ސައިޓޭޝަން ކޮޕީ ކުރުމަށް
2012/SC-E/17
ހުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން، 2012/SC-E/17
Hussain Shihaam v. Elections Commission 2012/SC-E/17 (2012/SC-E/17, Supreme Court of the Maldives, 4 December 2012)
ހުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރ. އުނގޫފާރު ރަށު ކައުންސިލަށް ހޮވުނު ޢަބްދުއްނާޞިރު ޢަލީގެ މައްޗަށް ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި ޙުކުމާ އެއްގޮތަށް އަދާނުކުރާތީ، އޭނާއަކީ ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައި އޭނާގެ އިންތިޚާބު ބާޠިލުކޮށްދިނުމަށް އެދި ހުސައިން ޝިހާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ހުށަހެޅި ފަރާތުން ބުނީ ޢަބްދުއްނާޞިރު ޢަލީގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށާއި، އޭނާ ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތުމުން ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ގެ ދަށުން އޭނާއަށް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ގެ ދަށުން، ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާނުކުރާ ކަމަށް ބުނެ، ރަށު ކައުންސިލަށް ހޮވިފައިވާ މެމްބަރަކީ ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައި އޭނާގެ އިންތިޚާބު ބާޠިލުކުރަން ޖެހޭތޯ.
ނިންމި ގޮތް
ދަޢުވާ ސާބިތުނުވި؛ އިންތިޚާބު ބާޠިލުނުކުރެވުނު
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ގައި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ މީހަކަށް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ބަޔާންކޮށްފައިވާކަން ކޯޓުން ފާހަގަކުރިއެވެ. ނަމަވެސް ސަރުކާރަށް ދައްކަންޖެހޭ ފައިސާއާ ބެހޭގޮތުން ހުށަހެޅި ފަރާތުން ހެކި ހުށަހަޅާފައިނުވުމާއި، ކައުންސިލްގެ އިދާރާގައިވެސް އެ މުޢާމަލާތާ ބެހޭ ހަރުދަނާ މަޢުލޫމާތެއް ނެތުމުން، ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާކަން ކަނޑައެޅިގެން ބެލެވޭނެ ސަބަބެއް ނެތްކަމަށް ކޯޓުން ނިންމިއެވެ. އެހެންކަމުން ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އިންތިޚާބު ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-E/17
ދަޢުވާކުރާ ފަރާތް: ހުސައިން ޝިހާމް
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 27 ޖޫން 2011
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 އޯގަސްޓް 2012
ނިމުނު ތާރީޚް: 04 ޑިސެމްބަރ 2012
މައްސަލަ ނިންމި ގަޑި: 13:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރ. އުނގޫފާރު ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޢަބްދުއްނާސިރު ޢަލީ ގެ މައްޗަށް ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92 ޤަޟިއްޔާއިން ދަރަނި ސާބިތުވެފައިވާއިރު، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދިއުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާކަމަށް ބުނެ، ޢަބްދުއްނާޞިރު ޢަލީ އަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށާ، ޢަބްދުއްނާޞިރު ޢަލީ، ރ. އުނގޫފާރު ރަށު ކައުންސިލަށް އިންތިހާބުވެފައިވުން ބާޠިލްކޮށްދެއްވުން އެދި ހުސައިން ޝިހާމް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[4]މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
[6](ށ) ދެވަނަ ކަމަކީ، ޢަބްދުއްނާސިރު ޢަލީގެ ދާއިމީ އެޑްރެސް އިން އަށް ބަދަލުވެފައިވާކަމާ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ރ. އުނގޫފާރު ރަށު ކައުންސިލްގެ މެންބަރުކަމަށް ޢަބްދުއްނާޞިރު ޢަލީ ހޮވިފައިވީނަމަވެސް، ޢަބްދުއްނާޞިރު ޢަލީ އަކީ، ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްކަމަށް ބުނެ އެ ޤަޟިއްޔާގެ ރިޕޯޓް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[7](ނ) ތިންވަނަ ކަމަކީ، ޢަބްދުއްނާސިރު ޢަލީ ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާއޮތް ކަމަށް މި ޤަޟިއްޔާގައި ދަޢުވާކުރާ ޙުސައިން ޝިޙާމް ބުނެފައިވާއިރު، އެކަން ސާބިތުކުރުމަށްޓަކައި ބޭނުންވާ ހެކި ޙުސައިން ޝިހާމް އަށް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށްވެފައި، އެ މުޢާމަލާތާ ބެހޭ ލިޔެކިއުން ބެލެހެއްޓުމާއި، އެ ފައިސާ ހޯދުމަށްޓަކައި ދަޢުވާކުރުމާއި، މިކަންކަމަކީ ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު އެފަރާތުގައިވެސް އެ މުޢާމަލާތާ ބެހޭގޮތުން ކަނޑައެޅިގެން ވަކިގޮތަކަށް ބުރަވެވޭފަދަ ހަރުދަނާ މަޢުލޫމާތެއް ނެތްކަން މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާގެ ނަންބަރު 229-G/MIS/2011/46 ސިޓީގައި އެނގެން އޮތްއިރު އެ ފައިސާ ޢަބްދުއްނާސިރު ޢަލީ ދައްކާ ޚަލާޞްކޮށްފައިނުވާކަން ކަނޑައެޅިގެން ބެލެވޭނެ ސަބަބެއް އޮތް ކަމަކަށް މި ޙާލަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
[8]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ޢަބްދުއްނާޞިރު ޢަލީ އަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާ، ޢަބްދުއްނާޞިރު ޢަލީ، ރ. އުނގޫފާރު ރަށު ކައުންސިލަށް އިންތިޚާބުވެފައިވުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (1)
- ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 27 ޖޫން 2011 · ރަޖިސްޓްރީކުރީ 6 އޮގަސްޓް 2012 · ނިމުނީ 4 ޑިސެމްބަރު 2012 (3.9 މަސް)