަކަށް ގެނައި ތާރީޚަށް ފަހު 1 (އެކެއް) އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވި ފަހުން، 8 ސެޕްޓެމްބަރު 2017 ގައި ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާއިން އިބްރާހީމް ޙަސަން، މުޙައްމަދު ޔާސިރުގެ މައްޗަށް ދަޢުވާކުރިއެވެ. އިބްރާހީމް ޙަސަން ކުރި ދަޢުވާގައި ވަނީ މި ދެފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައީ ލިޔުމެއްގައި ސޮއިކޮށް، އެއްފަރާތުން އަނެއް ފަރާތަށް ބަދަލު ދޭން އެއްބަސްވެފައިކަމަށް ވީނަމަވެސް، މުޙައްމަދު ޔާސިރު، އިބްރާހީމް ޙަސަންއަށް ދަޢުވާކުރި ތާރީޚާ ހަމައަށް ބަދަލެއް ނުދޭކަމަށެވެ. އެގޮތުން، އެތަނުގައި ރެސްޓޯރަންޓެއް ހުޅުވުމަށްޓަކައި އިބްރާހީމް ޙަސަން ބޮޑު ޚަރަދެއް ކުރިކަމަށާއި، ނަމަވެސް އެއަށް ބަދަލު ދިނުމެއް ނެތި މުޙައްމަދު ޔާސިރު ތަޅުދަނޑި ގެންގޮސްފައިވާތީ، އިބްރާހީމް ޙަސަން ސިވިލް ކޯޓުގައި އެދުނީ، ތަނަށް ކޮށްފައިވާ ޚަރަދު ހޯދުމަށާއި، ރެސްޓޯރަންޓް ނުހުޅުވިދާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށާއި އަދި ތަނުގެ ތަޅުދަނޑި އަނބުރާ ހޯދުމަށެވެ.
[29]މި ގަޒިއްޔާގެ ޕެރެގްރާފް 7 ގައި ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް ފާހަގަކޮށްފައިވާނެއެވެ. އެ ކޯޓުން މައިގަނޑު ގޮތެއްގައި ނަގައިދީފައިވަނީ ހަމައެކަނި އިބްރާހީމް ޙަސަން ކުރި ޚަރަދުގެ ތެރެއިން އެ ކޯޓަށް ސާބިތުވާކަމަށް ކަނޑައެޅި ޢަދަދެވެ. އަދި މި ޢަދަދުގެ ތެރެއިންވެސް، އެއްބަސްވުމުގެ ދަށުން އިބްރާހީމް ޙަސަން، މުޙައްމަދު ޔާސިރުއަށް ދައްކަންޖެހޭ އެހެނިހެން ފައިސާގެ ޢަދަދު ކަނޑާފައިވެއެވެ.
[30]އިބްރާހީމް ޙަސަން ތަނަށްކުރި ޚަރަދު ނަގައިދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނޫންކަމަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ތަކުރާރުކޮށް ބުނެފައިވެއެވެ. މިދެ ކޯޓުންވެސް މި މައްސަލައިގައި ހައްލެއް ހޯދައިދިނުމަށް ރިޢާޔަތްކޮށްފައިވަނީ ނުޙައްޤު މުއްސަނދިކަމާ ގުޅޭ އުސޫލުތަކަށްކަން ފާހަގަކުރެވެއެވެ.
[31]ނުޙައްޤު މުއްސަނދިކަން ނުވަތަ ބޭއިންސާފު މަންފާ (unjust enrichment) (މީގެ ފަހުން "ނުޙައްޤު މުއްސަނދިކަން") އާ ގުޅޭ ޤާނޫނީ އުސޫލުތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު، ޓޯޓް ނުވަތަ މިނޫންވެސް އެހެން ޤާނޫނުތަކާ މުޅިން ތަފާތު، ވަކި ޤާނޫނީ ގޮތްޕެކެވެ. ނުޙައްޤު މުއްސަނދިކަމާ ގުޅޭ ދަޢުވާއެއް ކުރެވޭނީ އެފަދަ ދަޢުވާއެއް ރައްދުވާ ފަރާތަށް، ދަޢުވާކުރާ ފަރާތުގެ ކިބައިން ލިބުނު ނުޙައްޤު މުއްސަނދިކަމެއް ރެސްޓިޓިޔުޝަން (restitution) މެދުވެރިކޮށް އަނބުރާ ހޯދުމަށެވެ. މިފަދަ ދަޢުވާއެއް މަދަނީ ގޯހެއް (civil wrong) ގެ މައްޗަށް ބިނާވާކަށް ނުޖެހެއެވެ. މިސާލަކަށް ކޮންޓްރެކްޓަކާ ޚިލާފުވާ ފަރާތުގެ މައްޗަށް މައުސޫމް ފަރާތުންކުރާ ދަޢުވާއެއް ބިނާވަނީ މަދަނީ ގޯހެއް ހެދުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށްކަމުގައިވާއިރު، ނުޙައްޤު މުއްސަނދިކަމާ ގުޅޭ ދަޢުވާއެއް އުފަންވާނީ ދަޢުވާކުރާ ފަރާތުގެ ހެވަތުގައި ދަޢުވާ ލިބޭ ފަރާތަށް ނުޙައްޤު މުއްސަނދިކަމެއް ލިބިފައިވާނަމައެވެ.
[32]ނުޙައްޤު މުއްސަނދިކަމާގުޅޭ ދަޢުވާއެއްގެ ފަރުވާއަކީ ރެސްޓިޓިޔުޝަންއެވެ. ރެސްޓިޓިޔުޝަންއަކީ ދަޢުވާ ލިބޭ ފަރާތުން ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަން އަނބުރާ ދަޢުވާކުރާ ފަރާތަށް ރައްދު ކޮށްދިނުމެވެ. މިއީ ކޮންޓްރެކްޓެއްގެ ދަށުން ނުވަތަ ޓޯޓް ޤާނޫނުގެ ދަށުން ހޯދުމަށް އެދި ދަޢުވާކުރާ ގެއްލުމުގެ ބަދަލާ މުޅިން ތަފާތު އެއްޗެކެވެ. އެހެންގޮތަކަށް ބުނާނަމަ، ރެސްޓިޓިޔުޝަން ނުވަތަ ރައްދުކުރުމާބެހޭ އުސޫލުތައް ބިނާވަނީ ދަޢުވާލިބޭ ފަރާތަށް އިތުރަށް ލިބިފައިވާ އެއްޗެއް ހޯދުމަށް (gain-based recovery) ކަމުގައިވާއިރު، ގެއްލުމުގެ ބަދަލު (compensation) ހޯދުމާ ގުޅޭ އުސޫލުތައް ބިނާވަނީ ލިބުނު ގެއްލުމެއް އަނބުރާ (loss-based recovery) ހޯދުމަށެވެ. ގެއްލުމުގެ ބަދަލު ކަނޑައެޅުން މަދަނީ ގޯހެއްގެ މައްޗަށް ބަރޯސާވި ނަމަވެސް، ނުހައްޤު މުއްސަނދިކަމަކީ ކޮންމެހެން ދަޢުވާ ލިބޭ ފަރާތުގެ ކުށެއް އޮވެގެން އުފަންވާ އެއްޗެއް ނޫނެވެ. އަދި ދަޢުވާ ލިބޭ ފަރާތުގެ ކުށެއް ދެއްކުންވެސް ކޮންމެހެން ލާޒިމެއް ނުވެއެވެ. މިސާލަކަށް ވަކި މީހަކަށް ޓްރާންސްފަރކުރަން ބޭނުންވާ ފައިސާ އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފަރ ކުރެވޭ ހާލަތެއްގައި، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެ ފައިސާ ރައްދުވި ފަރާތުގެ ކުށް ދައްކާކަށް ނުޖެހެއެވެ.
[33]ނުޙައްޤު މުއްސަނދިކަމާއި ރެސްޓިޓިޔުޝަންއާ ގުޅޭ އުސޫލުތައް ކޮމަން ލޯއިންނާއި އެކުއިޓީއިން ތަރައްޤީވަމުން އައިސްފައިވަނީ ވަކި ދެ ދާއިރާއެއްގެ ގޮތުގައެވެ. ނަމަވެސް ހުށަހެޅިފައިމިވާ މައްސަލައިގެ ބޭނުމަށްޓަކައި، މި އެންމެހައި ކަންކަމުގެ ތަފްސީލަށް ދާކަށް އަހުރެން ނެތީމެވެ.
[34]ނުޙައްޤު މުއްސަނދިކަމަކީ ދަޢުވާކުރުން ބިނާވާ އަސާސެއް (ކޯޒް އޮފް އެކްޝަން) ކަމުގައިވާއިރު، ރެސްޓިޓިޔުޝަން ނުވަތަ ރައްދުކުރުމަކީ މައްސަލައަކަށް ދެވޭ ފަރުވާ، ނުވަތަ (ރެމެޑީ) އެވެ. ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމެއް ކަމުގައިވާ މުޙައްމަދު ޔޫސުފް ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާގައި ނުޙައްޤު މުއްސަނދިކަމާގުޅޭ ގޮތުން ފަނޑިޔާރު ޙުސްނުއްސުޢޫދު އަންނަނިވި ފަދައިން ބަޔާންކުރައްވާފައިވެއެވެ؛
[35]"...މުދަލެއްގެ ޤާނޫނީ މިލްކުވެރި ފަރާތުން ނުވަތަ އެ މުދަލެއްގެ އަތުގެ ވެރިކަން އޮންނަ ފަރާތަކުން ހޯދާ މަންފާތައް އެ މުދަލެއްގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުމަށް އަދާލަތުގެ ހަމަތައް ލާޒިމްކުރެއެވެ. މިފަދަ އަދާލަތުގެ ހަމަތަކަކީ އަދުލު އިންސާފުގެ ސޫރަ ހަގީގީ ސިފައެއްގައި ކުރެހިގެންދާ ވަސީލަތްތަކެކެވެ."
[36]ވުމާއެކު، ކޮންޓްރެކްޓުގެ ޤާނޫނުން ވިޔަސް ނުވަތަ އެ ނޫން އެހެން ޤާނޫނެއްގެ ދަށުންވިޔަސް، ހައްލެއް ނުލިބޭ ހާލަތްތަކުގައި، ނުޙައްޤު މުއްސަނދިކަމުގެ އުސޫލުތަކުގެ ދަށުން އެއް ފަރާތަށް ޙައްޤުނުވާ މަންފާއެއް، އެމަންފާގެ ހައްޤުވެރިފަރާތަށް އަނބުރާ ރައްދުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުވެސް ބަލައިގަންނަ ކަމެކެވެ.
[37]މީހަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބިފައިވާކަން ކަނޑައެޅުމަށްޓަކައި މައިގަނޑު 4 ޝަރުޠެއް ފުރިހަމަވާންޖެހެއެވެ. އެއީ،
ދަޢުވާލިބޭ ފަރާތަށް މުއްސަނދިކަމެއް ލިބިފައިވުން،
[38]އެ މުއްސަނދިކަމަކީ ދަޢުވާކުރާ ފަރާތުގެ ހެވަތުގައި ލިބިފައިވާ މުއްސަނދިކަމެއް ކަމުގައިވުން،
[39]އެ މުއްސަނދިކަމަކީ ނުޙައްޤު މުއްސަނދިކަމެއް ކަމުގައިވުން، އަދި
ދަޢުވާލިބޭ ފަރާތަށް ދިފާޢެއް ނެތުން، މިއެވެ.
[40]ނުޙައްޤު މުއްސަނދިކަމާއި ރެސްޓިޓިޔުޝަންއަކީ ސިވިލް ކޯޓުގެ ގަޒިއްޔާގައިވެސް އަދި ހައިކޯޓުގެ ގަޒިއްޔާގައިވެސް ބޭނުންކޮށްފައިވާ ލަފްޒުތަކެއް ނޫނެވެ. އެހެންނަމަވެސް ދެ ގަޒިއްޔާގައިވާ ޙުކުމުގެ ނަތީޖާއަކީ، ނުޙައްޤު މުއްސަނދިކަމެއްގެ ސަބަބުން ރެސްޓިޓިޔުޝަންގެ ފަރުވާ އިބްރާހީމް ޙަސަންއަށް ލިބިދެވިގެން ދިޔުމެވެ.
[41]ބުނެވިދިޔަ 4 ޝަރުޠު މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު:
[42]ދަޢުވާލިބޭ ފަރާތަށް މުއްސަނދިކަމެއް ލިބިފައިވޭތޯ: މ. ސްލީޓްއެވެ ކިޔާ ގޯތީގެ ގްރައުންޑް ފްލޯރގައި ރެސްޓޯރަންޓެއް ހެދުމަށްޓަކައި ތަން ހެދުމަށްފަހު، މުޙައްމަދު ޔާސިރުއާއި އިބްރާހީމް ޙަސަންއާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުވުމުން، އަލަށް ޚަރަދުތަކެއްކޮށް، މަރާމާތު ކޮށްފައިވާ ތަނެއް މުޙައްމަދު ޔާސިރުގެ ބެލުމުގެ ދަށަށް ގޮސްފައިވެއެވެ. މުޙައްމަދު ޔާސިރަށް ތަން ލިބިފައިވަނީ އިބްރާހީމް ޙަސަން ތަނަށް ޚަރަދުކުރިނަމަވެސް، ތަން ބޭނުންކުރުމެއްނެތިއެވެ. އެހެންކަމުން، މުޙައްމަދު ޔާސިރު އެތަން އިބްރާހީމް ޙަސަންއަށް ކުއްޔަށް ދޫކުރިއިރު އެއިރު ތަނުގެ އަގަށްވުރެ އަގު ބޮޑު، އަލުން މަރާމާތުކޮށްފައިވާ ތަނެއް މުޙައްމަދު ޔާސިރުއަށް އެއިގެ 4 މަސް ފަހުން ލިބިފައިވެއެވެ. ވުމާއެކު، މުޙައްމަދު ޔާސިރުއަށް މުއްސަނދިކަމެއް ލިބިފައިވެއެވެ.
[43]އެ މުއްސަނދިކަމަކީ ދަޢުވާކުރާ ފަރާތުގެ ހެވަތުގައި ލިބިފައިވާ މުއްސަނދިކަމެއްތޯ: ކުރިންވެސް ފާހަގަކުރެވުނު ފަދައިން ތަނަށް ޚަރަދުކޮށްފައިވަނީ އިބްރާހީމް ޙަސަންއެވެ. އިބްރާހީމް ޙަސަންގެ ޚަރަދުގައި ޢިމާރާތަށް ބަދަލުގެނެސްފައިވަނީ ވިޔަފާރި އިންވެސްޓްމަންޓެއް ކުރުމުގެ ނިޔަތުގައިކަން އެނގެއެވެ. ނަމަވެސް މުޙައްމަދު ޔާސިރުއާއި އިބްރާހީމް ޙަސަންއާ ދެމެދު އޮތް އެއްބަސްވުން 4 މަސްފަހުން ބާޠިލުވުމުން، ތަނަށް ކޮށްފައިވާ ޚަރަދުތަކާއެކު، ތަން ގޮސްފައިވަނީ މުޙައްމަދު ޔާސިރުގެ ބެލުމުގެ ދަށަށެވެ.
[44]އެއީ ނުޙައްޤު މުއްސަނދިކަމެއްތޯ: މުޙައްމަދު ޔާސިރުއަށް ތަން ލިބިފައިވަނީ އޭނާގެ ކިބައިން ޚަރަދުކުރުމެއްނެތި، އިބްރާހީމް ޙަސަންގެ ހެވަތުގައިކަން ބެލުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ދެފަރާތުން ތަސައްވުރުކުރި ގޮތަށް ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމާ އެއްގޮތަށް ކަންކަން ހިނގާ ނުދިޔުމުން، އިބްރާހީމް ޙަސަން ތަނަށް ކޮށްފައިވާ ޚަރަދު ނުވަތަ އިންވެސްޓްމަންޓް މުޙައްމަދު ޔާސިރުއަށް އެއްވެސް މުޤާބިލެއްނެތި ދިޔުމެވެ. ވުމާއެކު، މިއީ، މުޙައްމަދު ޔާސިރުއަށް ލިބޭ ނުޙައްޤު މުއްސަނދިކަމެކެވެ.
[45]އެއްވެސް ދިފާއެއް ލިބިފައިވޭތޯ: މުޙައްމަދު ޔާސިރަށް އެއްވެސް ދިފާއެއް ދަށު އެއްވެސް މަރުހަލާއަކުން ދެއްކިފައިނުވެއެވެ. އެގޮތުން، މުޙައްމަދު ޔާސިރުއަކީ މ. ސްލީޓްގެ ވެރިފަރާތް ކަމުގައިނުވި ނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ 1 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވިފަހުން ތަނުގެ ތަޅުދަނޑި ހޯދުމަށް އިބްރާހީމް ޙަސަން ދަޢުވާކުރިއިރު، އެތަން ހުރީ އަދިވެސް މުޙައްމަދު ޔާސިރުގެ ބެލުމުގެ ދަށުގައެވެ. ރެސްޓޯރަންޓު ނުހުޅުވުނު ސަބަބަކީ އެއިރުގެ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން ރެސްޓޯރަންޓް ހުޅުވުމަށްޓަކައި ލިބެންޖެހޭ ހުއްދައެއް ނުލިބުމުގެ ސަބަބުންކަމަށް އިބްރާހީމް ޙަސަން ހައިކޯޓުގައި ބުނެފައިވެއެވެ. އަދި އެފަދަ ހުއްދައެއް ލިބޭނީ ގޯތީގެ ވެރިފަރާތުން ފޯރުކޮށްދޭންޖެހޭ ލިޔެކިއުންތަކެއް ފޯރުކޮށްދިނުމުންކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން މުޙައްމަދު ޔާސިރުގެ ފަރާތުން ހައިކޯޓުގައި އިންކާރުކޮށްފައިނުވެއެވެ. ނަމަވެސް ބުނެފައިވަނީ ހުއްދަ ލިބިފައިނުވަނީ އިބްރާހީމް ޙަސަން ކުރަންޖެހޭކަމެއް ނުކޮށްގެންކަމަށާއި، އެއީ ކޮންކަމެއްކަން ނޭނގޭކަމަށެވެ. ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމަށް 4 މަސްވީ ފަހުން ބާޠިލުކުރަންޖެހުނު ސަބަބަކީ އިބްރާހީމް ޙަސަން އެއްބަސްވުމާ ޚިލާފުވުންކަމަށް މުޙައްމަދު ޔާސިރު ތަކުރާރުކޮށް ބުނެފައިވެއެވެ. އެއީ ތަނަށް މަހަކު ދައްކަންޖެހޭ 25,000/-ރ. (ފަންސަވީސް ހާސް ރުފިޔާ) ގެ ކުލި 2 މަސް ދުވަސްވާންދެން އިބްރާހީމް ޙަސަން ދައްކާފައިނުވުމެވެ. މިއީ ނުޙައްޤު މުއްސަނދިކަމާ ގުޅޭ އުސޫލުތަކުގެ ދަށުން މި މައްސަލައަށް އޮތް ދިފާއެއް ނޫނެވެ.
[46]ވުމާއެކު، މި މައްސަލައިގައި ނުޙައްޤު މުއްސަނދިކަމެއް ލިބިފައިވާކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ޔާސިރުގެ ހިޔާޒަތުގައި ހުރި މ. ސްލީޓް އެވެ ކިޔާ ގޯތީގެ ގްރައުންޑް ފްލޯރއިން ލިބުނު ނުޙައްޤު މުއްސަނދިކަން، އެއީ، އިބްރާހީމް ޙަސަން ކޮށްފައިވާ ޚަރަދު، އިބްރާހީމް ޙަސަންއަށް އަނބުރާ ނަގައިދެވޭނެކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
[47]މި މައްސަލައިގައި އެއްބަސްވުމާ ޚިލާފުވި ފަރާތަކީ އިބްރާހީމް ޙަސަންއެވެ. އަދި މިކަމާ މެދު މައްސަލައިގެ އެއްވެސް ފަރާތަކުން ސުވާލު ނުއުފައްދައެވެ. ނަމަވެސް އިބްރާހީމް ޙަސަންކުރި ޚަރަދު އޭނާއަށް އަނބުރާ ނަގައިދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ނުވަތަ އުސޫލުތަކުގެ ދަށަކުންނޫނެވެ. ނުޙައްޤު މުއްސަނދިކަމާ ގުޅޭ އުސޫލުތަކަކީ ކުރިންވެސް ފާހަގަކުރެވުނު ފަދައިން ކޮންޓްރެކްޓާ މުޅިން ތަފާތު ވަކި ޤާނޫނީ އުސޫލުތަކެކެވެ.
[48]އެހެންކަމުން، ސިވިލް ކޯޓުންނާއި ހައިކޯޓުން އިބްރާހީމް ޙަސަންއަށް މުޙައްމަދު ޔާސިރު ދޭންޖެހޭކަމަށް ކަނޑައެޅި ފައިސާއަކީ ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމުގެ ދަށުން ނަގައިދީފައިވާ ފައިސާއެއްނޫނެވެ. ނުވަތަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުންވެސް ނަގައިދީފައިވާ ފައިސާއެއްނޫނެވެ. ނުވަތަ ކޮންޓްރެކްޓަކާ ޚިލާފުވުމުގެ ސަބަބުން ނަގައިދީފައިވާ ގެއްލުމުގެ ބަދަލެއްވެސް ނޫނެވެ.
[49]ސިވިލް ކޯޓުން މި މައްސަލައިގައި އިބްރާހީމް ޙަސަންއަށް ނަގައިދީފައިވަނީ އޭނާއަށް މުޙައްމަދު ޔާސިރު ކުއްޔަށްދީފައިވާ ތަނެއްގައި ރެސްޓޯރަންޓެއް ހެދުމަށްޓަކައި ސިވިލް ކޯޓަށް ސާބިތުވި ޚަރަދެވެ. ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ކޮންޓްރެކްޓަކާ ޚިލާފުވާ ފަރާތެއް އޭނާ އެ ކޮންޓްރެކްޓާ ޚިލާފުވީތީ މި ބާވަތުގެ ޚަރަދު ހޯދުމަކުން މަހްރޫމްނުވެއެވެ.
[50]މުޙައްމަދު ޔާސިރުގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި، އެކުއިޓީ ނުވަތަ އަދާލަތުގެ ހަމަތަކުންވެސް ބަދަލެއް ނަގައިދިނުމުގައި، ބަލަންޖެހޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިބްރާހީމް ޙަސަން ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުމާ ޚިލާފުވެފައިވާއިރު، އެކުއިޓީގެ ދަށުން އޭނާއަށް ބަދަލެއް ނަގައިނުދެވޭނެކަމަށް ބުނެފައިވެއެވެ.
[51]ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ނުޙައްޤު މުއްސަނދިކަމަށް ނަގައިދެވޭ ރެސްޓިޓިޔުޝަންގެ ފަރުވާއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ގުޅުމެއްވާކަމެއް ނޫނެވެ. ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބޭ ގެއްލުމަކަށް ބަދަލު ނަގައިދިނުމެއްވެސް ނޫނެވެ. މިއީ، މައްސަލައިގެ އެއް ފަރާތުގެ ކިބައިން އަނެއް ފަރާތަށް ނުޙައްޤުން ލިބޭ މަންފާއެއް އަނބުރާ ހޯދައިދިނުމެވެ.
[52]ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާގައި "އަދާލަތު ނުވަތަ އެކުއިޓީގެ ހަމަތައް" މި ލަފްޒު ބޭނުންކޮށްފައިވެއެވެ. ނުޙައްޤު މުއްސަނދިކަމާ ގުޅޭ އުސޫލުތައް ކޮމަންލޯ ނިޒާމުގައިއާއި އެކުއިޓީ ނިޒާމުގައި ތަރައްޤީވަމުން ގޮސްފައިވަނީ ތަފާތު ދެ ދާއިރާއެއްގެ ގޮތުގައެވެ.
[53]ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާގައި "އަދާލަތު ނުވަތަ އެކުއިޓީގެ ހަމަތައް" މި ލަފްޒު ބޭނުންކޮށްފައިވަނީ އެކުއިޓީއާއި ކޮމަންލޯ ނިޒާމުގައި ހިމެނޭ ނުޙައްޤު މުއްސަނދިކަމުގެ އުސޫލުތަކުގައިވާ ފަންނީ ތަފާތުތަކަށް އަލިއަޅުވާލާ ގޮތަށް ކަމުގައި ނުބެލެވެއެވެ. ނުވަތަ އިނގިރޭސި ނިޒާމުގައި އެކުއިޓަބަލް ރެމެޑީއަށް ހަވާލާދޭ މަފްހޫމަށް ރިއާޔަތްކޮށް ކަމުގައިވެސް ނުބެލެވެއެވެ. އެ ގަޒިއްޔާގައި މި ލަފްޒު ބޭނުންކޮށްފައިވަނީ މިއަށްވުރެ މާ ތިލަކޮށް، "އިންސާފު" ރަމްޒުކޮށްދިނުމުގެ ގޮތުންކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އެހެންގޮތަކަށް ބުނާނަމަ، މި މައްސަލައިގައިވާ ހާލަތުގައި ނުޙައްޤު މުއްސަނދިކަމެއް މުޙައްމަދު ޔާސިރުއަށް ލިބިފައި އޮތުމުން، އޭނާއަށް އިތުރަށް ލިބުނު މަންފާ އަނބުރާ އިބްރާހީމް ޙަސަންއަށް ނަގައިދެވެންޖެހޭނެކަމަށް ބަޔާންކުރުމުގެ ގޮތުންނެވެ. މިކަމަށް އަހުރެންވެސް ތާއީދުކުރަމެވެ.
[54]މުޙައްމަދު ޔާސިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، އިބްރާހީމް ޙަސަން، މ. ސްލީޓްގެ ގްރައުންޑް ފްލޯރއަށް ކުރިކަމަށް ބުނާ ޚަރަދުގެ ތެރެއިން މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލަށް ޚަރަދުވި ފައިސާ ސާބިތުވާކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށެވެ.
[55]އިބްރާހީމް ޙަސަންގެ ފަރާތުން ޢިމާރާތަށް ޚަރަދުތަކެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބޭނުމުގައި ސިވިލް ކޯޓަށް ހުށަހެޅީ މ. ސްލީޓުގައި ރެސްޓޯރެންޓެއް ހެދުމަށް ކުރެވިފައިވާ މަސައްކަތަށް ޚަރަދުވެފައިވާ ފައިސާގެ ތަފުސީލު ހިމެނޭ ޝީޓާއި، އެ ޝީޓްގައިވާ ބިލުތަކުގެ ކޮޕީއެވެ.
[56]ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާގައި ނިންމީ ހެކިންގެ ލިސްޓާއެކު ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު MSC/B.001 (14 އެޕްރީލް 2016) ބިލުގައިވާ ފައިސާގެ ޢަދަދު ނަގައިދިނުމަށެވެ. ނަމަވެސް، ހުށަހެޅުނު އެހެން ބިލުތަކަށް ފައިސާ ނަގައިދީފައިނުވަނީ، އިތުރު ހެއްކަކާ ނުލައި ހަމައެކަނި އެ ބިލްތަކުން ކުއްޔަށް ހިފާފައިވާ ތަނަށް ކޮށްފައިވާ ޚަރަދެއްކަން ޝަރީޢަތަށް ސާބިތުނުވާތީއެވެ. އެހެންގޮތަކަށް ބުނާނަމަ، ސިވިލް ކޯޓުން ނިންމީ މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލުން ކުއްޔަށް ހިފާފައިވާ ތަނަށް ޚަރަދުކޮށްފައިވާކަން ސާބިތުވާކަމަށެވެ.
[57]ހައިކޯޓުގައި މުޙައްމަދު ޔާސިރުގެ ފަރާތުން ބުނެފައިވަނީ މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލުގައި ހުއްދަ ދިން ތާރީޚުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 2 ފެބްރުއަރީ 2016 ކަމަށާއި، މި ތަން ކުއްޔަށް ހިފުމަށް އެއްބަސްވުން ވެވުނީ 14 ފެބްރުއަރީ 2016 ގައި ކަމަށާއި، އެހެންކަމުން، އެތަނަށްކުރި ޚަރަދާމެދު އޭގެ ޒާތުގައި ސުވާލު އުފެދޭކަމަށެވެ. އަދި ތަނަށް ޚަރަދުކޮށްފައިވާކަން ސާބިތުކުރުމުގެ ގޮތުން ޝަފަވީ ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
[58]މި ބިލާ ގުޅޭގޮތުން ހައިކޯޓުގެ ރިޕޯޓުގެ 10.2ގައި ފާހަގަކޮށްފައިވަނީ އެ ބިލުގައި ކަސްޓަމަރެއްގެ ގޮތުގައި ވަނީ އިބްރާހީމް ޙަސަން ކަމަށާއި، އެޑްރެސް އަކީ "މ. ސްލީޓް" ކަމަށާއި، އަދި ބިލުގައި "ޕްރޮޖެކްޓް/މަސައްކަތް" މިފަދައިން ލިޔެފައިވާ ބައިގައި "ރެސްޓޯރަންޓް ހެދުން" މިފަދައިން ބަޔާންކޮށްފައިވާކަމަށާއި، އެ ބިލުގެ ތާރީޚު ކަމުގައި ބިލުގައި ލިޔެފައިވަނީ 14 އެޕްރީލް 2016 ކަމަށާއި، 02 ފެބްރުއަރީ 2016 އަކީ ހުއްދަ ދިން ތާރީޚުގެ ގޮތުގައި ބަޔާންކޮށްފައިވާ ތާރީޚުކަމަށާއި، ބިލުގައިވާ ތަކެތީގެ ތަފުސީލުގައި "ދެއްވި މަޢުލޫމާތާ އެއްގޮތަށް ރެސްޓޯރަންޓް އެތެރޭގެ މަސައްކަތް ކުރުން (އަމިއްލަ ތަކެތީގައި)" މިފަދައިން ބަޔާންކޮށްފައިވާކަމަށާއި، ބިލުގައި ބަޔާންކޮށްފައިވަނީ ތަކެތި ނޫންކަމަށާއި، މަސައްކަތްތަކާއި އޭގެ އަގު ކަމަށާއި، ބިލުގައި ސޮއިކޮށްފައިވަނީ ޕްރޮޖެކްޓް މެނޭޖަރ ކަމަށް ބަޔާންކޮށްފައިވާ ފަރާތްކަމަށްވާ ޢަލީ ޝަރީފްކަމަށާއި، މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ތައްގަނޑު ޖަހާފައިވާއިރު، އެ ބިލަކީ 16 އެޕްރީލް 2016 ތާރީޚުގައި ފައިސާ ދައްކާފައިވާ ބިލެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގައި ހެކިބަސް ދިން ދަފްތަރު ނަންބަރު 5428، މޫސާ ދީދީގެ ހެކިބަހުން އިބްރާހީމް ޙަސަން ކުއްޔަށް ހިފާފައިވާ މުއްދަތުގައި "އެތަނުގައި މަސައްކަތް ކޮށްފައިހުރި" މިފަދައިން ބަޔާންކޮށްފައިވުމުން އެތަނުގައި މަސައްކަތްކޮށްފައި ހުރިކަމަށް ބާރު ލިބޭ ކަމަށެވެ.
[59]ހައިކޯޓުގެ މި ނިންމުން ޤާނޫނީ އުސޫލަކާ ޚިލާފުވާ ގޮތެއް މުޙައްމަދު ޔާސިރުއަށް ބުނެދެވިފައިނުވެއެވެ. މީގެ އިތުރުން، މަލްޓި ސްކިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސްގައިވާ ޢަދަދުތަކަކީ އިންފްލޭޓެޑް ޢަދަދުތަކެއްކަމަށާއި، މާކެޓްގައި މަސައްކަތްކުރާ އަގަށްވުރެ މާ ބޮޑު އަގުތަކެއް ކަމަށް މުޙައްމަދު ޔާސިރު ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މި ވާހަކަތަކަކީ މުޙައްމަދު ޔާސިރުގެ ފަރާތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން، މިއީ މި މަރުޙަލާގައި އަލަށް ހުޅުވާލެވިދާނެ ބަހުސެއްކަމުގައި އަހުރެން ނުދެކެމެވެ.
[60]އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2138/Cv-C/2017 ގަޒިއްޔާއަށް ތާއީދުކޮށް ނިންމާފައިވާ ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާއަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ނުކުތާއެއް މުޙައްމަދު ޔާސިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށް އަހުރެން ނުދެކެމެވެ.
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
[61]ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/122 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)
- މުޙައްމަދު ޔޫސުފް ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް (ސުޕްރީމް ކޯޓު)
- ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (ސުޕްރީމް ކޯޓު)
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 26 ސެޕްޓެމްބަރު 2021 · ރަޖިސްޓްރީކުރީ 1 ޑިސެމްބަރު 2021 · ނިމުނީ 18 ޖަނަވަރީ 2023 (13.6 މަސް)