ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/89
2016/HC-A/89، 2016/HC-A/89
2016/HC-A/89 (2016/HC-A/89, High Court of the Maldives, 11 October 2017)
2016/HC-A/89
މައްސަލައިގެ ޚުލާޞާ
އެއްބަސްވުމުގައިވާ 1,665,360 ރުފިޔާއާއި ވަކީލުގެ ޚަރަދުގެ ގޮތުގައި 333,072 ރުފިޔާ 18 މަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވިޔަފާރިއަށް އިންވެސްޓްކުރި ފައިސާ އަނބުރާ ދެއްކުމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ނުދައްކާތީ، އަސްލު ފައިސާއާއި ވަކީލުގެ އުޖޫރަ ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބުނާ ޢަދަދު ލިބިފައި ނުވާކަމަށާއި ފައިސާ ދިންގޮތުގެ ތަފްޞީލު ހުށަހަޅާފައި ނުވާކަމަށާއި، ވަކީލަށް ޚަރަދުކުރީ 10,000 ރުފިޔާ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރި ހެކިން ޙާޟިރުނުކުރީ ކަމަށެވެ.
މައިގަނޑު ސުވާލު
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައެޅުމުގައި ހެކިން ޙާޟިރުނުކުރުމަކީ ކުށެއްތޯއާއި، ވަކީލުގެ އުޖޫރައިގެ ގޮތުގައި އެއްބަސްވުމުގައި ބަޔާންކުރާ ޢަދަދު ދަރަނިވެރިޔާގެ އަތުން ނަގައިދެވޭނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: އަސްލު ފައިސާ ދައްކަންޖެހޭ ބައި ޤާއިމް، ވަކީލުގެ އުޖޫރައިގެ ބައި 10,000 ރުފިޔާއަށް ބަދަލުކުރި
އެއްބަސްވުމުގައި ސޮއިކުރިކަމަށް އިންކާރުނުކޮށް މަޖުބޫރުކުރުމެއް ނުވަތަ ނޭނގުމެއް ސާބިތުނުކުރާތީ ހެކިން ޙާޟިރުކުރަން ނުޖެހޭކަމަށާއި، ދަޢުވާކުރި ފަރާތަށް ހައިކޯޓުން ހުވާދިނުމުން އަސްލު ފައިސާގެ ބައި ޤާއިމްކުރިއެވެ. ވަކީލަށް ދީފައިވާކަން ސާބިތުވަނީ 10,000 ރުފިޔާ ކަމުން އުޖޫރައިގެ ބައި އެއަށް ބަދަލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމެއްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިކަމާމެދު އިންކާރުކޮށްފައިނެތް ޙާލަތެއްގައި، އެ އެއްބަސްވުމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހީ ކުރިމަތިވި މަޖުބޫރެއްގެ ސަބަބުން ނުވަތަ އެއްބަސްވުމުގައި ބުނެފައިވާ އެއްޗެއް ނޭނގުމުގެ ސަބަބުންކަމަށް ބަލައިގަނެވޭފަދަ އެއްވެސް ހަރުދަނާ ޙުއްޖަތެއް ހުށަހަޅާފައިނެތުމުން، ފައިސާ ދީފައިވާކަން ސާބިތުކުރުމަށްޓަކައި އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރި ފަރާތްތައް އިތުރަށް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ފައިސާ އަނބުރާ ރައްދުކުރާނޭ ގޮތަކާމެދު ވެވުނު އެއްބަސްވުމުގައި ދަރަނިވެރިޔާ ސޮއިކޮށްފައި އޮތުމުން، އަނބުރާ ހޯދުމަށް އެދި ހުށަހެޅި ފައިސާގެ މިންވަރަކީ ދަރަނިވެރިޔާ ދައްކަންޖެހޭ ފައިސާގެ މިންވަރުކަމަށް ބެލެވެން އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ފައިސާ ޝަރީޢަތް މެދުވެރިވެ ހޯދަންޖެހިއްޖެނަމަ ޤާނޫނީ ވަކީލަށް ދޭންޖެހޭ އުޖޫރަ ދަރަނިވެރިޔާ ދޭންޖެހޭނެކަމަށް އެއްބަސްވުމުގައި އޮތްނަމަވެސް، ޤާނޫނީ ވަކީލަށް ދީފައިވާކަމަށް ބުނާ އުޖޫރަ ނަގައިދެވޭނީ ޙަޤީޤަތުގައިވެސް އެއީ ޤާނޫނީ ވަކީލަށް ދީފައިވާ އުޖޫރައެއްކަން ސާބިތުވުމާއިއެކު، ދީފައިވާކަމަށް ބުނާ އުޖޫރައަކީ އެކަށީގެންވާ ހަމަތަކަކުން ބަލާއިރު ޤަބޫލުކުރެވޭ ފަދަ އުޖޫރައެއްކަމުގައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކޮށްދިނުމުގެ އެއްބަސްވުމަކީ ހަމައެކަނި އެ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް، އެއްބަސްވުމުގައި ބަޔާންކުރާ އުޖޫރައިގެ ޢަދަދަށް ފައިސާ ދައްކާފައިވާކަން ސާބިތުވާން އޮތް ޙުއްޖަތެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް