ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/169
ޙުސައިން ޝަކީބް ވ. އަޙްމަދު ޝާހް، 2019/HC-A/169
Hussain Shakeeb v. Ahmed Shaah 2019/HC-A/169 (2019/HC-A/169, High Court of the Maldives, 15 March 2021)
ޙުސައިން ޝަކީބް ވ. އަޙްމަދު ޝާހް
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ނިންމީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން 4,704/60ރ. ބަދަލާއި ރަމަޟާން މަހުގެ ޢިނާޔަތަށް 3,000ރ. ނަގައިދިނުމަށެވެ. އެހެން ޢިނާޔަތްތައް ނަގައިދޭނެ ހަމައެއް ނުފެނެއެވެ.
ގެސްޓްހައުސްއެއްގެ އޮޕަރޭޝަނަލް އިންޗާޖްގެ މަޤާމުގައި 01 ޑިސެންބަރު 2017 އިން ފެށިގެން ވަޒީފާ އަދާކުރި މުވައްޒަފަކު 01 ޖުލައި 2018 އިން ފެށިގެން ވަޒީފާއިން ވަކިކުރުމުން، ޢިނާޔަތްތަކާއި ވަޒީފާއަށް ރުޖޫޢަކުރުމާއި ބަދަލަށް އެދި ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުނުކޮށް ހަމައެކަނި ބަދަލު ދިނުމަކީ ޤާނޫނާ ޚިލާފު ކަމަށާއި، އޭނާ އެދުނު ކަންކަމަށް ޓްރައިބިއުނަލުން ނަޒަރުނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރުނުކޮށް ޤާނޫނު ނަންބަރު 2/2008 ގެ 29 ވަނަ މާއްދާގެ ދަށުން ހަމައެކަނި ބަދަލު ނަގައިދިނުމަށް ނިންމުމާއި، ކަނޑައެޅި ބަދަލުގެ މިންވަރާއި، ޓްރައިބިއުނަލުން މުވައްޒަފުގެ އެދުންތަކަށް ނަޒަރުނުކުރި ކަމަށް ބުނާ ނުކުތާ ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ވަޒީފާއަށް އަނބުރާ ދިނުމަށް އެދުން މުވައްޒަފު ޓްރައިބިއުނަލުގައި ދޫކޮށްލާފައިވާތީ އެ ނުކުތާ ބަލައިނުގަނެވޭ ކަމަށާއި، ޓްރައިބިއުނަލުން ބަދަލު ކަނޑައަޅާނީ އެކަށީގެންވާ ޢަދުލުވެރި މިންވަރަކަށް ކަމަށާއި، ސީދާ ގެއްލުމެއް ބަޔާންކޮށްދީފައި ނުވާތީ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީއާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށް ބުނާ އިސްތިއުނާފީ ނުކުތާއެއްގައި ޚިލާފުވާ ގޮތަކީ ކޮބައިކަން ބަޔާންކޮށްފައި ނުވާނަމަ، އެއީ އިތުރަށް ބެލެން އޮތް ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- ޓްރައިބިއުނަލުގައި ވަޒީފާ އަނބުރާ ލިބިދިނުމަށް އެދުން މުވައްޒަފު ދޫކޮށްލާފައިވާނަމަ، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރުނުކުރުމާ ގުޅޭ ވާހަކަތަކަކީ އިސްތިއުނާފަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ދިމާއިދިކޮޅަށް، އެކަންކަމަށް ނަޒަރުކޮށްފައި ނުވާ ކަމަށް ބުނާ އިސްތިއުނާފީ ނުކުތާ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ޢަދުލުވެރި ބަދަލަކީ މައްސަލަ ހުށަހަޅާ ފަރާތުން ނަގައިދިނުމަށް އެދޭ މިންވަރު ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ދޭން ހުށަހަޅާ މިންވަރު ކަމުގައި ވުން ލާޒިމެއް ނޫނެވެ. ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ ޢަދަދަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ބަދަލުގެ ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވޭނަމަ، އިސްތިއުނާފީ މަރުޙަލާގައި އެކަންކަމާއި، ސީދާގޮތުން ލިބުނު ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދޭން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ (ހ) ގެ (1)، (2)، (3)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް