ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/18
މުޙައްމަދު އަޒްރަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2021/HC-B12/18
Mohamed Azram v. Prosecutor General 2021/HC-B12/18 (2021/HC-B12/18, High Court of the Maldives, 23 June 2021)
މުޙައްމަދު އަޒްރަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ އަމުރު ދެމެހެއްޓުމަށް ނިންމިއެވެ.
އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތް، ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 2021 އޭޕްރިލް 8 ގައި އަމުރުކުރިއެވެ. އެ އަމުރު މުރާޖަޢާކުރުމަށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އަމުރަކީ ޤާނޫނު ނަންބަރު 12/2009 ގެ 30، 31، 35 ވަނަ މާއްދާތަކާއި، 2021/SC-A/13 ގެ އުޞޫލުތަކާއި، ޤާނޫނުއަސާސީގެ 45 އަދި 143 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު މުރާޖަޢާކޮށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު، ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވޭތޯއާއި، ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަކީ އެ އަމުރާ ގުޅޭ ނުކުތާތަކެއްތޯ.
ނިންމި ގޮތް
މުރާޖަޢާގެ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް އަޣުލަބިއްޔަތުން ނިންމި (އިސްތިއުނާފީ ނުކުތާތައް ބަލައިނުގަނެ)
ނުކުތާތައް ވަނީ އަސްލު ބަންދު އަމުރާ ގުޅުވައިގެންކަމުން އެ ނުކުތާތައް ބަލައިނުގަތެވެ. ނަމަވެސް މުރާޖަޢާގެ އަމުރުގައި ބަންދުކުރި ސަބަބުތައް ދެމިހުރިތޯ ބަލާފައި ނުވާތީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާއާ އެއްގޮތަށް ނުވާކަމަށް އަޣުލަބިއްޔަތު ދެކުނެވެ. ޚިލާފު ރައުޔުގައި ބުނީ އެ މާއްދާއަށް ބިނާކުރި ނުކުތާއެއް ނެތުމުން ބަދަލު ނުގެނެވޭނެކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 12/2009 ގެ 30 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ފަރާތަކަށް، ބަންދުގައި ގިނަ ދުވަސް ވެފައިވާނަމަ ނުވަތަ ބަންދުކުރި ސަބަބު ނުވަތަ ޙާލަތު ނެތިގެން ގޮސްފިނަމަ، ބަންދުގެ އަމުރު މުރާޖަޢާކުރުމަށް 36 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- 36 ވަނަ މާއްދާގެ ދަށުން ބަންދު އަމުރެއް މުރާޖަޢާކުރާއިރު ކޯޓުން ބަލަންޖެހޭނީ ބަންދުކުރި ސަބަބުތައް (މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް، ހެކި ފޮރުވުން ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު) އަމުރު ނެރުނުއިރު އޮތް މިންވަރަށް ދެމިއޮތްތޯއެވެ. ޙާލަތު ދެމިނުހުރިނަމަ ނުވަތަ އިތުރަށް ބަންދުގައި ބެހެއްޓުމުގެ ސަބަބެއް ނެތްނަމަ ދޫކޮށްލެވިދާނެއެވެ. ޙާލަތު ދެމިއޮތްނަމަ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ކޮންމެ ސަބަބެއް ނުވަތަ ޙާލަތެއް ދެމިހުރިތޯ އެއްވެސް ވަރަކަށް ނުބަލައި، ހަމައެކަނި ކުރީގެ އަމުރު ދެމެހެއްޓުމަށް ނިންމާ މުރާޖަޢާގެ އަމުރަކީ 36 ވަނަ މާއްދާގެ (ނ) އާ އެއްގޮތަށް ނިންމާފައިވާ އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8، 11-12)
- މުރާޖަޢާގެ އަމުރެއް އިސްތިއުނާފުކުރާއިރު ހައިކޯޓުގެ ކުރިމަތީގައި އޮތީ މުރާޖަޢާގެ އަމުރެވެ. އަސްލު ބަންދު އަމުރާ ގުޅޭ ނުކުތާތަކަކީ މުރާޖަޢާގެ އަމުރުގެ ދަށުން އިސްތިއުނާފުކުރެވޭނެ ނުކުތާތަކެއް ނޫނެވެ. އެހެންކަމުން އެ ނުކުތާތައް ބަލައިގަނެ ގޮތެއް ނިންމަންޖެހޭ ނުކުތާތަކެއްކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-17)
- އަޣުލަބިއްޔަތު: އިސްތިއުނާފީ ނުކުތާތައް ބަލައިނުގަތުނަމަވެސް، މުރާޖަޢާގެ އަމުރު 36 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައި ނުވާތީ އެ އަމުރަށް ބަދަލު ގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 36 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ބެންޗު
- ޙުސައިން ޝަހީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- އެބައޮތް