ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/06
މުޙައްމަދު މުޞްޠަފާ ވ. ޢަބްދުލްޙަކީމް ޢަލީ، 2009/SC-A/06
Mohamed Mustafaa v. Abdul Hakeem Ali 2009/SC-A/06 (2009/SC-A/06, Supreme Court of the Maldives, 27 November 2012)
މުޙައްމަދު މުޞްޠަފާ ވ. ޢަބްދުލްޙަކީމް ޢަލީ
މައްސަލައިގެ ޚުލާޞާ
ނުނިމިހުރި މަސައްކަތް ނިންމުމަށް ޝަރުޢީ އަގުކޮމެޓީން ކަނޑައެޅި -/553360 ރުފިޔާއާއި -/428900 ރުފިޔާގެ ދެމެދުގެ ޢަދަދުގެ ތެރެއިން އެންމެކުޑަ ޢަދަދުކަމަށްވާ -/428900 ރުފިޔާގެ ދެބައިކުޅައެކެއް ކަމަށްވާ -/214450 ރުފިޔާ ގޭގެވެރިފަރާތަށް ދެއްކުމަށް މަދަނީ ކޯޓުގެ ނަންބަރު 1442/MC/2006 ޤަޟިއްޔާގައި ޙުކުމްކުރިއެވެ. އެޢަދަދު ޤަބޫލުނުކޮށް ގޭގެވެރިފަރާތުން ކުރި އިސްތިއުނާފުގައި، ހައިކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ދެގޯތީގައި އެއް ޢިމާރާތެއްގެ ގޮތުގައި ފަސްބުރި ޢިމާރާތެއް ކުރުމަށް ކުއްޔަށްހިފި ފަރާތާއި ގޭގެވެރިފަރާތާ ދެމެދު ވެވުނު އެގްރިމެންޓުގެ ދަށުން، ޢިމާރާތުގެ އެންމެމަތީ ދެފުލޯ ފުރިހަމަކޮށް ނިންމައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ގޭގެވެރިފަރާތާ ޙަވާލުކުރަންޖެހުނެވެ. އެދެފުލޯގެ މަސައްކަތް ފުރިހަމަނުކޮށް ޙަވާލުނުކުރުމުން، ނުނިމިހުރި މަސައްކަތުގެ އަގާއި ކުލީގެ ފައިސާ ހޯދުމަށް ނުވަތަ އެގްރިމެންޓު ބާޠިލުކުރުމަށް ގޭގެވެރިފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރިއެވެ.
ހައިކޯޓުގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ކުއްޔަށްހިފި ފަރާތުން ސުޕްރީމް ކޯޓަށް އިލްތިމާސްކުރިއެވެ. އިލްތިމާސްކުރި ފަރާތުގެ ހުށަހެޅުންތައް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގައި ވަކިން ބަޔާންކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ބިނާކުރުމުގެ އެގްރިމެންޓެއްގެ ދަށުން ގޭގެވެރިފަރާތާ ޙަވާލުކުރަންޖެހޭ ފުލޯތަކަށް ގޭގެވެރިފަރާތް ވަދެ ބޭނުންކުރަން ފެށުމުން، އެފުލޯތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ކުއްޔަށްހިފި ފަރާތުގެ މައްޗަށް އޮތް ޒިންމާ ނިމިގެން ދޭތޯއާއި، ނުނިމިހުރި މަސައްކަތުގެ އަގު ކަނޑައަޅަންވީ ޝަރުޢީ އަގުކޮމެޓީން ދިން ޢަދަދުތަކުގެ ތެރެއިން ކޮން ޢަދަދަކަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (ފަނޑިޔާރުންގެ އިއްތިފާޤުން)
އެގްރިމެންޓުގެ ދަށުން އެންމެމަތީ ދެފުލޯގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ނިންމުމަށްފަހު ގޭގެވެރިފަރާތާ ޙަވާލުކުރުމަކީ ކުއްޔަށްހިފި ފަރާތުގެ ޒިންމާއެއް ކަމަށާއި، ގޭގެވެރިފަރާތް އެދެފުލޯއަށް ވަދެ ބޭނުންކުރަން ފެށުމުން ނިމިގެން ދަނީ ގޭގެވެރިފަރާތަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމުގެ ޒިންމާ ކަމަށާއި، ފުރިހަމަކުރުމުގެ ޒިންމާ ނިމިގެން ނުދާކަމަށް ކޯޓުން ކަނޑައެޅިއެވެ. އަގުކޮމެޓީން ދިން ދެޢަދަދުގެ ތެރެއިން ކޮންމެ ޢަދަދަކީވެސް މަސައްކަތް ނިންމިދާނެ އަގަކަށްވާތީ، ކުއްޔަށްހިފި ފަރާތުގެ މަޞްލަޙަތުގައި އެންމެކުޑަ ޢަދަދު ދަށުކޯޓުން ކަނޑައެޅުމަކީ ޞައްޙަ ކަމެއްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ފަނޑިޔާރުންގެ އިއްތިފާޤުން ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެގްރިމެންޓުގައި އެއްބަސްވެފައި ވަނީ އެދެފުލޯގައި ކުރާ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު ގޭގެވެރިފަރާތާއި ޙަވާލުކުރުމަށްކަމަށް ވާތީ، ގޭގެވެރިފަރާތުން އެދެފުލޯއަށް ވަދެތިބި ކަމުގައިވިއަސް އެގްރިމެންޓްގެ ދަށުން އެދެފުލޯގެ މަސައްކަތް ފުރިހަމަކުރުމަކީ ކުއްޔަށްހިފި ފަރާތުގެ ޒިންމާއެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4، 7)
- އަގުކޮމެޓީން ކަނޑައަޅާފައިވާ ދެޢަދަދުގެ ތެރެއިން ކޮންމެ ޢަދަދަކީވެސް އެދެފުލޯގެ ނުނިމިހުރި މަސައްކަތް ނިންމިދާނެ އަގެއްކަން އަގުކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެނގޭކަމާއި ދެޢަދަދުގެ ތެރެއިން އެންމެކުޑަ ޢަދަދު ކޯޓުން ކަނޑައަޅާފައި ވަނީ މިޢަދަދަކީ ކުއްޔަށްހިފި ފަރާތުގެ މަޞްލަޙަތުގައި އެންމެ ކުޑަޢަދަދުކަމަށްވެފައި އަދި އެދެފުލޯ ނުނިމިހުރި މަސައްކަތް ނިންމޭނެ އަގެއްކަމަށް ކޯޓަށް ބެލެވޭތީ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/06
ދަޢުވާކުރާ ފަރާތް: މުޙައްމަދު މުޞްޠަފާ
ދަޢުވާ ލިބޭ ފަރާތް: ޢަބްދުލްޙަކީމް ޢަލީ
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 04 މާރޗް 2009
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 މާރޗް 2009
ނިމުނު ތާރީޚް: 27 ނޮވެމްބަރ 2012
މައްސަލަ ނިންމި ގަޑި: 15:45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2006/HC-A/255
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 25 ޑިސެމްބަރ 2006
ނިމުނު ތާރީޚް: 31 ޑިސެމްބަރ 2008
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު މުޞްޠަފާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޢަބްދުލްޙަކީމް ޢަލީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 1442/MC/2006 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، ޢަބްދުލްޙަކީމް ޢަލީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި ޚަޞްމުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަށުކޯޓުގެ ނިންމުންތަކަށާއި ދެފަރާތް ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
1ފުރަތަމަކަމަކީ، މ.ލީނިއާދެކުނުބައި އެވެކިޔާ ގޯއްޗާއި މ.ލީނިއާ އެވެކިޔާ ގޯއްޗާއި މިދެގޯތީގައި ފަސްބުރި އިމާރާތެއް ކުރުމަށް ޢަބުލްޙަކީމް ޢަލީ އާއި އޭނާގެ އަނބި ފާތިމަތުދީދީ އާއި ދެމީހުންނާއެކު ވަކިވަކިން ދެއެގްރިމެންޓެއް މުޙައްމަދު މުޞްޠަފާ ކޮށްފައިވާކަމާއި ޢަބުދުލްޙަކީމް ޢަލީއާއެކު ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ޢަބުދުލްޙަކީމް ޢަލީ އަށް ލިބެންޖެހޭ ޢިމާރާތުން ލިބެންޖެހޭ ބައި (ޢިމާރާތުގެ އެންމެމަތީ ދެފުލޯ) ކޮމްޕްލީޓްކޮށް ފުރިހަމަކޮށްފައި ނުވާތީ އެދެފުލޯގައި ނުނިމިހުރި މަސައްކަތްތައް ބަލައި ޝަރީޢަތުން އަގެއް ކަނޑައަޅައި ދިނުމަށާއި، މުޙައްމަދު މުޞްޠަފާ އަތުން އެއަގު ހޯދުމަށް ނުވަތަ އެގްރިމެންޓް ބާޠިލު ކޮށްދިނުމަށާއި، ޢިމާރާތުގެ އެންމެމަތީ ދެފުލޯ ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާތީ، އެދެފުލޯ ހަވާލުނުކޮށް ހުރި ދުވަސްތަކަށް ކުލީގެ ގޮތުގައި އެފަދަ ދެފުލޯއަކަށް މަހަކު /8000 (އަށްހާސް) ރުފިޔާގެ މަގުން 24 އޮކްޓޯބަރު 2005 ވަނަ ދުވަހުން ފެށިގެން މައްސަލަނިމޭ ދުވަހާއި ހަމައަށް ލިބެންޖެހޭ ފައިސާ މުޙައްމަދު މުޞްޠަފާ އަތުން ހޯދުމަށް ޢަބުދުލްޙަކީމް ޢަލީ މަދަނީކޯޓުގައި ދަޢުވާކުރުމުން މަދަނީކޯޓުން ނަގައިދީފައި ވަނީ ޢިމާރާތުގެ އެންމެމަތީ ދެފުލޯގެ ނުނިމިހުރި މަސައްކަތް ނިންމައި ފުރިހަމަކުރުމަށް ހިނގާނެ ޚަރަދެއްކަމަށް އަގުކޮމެޓީން ކަނޑައެޅި އެންމެކުޑަ އަގުކަމަށްވާ -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާގެ 2/1 (ދެބައިކުޅައެކެއް) ބައިކަމަށްވާ -/214450 (ދެލައްކަ ސާދަހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާކަން އެނގެން އޮންނަކަމެވެ.
2ދެވަނަކަމަކީ، ޢިމާރާތުގެ އެންމެމަތީ ދެފުލޯގައި ނުނިމިހުރި މަސައްކަތް ނިންމުމަށް -/553360 (ފަސްލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ އާއި -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާ އާއި ދެމެދުގެ ޢަދަދަކަށް ޚަރަދު ހިނގާނެކަމަށް ޝަރުޢީ އަގުކޮމެޓީން ބުނެފައި ވާތީ، އެދެފުލޯގައި ނުނިމިހުރި މަސައްކަތް -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާއިން ނިންމިދާނެކަމަށް މަދަނީކޯޓުގެ ނަންބަރު 1442/MC/2006 ޤަޟިއްޔާގައި ކަނޑައެޅުމުން އެޢަދަދު ޤަބޫލު ނުކޮށް މަދަނީކޯޓުގެ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ޢަބުދުލްޙަކީމް ޢަލީ ކަމާއި ހައިކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާއިން މިމައްސަލަ ބަލާފައިވާކަން އެނގެން އޮންނަކަމެވެ.
3ތިންވަނަކަމަކީ، އެގްރިމެންޓްގެދަށުން ކުއްޔަށް ދޫކޮށްފައި ވަނީ މ.ލީނިއާދެކުނުބައި އެވެކިޔާ ގޯތީގައި ކުރިން ހަދާފައި ހުރި އެއްބުރި ޢިމާރާތާއި ވަޅުފަދަ ތަންތަނާއި އަދި އެއްބަސްވުމުގެ ދަށުން އެގޯތީގައި ކުއްޔަށް ހިފިފަރާތުން ފަހުން ފަސްބުރިއަށް ހަދާ ޢިމާރާތުގެ އެންމެ މަތީދެފުލޯ ފިޔަވައި އެޢިމާރާތުގެ ތިންބުރިކަން އެނގެން އޮންނަކަމާއި އެގްރިމެންޓް ކުރެވުނު އިރު އެގޯތީގައި ހަދާފައި ހުރި އެއްބުރި ޢިމާރާތް އެގްރިމެންޓްގެ ދަށުން ކުއްޔަށް ދޫކުރެވުނު ކަމުގައި ވިއަސް އެގްރިމެންޓުގެ ދަށުން ޢިމާރާތްކުރާ ފަސްބުރި ޢިމާރާތް ކުރުމަށްޓަކައި ކުރިން ހުރި އެއްބުރި ޢިމާރާތް އުވާލެވޭނެ ކަމާއި، ތަނުގެ ކުއްޔަކީ ކުއްޔަށްހިފި ފަރާތުން ފަސްބުރި ޢިމާރާތް ކުރުމަށް ޚަރަދުކުރާ ޖުމުލަ ފައިސާކަމާއި، ފަސްބުރި ޢިމާރާތުގެ އެންމެމަތީ ދެފުލޯ ގޭގެ ވެރިފަރާތް ދިރިއުޅުމަށްޓަކައި އެދެފުލޯ ކޮމްޕްލީޓްކޮށް ނިންމުމަށްފަހު އެގްރިމެންޓްގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ގޭގެވެރިފަރާތާއި ޙަވާލުކުރާޖެހޭކަމާއި އެމުއްދަތުގެ ތެރޭގައި އެދެފުލޯ ޙަވާލު ނުކުރެވިއްޖެނަމަ، އެގްރިމެންޓް ކޯޓުގައި ރަޖިސްޓްރީ ކުރާދުވަހުން ފެށިގެން 03 އަހަރު ހަމަވުމަށްފަހު، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެފަދަ ދެ ފުލޯއަކަށް ލިބޭ މިޘްލީކުއްޔެއް ގޭގެވެރިފަރާތަށް ލިބެންޖެހޭކަން އެނގެން އޮންނަކަމެވެ.
4ޕްރިސިޑެންސް 1ހަތަރުވަނަކަމަކީ، ފަސްބުރި ޢިމާރާތުގެ ބައިތަކުގެ ތެރެއިން އެންމެމަތީ ދެފުލޯ ކުރިން ބުނެވުނު މުއްދަތުގެ ތެރޭގައި ގޭގެވެރިފަރާތާ ޙަވާލުކުރަންޖެހޭކަމާއި އެދެފުލޯ ޙަވާލުކުރަންޖެހެނީ އެދެފުލޯގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ފުރިހަމަ ކުރުމަށްފަހު ކަމާއި އެގްރިމެންޓުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ގޭގެވެރިފަރާތާއި އެދެފުލޯ ޙަވާލު ނުކުރެވިއްޖެނަމަ، ކުއްޔަށްހިފި ފަރާތުގެ ޒިންމާއަކީ ކޯޓުގައި އެގްރިމެންޓް ރަޖިސްޓުރީކުރި ތާރީޚުން ފެށިގެން 03 އަހަރު ހަމަވުމަށްފަހު އިތުރަށް ހިނގާ ކޮންމެ މަހަކަށް ކުއްޔަށްހިފި ފަރާތުން އެފަދަ ދެ ފުލޯއަކަށް ލިބޭނެ ކުލި ގޭގެވެރިފަރާތަށް ދެއްކުންކަމާއި އެހެންނަމަވެސް ގޭގެވެރިފަރާތާއި އެދެފުލޯ ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލު ކުރެވިފައިނުވާތީ ވެރިފަރާތުން އެތަނަށް ވަދެފައިވާކަން ދަށުކޯޓުގެ ރިޕޯޓުން އެނގެން އޮންނަކަމާއި އެގްރިމެންޓުގައި އެއްބަސްވެފައި ވަނީ އެދެފުލޯގައި ކުރާ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު ގޭގެވެރިފަރާތާއި ޙަވާލުކުރުމަށްކަމަށް ވާތީ، ގޭގެވެރިފަރާތުން އެދެފުލޯއަށް ވަދެތިބި ކަމުގައިވިއަސް އެގްރިމެންޓްގެ ދަށުން އެދެފުލޯގެ މަސައްކަތް ފުރިހަމަކުރުމަކީ ކުއްޔަށްހިފި ފަރާތުގެ ޒިންމާއެއްކަމާއި އެދެފުލޯގެ މަސައްކަތް ނިންމާފައި ނުވާކަން ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މަދަނީކޯޓުގެ ނަންބަރު 1442/MC/2006 ޤަޟިއްޔާގެ ކުރިން ބަލާފައިވާ މަދަނީކޯޓުގެ ނަންބަރު 792/MC/2006 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި އެދެފުލޯގެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށްޓަކައި ކުރަންހުރި މަސައްކަތް އަގުކޮމެޓީ ފޮނުވައިގެން ބެލުމަށްފަހު، ނުނިމިހުރި މަސައްކަތް ނިންމާ ފުރިހަމަ ކުރުމަށް ހިނގާނެ ޚަރަދެއްކަމަށް އަގުކޮމެޓީން ކަނޑައެޅި -/553360 (ފަސްލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާއާއި -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާގެ ދެމެދުގެ ޢަދަދުގެ ތެރެއިން އެންމެކުޑަ އަގުކަމުގައިވާ -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާއަކީ އެދެފުލޯގެ ނުނިމިހުރި މަސައްކަތް ނިންމާ ފުރިހަމަ ކުރެވިދާނެ އަގެއްކަމަށް ދަށުކޯޓުން ކަނޑައެޅުއްވުމުން ހައިކޯޓުން އެކަމަށް ތާއީދުކުރައްވާފައި ވާކަން އެނގެން އޮންނަކަމެވެ.
5ފަސްވަނަކަމަކީ، ޢަބުދުލްޙަކީމް ޢަލީ އާއި އޭނާގެ އަނބި ފާތިމަތުދީދީ އާއި ދެމީހުންނާއެކު ވަކިވަކިން މުޙައްމަދު މުޞްޠަފާ ކޮށްފައިވާ ދެ އެގްރިމެންޓުގެ ދަށުން މ.ލީނިއާ އެވެކިޔާ ގޯއްޗާއި އަދި މ. ލީނިއާދެކުނުބައި އެވެކިޔާ ގޯތީގައި އެއް އިމާރާތެއް ގޮތުގައި ކޮށްފައިވާ 05 ބުރި ޢިމާރާތުގެ އެންމެމަތީ 02 ފުލޯ އަކީ ވަކިވަކި ދެއެގްރިމެންޓުގެ ދަށުން ޢަބުދުލްޙަކީމް ޢަލީއަށާއި ފާތިމަތު ދީދީއަށް އެއްއުޞޫލެއްގެ ދަށުން ލިބެންޖެހޭ ދެ ފުލޯކަމާއި ހައިކޯޓުގައި ޢަބުދުލްޙަކީމް ޢަލީ އިސްތިއުނާފު ކޮށްފައިވާ ނުކުތާއަކީ މަދަނީކޯޓުގެ ނަންބަރު 1441/MC/2006 ޤަޟިއްޔާގައި ފާތިމަތުދީދީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުގެ ނަންބަރު 2006/HC-A/254 ޤަޟިއްޔާގައި ބަލާފައިވާ ނުކުތާއަކަށް ވާތީ ހައިކޯޓަށް ޢަބުދުލްޙަކީމް ޢަލީ ހުށަހެޅި މިމައްސަލައިގައިވެސް ހައިކޯޓުން އެކޯޓުގެ ކުރީގެ ޤަޟިއްޔާއަށް ރިޢާޔަތް ކޮށްފައިވާކަން އެކޯޓުގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
6ހަވަނަކަމަކީ، މ.ލީނިއާ އެވެކިޔާ ގޯއްޗާއި އަދި މ.ލީނިއާދެކުނުބައި އެވެކިޔާ ގޯތީގައި އެއްޢިމާރާތެއްގެ ގޮތުގައި ކުރެވޭ ފަސްބުރި ޢިމާރާތް، ކުއްޔަށްހިފި ފަރާތުގެ މަސައްކަތާއި ޚަރަދުގައި ފުރިހަމަކޮށް ނިންމަވާނެކަމަށް އެގްރިމެންޓްގެ 12 ވަނަ މާއްދާގައި ބުނެފައި ވާކަމާއި މިމާއްދާއިން އެނގޭ ގޮތުގައި ޢިމާރާތުގެ ބައިތަކުގެ ތެރެއިން މުޙައްމަދު މުޞްޠަފާއަށް ކުއްޔަށް ދޫކުރެވޭ ތިންބުރީގެ އިތުރުން ގޭގެ ވެރިފަރާތަށް ދޫކުރެވޭ އެންމެމަތީ ދެބުރީގެ ހުރިހާ މަސައްކަތެއްވެސް ފުރިހަމަކޮށް ނިންމުމަކީ މުޙައްމަދު މުޞްޠަފާގެ ޒިންމާއެއްކަމާއި އެހެނީ އިމާރާތުގެ ވެރިފަރާތް ދިރިއުޅުމަށްޓަކައި އެދެފުލޯ އެގްރިމެންޓްގެ 04 ވަނަ މާއްދާގެ (ށ) ގައި ބުނާ މުއްދަތުގެ ތެރޭގައި ނިންމާ ކޮމްޕްލީޓްކޮށްފައި ގޭގެވެރިފަރާތާއި ޙަވާލުކުރަންވާނެކަމަށް އެގްރިމެންޓްގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި ގޭގެވެރިފަރާތަށް ލިބެންޖެހޭ އެދެފުލޯ އެގްރިމެންޓްގެ 06 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ފުރިހަމަކޮށް ނިންމުމަށްފަހު އެގްރިމެންޓްގެ 04 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ގޭގެވެރިފަރާތާ ޙަވާލުކޮށްފައި ނުވާކަން އެނގެން އޮންނަކަމެވެ.
7ހަތްވަނަކަމަކީ، އެގްރިމެންޓަށް ބަލާއިރު އިމާރާތުގެ އެންމެމަތީ ދެފުލޯ ގޭގެވެރިފަރާތާއި ޙަވާލުކުރެވެންދެން، ގޭގެވެރިފަރާތް ދިރިއުޅޭނެ ތަނެއް ހަމަޖައްސައި ދިނުމަކީ މުޙައްމަދު މުޞްޠަފާގެ ޒިންމާއެއްކަން އެނގެން އޮތުމުން، އެދެފުލޯގެ ބޭނުން ގޭގެވެރިފަރާތުން ކުރަންފެށުމުގެ ސަބަބުން ކެނޑިގެން ދާނީ ގޭގެވެރިފަރާތް ދިރިއުޅޭނެ ތަނެއް ހަމަޖައްސައި ދިނުމަށް އެގްރިމެންޓްގައި އޮތް ޒިންމާކަމާއި ނަމަވެސް އެދެފުލޯ ގޭގެވެރިފަރާތުން ބޭނުންކުރަން ފެށިކަމުގައި ވިއަސް ދެފުލޯ ކޮމްޕްލީޓްކޮށް ފުރިހަމަ ކުރުމަށް މުޙައްމަދު މުޞްޠަފާގެ މައްޗަށް އޮތް ޒިންމާ ކެނޑިގެން ގޮސްފައި ނުވާކަން އެނގެން އޮންނަކަމެވެ.
8ޕްރިސިޑެންސް 2އަށްވަނަކަމަކީ، ގޭގެވެރިފަރާތާއި ޙަވާލުކުރަންޖެހޭ ދެފުލޯގައި ނުނިމިހުރި މަސައްކަތް ނިންމާ ފުރިހަމަކުރުމަށް ހިނގާނެ ޚަރަދުކަމަށް އަގުކޮމެޓީން ކަނޑައެޅި -/553360 (ފަސްލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ އާއި -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާގެ ދެމެދުގެ ޢަދަދުގެ ތެރެއިން އެންމެކުޑަ ޢަދަދުކަމުގައިވާ -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާއަކީ އެދެފުލޯގެ ނުނިމިހުރި މަސައްކަތް ނިންމާ ފުރިހަމަކުރެވިދާނެ އަގެއްކަމަށް ކަނޑައަޅާފައި ވަނީ ޝަރުޢީ އަގުކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިންކަމާއި އަގުކޮމެޓީން ކަނޑައަޅާފައިވާ ދެޢަދަދުގެ ތެރެއިން ކޮންމެ ޢަދަދަކީވެސް އެދެފުލޯގެ ނުނިމިހުރި މަސައްކަތް ނިންމިދާނެ އަގެއްކަން އަގުކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެނގޭކަމާއި ދެޢަދަދުގެ ތެރެއިން އެންމެކުޑަ ޢަދަދުކަމުގައިވާ -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާ ކޯޓުން ކަނޑައަޅާފައި ވަނީ މިޢަދަދަކީ މުޙައްމަދު މުޞްޠަފާގެ މަޞްލަޙަތުގައި އެންމެ ކުޑަޢަދަދުކަމަށްވެފައި އަދި އެދެފުލޯ ނުނިމިހުރި މަސައްކަތް ނިންމޭނެ އަގެއްކަމަށް ކޯޓަށް ބެލެވޭތީކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
ވީމާ، އިސްވެ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމުން މ.ލީނިއާ އެވެކިޔާ ގޯއްޗާއި އަދި މ.ލީނިއާދެކުނުބައި އެވެކިޔާ ގޯތީގައި އެއްޢިމާރާތެއްގެ ގޮތުގައި ކޮށްފައިވާ ފަސްބުރި ޢިމާރާތުގެ އެންމެމަތީ ދެފުލޯގައި ނުނިމިހުރި މަސައްކަތް ނިންމާ ފުރިހަމަކުރުމަށް ޚަރަދު ހިނގާނެކަމަށް ޝަރުޢީއަގު ކޮމެޓީން ކަނޑައެޅި -/553360 (ފަސްލައްކަ ފަންސާސްތިންހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ އާއި -/428900 (ހަތަރުލައްކަ އަށާވީސްހާސް ނުވަސަތޭކަ) ރުފިޔާގެ ދެމެދުގެ ޢަދަދުގެ ތެރެއިން އަގުކޮމެޓީން ކަނޑައެޅި އެންމެކުޑަ ޢަދަދުކަމުގައިވާ -/428900 (ހަތަރުލައްކަ އަށާވިސްހާސް ނުވަސަތޭކަ) ރުފިޔާގެ 2/1 (ދެބައިކުޅައެކެއް) ބައިކަމަށްވާ -/214450 (ދެލައްކަ ސާދަހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާ ޢަބުދުލް ޙަކީމް ޢަލީ އަށް ދެއްކުމަށް މުޙައްމަދު މުޞްޠަފާގެ މައްޗަށް މަދަނީކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ނަންބަރު 2006/HC-A/255 ޤަޟިއްޔާގައި ކުރި ޙުކުމް ޞައްޙަކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު
- 792/MC/2006
- 1441/MC/2006
- 2006/HC-A/254
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަލީ ޙަމީދު މުޙައްމަދު
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 މާރިޗު 2009 · ރަޖިސްޓްރީކުރީ 12 މާރިޗު 2009 · ނިމުނީ 27 ނޮވެމްބަރު 2012 (44.5 މަސް)