ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/080
މުޙައްމަދު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން، 2021/HC-A/080
Mohamed Saeed v. Civil Service Commission 2021/HC-A/080 (2021/HC-A/080, High Court of the Maldives, 18 August 2024)
މުޙައްމަދު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން
މައިގަނޑު ސުވާލު
2018 ރިޔާސީ އިންތިޚާބުގައި މިނިސްޓްރީގެ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވިއިރު ފިޔަވަޅު ނާޅާ ޒިންމާ އަދާނުކުރިކަމަށް ބުނެ ސިވިލް ސަރވިސް ޤާނޫނުގެ 57 (ނ) (2) އާއި ގަވާއިދުގެ 273 (ހ)، (ށ) ގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކިކުރުމުގައި ވަކިކުރި ސަބަބު ސާބިތުކޮށްދީ، ޞައްޙަ ކޮމިޓީއަކުން މައްސަލަ ބަލައި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވުނުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށް (ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ)؛ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ވަކިކުރުމުގައި ފުރަތަމަ ބަލަންޖެހެނީ ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދުގައިވާ ސަބަބުތަކަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަކީ ނާޒުކު މަޤާމެއްކަމުން އެ މަޤާމުން ވަކިކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނުން ބޭނުންކުރަންވާނީ ހިފެހެއްޓުންތަކާއެކު، ޤާނޫނީ އިޖުރާއަތުގެ ތެރެއިން (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-20)
- ސިވިލް ސަރވިސް ގަވާއިދުގެ 273 (ހ)، (ށ) ގެ ދަށުން ވަކިކުރުމަށް ޙަޤީޤީ ގެއްލުމެއް ލިބިފައިވުން ލާޒިމެއް ނުކުރޭ؛ މުވައްޒަފު ކަންކުރި ގޮތުން ގެއްލުން ލިބިދާނެ ވާޤިޢާތައް އެކަށީގެންވާ ހަމަތަކުން ސާބިތުވެއްޖެނަމަ ވަކިކުރުމުގެ ސަބަބު ސާބިތުވީ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ކަމެއް އިއްތިފާޤުން ދިމާވީތޯ ނުވަތަ ރާވައިގެން ކުރެވުނީތޯ ކަނޑައަޅަނީ ކަން ހިނގި ގޮތާއި ވަށައިގެން ހިނގި ކަންކަމަށް ބަލައި؛ ޒިންމާދާރު މަޤާމެއްގައި ހުރި މީހަކު ފާޅުކަންބޮޑުކޮށް ތަކުރާރުވާ ޚިލާފުތަކެއް ނޭނގެއޭ ބުނުމަކީ ޤާނޫނީ ހަމައިން ބަލައިގަނެވޭނެ ދިފާޢެއް ނޫން، އަދި އެއީ ޒިންމާ އަދާނުކުރެވުނުކަމުގެ އިޢުތިރާފެއް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 38، 41-42)
- ސިވިލް ސަރވިސްގެ މުވައްޒަފުން ރަސްމީ ގަޑީގައި، ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭ ވަގުތެއްގައި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ އޮތް ޙައްޤެއް ނޫން؛ ވަކި ފަރާތަކަށް ބުރަނުވުމަކީ (impartiality) ސިވިލް ސަރވިސްގެ އަސާސީ ހަމައެއް (ޤާނޫނުއަސާސީގެ 182 (ށ) (3)؛ ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ މާއްދާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46-48)
- މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ފާޅުކަންބޮޑުކޮށް ބައިވެރިވާނަމަ ފިޔަވަޅު އެޅުމަކީ ޕަރމަނަންޓް ސެކްރެޓަރީގެ މައްޗަށް ޤާނޫނާއި ގަވާއިދުން މަތިކުރާ ޒިންމާއެއް؛ ފިޔަވަޅެއް ނޭޅުމަކީ ޒިންމާ އަދާނުކުރުން (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
- ކަމެއް ސާބިތުކުރުމަށް ހުށަހަޅާ ހެކި ޤަރީނާއިން އެކަމެއް ސާބިތުވާނަމަ އިތުރު ހެކި ހުށަހަޅަން ނުޖެހޭ؛ ވަޒީފާދޭ ފަރާތުން ސަބަބު ސާބިތުވާވަރަށް ހެކި ދެއްކުމުން އެ ހެކި ޠަޢުނުކުރުމުގެ ޒިންމާ އޮތީ ސުވާލު އުފައްދާ ފަރާތުގެ މައްޗަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53-56)
- ސިވިލް ސަރވިސް ގަވާއިދުގެ 287 (ށ) ގައިވާ "ކުރީގެ މަރުޙަލާ" އަކީ ޒިންމާދާރު އިސްވެރިޔާ/ކޮމިޓީއެއް މައްސަލަ ބަލާ މަރުޙަލާއާއި ކޮމިޝަނަށް އިލްތިމާސްކުރާ މަރުޙަލާ؛ އިދާރީ ގޮތުން މަޢުލޫމާތު ލިބުން ނުވަތަ ލީގަލް މުވައްޒަފަކު މަޢުލޫމާތު ހޯދުމަކީ ކުރީގެ މަރުޙަލާގައި ބައިވެރިވުމެއް ނޫން؛ ޕަރމަނަންޓް ސެކްރެޓަރީއާ ބެހޭ މައްސަލަތައް ސީދާ ކޮމިޝަނުން ބަލާތީ ދެ މަރުޙަލާއެއް ނެތް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61-62)
- ޕަރމަނަންޓް ސެކްރެޓަރީއަކީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭ ފަރާތެއް (ސިވިލް ސަރވިސް ގަވާއިދުގެ 27 (މ))؛ ތުހުމަތުތައް ބަޔާންކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 64، 68-69)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 53، 55، 57 (ނ) (2)، 61، 62، 63 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2015 (ސިވިލް ސަރވިސް ޤާނޫނަށް 3 ވަނަ އިޞްލާޙު) ގެ 2 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 25 (ހ)، 27 (މ)، 30 (ނ) (2)، 33 (ށ)، (ނ)، 34، 258 (ނ) (1)، 272 (ށ)، 273 (ހ)، (ށ)، 283 (ރ)، 286 (ށ)، 287 (ހ)، (ށ)، (ނ) ވަނަ މާއްދާ
- ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނަންބަރު 4/2015 (ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރުވެރިން ޢަމަލުކުރަންޖެހޭ އުޞޫލު) ގެ 9 އަދި 10
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 16 (ހ)، (ށ)، 27، 30 (ހ)، 182 (ށ) (3)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ 2009/SC-A/09 ޤަޟިއްޔާ
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ރާޣިބު
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް