ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 59
އިޙްސާން ޝަރީފް ވ. (ނެތް)، [2022] SC 59 (2021/SC-A/97)
Ihsaan Shareef v. (Not specified) [2022] SC 59 (2021/SC-A/97, Supreme Court of the Maldives, 21 September 2022)
އިޙްސާން ޝަރީފް ވ. (ނެތް)
މައްސަލައިގެ ޚުލާޞާ
ހައިކޯޓުން ނިންމީ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށާއި، އިޚްތިސާސް ލިބިގެންވަނީ ޓްރައިބިއުނަލަށްކަމުގައި ވިޔަސް ސިވިލް ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވިގެން ބަލާ މައްސަލައެއްގެ ތެރެއިން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުން 18 ޖޫން 2020 ގައި ވަކިކުރުމުން އިޙްސާން ޝަރީފް 17 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅިއެވެ. ހިންގުމުގެ އިސްމަޤާމުތަކުގެ މައްސަލަ ބެލުމުގެ އިޚްތިސާސް ނެތްކަމަށް ބުނެ ޓްރައިބިއުނަލުން 15 އޮކްޓޫބަރު 2020 ގައި މައްސަލަ ބަލައިނުގަތުމުން، ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙަށްފަހު އިޚްތިސާސް ލިބިގެންވަނީ ޓްރައިބިއުނަލަށްކަމަށް ބުނެ ސިވިލް ކޯޓުގެ ރަޖިސްޓްރާރާއި އިސްޤާޟީ ވެސް މައްސަލަ ބަލައިނުގަތެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޓްރައިބިއުނަލާއި ސިވިލް ކޯޓު ދެތަނުން ވެސް މައްސަލަ ބަލައިނުގަތުމުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ، 43 ވަނަ (ނ) އަދި 65 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތައް ގެއްލިފައިވާކަމަށާއި، ޝަކުވާ ހުށަހެޅޭނެ ތަނެއް ކަނޑައަޅައިދިނުމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙަށްފަހު ހިންގުމުގެ އިސްމަޤާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްތޯ، އަދި ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތުމަށް ނިންމުމަކުން ޝަކުވާ އަލުން ހުށަހެޅުމަށް ހުރަހެއް އަރާތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ ޓްރައިބިއުނަލަށް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ވަޒީފާއާގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ޓްރައިބިއުނަލަށްކަމަށާއި، 6 ވަނަ އިޞްލާޙަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައިވާ ހިންގުމުގެ އިސްމަޤާމުތަކުގެ ފަރާތްތަކަށް ވެސް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ މަންފާ ލިބޭތީ އެ މައްސަލަތައް ވެސް ބަލާނީ ޓްރައިބިއުނަލުންކަމަށެވެ. ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތުމަކީ މައުޟޫޢީ ގޮތުން ފައިސަލާކޮށް ނިންމި ނިންމުމެއް ނޫންކަމުން ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުނުކުރުމުން ފަރުވާ ދިނުމަށް ހުރަހެއް ނާރާކަމަށް ބުނެ، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، 10 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ޓްރައިބިއުނަލުން މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒިފާއާގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [23])
- 22 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކުގެ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވިއެވެ. ބުނެވުނު 3 (ތިނެއް) މާއްދާ ފިޔަވައި ދެންހުރި މާއްދާތައް ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކުގެ މައްޗަށް ވެސް މިހާރު ހިނގާނެތީވެ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި އޮންނަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ބަޔާންކުރާ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ މަންފާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ލިބިގެންވާތީވެ، އެފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް މިހާރު ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [26]، [27])
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނުބެލޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، އެ ޓްރައިބިއުނަލްގައި މައްސަލައެއްގެ ގޮތުގައި އިޖުރާއާތުތައް ފުރިހަމަ ކުރެވި، އެމައްޗަށް ފައިސަލާ ކުރެވި، ގޮތެއް ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގޭތީވެ، މި މައްސަލައަކީ އިޙްސާން ޝަރީފް އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ ޓްރައިބިއުނަލުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [31])
އިޙްސާން ޝަރީފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ
[2022]SC 59
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިޙްސާން ޝަރީފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު2021/SC-A/97 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލައިގެ ނިޔާއެވެ.
[2]އިޙްސާން ޝަރީފް، ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް 18 ޖޫން 2020 ގައި ވަޒީފާއިން ވަކިކުރުމާގުޅިގެން އެކަމުގެ ޝަކުވާ އިޙްސާން ޝަރީފް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް17 ސެޕްޓެންބަރު 2020 ގައި ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެފައިނުވެއެވެ.
[3]މި މައްސަލަ ބަލައިނުގަތުމަށް އެ ޓްރައިބިއުނަލުން 15 އޮކްޓޫބަރު 2020 ގައި ނިންމާފައިވާ ނިންމުމުގައި ބަޔާންކޮށްފައިވަނީ، އެ ޓްރައިބިއުނަލްގެ އިޚްތިސާސުން މި މައްސަލަ ބޭރުވެފައިވާކަމަށެވެ. ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ވަޒީފާއާގުޅޭ މައްސަލަތަށް ބެލުމުގެ އިޚްތިސާސް އެޓްރައިބިއުނަލަށް ލިބިފައި ނުވާތީއެވެ.
[4]އޭގެފަހުން، 16 ޑިސެންބަރު 2020 ގައި ސިވިލް ކޯޓަށް އިޙްސާން ޝަރީފް އެމައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ވެސް މި މައްސަލަ ބަލައިގަނެފައިނުވެއެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައި ނުގަތް ސަބަބު ބަޔާންކޮށްދެމުން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގައިވާ ގޮތުގެމަތިން ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް ސިވިލް ކޯޓަށް މީގެ ކުރިން ލިބިފައިވީކަމުގައި ވިޔަސް އެ އިޞްލާޙަށްފަހު އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމުގައި ދެކޭކަމުގައެވެ.
[5]ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސިވިލް ކޯޓުގެ އިސްގާޟީއަށް ހުށަހެޅުމުން ރަޖިސްޓްރާގެ ނިންމުމަށް ވަނީ ތާއީދުކޮށްފައެވެ. ސިވިލް ކޯޓުގެ އިސްޤާޟީ އެކޯޓުގެ ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކުރަމުން އަންނަނިވި ކަންކަމަށް އިޝާރަތްކޮށްފައި ވެއެވެ.
[6](ހ) ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ވަޒީފާއާގުޅޭ މައްސަލަތަކުގެ މައްޗަށް އެޤާނޫނު ހިންގޭނެ ކަމަށް ބަޔާންކޮށްފައި އޮތުމާއި އަދި ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާތީވެ، އިޙްސާން ޝަރީފް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލައް ކަން ދެކޭކަން.
[7](ށ) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙަށް ޢަމަލު ކުރަން ފަށާފައިވަނީ22 ސެޕްޓެންބަރު 2020 ގައި ކަމާއި، މި އިސްލާޙުގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރުވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ހަމައެކަނި އިސްތިސްނާ ވެފައިވަނީ އެ ޤާނޫނުގެ 32 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ ކަމަށްވާތީވެ، ކުރިން އިސްތިސްނާ ކުރެވިފައިވާ މަޤާމުތަށް ހިމެނޭގޮތަށް، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި ހިމެނޭ 28 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ޙައްޤު ފުރަތަމަ މަރުޙަލާގައި އޮންނަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަން އެނގޭކަން.
[8](ނ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކޯޓެއްގެ އިޚްތިސާސްއިން ބޭރުގައިވާ އެއްވެސް މައްސަލައެއް ބަލާ، ނިޔާއެއް ކުރުމަކީ ޤާނޫނާއި ޚިލާފުކަމެއްކަން އެނގި ބަޔާންވެގެންވާތީވެ، އެކޯޓެއްގެ އިޚްތިސާސް، މައްސަލައެއްގައި ގެއްލޭ ހިސާބުން އެމައްސަލައެއް އެކޯޓުގައި ބެލުން ނިމުމަކަށް އަންނާނޭކަން އެނގެން އޮންނަކަން.
[9](ރ) އިޚްތިސާސް ބަދަލުވުމުގައި ޢަމަލު ކުރަމުން އައިގޮތަށްބަލައި، މައްސަލައެއް ހުށަހަޅާއިރު އެމައްސަލައެއް ހުށަހަޅަންޖެހޭނީ އެއިރެއްގައި އެމައްސަލައެއް ބެލުމުގެ އިޚްތިސާސް ލިބިގެންވާ ކޯޓަކަށް ނުވަތަ މުއައްސަސާއަކަށް ކަން އެނގޭކަމާއި، އިޙްސާން ޝަރީފް16 ޑިސެންބަރު 2020 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު އެކޯޓަށް އޮތް އިޚްތިސާސް ނެގެވި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވެފައިވާކަން އެނގޭކަން.
[10]ސިވިލް ކޯޓަށް މި މައްސަލަ ބަލައިނުގަނެފައިވާތީވެ، އިޙްސާން ޝަރީފް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
[11]ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިޙްސާން ޝަރީފް ހުށަހެޅި މައްސަލައިގައި އިޙްސާން ޝަރީފް ބުނެފައިވަނީ، ވަޒިފާއާބެހޭ ޓްރައިބިއުނަލް އާއި ސިވިލް ކޯޓުން އިޙްސާން ޝަރީފް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމުމުގެ ސަބަބުން، މިމައްސަލަ ހުށަހަޅާނެ އިތުރު ތަނެއް މިހާރު ނެތްކަމާއި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ނ) އާއި 37 ވަނަ މާއްދާ އާއި އަދި 65 ވަނަ މާއްދާއިން އޭނާއަށް ކަށަވަރުކޮށްދޭ ޙައްޤުތަށް ގެއްލިފައިވާކަމަށެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ޙައްޤުވެސް ގެއްލިފައިވާކަމަށް ދެކޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގައިވާ ގޮތުގެ މަތިން މި މައްސަލަ ބެލުމުގެ އިޚްތިސާސް މިހާރު ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަން އެނގޭކަމާއި، އެހެންކަމުން މި މައްސަލައަކީ އެޓްރައިބިއުނަލަށް ބެލުމުގެ އިޚްތިސާސް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި ވަކިމުއްދަތެއް ދެވި އެމުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅައިފިނަމަ، މަޢުޟޫއީ ގޮތުން ބަލައި ފައިސަލާކުރަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.
[12]އިޙްސާން ޝަރީފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކޮށްފައިނުވެއެވެ. އަދި އެ ނިންމުން އިސްތިއުނާފުނުކުރި ސަބަބެއްކަމަށް އިޙްސާން ޝަރީފް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްފައިވަނީ، އިންސާފު ހޯދުމުގެ މަގު އަވަސްކުރުމުގެ ގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވެ، އެމައްސަލަ ބަލައިގަންނާނޭކަމަށް ދެކިގެނެވެ.
[13]ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި ނިންމާފައިވަނީ، މި މައްސަލަ ނުބެލޭނެކަމަށް ސިވިލް ކޯޓުން ބަޔާންކޮށްފައި އޮތް އޮތުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.
[14]މި މައްސަލަ ހުށަހެޅުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައި އޮތްކަމުގައި ވީނަމަވެސް އެ ކޯޓަށް ހުށަހެޅުނު މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމެއް އިސްތިއުނާފުކުރެވުނު މައްސަލައަކަށް ނުވާތީވެ، ސިވިލް ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރެވިގެން ބެލެމުންދާ މައްސަލައެއްގެ ތެރެއިން، އިޙްސާން ޝަރީފް އެދިފައިވާ ފަރުވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ކަނޑައެޅިދާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
[15]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި 5 (ފަހެއް) ނުކުތާއެއް އިޙްސާން ޝަރީފް ހުށަހެޅިއެވެ. އޭގެ ތަފްސީލު ތިރީގައި އެވަނީއެވެ.
[16](ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ ނިންމެވި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އިން އިޙްސާން ޝަރީފްއަށް ކަށަވަރުކޮށްދޭ ޙައްޤު ގެއްލިގެން ގޮސްފައިވުން.
[17](ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ ނިންމެވި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން އިޙްސާން ޝަރީފްއަށް ކަށަވަރުކޮށްދޭ ޙައްޤު ގެއްލިގެން ގޮސްފައިވުން.
[18](ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ ނިންމެވި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން އިޙްސާން ޝަރީފްއަށް ކަށަވަރުކޮށްދޭ ޙައްޤު ގެއްލިގެން ގޮސްފައިވުން.
[19](ރ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ ނިންމެވި ގޮތުގެ ސަބަބުން ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އިން އިޙްސާން ޝަރީފްއަށް ކަށަވަރުކޮށްދޭ ޙައްޤު ގެއްލިގެން ގޮސްފައިވުން.
[20](ބ) ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި އެއްގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ދަށު ކޯޓުންނާއި ޓްރައިބިއުނަލްއިން ޢަމަލުކޮށްފައި ނެތުން.
[21]ބަޔާންވެ ދިޔަ 5 (ފަހެއް) ނުކުތާގެ މައްޗަށް ބިނާކޮށް މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިޙްސާން ޝަރީފް އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ގަޟިއްޔާގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި އަދި 18 ޖޫން 2020 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެންވާ ތަނެއް ކަނޑައަޅައި ދެއްވައި، އެ ޝަކުވާ ހުށަހެޅުމުގެ ހައްޤު ވަޒީފާއާބެހޭ ޓްރައިބިއުނަލް ނުވަތަ ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށެވެ.
[22]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިޙްސާން ޝަރީފް މި އިސްތިއުނާފު ތަފްސީލުކޮށްދެމުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކުރެވިފައިވާ ޝަކުވާ ހުށަހެޅުމުގެ ދޮރު ބަންދުވެފައިވާކަމަށް ދެކޭތީވެ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ނ) އާއި 37 ވަނަ މާއްދާ އާއި އަދި 65 ވަނަ މާއްދާގެ ދަށުން ލިބިދެވެންޖެހޭ ޙައްޤުތައް ގެއްލިފައިވާކަމަށެވެ. އެހެންކަމުން، އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތް ތަކުގައި ފާހަގަކުރަމެވެ.
[23]ވަޒިފާއާގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ބެލުމުން އެނގެއެވެ. އެމާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
[24]"ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ."
[25]ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި އިސްތިސްނާވާ ފަރާތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ގައި ބުނާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކެވެ. އެފަރާތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤުން އިސްތިސްނާވާ ސަބަބަކީ، ވަޒިފާއާބެހޭ ޤާނޫނު އެކިއެކި ބާބުތަކަށް ބަހާލެވިފައި އޮންނައިރު، އެ ޤާނޫނުގެ 4 ވަނަ ބާބުގައި ބަޔާންވެގެންވާ އެންމެހައި ކަންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާވެގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ މައްސަލަތަކުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާކުރުމުގެ ޙައްޤު ބަޔާންކޮށްފައި އޮންނަ މާއްދާ ކަމުގައިވާ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ވެސް އޮންނަނީ އެ ޤާނޫނުގެ 4 ވަނަ ބާބުގައި ކަމަށްވާތީއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތައް އެއްކޮށް އިސްތިސްނާވެގެންދާ ޙާލަތުގައި، އެފަރާތްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ އިޚްތިސާސްއިން ބޭރުވެފައިވާތީވެ، އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަމުންދިޔައީ ސިވިލް ކޯޓުންނެވެ.
[26]ނަމަވެސް، 22 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކުގެ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވިއެވެ. މި އިޞްލާޙުގައިވާ ގޮތުގެ މަތިން، ކުރިން ބުނެވުނު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އެ ބާބުން އެއްކޮށް އިސްތިސްނާވުން ނިމުމަކަށް އައިސް، އެބާބުން އިސްތިސްނާވެފައިވަނީ ޖުމްލަ 3 (ތިނެއް) މާއްދާއަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ޤާނޫނުގެ 32 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ އެވެ.
[27]އެހެންކަމުން، ބުނެވުނު 3 (ތިނެއް) މާއްދާ ފިޔަވައި ދެންހުރި މާއްދާތައް ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭފަރާތްތަކުގެ މައްޗަށް ވެސް މިހާރު ހިނގާނެތީވެ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި އޮންނަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ބަޔާންކުރާ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ މަންފާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ލިބިގެންވާތީވެ، އެފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް މިހާރު ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެއެވެ.
[28]އިޙްސާން ޝަރީފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ17 ސެޕްޓެންބަރު 2020 ގައެވެ. އެއީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ޢަމަލު ކުރަން ފެށުމުގެ 5 ދުވަސް ކުރިންނެވެ. އެހެންކަމުން، މި މައްސަލަ އެ ޓްރައިބިއުނަލަށް ހުށަހެޅުނު އިރު އެ ޓްރައިބިއުނަލަށް މި މައްސަލަ ބެލުމުގެ އިޚްތިސާސް ނެތްކަން އެނގެއެވެ. ނަމަވެސް، އެ ޓްރައިބިއުނަލުން އިޙްސާން ޝަރީފްގެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ޢަމަލު ކުރަން ފެށުމަށްފަހުގައެވެ. އެއީ15 އޮކްޓޫބަރު 2020 ގައެވެ. މާނައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނުބެލޭނެކަމަށް ނިންމިއިރު އެ ޓްރައިބިއުނަލަށް އެ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެންވާކަމެވެ.
[29]ދިވެހިރާއްޖޭގެ ހައިކޯޓުގައި އިޙްސާން ޝަރީފް އެދިފައިވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ފޯރުކޮށްދީފައި ނުވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނު މައްސަލައަކީ ސިވިލް ކޯޓުގެ ނިންމުމެއް ކަމުގައިވާތީއެވެ. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރެވުނު ކަމުގައިވިޔަސް، އިޙްސާން ޝަރީފް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމަށް އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.
[30]އިޙްސާން ޝަރީފް ހުށަހަޅާފައިވާ ވަޒީފާއާބެހޭ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައި އޮވެ، އިޙްސާން ޝަރީފް މައްސަލައިގައި، އެދިފައިވާ ފަރުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ކަނޑައަޅާފައި ނުވަނީ އެންމެ ހަރުދަނާ އަސާސްތަކެއްގެ މައްޗަށްކަމަކަށް ބިނާކޮށްކަމަކަށް އަހުރެންނަށް ބުރަ ނުވެވެއެވެ.
[31]ހުށަހެޅިފައިވާ މައްސަލައަކީ އިޙްތިސާސްއާ ގުޅޭ ޚުސޫމަތެކެވެ. މި މައްސަލަ ހުށަހެޅުމުގެ އިޚްތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްކަން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި އޮތުމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެކަން ބަޔާންކޮށްފައި އޮންނަހިނދު، އިޙްސާން ޝަރީފް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނުބެލޭނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން އިސްތިއުނާފުކޮށްފައި ނުވާތީވެ، ހަމަ އެކަނި އެ ސަބަބަށްޓަކައި އިޙްސާން ޝަރީފް އެދިފައިވާ ފަރުވާ ފޯރުކޮށް ދިނުމަށް ހުރަހެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ. އަދި ހަމަ އެހެންމެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނުބެލޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، އެ ޓްރައިބިއުނަލްގައި މައްސަލައެއްގެ ގޮތުގައި އިޖުރާއާތުތައް ފުރިހަމަ ކުރެވި، އެމައްޗަށް ފައިސަލާ ކުރެވި، ގޮތެއް ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގޭތީވެ، މި މައްސަލައަކީ އިޙްސާން ޝަރީފް އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ ޓްރައިބިއުނަލުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
[32]ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، މި މައްސަލަގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކެމެވެ.
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
[33]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާގައި އިޚްތިސާސްއާ މެދު ކަނޑައަޅާފައިވާ ބައިތަކަށް އެ ޤަޟިއްޔާގައި އެ ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށް ޙައްލެއް ލިބޭގޮތުގައިކަމަށްނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިޙްސާން ޝަރީފް ހުށަހަޅައިފިނަމަ، އެ ޓްރައިބިއުނަލް އަށް މި މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 32 ވަނަ، 37 ވަނަ އަދި 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 5
- ޤާނޫނު ނަންބަރު 22/2020 (ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ، 43 ވަނަ މާއްދާގެ (ނ) އަދި 65 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 ސެޕްޓެމްބަރު 2021 · ރަޖިސްޓްރީކުރީ 24 ނޮވެމްބަރު 2021 · ނިމުނީ 21 ސެޕްޓެމްބަރު 2022 (9.9 މަސް)