ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/415
އިބްރާހިމް ނަސީމް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް، 2017/HC-A/415
Ibrahim Naseem v. Ministry of Tourism 2017/HC-A/415 (2017/HC-A/415, High Court of the Maldives, 27 January 2019)
އިބްރާހިމް ނަސީމް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް
މައްސަލައިގެ ޚުލާޞާ
ޤާނޫނީ ގޮތުން ބަނދެވޭ ލިޔުމުން ވާ ކޮންޓްރެކްޓެއް ނެތުމާއި، މުއްދަތުގައި ފައިސާ ނުދައްކާތީ ހުށަހެޅުން ބާޠިލުވެފައިވާތީ ދަޢުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
އެމް.އެމް.ޕީ.އާރ.ސީން ރިސޯޓަކަށް ތަރައްޤީކުރުމަށް ލެގޫނެއް ހުށަހަޅައި، 30 ދުވަހުގެ ތެރޭގައި 600,000 ޑޮލަރުގެ ލީސް އެކުއިޒިޝަން ކޮސްޓް ސަރުކާރަށް ނުދައްކައިފިނަމަ ހުށަހެޅުން ބާޠިލުވާނެކަމަށް ސިޓީގައި ބަޔާންކޮށްފައިވިއެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައި، ލެގޫން ހަވާލުކުރުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކުރިއެވެ.
މުއްދަތުގެ ތެރޭގައި ފައިސާ ދައްކަން އެމް.އެމް.ޕީ.އާރ.ސީއަށް ދިއުމުން ބަލައިނުގަތުމަކީ މިނިސްޓްރީގެ ޒިންމާ އަދާނުކުރުމެއްކަމަށާއި، އެ ސަބަބަށް ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 42 (ށ) ގެ ޢަދުލުވެރިކަން ގެއްލޭ ގޮތަށް މައްސަލަ ނިންމިކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ.
މައިގަނޑު ސުވާލު
ރިސޯޓަކަށް ތަރައްޤީކުރުމަށް ފަޅެއް ދިނުމަށް ހުށަހެޅި އޮފަރ ލެޓަރގައިވާ މުއްދަތުގައި ލީސް އެކުއިޒިޝަން ކޮސްޓް ސަރުކާރަށް ނުދައްކައި، ފައިސާ ބަލައިގަތުމަށް ކަނޑައެޅިފައިނުވާ ފަރާތެއް (އެމް.އެމް.ޕީ.އާރ.ސީ) އަށް ދައްކަން ގޮސް ބަލައިނުގަތުމުން، ފަޅު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަމުރުކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ދައްކަންޖެހެނީ ސަރުކާރަށްކަން އޮފަރ ލެޓަރުން ސާފުކޮށް އެނގޭއިރު، މުއްދަތުގައި ފައިސާ ދެއްކިކަމުގެ ހެއްކެއް ނެތެވެ. ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެމް.އެމް.ޕީ.އާރ.ސީއަށް ދައްކަން މަސައްކަތްކުރުމުގެ ނަތީޖާ ތަޙައްމަލުކުރަންޖެހޭނީ އެގޮތަށް ޢަމަލުކުރި ފަރާތުންނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހުށަހެޅުމެއް ކުރިއަށް ގެންދިއުން ބިނާވެފައިވަނީ ސިޓީގައި ބަޔާންކުރެވިފައިވާ ފައިސާ ސިޓީގައިވާ މުއްދަތުގައި ސަރުކާރަށް ދެއްކުމުގެ މައްޗަށްކަމަށްވެ، އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ހުށަހެޅުން ބާޠިލުވާނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ފައިސާ ދެއްކިކަމުގެ ހެއްކެއް ނެތްނަމަ ހުށަހެޅުމުގެ ދަށުން ހައްޤެއް ދަޢުވާ ނުކުރެވޭނެއެވެ. (ނުކުތާ 03 (ށ)، (ނ))
- ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވަނިކޮށް އެގޮތާ ޚިލާފަށް ޢަމަލުކުރުމުން ނިކުންނަ ނަތީޖާއަކީ، އެކަން ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރި ފަރާތުން ތަޙައްމަލުކުރަންޖެހޭނެ ކަމެކެވެ. (ނުކުތާ 03 (ރ))
- ސަރުކާރަށް ފައިސާ ދައްކަން ޖެހޭކަމަށް އޮފަރ ލެޓަރގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ސަރުކާރަށް ލިބެންޖެހޭ ފައިސާ ބަލައިގަތުމުގެ ޒިންމާ ޤާނޫނީ ގޮތުން މަތިކުރެވިފައިނުވާ ދައުލަތުގެ ކުންފުންޏަކަށް ފައިސާ ދައްކަން ގޮސް ބަލައިނުގަތުމަކީ މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމެއްކަމަށް ބަލާނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތެވެ. (ނުކުތާ 03 (ރ))
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) (އިސްތިއުނާފުގެ ނުކުތާގައި)
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
- ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
- ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާ (ދަށުކޯޓުގެ ޙުކުމުގައި)
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް