ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 59
މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް، [2021] SC 59 (2019/SC-A/51)
Mohamed Rashaadhu v. Ekspavar Motoas Private Limited [2021] SC 59 (2019/SC-A/51, Supreme Court of the Maldives, 16 June 2021)
މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން (2293/Cv-C/2014) މުޙައްމަދު ރަޝާދު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ވަކީލު ފީއާއެކު 258,503.16 ރުފިޔާ ދެއްކުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2016/HC-A/379) އެ ޙުކުމަށް ތާއީދުކުރިއެވެ.
މަސް އެކްސްޕޯޓުކޮށް ވިޔަފާރިކޮށް ފައިދާ ބެހުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން 450,000 ރުފިޔާ މުޙައްމަދު ރަޝާދާ ޙަވާލުކުރިއެވެ. ހަތަރު އިންވޮއިސްގެ ތެރެއިން ދެ އިންވޮއިސްގެ ފައިސާ ކުންފުނީގެ އެކައުންޓަށް ނުލިބޭ ކަމަށް ބުނެ، ކުންފުނިން ފައިސާއާއި ވަކީލު ފީ ހޯދުމަށް ދަޢުވާކުރިއެވެ.
މުޙައްމަދު ރަޝާދު ބުނީ ދަޢުވާއަކީ ޙަޤީޤަތާ ޚިލާފު ދަޢުވާއެއް ކަމަށާއި، ފައިސާ ޓްރާންސްފަރކުރިކަން ދައްކާ ލިޔުމަށް ދަށު ކޯޓުތަކުން ރިޢާޔަތް ނުކުރުމަކީ ޤާނޫނުއަސާސީގެ 20، 40، 65 އަދި 142 ވަނަ މާއްދާތަކާ ޚިލާފު ކަމެއް ކަމަށެވެ. ކުންފުނިން ބުނީ އިސްތިއުނާފަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވުމެއް ދައްކާ ހުށަހަޅަންޖެހޭ ކަމެއް ކަމަށާއި، އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ދަށު ކޯޓުތަކުން ހެކި ވަޒަންކޮށް ކަނޑައެޅި ޙަޤީޤަތްތަކާ މެދު ހިތްހަމަނުޖެހުން ފިޔަވައި ޤާނޫނީ ސަބަބެއް ނުދައްކާ ހުށަހަޅާ އިސްތިއުނާފަކުން ހައިކޯޓުގެ ޙުކުމަށް ބަދަލު ގެނެވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ޙާލަތެއް މެދުވެރިވެގެން ކަމަށާއި، އިސްތިއުނާފަކީ ތިން މަރުޙަލާއިން އެއް މައްސަލައެއް އަލުން ބެލުމެއް ނޫން ކަމަށާއި، ހަމައެކަނި ހިތްހަމަނުޖެހުމަކީ އިސްތިއުނާފުގެ ސަބަބެއް ނޫން ކަމަށެވެ. ހައިކޯޓުން އެ ލިޔުމަށް ރިޢާޔަތްކޮށްފައިވާ ކަމާއި، ހެކި ވަޒަންކުރި ގޮތް ޤާނޫނާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރި ފަރާތުން ދައްކާފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހާލަތެއް މެދުވެރިވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [41])
- އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރުހަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [41])
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، މައްސަލައެއް ނިމޭ ގޮތަކާ މެދު ހަމައެކަނި ހިތްހަމަނުޖެހިގެން އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމަށް ތަންނުދެއެވެ. މައްސަލައެއް އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [42])
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
16 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
[1]އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް، ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0809/2011
މުޙައްމަދު ރަޝާދު، (ދ.ރ.އަންގައިދޭ ކާޑު ނަންބަރު
ޤާނޫނީ ވަކީލު:
ބަދަލުގައި:
[2]ޢަބްދުﷲ ނަޞީރު މުޙައްމަދު، ލީގަލް އެއިޑް އެލް.އެލް.ޕީ ޢަބްދުލްޙަކީމް މުޙައްމަދު ރަޝާދު،
[3]މަދަނީ، އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުންލިބެންޖެހޭ ފައިސާ ހޯދުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ، ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް
މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
[4]ކަނޑުމަސް ރާއްޖެއިން އެކްސްޕޯޓްކޮށް މަސްވެރިކަމުގެ ވިޔަފާރި ކުރުމާއި، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ބެހުމަށް މުޙައްމަދު ރަޝާދުއާއި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްވެވުނެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން މުޙައްމަދު ރަޝާދުގެ ކިބައިން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށް ބުނެ މުޙައްމަދު ރަޝާދުގެ މައްޗަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
[5]އެގޮތުން، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިދާ އާއި އަދި އިންވެސްޓްކުރުމަށް ދިން ފައިސާވެސް އަނބުރާ ދީފައިނުވާކަމަށް ބުނެ، މުޙައްމަދު ރަޝާދުގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވެއްޖެކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ ދަށުން ދީފައިވާ ފައިސާއާއި ފައިދާގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި ވަކީލުގެ ފީ ހޯދުމަށް އެދި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާގެ ޙުކުމް މުޙައްމަދު ރަޝާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައިވެއެވެ.
[6]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
[7]ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާގައި ޙުކުމްކުރީ މުޙައްމަދު ރަޝާދުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލުވެއްޖެކަމަށާއި، މި އެއްބަސްވުމުގެ ދަށުން 218,503/16ރ. (ދެލައްކަ އަށާރަހާސް ފަސްސަތޭކަ ތިން ރުފިޔާ ސޯޅަ ލާރި) އާއި، އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ވަކީލު ފީގެ ގޮތުގައި ދައްކާފައިވާ 40,000/-ރ. (ސާޅީސް ހާސް ރުފިޔާ) އާއެކު ޖުމްލަ 258,503/16ރ. (ދެލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ތިންރުފިޔާ ސޯޅަ ލާރި) އަކީ މުޙައްމަދު ރަޝާދުގެ ފަރާތުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެވެ. ސިވިލް ކޯޓުން މި ޙުކުމަށް ވާސިލުވީ އަންނިނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[8](ހ) ކަނޑުމަސް ރާއްޖެއިން އެކްސްޕޯޓްކޮށް މަސްވެރިކަމުގެ ވިޔަފާރިކުރުމާއި، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ މައްޗަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ރަޝާދުއާ ދެމެދު 27 ޖެނުއަރީ 2013 ގައި އެއްބަސްވުމެއް ވެފައިވާކަން؛
[9](ށ) މި ދަޢުވާގައި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އަކީ މިދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިޔަފާރިކުރުމަށް ޙަވާލުކުރެވިފައިވާ ފައިސާއެއްކަން ހެކިންގެ ހެކިބަހުންނާއި، ފައިސާ ޙަވާލުކުރިކަމުގެ ރަސީދުތަކުންނާއި، މުޙައްމަދު ރަޝާދުގެ އިޢުތިރާފުން އެނގެން އޮތުން؛
[10](ނ) މި ދަޢުވާއާ ގުޅިގެން މުޙައްމަދު ރަޝާދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަމަކީ، 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އަށް މަސްގަނެ އެކްސްޕޯޓް ކޮށްފައިވާކަމަށާއި، މަސް އެކްސްޕޯޓް ކޮށްގެން ލިބުނު ފައިދާ ޖަމާވެފައިވަނީ ސީދާ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ކަމަށާއި، ނަމަވެސް ދެފަރާތުން އެއްބަސްވެފައިވާގޮތަށް ފައިދާގެ ނިސްބަތުން ލިބެންޖެހޭ ތިންބައިކުޅަ އެއްބައި އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝާދުއާ ޙަވާލުނުކުރާ ކަމަށް ބުނެ ފާހަގަކުރާ ނުކުތާކަން؛
[11](ރ) މި ފައިސާއަށް މަސްގަނެ އެކްސްޕޯޓު ކުރުމަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ތައްޔާރުކޮށް މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައިވާ 4 (ހަތަރެއް) އިންވޮއިސްއެއް ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި، މި 04 (ހަތަރެއް) އިންވޮއިސްގެ ތެރެއިން ފައިސާ ލިބިފައިވަނީ ނަންބަރު XPM/EX/INV/13/0003 އިންވޮއިސްއާއި ނަންބަރު XPM/EX/INV/13/0004 އިންވޮއިސްއަށްކަމާއި، އަދި ނަންބަރު XPM/EX/INV/13/0001 އިންވޮއިސްއާއި ނަންބަރު XPM/EX/INV/13/0002 އިންވޮއިސްއަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، މި ދެ އިންވޮއިސްގައި ބުނާ ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާކަމަށް އެ ބޭންކުން ދޫކޮށްފައިވާ ލިޔުންތަކުން އެނގެން އޮތުން؛
[12](ބ) މި 4 (ހަތަރެއް) އިންވޮއިސްގައިވާ ފައިސާ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނެފައިވާއިރު، ނަންބަރު XPM/EX/INV/13/0001 އިންވޮއިސްގެ ފައިސާ ހެޓަން ނެޝަނަލް ބޭންކުން ފޮނުވާފައިވާކަމަށް ބުނިނަމަވެސް، އެ ލިޔުމުން އެކަން އެނގެން ނެތްކަމާއި، ނަންބަރު XPM/EX/INV/13/0002 އިންވޮއިސްގައިވާ ފައިސާ ފޮނުވާފައިވާކަމަށް ބުނާ ބުނުން ފިޔަވައި ހެކި ހުށަހަޅާފައިނުވާކަން؛
[13](ޅ) ބޭރުކުރެވޭ ޝިޕްމަންޓްތަކަށް އިންވޮއިސްކުރެވޭ ފުރިހަމަ އަދަދު ހޯދައި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ވެއްދުމަކީ މުޙައްމަދު ރަޝާދުގެ މަސްއޫލިއްޔަތެއްކަން އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މުޙައްމަދު ރަޝާދުގެ ފަރާތުން ބޭރުކުރި 4 (ހަތަރެއް) އިންވޮއިސްގެ ޖުމްލަ އަދަދަކީ US$56,406.00 (ފަންސާސްހަހާސް ހަތަރު ސަތޭކަ ހަޔެއް އެމެރިކާ ޑޮލަރު) ކަމާއި، މީގެ ތެރެއިން މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އަށް ނުލިބިވާ ދެ އިންވޮއިސްގެ ޖުމްލަ އަގަކީ US$37,500.00 (ތިރީސް ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ކަމާއި، މި އަދަދަކީ މިދެފަރާތު ވެވުނު އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްދޭންޖެހޭ ފައިސާކަމާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ އެކައުންޓަށް ވައްދައި ނުދެވުން އެއީ މުޙައްމަދު ރަޝާދުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބެލެވެން އޮތުން؛
[14](ކ) އެއްބަސްވުމުގެ ދަށުން އިންވެސްޓްކޮށް ބޭރުކުރެވޭ މަސް ޝިޕްމަންޓްގެ ޚަރަދު ކަނޑާ ސާފު ފައިދާ، ތިން ބަޔަށް ހަމައަށް ބަހައި މަސައްކަތްކުރާ ފަރާތަށް އެފަރާތުގެ ޙިއްސާއަށްވާ މިންވަރު، އެކައުންޓަށް ޓްރާންސްފަރ ވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދޭންވާނެކަމަށް އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މުޙައްމަދު ރަޝާދުއަށް ލިބެންޖެހޭ ފައިދާގެ މިންވަރަކީ ކޮބައިތޯ ބަލާއިރު، ބޭރުކުރެވޭ މަސް ޝިޕްމަންޓްގެ ޚަރަދު ކަނޑާ ސާފު ފައިދާ، ތިން ބަޔަށް ހަމައަށް ބެހުމުން އޭގެ ތެރެއިން ތިންބައިކޮށްފައި އެއްބަޔަށްވާ މިންވަރަކީ މުޙައްމަދު ރަޝާދުގެ މިންވަރުކަން؛
[15](އ) ނަންބަރު XPM/EX/INV/13/0003 އިންވޮއިސްއާއި ނަންބަރު XPM/EX/INV/13/0004 އިންވޮއިސްއަށް ލިބުނު އާމްދަނީއަކީ ރުފިޔާއިން ބަލާނަމަ 291,530/52ރ. (ދެލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ތިރީސް ރުފިޔާ ފަންސާސް ދެލާރި) ކަމާއި، މި ދެ އިންވޮއިސްއަށް ޚަރަދުވިކަމަށް ދެފަރާތުން އެއްބަސްވެފައިވާ މިންވަރަކީ 201,480/-ރ. (ދެލައްކަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) ކަމާއި، އެހެންކަމުން ފައިދާގެ މިންވަރަކީ 90,050/52ރ. (ނުވަދިހަ ހާސް ފަންސާސް ރުފިޔާ ފަންސާސް ދެލާރި) ކަމާއި، މި އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) އަށްވާ މިންވަރަކީ 30,016/84ރ. (ތިރީސްހާސް ސޯޅަރުފިޔާ އަށްޑިހަ ހަތަރުލާރި) ކަމާއި، މިއީ މުޙައްމަދު ރަޝާދުއަށް ފައިދާގެ ގޮތުގައި ޖެހޭ މިންވަރުކަން؛
[16](ވ) މިހާރު އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދޭ ފައިސާއަކީ 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) ގެ ތެރެއިން މުޙައްމަދު ރަޝާދު ކުރި ޚަރަދުކަމުގައިވާ 201,480/-ރ. (ދެލައްކަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) އާއި، ފައިދާގެ ގޮތުގައި ދޭންޖެހޭ 30,016/84 (ތިރީސްހާސް ސޯޅަރުފިޔާ އަށްޑިހަ ހަތަރުލާރި) އުނިކުރުމުން، ބާކީ އޮންނަ 218,503/16ރ. (ދެލައްކަ އަށާރަހާސް ފަސްސަތޭކަ ތިން ރުފިޔާ ސޯޅަ ލާރި) ކަމާއި، މި ފައިސާއަކީ މުޙައްމަދު ރަޝާދުގެ ފަރާތުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަން؛
[17](މ) އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކީލު ފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 40,000/-ރ. (ސާޅީސް ހާސް ރުފިޔާ) އަކީ ނަގައިދެވިދާނެ ފައިސާއެއްކަން މިދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތުން،
[18]މި ސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، 218,503/16ރ. (ދެލައްކަ އަށާރަހާސް ފަސްސަތޭކަ ތިން ރުފިޔާ ސޯޅަ ލާރި) އާއި، ވަކީލު ފީ އާއެކު ޖުމްލަ 258,503/16ރ. (ދެލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ތިންރުފިޔާ ސޯޅަ ލާރި) މި މައްސަލާގައި ޙުކުމްކުރި ތާރީޚުން (5 މެއި 2016) ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން މިންވަރެއް ދެއްކުމަށް މުޙައްމަދު ރަޝާދުއަށް އަންގާ ޙުކުމްކޮށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
[19]މުޙައްމަދު ރަޝާދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގައި ޙުކުމްކުރީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
[20](ހ) މަސްގަނެ އެކްސްޕޯޓް ކުރުމާއި ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ބެހުމަށްޓަކައި މި ދެފަރާތު ދެމެދު 27 ޖެނުއަރީ 2013 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، މި އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) މުޙައްމަދު ރަޝާދުއަށް ލިބިފައިވާކަން ހެކިންގެ ހެކިބަހުންނާއި ލިޔުންތަކުން އެނގެން އޮތުން؛
[21](ށ) 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އަށް މަސް ގަނެ، އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެކްސްޕޯޓު ކުރުމަށް ތައްޔާރުކޮށް މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) އަށް ހުށަހަޅާފައިވަނީ 4 (ހަތަރެއް) އިންވޮއިސްއެއްކަމާއި، މި އިންވޮއިސްތަކުގައިވާ އަދަދަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން މުޙައްމަދު ރަޝާދުގެ ޒިންމާއެއްކަން؛
[22](ނ) މުޙައްމަދު ރަޝާދު މަސް އެކްސްޕޯޓު ކުރުމަށް ތައްޔާރުކޮށް މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ތެރެއިން ނަންބަރު XPM/EX/INV/13/0001 އިންވޮއިސްއާއި ނަންބަރު XPM/EX/INV/13/0002 އިންވޮއިސްއަށް ފައިސާ ނުލިބޭކަން މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އިން 25 އެޕްރީލް 2016 ގައި ފޮނުވާފައިވާ ސިޓީން އެނގެން އޮތުން؛
[23](ރ) މުޙައްމަދު ރަޝާދުގެ ފަރާތުން ނަންބަރު XPM/EX/INV/13/0001 އިންވޮއިސްއަށް ފައިސާ ޖަމާކުރެވިފައިވާކަމަށް ބުނެ ހެޓަން ނެޝަނަލް ބޭންކުން 19 ފެބްރުއަރީ 2016 ގައި ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެ އިންވޮއިސްއަށް ފައިސާ ޖަމާކުރެވިފައިވާކަމަށް އެ ސިޓީގައި ބުނެފައިނުވާކަމާއި، ހައިކޯޓަށް ހުށަހެޅުނު އެ ބޭންކުގެ މެސެޖު ރިޕޯޓުންވެސް އެކަން ސާފުނުވާކަމާއި، އެހެންކަމުން، އެ އިންވޮއިސްއަށް ފައިސާ ލިބިފައިވާކަމަށް ބަލަންޖެހޭ ހަމައެއް ނެތްކަން؛
[24](ބ) މި މައްސަލާގައި އުފެދިފައިވާ ޚުޞޫމަތަކީ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ރަޝާދުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްކޮށް އެ މަސައްކަތުން ލިބޭ މަންފާ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ޖަމާކޮށްދިނުންކަމާއި، އެހެންކަމުން، މި މައްސަލާގައި މުދާ ވިއްކުމާބެހޭ ޤާނޫނުގެ 10، 11 އަދި 12 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭ ޤާނޫނީ ހަމައެއްނެތުން؛
[25](ޅ) ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާގައި މުޙައްމަދު ރަޝާދުއާއި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނާއިރު، އެކަން ސާބިތުކުރުމަށް އެކަށީގެންވާވަރަށް ހެކި ޤަރީނާ ހުށަހަޅާފައިނުވާއިރު، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަކާ ނުލައި ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވެން ނެތްކަން؛
[26](ކ) ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކަނޑުމަސް ގަނެ އެކްސްޕޯޓު ކޮށްފައިވާކަން ހުށަހެޅިފައިވާ ކިތާބީ ހެކިތަކުންނާއި ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) ޚަރަދު ކޮށްގެން 4 (ހަތަރެއް) ޝިޕްމަންޓްގެ މަސް ބޭރު ކުރެވިފައިވާކަމާއި، ނަންބަރު XPM/EX/INV/13/0003 އިންވޮއިސްއާއި ނަންބަރު XPM/EX/INV/13/0004 އިންވޮއިސްއަށް ލިބުނު އާމްދަނީއަކީ ރުފިޔާއިން ބަލާނަމަ 291,530/52ރ. (ދެލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ތިރީސް ރުފިޔާ ފަންސާސް ދެލާރި) ކަމާއި، މި ދެ އިންވޮއިސްއަށް ޚަރަދުވިކަމަށް ދެފަރާތުން އެއްބަސްވެފައިވާ މިންވަރަކީ 201,480/-ރ. (ދެލައްކަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) ކަމާއި، މި މުޢާމަލާތުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 90,050/52ރ. (ނުވަދިހަ ހާސް ފަންސާސް ރުފިޔާ ފަންސާސް ދެލާރި) ކަމާއި، އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވާގޮތަށް ޚަރަދު ކަނޑައި ސާފު ފައިދާ ތިން ބަޔަށް ބަހާލުމުން، މުޙައްމަދު ރަޝާދުއަށް ލިބެންޖެހޭ މިންވަރަކީ 30,016/84ރ. (ތިރީސްހާސް ސޯޅަރުފިޔާ އަށްޑިހަ ހަތަރުލާރި) ކަން؛
[27](އ) މަސައްކަތަށް އިންވެސްޓްކުރި 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އިން 201,480/-ރ. (ދެލައްކަ އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) އާއި ފައިދާގެ ގޮތުގައި މުޙައްމަދު ރަޝާދުއަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ 30,016/84ރ. (ތިރީސްހާސް ސޯޅަރުފިޔާ އަށްޑިހަ ހަތަރުލާރި) އުނިކުރުމުން، ބާކީ އޮންނަނީ 218,503/16ރ. (ދެލައްކަ އަށާރަހާސް ފަސްސަތޭކަ ތިން ރުފިޔާ ސޯޅަ ލާރި) ކަން މަދަނީ މިންގަނޑުން ސާބިތުވާކަން؛
[28]މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
[29]މުޙައްމަދު ރަޝާދުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މައިގަނޑު 10 (ދިހައެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
[30]8.1 އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ފުރަތަމަވެސް ދަޢުވާކޮށްފައިވަނީ މަސް ގަންނަން ދިން ބަޖެޓުކަމަށްވާ 450,000/-ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އާއި މައްސަލައިގެ ޤާނޫނީ ވަކީލަށް އަދާކުރަންޖެހޭ 40,000/-ރ. (ސާޅީސް ހާސް ރުފިޔާ) އާއި މަސް ވިއްކައިގެން ލިބޭ ފައިދާގެ ތިންބައިކުޅަ ދެބައާއި އަދި އެއްބަސްވުން ބާޠިލުކޮށް މިއިން އެއްވެސް ފައިސާއެއް ނުލިބި ލަސްވާތީ މިކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން އިޖާބަ ދީފައިނުވާކަމަށް ބުނެ ހުށަހެޅި ދޮގު ދަޢުވާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[31]8.2 މަސް ގަންނަން ދިން މުޅި ބަޖެޓު ހޯދުމަށް ދަޢުވާކޮށްފައިވާއިރު އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވީ މަސް ގަނެ 4 ޝިޕްމަންޓު އެކްސްޕޯޓު ކޮށްފައިވާކަމާއި، އޭގެ ތެރެއިން 2 ޝިޕްމަންޓުގެ ފައިސާ ލިބިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[32]8.3 ނުލިބޭކަމަށް ބުނާ 2 ޝިޕްމަންޓުގެ އިންވޮއިސްވެސް ހަދާފައިވަނީ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުންކަމަށް ސާބިތުވާކަމާއި، ނުލިބޭކަމަށް ބުނާ 2 އިންވޮއިސްގެ މައްޗަށް މައްސަލަ ހިނގާތާ 6 (ހައެއް) މަސް ފަހުން މޮރިޝަސް ބޭންކް މާލެ ބްރާންޗުން ތިން ސިޓީއެއް ހޯދާފައިވާއިރު، އެ ސިޓީތަކުގެ ޞައްޙަކަން ނެތިގެން އޭގެތެރެއިން ޞައްޙަ ސިޓީއަކީ ކޮބައިތޯ ބެލުމަށް ސިވިލް ކޯޓުން އެ ބޭންކަށް ސިޓީއެއް ފޮނުވުމުން، އެ ސިޓީގެ ޖަވާބުގައި 25 އެޕްރީލް 2016 ވަނަ ދުވަހު އެ ބޭންކުން ފޮނުވި ސިޓީން އެކަން ސާބިތުވާކަމަށް ނިންމިއިރު، ނުލިބޭކަމަށް ބުނާ ދެ އިންވޮއިސްގެ ތެރެއިން އެއް އިންވޮއިސްގައިވާ ފައިސާ ޓްރާންސްފަރ ކުރި ޑޮކިއުމަންޓް މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅި ދުވަހު، އެ ޑޮކިއުމަންޓް ޤަބޫލުނުކޮށް ހަމަ އެދުވަހު ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަން އެ ރިޕޯޓުން ސާބިތުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[33]8.4 އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ އިޢުތިރާފުން 2 އިންވޮއިސްގައިވާ ފައިސާ ލިބުނުކަމަށް ސާބިތުވީ ހިނދު، ދަޢުވާގެ ސީޣާގައި މުޅި ބަޖެޓު ހޯދުމަށާއި އަދި ލިބުނު ފައިދާގެ ތިންބައި ކުޅަ ދެބައި ހޯދުމަށް ދަޢުވާކުރުމާއި ފައިސާ ނުދީ ލަސްވެގެން ދަޢުވާ ލިބޭ ފަރާތަށް އެންގިކަމަށް ބުނާ ބުނުމާއި، މިއިން އެއްވެސް ކަމެއް ޝަރީޢަތަށް ލިޔުމަކުންވިޔަސް ހެކިބަހުންވިޔަސް ސާބިތުކޮށްދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[34]8.5 މުޙައްމަދު ރަޝާދުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހުނު އެންމެ މުހިންމު ސަބަބަކީ މުޙައްމަދު ރަޝާދުގެ ފަރާތުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދޭ ޓްރާންސްފަރ ޑޮކިޔުމަންޓް ޝަރީޢަތަށް ހުށަހެޅިފައިވާއިރު ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް އެ ޑޮކިއުމަންޓަށް ރިޢާޔަތްކޮށްފައިނެތުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 142 ވަނަ މާއްދާއަށް ބެލުމެއްނެތި މި ދެމާއްދާއަށް ފުށުއަރާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
[35]8.6 މަދަނީ މައްސަލައެއް ކަމުގައިވީނަމަވެސް، މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހަޅާ ޑޮކިއުމަންޓްރީ ހެކިތަކަށް ބެލުމަކީ އިޖުރާއީގޮތުން ޝަރީޢަތުން ބެލުމަށް ލާޒިމު ކުރާކަމެއްކަމަށް ވީހިނދު، މި ހެކިތަކަށް ނުބަލައި މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، 65 ވަނަ މާއްދާގައި ބުނާ އަސާސީ ޙައްޤުތައް ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[36]8.7 ހައިކޯޓަށް މައްސަލަ ހުށަހެޅި ފޯމުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ލިޔުމުގެ 2 ވަނަ ނަންބަރުގައި ހެޓަން ނޭޝަނަލް ބޭންކުން ފޮނުވި ޝަރީޢަތަށް ބަލައިނުގަތް ލިޔުން ނުވަތަ އޭގެ ޓްރާންސްފަރ ޑޮކިޔުމަންޓް ހުށަހަޅާފައިވާއިރު، ހަމަ މި ޑޮކިޔުމަންޓް ސިވިލް ކޯޓަށްވެސް ހުށަހަޅާފައިވާއިރު އެ ކޯޓުގެ ގަޒިއްޔާއިން އެނގެން އޮތްއިރު މި ޑޮކިޔުމަންޓާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާކަމީ މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމުނުވާކަމުގެ އަލިގަދަ ދަލީލެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[37]8.8 ފައިސާ ނުލިބޭކަމަށް އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ބުނާ ދެ އިންވޮއިސްގެ ތެރެއިން އެއް އިންވޮއިސްގެ ފައިސާ އެމެރިކަން ހަބީބް ބޭންކް މެދުވެރިކޮށް މޮރިޝަސް ކޮމާޝަލް ބޭންކްގެ ހެޑް އޮފީހަށް ޓްރާންސްފަރ ކޮށްފައިވާ ޑޮކިއުމަންޓަށް ޝަރީޢަތުން އިތުބާރުނުކުރި ސަބަބެއް ބަޔާންކޮށްފައިނެތުމަކީ ޝަރުޢީ ޤާނޫނީ މިންގަނޑުތަކުން ބަލާނަމަ މުޙައްމަދު ރަޝާދުގެ ޙައްޤު ލިބިނުދިނުމަށް ވިސްނި ނުރަނގަޅު ވިސްނުމެއްކަމުން، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މި ދަޢުވާ ހުށަހެޅުމުގެ ހުއްދައަށް އެދުމުގެ ޙައްޤު މުޙައްމަދު ރަޝާދުއަށް ލިބިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[38]8.9 ހައިކޯޓުން ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާއަށް ތާއީދުކޮށް މައްސަލަ ނިންމިއިރު، އެއްބަސްވުމާ ޚިލާފުވި ފަރާތަކީ މުޙައްމަދު ރަޝާދުކަމަށް ދޭހަވާގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްބަސްވުމާ ޚިލާފުވީ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުންކަން ސާބިތުވަނީ މަސް ވިއްކައިގެން ލިބޭ ކޮންމެ ޝިޕްމަންޓެއްގެ ތިން ބައި ކުޅަ އެއްބައި މުޙައްމަދު ރަޝާދުއަށް ލިބެންޖެހޭނެކަމަށް އެއްބަސްވުމުގައި އޮންނަ މުއްދަތުގެ ތެރޭގައި މުޙައްމަދު ރަޝާދަށް ލިބެންޖެހޭ އެ ފައިސާ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ތިން އަހަރުވީއިރުވެސް ނުދީވާކަން ސިވިލް ކޯޓުގެ ގަޒިއްޔާއިން ސާބިތުވުމުންވެސް، އެއްބަސްވުމާ ޚިލާފުވީ މުޙައްމަދު ރަޝާދުކަމަށް ކަނޑައަޅާފައިވުމުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ފުށުއަރާފައިވާކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
[39]8.10 ޝަރުޢީ އަދި ޤާނޫނީ މިންގަނޑުތަކުން ބަލާނަމަ، ގެއްލިފައިވާކަމަށް ބުނާ ފައިސާ މުޙައްމަދު ރަޝާދުއަށް ހޯދަ ދޭންޖެހޭކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި މުޙައްމަދު ރަޝާދު އެ ފައިސާ ހޯދުމަށް ބޭންކަށް ދިއުމުން، ބޭންކުން އެ ފައިސާ މުޙައްމަދު ރަޝާދުއާ ޙަވާލުކުރާނީ އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުގެ ޕަވަރ އޮފް އެޓާރނީއެއް މުޙައްމަދު ރަޝާދަށް އޮވެގެންކަމަށްވާއިރު، މުޙައްމަދު ރަޝާދު ޕަވަރ އޮފް އެޓަރނީ ދޭން އެދުމުން، އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝާދު ޕަވަރ އޮފް އެޓަރނީ ހޯދުމަށް ހުށަހެޅި ލިޔުން ހުށަހަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުން
[40]މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ހާލަތްތަކެވެ. އަދި އެގޮތުން، އިސްތިއުނާފެއް ބިނާވާންވާނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ހިނގާކަމެއްގެ މައްޗަށް ކަމުގައިވާއިރު، އެފަދަ ކަމެއް މުޙައްމަދު ރަޝާދުގެ ފަރާތުން ފާހަގަކޮށްފައިނުވާކަމަށް، އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ.
[41]މި މައްސަލައިގައި އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ދަށު ކޯޓުން ނިންމާ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމުގައިވާއިރު، ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހާލަތެއް މެދުވެރިވެގެންނެވެ. އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރުހަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ކޮންމެ މައްސަލައެއްވެސް ކާމިޔާބު ކުރާނީ މައްސަލައިގެ އެއް ފަރާތެވެ. މައްސަލައެއް ކާމިޔާބު ނުވާ ފަރާތް އޭނާއަށް މައްސަލަ ކާމިޔާބުނުވިކަމާމެދު ހިތްހަމަނުޖެހުމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
[42]ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، މައްސަލައެއް ނިމޭ ގޮތަކާ މެދު ހަމައެކަނި ހިތްހަމަނުޖެހިގެން އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމަށް ތަންނުދެއެވެ. މައްސަލައެއް އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެގެންނެވެ.
[43]ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ؛
[44]ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން؛ ނުވަތަ
[45]ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއާތަކީ އަންނަނިވި ބާވަތްތަކުން ކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުމުން
[46](ހ) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން
[47](ށ) ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާ ފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން
[48](ނ) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން
(ރ) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބު ބަޔާންވެފައި ނެތުން
މި ސަބަބުތަކުންކުރެ ސަބަބެއްގެ މައްޗަށެވެ.
މުޙައްމަދު ރަޝާދުގެ ޝަކުވާ
[49]މި މައްސަލައިގައި މުޙައްމަދު ރަޝާދުގެ ކިބައިން އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ހަތަރު އިންވޮއިސްއަކަށްވާ ފައިސާ ދެއްކިކަމަށް މުޙައްމަދު ރަޝާދު ސިވިލް ކޯޓުގައި ބުނެފައިވެއެވެ. އެތަނުން މުޙައްމަދު ރަޝާދު ފައިސާ ދެއްކިކަމަށް ސާބިތުވަނީ ދެ އިންވޮއިސްއަކަށެވެ. އަނެއް ދެ އިންވޮއިސްއަށް ފައިސާ ދެއްކިކަން ސާބިތުކޮށްނުދެވޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން، އެކަމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވެއެވެ.
[50]މުޙައްމަދު ރަޝާދުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހެޅި އެންމެ ފުރަތަމަ ނުކުތާއަކީ، އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝާދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޙަޤީޤަތާ ޚިލާފު ދަޢުވާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[51]މި މައްސަލަ ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް، ދެފަރާތުން ދެއްކި ވާހަކަތައް ސާބިތުކޮށްދިނުމަށް ފުރުޞަތު ދެވި، އެގޮތުން ސިވިލް ކޯޓުގެ ޝަރީޢަތަށް ހެކިން ހާޒިރުކުރެވި އެ ފަރާތްތަކުގެ ހެކިބަސް ނެގުމަށްފަހު، ޤާނޫނީ އުސޫލުތަކެއްގެ މައްޗަށް ބިނާވެހުރެ އެ ހެކި ވަޒަންކުރުމަށްފަހު، ޝަރީޢަތަށް ސާބިތުވާ ހަޤީޤަތްތައް ކަނޑައަޅާފައިވެއެވެ. އަދި އެ ޙަޤީޤަތްތަކުގެ މައްޗަށް ބަރޯސާވެ، މައްސަލައަށް ކޯޓުން ހައްލެއް ހޯދައިދީފައިވެއެވެ.
[52]ސިވިލް ކޯޓުގެ މި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވެއެވެ. ވުމާއެކު ހައިކޯޓުން މައްސަލަ ނިންމުމަށްޓަކައި ބަރޯސާވި އުސޫލުތައް ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވަނީ ކިހިނެތްކަމެއް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނެދީފައިނުވެއެވެ.
[53]ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހުނު އެންމެ މުހިންމު ސަބަބަކީ މުޙައްމަދު ރަޝާދުގެ ފަރާތުން އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ލިބުނުކަން ސާބިތުކޮށްދޭ ޓްރާންސްފަރ ޑޮކިޔުމަންޓެއް ޝަރީޢަތަށް ހުށަހެޅިފައިވާއިރުވެސް، ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް އެ ޑޮކިޔުމަންޓަށް ރިޢާޔަތްކޮށްފައި ނެތުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފުވާކަމެއްކަމަށާއި، އަދި މި ހެކިތަކަށް ރިޢާޔަތް ނުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤުވެސް ނިގުޅިގެންދާކަމެއްކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނެފައިވެއެވެ.
[54]މުޙައްމަދު ރަޝާދުގެ ފަރާތުން ހަވާލާދެނީ ހެޓަން ނޭޝަނަލް ބޭންކުން ފޮނުވި ލިޔުމަކަށެވެ. މިއީ މި މައްސަލައިގައި އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް ސާބިތުނުވި ދެ އިންވޮއިސްގެ ތެރެއިން އެއް އިންވޮއިސްއާ ގުޅޭ ލިޔުމެކެވެ.
[55]ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.4 ގައި،
[56]މުޙައްމަދު ރަޝާދުގެ ފަރާތުން ނަންބަރު XPM/EX/INV/13/001 އިންވޮއިސްއަށް ފައިސާ ޖަމާކުރެވިފައިވާކަމަށް ބުނެ ހެޓަން ނޭޝަނަލް ބޭންކުން 19 ފެބްރުއަރީ 2016 ގައި ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެ ސިޓީއިން ނަންބަރު XPM/EX/INV/13/001 އިންވޮއިސްއަށް ފައިސާ ޖަމާކުރެވިފައިވާކަމަށް ބުނެފައިނުވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އެ ބޭންކުގެ މެސެޖު ރިޕޯޓުންވެސް ބަޔާންވެދިޔަ އިންވޮއިސްއަށްކަމެއް ސާފުނުވާކަމާއި، އެހެންކަމުން ބަޔާންވެދިޔަ އިންވޮއިސްއަށް ފައިސާ ލިބިފައިވާކަމަށް ބަލަންޖެހޭ ހަމައެއްނެތްކަން އެނގެން އޮންނަ […]
ކަމަށް ބަޔާންކޮށްފައިވެއެވެ.
[57]އެހެންކަމުން މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅި ލިޔުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހެޓަން ނޭޝަނަލް ބޭންކުގެ މެސެޖު ރިޕޯޓުން ނަންބަރު XPM/EX/INV/13/0001 އިންވޮއިސްއަށް ފައިސާ ޖަމާކުރެވިފައިވާކަމަށް ސާފުނުވާކަމަށް ބުނާއިރު، 25 އޭޕްރިލް 2016 ގައި މޮރިޝަސް ކޮމާރޝަލް ބޭންކު (މޯލްޑިވްސް) ން ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ހެޓަން ނޭޝަނަލް ބޭންކު މެދުވެރިކޮށް އެ ބޭންކަށް ޕޭމަންޓު ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
[58]ކަން މިހެން އޮތްއިރު، ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުވަނީ ކިހިނެތްކަމެއް މުޙައްމަދު ރަޝާދު ބުނެދީފައިނުވެއެވެ. ކޯޓުން ޚިލާފުވެފައިވާކަމަށް ބުނެ ޤާނޫނުއަސާސީގެ އެތައް މާއްދާއަކާ ހަވާލާދީފައިވާއިރު، މީގެން އެއްވެސް މާއްދާއެއް ހުށަހެޅިފައިމިވާ މައްސަލައާ ގުޅެނީ ކިހިނެތްކަމާއި، އެ މާއްދާތަކާ ޚިލާފަށް ފަނޑިޔާރުން ފަންނީގޮތުން ޤާނޫނު ނުވަތަ އުސޫލެއް ތަޠުބީޤުކޮށްފައިވަނީ ކިހިނެތްކަން ބުނެދީފައިނުވެއެވެ. ކޯޓުން ކަނޑައަޅާފައިވަނީ މުޙައްމަދު ރަޝާދުގެ ކިބައިން ހުށަހެޅި ލިޔުންތަކުން ނަންބަރު XPM/EX/INV/13/0001 އިންވޮއިސްއަށް ފައިސާ ޖަމާކޮށްފައިވާކަން ސާބިތުނުވާކަމަށެވެ. މޮރިޝަސް ކޮމާރޝަލް ބޭންކު (މޯލްޑިވްސް) ން އެ ފައިސާ އެ ބޭންކަށް ލިބިފައިނުވާކަމަށް ބުނާއިރު، މި ހެއްކަށް ދިން ބުރަދަން ޤާނޫނީ އުސޫލަކާ ޚިލާފުވަނީ ކިހިނެތްކަމެއް މުޙައްމަދު ރަޝާދުއަށް ބުނެދެވިފައިނުވެއެވެ.
[59]އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނުލިބޭކަމަށް ބުނާ ދެ އިންވޮއިސްގެ ތެރެއިން އެއް އިންވޮއިސްގެ ފައިސާ އެމެރިކަން ހަބީބް ބޭންކް މެދުވެރިކޮށް މޮރިޝަސް ކޮމާރޝަލް ބޭންކު (މޯލްޑިވްސް) ގެ ހެޑް އޮފީހަށް ޓަރާންސްފަރ ކޮށްފައިވާ ޑޮކިޔުމަންޓަށް ޝަރީޢަތުން އިތުބާރު ނުކުރި ސަބަބު ބަޔާންކޮށްފައިނުވާކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
[60]ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ ޞަފްޙާގައި، އެކްސް ޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ލިބެންޖެހޭ ހަތަރު އިންވޮއިސްގެ ތެރެއިން XPM/EX/INV/13/0001 އާއި XPM/EX/INV/13/0002 މި ދެ އިންވޮއިސްގައި ބަޔާންކުރާ ފައިސާ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އަށް ލިބިފައިނުވާކަމަށް އެ ބޭންކުން ދޫކޮށްފައިވާ ލިޔުންތަކުން އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި XPM/EX/INV/13/0002 އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާ ފޮނުވާފައިވާކަމަށް މުޙައްމަދު ރަޝާދުގެ ފަރާތުން ބުނާ ބުނުން ފިޔަވައި ހެކި ހުށަހަޅާފައިނުވާކަމަށް ބުނެފައިވެއެވެ.
[61]އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3.3 ގައި ފައިސާ ލިބެންޖެހޭ އިންވޮއިސްތަކުގެ ތެރެއިން XPM/EX/INV/13/0001 އާއި XPM/EX/INV/13/0002 އިންވޮއިސްއަށް ފައިސާ ނުލިބޭކަމަށް މޮރިޝަސް ކޮމާރޝަލް ބޭންކު (މޯލްޑިވްސް) ން ބަޔާންކޮށްފައި އޮތް އޮތުން ތަކުރާރުކޮށްފައިވެއެވެ. މި ނިންމުން ޤާނޫނީ ހަމަތަކާ ޚިލާފުވަނީ ކިހިނެތްކަން މުޙައްމަދު ރަޝާދަށް ބުނެދެވިފައިނުވެއެވެ.
[62]ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައިގައި މުޙައްމަދު ރަޝާދުގެ ފަރާތުން ފާޅުކުރާ ހިތްހަމަނުޖެހުމެއް ފިޔަވައި، ހަރުދަނާ ޤާނޫނީ ސަބަބުތަކެއްގެ މައްޗަށް ބިނާވާ އިސްތިއުނާފީ ނުކުތާތަކެއް ހުށަހަޅާފައިނުވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[63]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2293/Cv-C/2014 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން މުޙައްމަދު ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/379 ގަޒިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ނަޞީރު މުޙައްމަދު، ލީގަލް އެއިޑް ލ.ލ.ޕ
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 7 މާރިޗު 2019 · ރަޖިސްޓްރީކުރީ 1 ޖުލައި 2019 · ނިމުނީ 16 ޖޫން 2021 (23.5 މަސް)