ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/31
މުޙައްމަދު ރަޝާދު ވ. ޢަބްދުﷲ މުޙައްމަދު، 2009/SC-A/31
Mohamed Rashaadhu v. Abdhuﷲ Mohamed 2009/SC-A/31 (2009/SC-A/31, Supreme Court of the Maldives, 30 January 2013)
މުޙައްމަދު ރަޝާދު ވ. ޢަބްދުﷲ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
މަދަނީ ކޯޓުގެ 829/MC/2008 ގެ ނިންމުމަށްފަހު، ހައިކޯޓުގެ 2008/HC-A/261 ގައި ދެފަރާތް އެއްބަސްވިގޮތަށް ފައިސާ ނުދައްކާކަމަށް ސާބިތުކޮށް، 347/JC-2/1993 ގެ ޙުކުމުގައިވާ ގޮތަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމިއެވެ.
ކޯޓު ނަންބަރު 02 ގެ 347/JC-2/1993 ގައި މުޙައްމަދު ރަޝާދުގެ މައްޗަށް 953،340 ރުފިޔާ ސާބިތުވެ، މަހަކު 25،000 ރުފިޔާއަށްވުރެ ނުމަދު ޢަދަދެއް ދައްކަން ޙުކުމްކުރިއެވެ. ފައިސާ ނުދައްކާތީ ޢަބްދުﷲ މުޙައްމަދު ހުށަހެޅި މަދަނީ ކޯޓުގެ 418/MC/2001 ގައި ދެފަރާތް މަހަކު 2،000 ރުފިޔާ ދައްކަން އެއްބަސްވެ، އެގޮތަށް ޙުކުމްކުރިއެވެ. އޭގެފަހުން ޢަބްދުﷲ މުޙައްމަދު އަލުން މަދަނީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
މުޙައްމަދު ރަޝާދު ބުނީ ދެފަރާތް އެއްބަސްވެގެން ކުރި ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔަ ކަމަށާއި، ހައިކޯޓުގެ ޙުކުމް ރަނގަޅު ނޫން ކަމަށެވެ. ޢަބްދުﷲ މުޙައްމަދު ބުނީ އެއްބަސްވިގޮތަށް ފައިސާ ނުދައްކާ ކަމަށެވެ.
މައިގަނޑު ސުވާލު
ސާބިތު ދަރަނީގެ މައްސަލައެއްގައި ދެފަރާތް ފައިސާ ދެއްކުމަށް ވަކިގޮތަކަށް އެއްބަސްވެގެން ޙުކުމްކުރުމަށްފަހު، ކުރީގެ ޙުކުމުގައިވާ ފައިސާ ދެއްކުމުގެ ގޮތަށް ޢަމަލުކުރުމަށް އެންގޭނެތޯ.
ނިންމި ގޮތް
ހައިކޯޓާއި މަދަނީ ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ބުނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 07 ވަނަ މާއްދާގެ ދަށުން ދެފަރާތް އެއްބަސްވެގެން ކުރާ ޙުކުމަކީ އެ ޤަވާޢިދުގެ 02 ވަނަ މާއްދާއިން އިސްތިސްނާވާ ޙުކުމެއް ކަމާއި، ފަހުގެ އެ ޙުކުމުން ކުރީގެ ޙުކުމުގެ ފައިސާ ދެއްކުމުގެ ބައި ބަދަލުވާނެކަމެވެ. ކޯޓުން ބޭރުގައި ދައްކާފައިވާ ފައިސާ ރިޢާޔަތްކުރާއިރު ދައްކަން ޖެހޭ މިންވަރަށްވުރެ ގިނައިން ދައްކާފައިވާތީ، ކުރީގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓާއި މަދަނީ ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރަންޖެހޭނީ ސާބިތު ދަރަންޏާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް. ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 07 ވަނަ މާއްދާގައި ވަނީ ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިފައި ވަނިކޮށް، ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތާއި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެފަރާތް އެއްބަސްވިގޮތަށް ޢަމަލުކުރުމަށް އަންގާ ކޯޓުން މައްސަލަ ނިންމަންވާނެކަމަށާއި މިގޮތަށް ނިންމާ މައްސަލައެއް އެ ޤަވާޢިދުގެ 02 ވަނަ މާއްދާއިން އިސްތިސްނާ ވާނެކަމަށާއި ދެފަރާތް އެއްބަސްވިގޮތަށް ޢަމަލުކުރުމަށް އަންގާ ޙުކުމްކުރުމުން، އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަންޖެހޭ ފަރާތުން ޢަމަލު ނުކޮށްފިނަމަ، މައްސަލަ އަލުން ހުށަހެޅުމުގެ އިޚްތިޔާރު ފައިސާ ލިބެންވާ ފަރާތަށް ލިބިގެންވޭ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [7])
- ސާބިތު ދަރަނީގެ މައްސަލައިގައި ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ޙުކުމަށް ނުކިޔަމަންތެރިވި ކަމަށް ބަލައި ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނީ 07 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަލުން މައްސަލަ ހުށަހެޅުމުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8]، [9])
- ސާބިތު ދަރަނި އަދާކުރަމުން ގެންދަންޖެހޭނީ ދެފަރާތް އެއްބަސްވި ގޮތުގެމަތިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް. ފައިސާ ދެއްކުމަށް ކުރިން ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ފަހުން ކޮށްފައިވާ ޙުކުމުގެ ސަބަބުން ބަދަލުއައިސްފައިވާތީ މިހާރު ޢަމަލުކުރެވޭނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ފަހުގެ ޙުކުމުގައިވާ ގޮތަށް ކަމާއި ފައިސާ ދެއްކުމަށް ވަކިގޮތަކަށް ދެފަރާތް އެއްބަސްވެ އެގޮތުގެމަތިން ޙުކުމްކޮށްފައިވާތީ ސާބިތު ދަރަނި އަދާކުރަންވީގޮތުގެ މައްޗަށް ޤާނޫނީ ބާރުވެރިކަން ހިނގާނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ފަހުގެ ޙުކުމުގެ މައްޗަށް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
ތި
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/31
ދަޢުވާކުރާ ފަރާތް: މުޙައްމަދު ރަޝާދު
ދަޢުވާ ލިބޭ ފަރާތް: ޢަބްދުﷲ މުޙައްމަދު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
[1]މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 25 އޯގަސްޓް 2009
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ސެޕްޓެންބަރ 2009
ނިމުނު ތާރީޚް: 30 ޖެނުއަރީ 20139
މައްސަލަ ނިންމި ގަޑި: 12:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/261
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 08 ސެޕްޓެމްބަރ 2008
ނިމުނު ތާރީޚް: 29 ޖުލައި 2009
މައްސަލައިގެ ޚުލާޞާ
[2]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/261 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ރަޝާދު (ކަނޑޫދޫ ރަޝާދު) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ޢަބްދުﷲ މުޙައްމަދު އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/261 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 829/MC/2008 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުﷲ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[3]މި ޤަޟިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހައިކޯޓުގެ ނަންބަރު 2008/HC-A/261 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަށުކޯޓުގެ ނިންމުންތަކަށާއި، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވިގޮތުގެ ޤަވާޢިދަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
[4]ފުރަތަމަ ކަމަކީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގައި މުޙައްމަދު ރަޝާދުގެ (ކަނޑޫދޫ ރަޝާދު) މައްޗަށް ސާބިތުވެފައިވަނީ -/953،340 (ނުވަލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) ކަމާއި، މީގެތެރެއިން މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާ އެކޯޓަށް ހުށަހެޅުމާ ހަމައަށް ދައްކާފައިވަނީ -/200،850 (ދެލައްކަ އަށްސަތޭކަ ފަންސާސް ރުފިޔާ) ކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، ބާކީ -/752،490 (ހަތްލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ނުވަދިހަ ރުފިޔާ) ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގެ ޙުކުމުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ގޮތާއި އެއްގޮތަށް، ފައިސާ ހޯދުމަށް އެދި ސާބިތު ދަރަނީގެ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް ޢަބްދުﷲ މުޙައްމަދު ހުށަހަޅާފައިވާކަމާއި، މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާއިން މި މައްސަލަ ބެލުމަށް ފަހު ނިންމުމުން އެ ނިންމުމާމެދު ޢަބްދުﷲ މުޙައްމަދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައި ވާކަން އެނގެން އޮންނަކަމެވެ.
[5]ދެވަނަ ކަމަކީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގައި މުޙައްމަދު ރަޝާދުގެ މައްޗަށް ސާބިތުވެފައިވާ -/953،340 (ނުވަލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) އަދާކުރުމުގެ ގޮތުން ކޮންމެ މަހަކުވެސް -/25،000 (ފަންސަވީސް ހާސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއް ދެއްކުމަށް އެ ކޯޓުން (ކޯޓު ނަންބަރު 02 އިން) މުޙައްމަދު ރަޝާދުގެ މައްޗަށް ޙުކުމްކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
[6]ތިންވަނަ ކަމަކީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގެ އެ ޙުކުމާ އެއްގޮތަށް މުޙައްމަދު ރަޝާދު ފައިސާ ދައްކަމުން ނުދާތީ ސާބިތު ދަރަނީގެ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް ޢަބްދުﷲ މުޙައްމަދު ހުށަހެޅުމުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 829/MC/2008 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ މުޙައްމަދު ބުނެފައިވަނީ "ޝަރީޢަތުގެ މަޖިލީހުގައި މިވަގުތު -/1،000 (އެއްހާސް ރުފިޔާ) ދިނުމުން އަޅުގަނޑު ޙަވާލުވެފައި ވުމާއި އަދި މިމަހު ފަހުކޮޅު-/1،000 (އެއްހާސް ރުފިޔާ) ދޭނެކަމަށް ބުނެފައިވުމާއި އަދި މީގެފަހުން ކޮންމެ މަހަކުވެސް -/2،000 (ދެހާސް ރުފިޔާ) ދައްކަމުން ގެންދާނެކަމަށް ބުނެފައިވާތީ އަޅުގަނޑު އެގޮތް ޤަބޫލުކޮށްފީމެވެ." މިފަދައިން ކަން އެނގެން އޮންނަކަމެވެ.
[7]ހަތަރުވަނަ ކަމަކީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލަތަކުގައި ކޯޓުން ޢަމަލުކުރަންޖެހޭނީ ސާބިތު ދަރަންޏާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމާއި ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏަކަށް ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި އެ މައްސަލަ ހުށަހެޅި ފަރާތާއި އެ މައްސަލަ ރައްދުވާ ފަރާތާއި ދެފަރާތުން ސާބިތު ދަރަނީގެ ފައިސާ ދެއްކުމަށް ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 07 ވަނަ މާއްދާގައި ވަނީ ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިފައި ވަނިކޮށް، ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތާއި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެފަރާތް އެއްބަސްވިގޮތަށް ޢަމަލުކުރުމަށް އަންގާ ކޯޓުން މައްސަލަ ނިންމަންވާނެކަމަށާއި މިގޮތަށް ނިންމާ މައްސަލައެއް އެ ޤަވާޢިދުގެ 02 ވަނަ މާއްދާއިން އިސްތިސްނާ ވާނެކަމަށާއި ދެފަރާތް އެއްބަސްވިގޮތަށް ޢަމަލުކުރުމަށް އަންގާ ޙުކުމްކުރުމުން، އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަންޖެހޭ ފަރާތުން ޢަމަލު ނުކޮށްފިނަމަ، މައްސަލަ އަލުން ހުށަހެޅުމުގެ އިޚްތިޔާރު ފައިސާ ލިބެންވާ ފަރާތަށް ލިބިގެންވާކަން އެނގެން އޮންނަ ކަމެވެ.
[8]ފަސްވަނަ ކަމަކީ، ސާބިތު ދަރަނީގެ މައްސަލައިގައި ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތާއި ދެފަރާތުން ފައިސާ ދެއްކުމަށް ވަކިގޮތަކަށް އެއްބަސްވުމުން، އެއްބަސްވިގޮތަށް ޢަމަލުކުރުމަށް އަންގާ މައްސަލަ ނިންމަންވާނެކަމަށާއި މިގޮތުގެމަތިން ނިންމާ ސާބިތު ދަރަނީގެ މައްސަލަ ޤަވާޢިދުގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުން އިސްތިސްނާވާނެކަމަށް 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ސާބިތު ދަރަނީގެ މައްސަލައިގައި ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ޙުކުމަށް ނުކިޔަމަންތެރިވި ކަމަށް ބަލައި ޤަވާޢިދުގެ 02 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނީ 07 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަލުން މައްސަލަ ހުށަހެޅުމުންކަން އެނގެން އޮންނަކަމެވެ.
[9]ހަވަނަ ކަމަކީ، ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލައަކާ ގުޅިގެން ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވީ ފަރާތާއި ދެފަރާތުން ވަކިގޮތަކަށް ޝަރީޢަތުގައި އެއްބަސްވާ ޙާލަތުގައި އެއްބަސްވިގޮތުގެމަތިން ފައިސާ ދެއްކުމަށް އަންގާ މައްސަލަ ނިންމައިފިނަމަ، ޢަމަލުކުރަންޖެހޭނީ ފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވިގޮތުގެމަތިން ކޮށްފައިވާ ޙުކުމާއެއްގޮތަށް ކަމާއި ދެފަރާތް އެއްބަސްވިގޮތުގެ މަތިން ކޮށްފައިވާ ުކޙުކުމާއެއްގޮތަށް ޢަމަލުނުކޮށްފިނަމަ ފައިސާ ލިބެންވި ފަރާތަށް އިޚްތިޔާރު އޮތީ އަލުން މައްސަލަ ހުށަހެޅުމަށްކަން ޤަވާޢިދުގެ 07 މާއްދާއިން އެނގެން އޮންނަކަމާއި ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލައިގައި ޢަމަލުކުރަންޖެހޭ އިޖުރާއާތު ޤަވާޢިދުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައިވެސް ޢަމަލުކުރެވޭނީ އެ އިޖުރާޢާތުތަކާއި އެއްގޮތަށް ކަމަށެވެ.
[10]ހަތްވަނަ ކަމަކީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާއަކީ ދަރަނި ސާބިތުކުރި ޤަޟިއްޔާކަމަށްވެފައި ދަރަނި އަދާކުރުމަށް އެ ޤަޟިއްޔާގައި ވަކިގޮތެއް ކަނޑައަޅާފައިވި ކަމުގައިވިޔަސް ޢަބްދުﷲ މުޙައްމަދަކީ ފައިސާ ލިބެންވި ފަރާތްކަމަށް ވީހިނދު، މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ފައިސާ ދެއްކުމަށް ލުއިގޮތްތަކަކަށް ޢަބްދުﷲ މުޙައްމަދު އެއްބަސްވެފައިވާކަން މަދަނީ ކޯޓުގެ ނަންބަރު (418/MC/2001) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަމާއި މިދަރަނި އަދާކުރުމަށް މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީވެސް ދެފަރާތް އެއްބަސްވި ގޮތުގެމަތިންކަމަށް ވެފައި ސާބިތު ދަރަނި އަދާކުރަމުން ގެންދަންޖެހޭނީ ދެފަރާތް އެއްބަސްވި ގޮތުގެމަތިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ކަމާއި ޙުކުމާއެއްގޮތަށް ދަރަނި އަދާނުކޮށްގެން ފިޔަވަޅު އަޅާނަމަ ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނީވެސް މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގެ އެ ޙުކުމާއެއްގޮތަށް ފައިސާ ނުދައްކައިގެން އަލުން މައްސަލަ ހުށަހެޅުމުންކަން ޤަވާޢިދުގެ 07 ވަނަ މާއްދާއަށް ބަލާއިރު އެނގެން އޮންނަކަމާއި ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގައި މަހަކު -/25،000 (ފަންސަވީހާސް ރުފިޔާ) ދެއްކުމަށް ޙުކުމްކޮށްފައިވި ކަމުގައިވިޔަސް އޭގެ ފަހުގެ ޤަޟިއްޔާ މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގައި ދެފަރާތުން ފައިސާ ދެއްކުމަށް ވަކިގޮތަކަށް އެއްބަސްވި ހިނދު، ދެފަރާތް އެއްބަސްވިގޮތަށް ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށްފައިވުމުން، ފައިސާ ދެއްކުމަށް ކުރިން ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ފަހުން ކޮށްފައިވާ ޙުކުމުގެ ސަބަބުން ބަދަލުއައިސްފައިވާތީ މިހާރު ޢަމަލުކުރެވޭނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ފަހުގެ ޙުކުމުގައިވާ ގޮތަށް މަހަކު-/2،000 (ދެހާސް ރުފިޔާ) ކަމާއި ފައިސާ ދެއްކުމަށް ވަކިގޮތަކަށް ދެފަރާތް އެއްބަސްވެ އެގޮތުގެމަތިން ޙުކުމްކޮށްފައިވާތީ ސާބިތު ދަރަނި އަދާކުރަންވީގޮތުގެ މައްޗަށް ޤާނޫނީ ބާރުވެރިކަން ހިނގާނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ފަހުގެ ޙުކުމުގެ މައްޗަށްކަން އެނގެން އޮންނަކަމެވެ.
[11]އަށްވަނަ ކަމަކީ، ދެފަރާތް އެއްބަސްވިގޮތުގެ މަތިން ކޮށްފައިވާ މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ކޮންމެ މަހަކު ދެހާސް ރުފިޔާ މުޙައްމަދު ރަޝާދު ދައްކަމުން ގޮސްފައިނުވާކަމަށް ހައިކޯޓުން ސާބިތުކޮށްފައިވަނީ ޝަރީޢަތަށް ހުށަހެޅިފައިވާ މަދަނީ ކޯޓުގެ ސާބިތު ދަރަނީގެ ނަންބަރު 93/50 ގެ ޗިޓަށް ރިޢާޔަތްކޮށްކަމަށްވާތީ، އެ ޗިޓަށް ބެލުމުން އެނގުނީ ދަރަނި އަދާކުރުމުގެގޮތުން ދެއްކި ފައިސާ ކަމަށް އެ ޗިޓުގައި ނަކަލުކުރެވިފައިވާ ފައިސާގެ ޢަދަދު ތަކަކީ މުޙައްމަދު ރަޝާދު މަދަނީ ކޯޓަށް ފައިސާ ދެއްކުމުން އެ ކޯޓުގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހާމަކުރެވިފައިވާ ފައިސާގެ ޢަދަދުތަކެއް ނޫންކަމާއި އެ ޗިޓުގައި ހާމަކުރެވިފައިވާ ފައިސާގެ ޢަދަދުތަކަކީ ކޯޓުން ބޭރުގައި މުޙައްމަދު ރަޝާދު، ޢަބްދުﷲ މުޙައްމަދު އަތަށް ފައިސާ ދިނުމުން ޢަބްދުﷲ މުޙައްމަދު މަދަނީ ކޯޓަށް ގޮސް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ފައިސާ ޢަދަދުތަކެއްކަމާއި، އެހެންކަމުން ފައިސާ ދައްކަމުން ގޮސްފައިވަނީ ކޯޓުން ބޭރުގައިކަމާއި ކޯޓުން ބޭރުގައި ދައްކާ ފައިސާ ކޯޓުގައި އޮންނަ ދަރަނި ރިކޯޑް ފޮތުން ކަނޑުވަނީ ޚުދު ޢަބްދުﷲ މުޙައްމަދު ކޯޓަށް ގޮސް ދޭ މަޢުލޫމާތުގެ މައްޗަށް ކަމުގައި ޢަބްދުﷲ މުޙައްމަދުވެސް ބުނެފައިވާކަމާއި މަދަނީ ކޯޓުގެ ދަރަނީގެ ޗިޓުގައިވެސް ބަޔާންކޮށްފައިވަނީ "އަތުން އަތަށް" ނުވަތަ ކޯޓު މެދުވެރިކުރުވުމެއް ނެތި މުޙައްމަދު ރަޝާދު އަތުން ޢަބްދުﷲ މުޙައްމަދު އަތަށް ދިން ފައިސާގެ ގޮތުގައިކަމާއި މަދަނީ ކޯޓުގެ ނަންބަރު 829/MC/2008 ޤަޟިއްޔާގެ ޙުކުމްކުރުމާއި ހަމައަށް، އެހާތަނަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ދައްކާފައިވާކަން މަދަނީ ކޯޓުގެ ޤަޟިއްޔާއިން އެނގެން އޮތްއިރު ދެފަރާތް އެއްބަސްވިގޮތަށް ފައިސާ ދައްކާފައިނުވާކަމަށް ހައިކޯޓުން ސާބިތުކޮށްފައިވާގޮތް ރަނގަޅުނޫންކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
[12]ވީމާ، އިސްވެ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގައި (ރަމުޒު ) މުޙައްމަދު ރަޝާދު (ކަނޑޫދޫ ރަޝާދު) ގެ މައްޗަށް ސާބިތުކޮށްފައިވާ -/953،340 (ނުވަލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) ގެތެރެއިން -/200،850 (ދެލައްކަ އަށްސަތޭކަ ފަންސާސް ރުފިޔާ) ދެއްކުމަށް ފަހު، ބާކީ ފައިސާ ޙުކުމާއެއްގޮތަށް ދައްކަމުން ގޮސްފައިނުވާތީ، ސާބިތު ދަރަނީގެ މައްސަލައެއްގެ ގޮތުގައި ޢަބްދުﷲ މުޙައްމަދު މަދަނީ ކޯޓަށް ހުށަހެޅުމުން ބެލި އެ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ މުޙައްމަދާއި މުޙައްމަދު ރަޝާދުއާއި މިދެފަރާތުން ސާބިތު ދަރަނީގެ ފައިސާ ދައްކާނެ ގޮތަކާމެދު ވަކިގޮތަކަށް އެއްބަސްވުމުން ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުގެ 07 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްބަސްވިގޮތުގެ މައްޗަށް ބިނާކޮށް މަދަނީ ކޯޓުގެ ނަންބަރު 418/MC/2001 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދެމިގޮތް ޙުކުމެއްކަމަށްވާތީ، ކޯޓު ނަންބަރު 02 ގެ ނަންބަރު 347/JC-2/1993 ޤަޟިއްޔާގައި ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމުގެ އެބަޔާއެއްގޮތަށް ޢަމަލުކުރުމަށް އަންގާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައެޅުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/261 ޤަޟިއްޔާގެ ޙުކުމާއި މަދަނީ ކޯޓުގެ ނަންބަރު 829/MC/2008 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް މި މައްސަލަ ބެލި މި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ޢީދު
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 ވަނަ މާއްދާ
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 07 ވަނަ މާއްދާ
- 347/JC-2/1993
- 418/MC/2001
- 829/MC/2008
- 2008/HC-A/261
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 25 އޮގަސްޓް 2009 · ރަޖިސްޓްރީކުރީ 15 ސެޕްޓެމްބަރު 2009 · ނިމުނީ 30 ޖަނަވަރީ 2013 (40.5 މަސް)