ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/207
ޖާވީދު ޢަބްދުލްޙަކީމް ވ. ޢަޒީޒާ އަޙްމަދު، 2017/HC-A/207
Jaaveedhu Abdul Hakeem v. Azeezaa Ahmed 2017/HC-A/207 (2017/HC-A/207, High Court of the Maldives, 30 October 2018)
ޖާވީދު ޢަބްދުލްޙަކީމް ވ. ޢަޒީޒާ އަޙްމަދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އެގްރީމެންޓާ ޚިލާފަށް ތަން ބަންދުކޮށްފައިވާކަން ސާބިތުވާތީ އެގްރީމެންޓާ އެއްގޮތަށް ޢަމަލުކުރުމަށާއި، ތަން ބޭނުން ނުކުރެވިވާ 9 އަހަރާއި 8 މަސްދުވަހުގެ މުއްދަތަށް ތަން ބޭނުންކުރުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބޭކަމަށް ކަނޑައަޅައި، 7 ދުވަހުގެ ތެރޭގައި ތަޅުދަނޑިތައް ޙަވާލުކުރުމަށް ޙުކުމްކުރިއެވެ.
ގޯތިން އިސްތިއުނާފުކުރި ފަރާތަށް ލިބިފައިވާ ބައިގެ ޢިމާރާތުގެ ފުރަތަމަ އަދި ދެވަނަ ބުރި 10 އަހަރަށް ކުއްޔަށް ދިނުމަށް 25 ޖެނުއަރީ 2011 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި އެއްބަސްވުމެއް ހެދުނެވެ. ކުއްޔަށްދިން ފަރާތުން ތަނުގެ ތަޅު ބަދަލުކޮށް ބަންދުކުރުމުން ކުއްޔަށް ހިފި ފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޢިމާރާތް ހެދީ އެއްބަސްވުމުގެ ކުރިން ކަމަށާއި، ކުއްޔަށް ހިފި ފަރާތުން އެއްވެސް ޚަރަދެއް ނުކުރާކަމަށާއި، ރަޖިސްޓްރީކުރި އެއްބަސްވުމަކީ ކިޔައިނުލައި ސޮއިކުރި، ކުލި 5000 އިން 500 އަށް ބަދަލުކޮށް އޮޅުވާލާފައިވާ ބާޠިލް އެއްބަސްވުމެއްކަމަށާއި، ކައުންސިލްގެ ސިޓީއަށް ރިޢާޔަތްނުކުރާކަމަށެވެ.
މައިގަނޑު ސުވާލު
ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކުލި އެއްބަސްވުމެއް ކިޔައިނުލައި ސޮއިކުރިކަމަށާއި އޮޅުވާލައިގެން ބަދަލުގެނެސްފައިވާކަމަށް ބުނެ އެ އެއްބަސްވުމުން ބޭރުވެވޭނެތޯއާއި، ކުއްޔަށް ހިފި ފަރާތަށް ތަން ބޭނުން ނުކުރެވޭގޮތަށް ތަޅުލުމަކީ އެއްބަސްވުމާ ޚިލާފުވުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހެކިބަހުން ކުއްޔަށް ހިފި ފަރާތުން ޢިމާރާތަށް ޚަރަދުކޮށްފައިވާކަން އެނގޭތީއާއި، ރަޖިސްޓްރީ ކުރިމަތީގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ ޚިލާފަށް އޮޅުވާލުން ސާބިތުކުރުމުގެ ބުރަ އުފުލިފައި ނުވާތީ، އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމްވާކަމަށާއި، ތަޅުލުމަކީ އެއްބަސްވުމާ ޚިލާފުވުމެއްކަމަށް ކަނޑައަޅައި ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސިވިލް ކޯޓުން އެއްބަސްވުމެއް ރަޖިސްޓްރީކޮށްދެނީ ފަރާތްތައް ނުވަތަ ޕަވަރ އޮފް އެޓާރނީ ލިބިގެން ޢައްޔަންކުރާ ފަރާތްތައް ރަޖިސްޓްރީކުރާ ފަރާތުގެ ކުރިމަތީގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި، ސޮއިކުރުމުގެ ކުރިން އެއްބަސްވުން ކިޔާފައިވޭތޯ ސުވާލުކުރުމަށްފަހު ކަމުން، އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ފަރާތަކީ އޭގައިވާ ކަންތައްތައް ރަނގަޅަށް އެނގިހުރެ ރުހި ޤަބޫލުވެގެން ސޮއިކުރި ފަރާތެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04 (ބ))
- ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއްގައިވާ ކަންތައްތަކަށް އިންކާރުކުރާ ފަރާތަކުން، އެ އެއްބަސްވުމަކީ އޮޅުވާލައިގެން ބަދަލުގެނެސްފައިވާ އެއްބަސްވުމެއްކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނެއެވެ. ކަން ހިނގާފައިވަނީ އެނޫން ގޮތަކަށްކަން ސާބިތުކޮށް ނުދެވޭނަމަ އެ އެއްބަސްވުމަށް ޢަމަލުކުރުމަކީ އެ ފަރާތަށް ލާޒިމް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04 (ބ))
- ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމާ އެއްގޮތަށް ތަނުގެ މަންފާ ހޯދަމުންދަނިކޮށް، ތަން ބޭނުން ނުކުރެވޭނެ ގޮތަށް ކުއްޔަށްދިން ފަރާތުން ތަޅުލައި ތަނުން މަންފާ ހޯދުމަށް ހުރަސް އެޅުމަކީ އެއްބަސްވުމާ ޚިލާފުވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04 (ޅ))
- ޢިމާރާތަށް ކުއްޔަށް ހިފި ފަރާތުން ޚަރަދު ނުކުރާކަމަށް ބުނާ ދަޢުވާ ބެލުމުގައި ހައިކޯޓުން ބަލާފައިވަނީ ދަށުކޯޓަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހަށް ޖުމްލަ ގޮތެއްގައި ކަމަށާއި، ހެކިބަހުން ޚަރަދުކޮށްފައިވާކަން އެނގޭނަމަ އެ ނުކުތާ ބަލައިނުގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 04 (ރ))
- ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 53/2011-C/C-Cv އެގްރީމެންޓު (1، 2، 3 ވަނަ މާއްދާ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް