ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/114
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. މަރްޔަމް ޖުމާނާ، 2018/HC-A/114
Maldives Poast Limited v. Mariyam Jumaanaa 2018/HC-A/114 (2018/HC-A/114, High Court of the Maldives, 21 January 2020)
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. މަރްޔަމް ޖުމާނާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޢަދުލުވެރި ހަމައެއްގެ ގޮތުން ޚިދުމަތްކުރި މުއްދަތާ ނިސްބަތުން އުނިކޮށް 174,619.19ރ ދައްކަންޖެހޭ ޢަދުލުވެރި މިންވަރުކަމަށް ކަނޑައަޅައި، 36 މަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ކުންފުނީގެ ޚަރަދުގައި ބޮންޑުގެ އުޞޫލުން ކިޔެވުމަށްފަހު 7 އަހަރާއި 6 މަހުގެ ބޮންޑު މުއްދަތުގެ ތެރެއިން 3 އަހަރާއި 11 މަހާއި 19 ދުވަސް ޚިދުމަތްކޮށް މުވައްޒަފު ވަކިވުމުން، ކޯހަށް ހިނގި ޚަރަދު (397,810.50ރ) ހޯދުމަށް ކުންފުނިން ދަޢުވާ ކުރިއެވެ.
ކުންފުނީގެ ދައުވާއަކީ ޙުކުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާ ޚިލާފު ކަމާއި، އެއްބަސްވުމުގެ މަޤްޞަދާ ޚިލާފު ކަމާއި، ފައިސާ ދެއްކުމަށް ދިން މުއްދަތަކީ އުޞޫލަކާ ނުލައި ދިން ދިގު މުއްދަތެއް ކަމެވެ.
މައިގަނޑު ސުވާލު
ކުންފުނީގެ ޚަރަދުގައި ކިޔަވާ ބޮންޑު މުއްދަތު ފުރިހަމަނުކޮށް ވަކިވާ މުވައްޒަފަކު އަނބުރާ ދައްކަންޖެހޭނީ ކޯހަށް ހިނގި މުޅި ޚަރަދުތޯ ނުވަތަ ޚިދުމަތްކުރި މުއްދަތާ ނިސްބަތުން ކަނޑައަޅާ ޢަދުލުވެރި މިންވަރެއްތޯ؛ އަދި ފައިސާ ދެއްކުމަށް ދިން މުއްދަތު.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ މުޅި ޚަރަދު ދައްކަންޖެހޭކަމަށް ކަނޑައަޅައި ބާކީ 48 މަހުގެ ތެރޭގައި ދެއްކުމަށް އަންގައިފި
އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބައެއް މުއްދަތު ފުރިހަމަކުރި މުވައްޒަފުން ތަފާތުކޮށްފައި ނުވާކަމާއި، ލުޔެއް ދިނުމުގެ އިޚްތިޔާރު އޮތީ ކުންފުންޏަށް ކަމާއި، ކުންފުނިން ލުޔެއް ނުދިނުމަށް ނިންމާފައިވާތީ ޝަރީޢަތުން ލުޔެއް ނުދެވޭނެކަމަށް ކަނޑައަޅައި، މުޅި ޚަރަދުން ދައްކާފައިވާ 141,431.74ރ އުނިކޮށް ބާކީ 256,378.76ރ ދެއްކުމަށް ޙުކުމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވަނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުން ކަމާއި، އެހެން ގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ދުލެއްދީފިނަމަ ނުވަތަ އެހެން ގޮތަކަށް އެއްބަސްވެއްޖެނަމަ ކަމެވެ. (3.3)
- ދެފަރާތެއް ޞައްޙަ އެއްބަސްވުމަކުން ބަނދެވިފައިވާނަމަ އެ ދެފަރާތުގެ ޚުޞޫމާތުގައި ޙަކަމަކަށް ވާނީ އެ އެއްބަސްވުން ކަމާއި، އެއްބަސްވުމުގައި ސާފު ޞަރީޙަ ޢިބާރާތެއް އޮތްނަމަ މާނަކުރުމުގައި ބަރުދަން ދޭންޖެހޭނީ ލިޔެފައިވާ ޢިބާރާތަށެވެ. (3.3)
- ކުންފުނީގެ ޚަރަދުގައި ތަމްރީނުކޮށް ވަކި މުއްދަތަކަށް ޚިދުމަތްކުރަންޖެހޭ އެއްބަސްވުންތަކުގެ މަޤްޞަދަކީ ޚަރަދުގެ ބަދަލުގައި ކަނޑައަޅާ މުއްދަތަށް ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން ހޯދުން ކަމުން، އެ މުއްދަތަށް ޚިދުމަތް ނުލިބޭ ގޮތަށް ނުވަތަ އެކަމަށް މަގުފަހިވާ ގޮތަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އެފަދަ އެއްބަސްވުންތަކުގެ މަޤްޞަދާ ޚިލާފު ކަމެކެވެ. (3.3)
- ބޮންޑު މުއްދަތު ފުރިހަމަނުކޮށް ވަކިވާނަމަ ކޯހަށް ހިނގި ޚަރަދު ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށް، ބައެއް މުއްދަތު ފުރިހަމަކުރި މުވައްޒަފުންނާއި ތަފާތުކޮށްފައި ނުވާއިރު، ލުޔެއް ދިނުމުގެ އިޚްތިޔާރު ލިބިދީފައިވަނީ ކުންފުންޏަށް ކަމުން، ކުންފުނިން ލުޔެއް ނުދިނުމަށް ނިންމާފައިވާނަމަ އެއްބަސްވުމާ ޚިލާފަށް ޝަރީޢަތުން އެފަދަ ލުޔެއް ނުދެވޭނެއެވެ. (3.3)
- ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީނު ކުރުމާބެހޭ ޤަވާއިދާއި މުވައްޒަފުންގެ އިޤުރާރުގެ 16 ވަނަ މާއްދާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް