ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/225
އިބްރާހީމް ޢަބްދުއްލަޠީފު ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ، 2019/HC-A/225
Ibrahim Abdhulateefu v. State Bank of Indiyaa 2019/HC-A/225 (2019/HC-A/225, High Court of the Maldives, 7 July 2019)
އިބްރާހީމް ޢަބްދުއްލަޠީފު ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާ އެއްގޮތަށް 3 މަސްދުވަހުގެ ތެރޭގައި ދެ ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކަށް ދިނެވެ.
ސިވިލް ކޯޓުގެ C/2013-Cv/2345 ޤަޟިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭކަމަށް ސާބިތުވި ލޯނުގެ ފައިސާ ނުދެއްކުމުން، ޙުކުމް ތަންފީޛުކުރުމަށް ބޭންކުން އެދި، ލޯނަށް ރަހުނުކުރެވިފައިވާ ދެ ގޯތި ވިއްކުމުގެ ހުއްދައަށް އެދުނެވެ.
ވެލިއުއޭޝަނަކާއި ނުލައި އަދި ކިހާ މިންވަރެއް ވިއްކަންޖެހޭތޯ ނުބައްލަވައި ކޯޓުގެ ކުރީގެ އުޞޫލާ ޚިލާފަށް ހުއްދަ ދިންކަމާއި، އަޑުއެހުމަކާއި ނުލައި ނިންމިކަމާއި، ލޯނުގެ ސްޓޭޓްމަންޓް އެއްބަސްވުމާ ޚިލާފުކަން އިސްތިއުނާފުކުރި ފަރާތްތަކުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ސިވިލް ކޯޓުން ރަހުނުކުރެވިފައިވާ ދެ ގޯތި ވިއްކާލުމުގެ ހުއްދަ ދިނީ، މާކެޓް ވެލިއުއޭޝަނަކާއި ނުލައި އަދި ދެ ގޯތިން ކިހާ މިންވަރެއް ވިއްކަންޖެހޭތޯ ކަނޑައެޅުމަކާއި ނުލައި، ކޯޓުގެ ކުރީގެ އުޞޫލާ ޚިލާފަށްތޯ؛ އަދި ލޯނުގެ ސްޓޭޓްމަންޓާ ބެހޭ ނުކުތާ އިސްތިއުނާފުގައި ބެލެވޭނެތޯ.
ނިންމި ގޮތް
ރަހުނު ވިއްކާލުމުގެ ހުއްދަ ބާޠިލުކޮށް، ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ފޮނުވި
ރަހުނު ތަންފީޛުކުރުމުގައި ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަމުގެ ތެރެއިން ރަހުނު މުޅިން ނުވަތަ ބައެއް ވިއްކަންޖެހޭތޯ ކަނޑައަޅާފައި ނުވާތީއާއި މާކެޓް ވެލިއުއޭޝަނެއް ނުހަދާތީ، ކޯޓުގެ ކުރީގެ އުޞޫލާ ޚިލާފަށް ހުއްދަ ދީފައިވާތީ ހުއްދަ ބާޠިލުކުރިއެވެ. ލޯނުގެ ސްޓޭޓްމަންޓާ ބެހޭ ނުކުތާ res judicata ގެ ސަބަބުން ބަލައިނުގަނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަރަންޏެއް ނުވަތަ ލޯނެއްގެ މައްޗަށް ރަހުނުކުރެވިފައިވާ ދަރަނިވެރިޔެއްގެ މިލްކެއް އޭނާގެ ނުރުހުމުގައި ވިއްކާލެވޭނީ ކަމާބެހޭ ތަންފީޛީ ކޯޓަކުން ރަހުނު ތަންފީޛުކުރުމަށް ހުއްދަކުރާ އިޖުރާއަތެއްގެ ތެރެއިން ކަށަވަރުވެގެން އޮންނަ ގޮތެއްގެ މައްޗަށެވެ. (3(ށ))
- ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ކުރިން ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަމުގެ ތެރޭގައި: ޙުކުމުގައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާކަން، އެއް ރަހުނެއް ގިނަ ދަރަނިތަކަކަށް ރަހުނުވެފައިވާނަމަ އިސްކަންދެވޭ ތަރުތީބާއި ދަރަނިވެރިންނަށް ލިބޭ ނިސްބަތް، އަދި ރަހުނު މުޅިން ވިއްކަންޖެހޭތޯ ނުވަތަ ރަހުނުން ބައެއްތޯ ކަނޑައެޅުން ހިމެނެއެވެ. (3(ށ))
- ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން ޢަމަލުކުރަމުން އަންނަ އުޞޫލެއް އޮއްވާ، ތަފާތު މިންގަނޑަކުން ހުއްދަދިނުމުގެ ސަބަބެއް ބަޔާންނުކޮށް ހުއްދަ ދިނުމަކީ stare decisis ގެ މަބްދައާ ޚިލާފު ކަމެކެވެ. އެއް ބާވަތެއްގެ މައްސަލަތަކުގައި އެއް ކޯޓަކުން އެއް އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ނިންމުންތަކަށް ވާޞިލުވާންވާނެއެވެ. (3(ށ))
- ރެސް ޖުޑިކާޓާ (res judicata) ގެ މަބްދައުގެ ދަށުން، ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ މައްސަލައެއްގައި ހުށަހެޅި ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުން އިތުރު ދަޢުވާއެއް ނުކުރެވޭނެއެވެ. އެހެންކަމުން، އަޞްލު މައްސަލައިގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ލޯނުގެ ސްޓޭޓްމަންޓާ ބެހޭ ނުކުތާއަކީ ތަންފީޛީ ހުއްދައިގެ އިސްތިއުނާފުގެ މައުޟޫޢާ ގުޅޭ ނުކުތާއެއްކަމުގައި ބަލައިނުގަނެވޭނެއެވެ. (3(ނ))
- ރަހުނު ވިއްކާލުމުގެ ހުއްދަ އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ތަންފީޛުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޢަދުލު އިންޞާފުގެ ޞައްޙަ މަގުން ނިންމި ނިންމުމެއް ނޫނެވެ. (3(ރ))
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
- ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2016/161 (14 މާރިޗު 2016) ކޯޓު އަމުރު
- ބެންޗު
- ޙަސަން ޢަލީ، ޝުޖާޢު ޢުޘްމާން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް