ސައިޓޭޝަން ކޮޕީ ކުރުމަށް
[2026] SC 05
ފާޠިމަތު ސޫޒަން ވ. އިލެކްޝަންސް ކޮމިޝަން، [2026] SC 05 (2026/SC-E/02)
Fathimath Soozan v. Elections Commission [2026] SC 05 (2026/SC-E/02, Supreme Court of the Maldives, 17 February 2026)
ފާޠިމަތު ސޫޒަން ވ. އިލެކްޝަންސް ކޮމިޝަން
މައިގަނޑު ސުވާލު
2006 ވަނަ އަހަރު ކޯޓުން ދައުލަތަށް ދެއްކުމަށް ޙުކުމްކުރި ފައިސާ ދެއްކިކަމުގެ ލިޔުން ހުށަނާޅާތީ (މާލީ ވުޒާރާގައި އެ ދަރަނީގެ އެއްވެސް ރެކޯޑެއް ނެތްއިރު) ކެންޑިޑޭޓުކަން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަތޯއާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ޝަރުޠު ކެންޑިޑޭޓުގެ ކިބައިގައި ހަމަވޭތޯ.
ނިންމި ގޮތް
އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާޠިލު؛ ކެންޑިޑޭޓުގެ ޝަރުޠު ހަމަވާކަމަށް ކަނޑައަޅައި ކެންޑިޑޭޓުކަން ޤަބޫލުކުރުމަށް ކޮމިޝަނަށް އަމުރުކުރި
ކަނޑައެޅުނު އުޞޫލުތައް
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ދަށުން ކެންޑިޑޭޓެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠެކެވެ. އެ ޝަރުޠު ބެލުމުގައި ދެ ކަމަކަށް ބަލަންޖެހެއެވެ: (1) ކެންޑިޑޭޓުގެ މައްޗަށް ދަރަންޏެއް އޮތްތޯ، އަދި (2) އޮތްނަމަ ޙުކުމާ އެއްގޮތަށް ދައްކަމުންދާތޯ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ދައުލަތުގެ އިދާރާއަކަށް ލިބެންޖެހޭ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅުމަކީ އެ އިދާރާއިން ކުރަންޖެހޭ ކަމެކެވެ؛ އަދި އެ ޙުކުމުގެ ރެކޯޑްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ އެ އިދާރާގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން (2012/SC-E/17) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދައުލަތަށް ދައްކަންޖެހޭ ދަރަންޏަކާ ގުޅޭ ރެކޯޑެއް ދައުލަތުގެ އިދާރާގައި ފެންނަން ނެތުމަކީ އެ ދަރަނި ދައްކާ ޚަލާޞްކޮށްފައިނުވާކަމަށް، ނުވަތަ އެ މީހަކީ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ނިންމިދާނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 26، 28)
- ކުރީގެ އިންތިޚާބެއްގައި ހުރިހާ ޝަރުޠެއް ހަމަވާކަމަށް ކޮމިޝަނުން ނިންމައި ކައުންސިލަރަކަށް އިންތިޚާބުވެ މިހާރުވެސް ހުރި، އަދި ވޭތުވެދިޔަ 5 އަހަރުގެ ކުށާއި ދަރަނީގެ ރެކޯޑުގައި ކުށެއް ނުވަތަ ދަރަންޏެއް ނެތް ކެންޑިޑޭޓަކީ، މި މައްސަލައިގެ ޙާލަތުގައި ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17–20)
- ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކޮންމެ ރައްޔިތަކަށް އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ޙައްޤު ލިބިދީފައިވާއިރު، ދައުލަތުގެ އިދާރާއަކުން ލިބެން ނެތް ލިޔުމެއް ހުށަހަޅަން ޖެހުމުގެ ސަބަބުން އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުމަކީ އެ ޙައްޤު ހަނިވެގެންދާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ޞައްޙަ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ކެންޑިޑޭޓުކަން ޤަބޫލުނުކުރުމަށް ކޮމިޝަނުން ނިންމާ ނިންމުމެއް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ބާޠިލުކޮށް، ކެންޑިޑޭޓުކަން ޤަބޫލުކުރުމަށް ކޮމިޝަނަށް އަމުރުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7)
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އާއި (ޅ)
- ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން (2012/SC-E/17)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް