ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 06
މުޙައްމަދު އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން، [2024] SC 06 (2024/SC-E/01)
Mohamed Iyaaz v. Elections Commission [2024] SC 06 (2024/SC-E/01, Supreme Court of the Maldives, 25 February 2024)
މުޙައްމަދު އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން، އިންތިޚާބީ މައްސަލައެއްގެ ގޮތުގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މުޙައްމަދު އިޔާޒް 2024 ފެބުރުވަރީ 14 ވަނަ ދުވަހު ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް ހުށަހެޅި ފޯމު، އޭނާގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ދަރަނީގެ ރެކޯޑުން ވޭތުވެދިޔަ 5 އަހަރުގެ ކުރީގެ ރެކޯޑު ފެންނަން ނެތުމުން ސާބިތު ދަރަންޏެއް އޮތްތޯ ކަށަވަރުނުކުރެވޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތެވެ. މި ނިންމުމަށް ބިނާކުރީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ މައްޗަށެވެ.
މުޙައްމަދު އިޔާޒް އެދުނީ އޭނާ ހުށަހެޅި ފޯމު ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދިނުމަށެވެ. މައްސަލައަށް ތަދައްޚުލްވި، އޭނާގެ ރަސްމީ އިންތިޚާބީ އޭޖެންޓް އަޙްމަދު އިނާޒުވެސް އެދުނީ ހަމަ އެ ގޮތަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ހުށަހެޅުންތައް ޙުކުމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅާފައި ނުވާ ޙާލަތެއްގައި، އެ ކެންޑިޑޭޓްގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާމެދު ސުޕްރީމް ކޯޓުން މައްސަލަ ބަލައި ކުރިއަށް ގެންދާނެ ސަބަބެއް އޮތްތޯ.
ނިންމި ގޮތް
މައްސަލަ ކުރިއަށް ނުގެންދެވޭ – އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދުނު އެދުން ޤަބޫލުނުކުރެވި، މައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ނިންމި (އިއްތިފާޤުން)
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ގައިވާ ގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓަކީ ސާބިތު ދަރަންޏެއް އޮތްނަމަ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެކަމަށް ކޯޓުން ފާހަގަކުރެއްވިއެވެ. އޭޖެންޓް ހުށަހެޅި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި ފާހަގަޖަހާފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑުގައި ކަމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވަނީވެސް ކުށުގެ ރެކޯޑު އެކަނި ކަމަށް ކޯޓަށް ފެނުނެވެ. ދަރަނީގެ ރެކޯޑު ސާފުކޮށް ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ، މި މައްސަލައަކީ ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިޚާބުގައި އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ؛ އަދި ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ކަނޑައަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ރަސްމީ އިންތިޚާބީ އޭޖެންޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ފަރާތުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި ހަމައެކަނި ކުށުގެ ރެކޯޑަށް ފާހަގަޖަހައި، ދަރަނީގެ ރެކޯޑު ސާފުކޮށް ކަނޑައަޅާފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާކަން އެނގެން އޮތްނަމަ، ފޯމު ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމާމެދު މައްސަލަ ކޯޓުން ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 06 2024/SC-E/01 ޝަރީޢަތް ނިމުނުގޮތް މުޙައްމަދު އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 25 ފެބްރުއަރީ 2024
މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅި ފަރާތް އިލެކްޝަންސް ކޮމިޝަން މުޙައްމަދު އިޔާޒް، ހ. ގިނަމާގެ، މާލެ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު (ލެގްޒަވީ ޗެމްބަރސް އެލް.އެލް.ޕީ)
އިބްރާހީމް ޢަލީ
އިލެކްޝަން ކޮމިޝަންގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ޚުޒައިމާ ތައުފީޤު
ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
ތަދައްޚުލްވި ފަރާތް އަޙްމަދު އިނާޒު، ހ. ގިނަމާގެ، މާލެ
އިންތިޚާބީ – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު – އަދާކުރަންޖެހޭ ސާބިތު ދަރަނި – އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (ނ) – ކޯޓުތަކުގެ އިޚްތިޞާޞް
ފިހުރިސްތު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 4
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 4
ޙުކުމް 5
` ޢަބްދުﷲ އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން [2024] SC 06 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން މި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ހ. ގިނަމާގެ، މުޙައްމަދު އިޔާޒް، (މީގެފަހުން "މުޙައްމަދު އިޔާޒް") ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް 2024 ފެބުރުވަރީ 14 ވަނަ ދުވަހު، މުޙައްމަދު އިޔާޒް ހުށަހެޅި PE2024/CA/333 ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ޤާނޫނުގައިވާ ގޮތުގެމަތިން މުޙައްމަދު އިޔާޒް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޝަރުޠު ހަމަވާ މީހެއްކަމަށް ބަލައި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްކަމަށް ބުނެ ނިންމާފައިވާ ނިންމުމާ ގުޅިގެން، އޭނާ 2024 ފެބުރުވަރީ 14 ވަނަ ދުވަހު ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މި ކޯޓުން އަންގައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.
2މި މައްސަލައިގައި، ހ. ގިނަމާގެ، އަޙްމަދު އިނާޒު (މީގެ ފަހުން އަޙްމަދު އިނާޒު)، މި މައްސަލަ ހުށަހަޅާ ފަރާތުގެ ރަސްމީ އިންތިޚާބީ އޭޖެންޓް، މި މައްސަލައަށް ތަދައްޚުލްވުމަށް އެދި ހުށަހެޅުމުން މި މައްސަލައަށް އެފަރާތް ތަދައްޚުލްވުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.
3އަޙްމަދު އިނާޒުގެ ފަރާތުންވެސް މި މައްސަލައިގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި މުޙައްމަދު އިޔާޒްގެ ފަރާތުން 2024 ފެބުރުވަރީ 14 ވަނަ ދުވަހު ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މި ކޯޓުން އަންގައިދިނުމަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
4ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު1ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)38-AC/38/2024/106 އިޢުލާނުގައި އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލި ފުރުޞަތުގައި، ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލުމަށް އެދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ނަންބަރު PE2024/CA/333 ފޯމުން، 2024 ފެބުރުވަރީ 14 ވަނަ ދުވަހު، މުޙައްމަދު އިޔާޒް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
5މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމުގައިވާ މަޢުލޫމާތާއި ތަކެތި ބެލުމަށްފަހު، ޤާނޫނުގައިވާ ގޮތުގެމަތިން މުޙައްމަދު އިޔާޒް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޝަރުޠު ހަމަވާ މީހެއްކަމަށް ބަލައި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް ކަމަށް 2024 ފެބުރުވަރީ 15 ގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު އިޔާޒްއަށް އަންގާފައިވެއެވެ.
6މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުނުކުރި ސަބަބެއްކަމަށް އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު އިޔާޒްއަށް ދޫކޮށްފައިވާ "ކެންޑިޑަސީ ޤަބޫލުނުކުރާ ކަމުގެ ލިޔުން" ގައި ބަޔާންކޮށްފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު2ގެ 25 ވަނަ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި ބުނެފައިވާ ރަސްމީ އިންތިޚާބީ އޭޖެންޓް ކަމަށް ކަނޑައަޅާ ފަރާތުގެ ސާބިތު ދަރަންޏެއް އޮތްނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައި ނުވުން، މިފަދައިން ބަޔާންކޮށްފައިވާއިރު، މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން މުޙައްމަދު އިޔާޒްގެ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި ހިމަނާފައިވަނީ ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ރެކޯޑު ކަމަށާއި، އިންތިޚާބަށް ކުރިމަތިލާ މުޙައްމަދު އިޔާޒްގެ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމުން ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ކުރީގެ ރެކޯޑު ފެންނަން ނެތަތީ، އޭނާގެ އެ މުއްދަތުގެ ކުރީގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރުކުރެވެން ނެތުމުން، މުޙައްމަދު އިޔާޒް ހުށަހަޅާފައިވާ ފޯމު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.
7ޕްރިސިޑެންސް 1ޕްރިސިޑެންސް 2އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިޚާބުގައި އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ކަނޑައަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭނެކަމަށް، އެ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.
8ޕްރިސިޑެންސް 3މި މައްސަލައިގައި މުޙައްމަދު އިޔާޒްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލިއިރު، މުޙައްމަދު އިޔާޒްގެ ރަސްމީ އޭޖެންޓް ކަމުގައިވާ އަޙްމަދު އިނާޒުގެ ކުށާއި ދަރަނީގެ ރެކޯޑުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުމާއެކު ހުށަހަޅާފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި އަޙްމަދު އިނާޒުގެ ފަރާތުން ބަލަންވީ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަޖަހާފައިވަނީ ހަމައެކަނި "ކުށުގެ ރެކޯޑު" ގައެވެ. ދަރަނީގެ ރެކޯޑު ބެލުމަށް ފާހަގަޖަހާފައިނުވެއެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑެވެ. އެހެންކަމުން، މުޙައްމަދު އިޔާޒްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ފަރާތުން ދަރަނީގެ ރެކޯޑް ސާފުކޮށް، ކަނޑައަޅާފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާކަން މި މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކުންނާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، މި މައްސަލަ މި ކޯޓުން ބަލައި ކުރިއަށް ގެންދާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
9މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
10މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު މި މައްސަލައަކީ، އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން އަޙްމަދު މުޢުތަޞިމް ޢަދުނާން މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ޤާނޫނު ނަންބަރު 2009/2
2 ޤާނޫނު ނަންބަރު 2008/11
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) ގެ (3)
- ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 ފެބުރުއަރީ 2024 · ރަޖިސްޓްރީކުރީ 21 ފެބުރުއަރީ 2024 · ނިމުނީ 25 ފެބުރުއަރީ 2024 (4 ދުވަސް)