ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/12
އިލެކްޝަންސް ކޮމިޝަން ވ. މައުމޫން އިބްރާހިމް، 2011/SC-E/12
Elections Commission v. Maumoon Ibrahim 2011/SC-E/12 (2011/SC-E/12, Supreme Court of the Maldives, 1 February 2011)
އިލެކްޝަންސް ކޮމިޝަން ވ. މައުމޫން އިބްރާހިމް
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ހދ. ނޮޅިވަރަމް ރަށު ކައުންސިލަށް ކުރިމަތިލި މައުމޫން އިބްރާހީމްގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ 874/JC/1998 ގައި ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާތީ، އޭނާއަކީ ވާދަކުރުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުނެވެ.
ވައްކަމުގެ ކުށް ސާބިތުވެފައިވުމަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ވާދަކުރުމުގެ ޙައްޤު ގެއްލޭ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅިއެވެ. ދަޢުވާއަކީ ތެދު ދަޢުވާއެއްކަން މައުމޫން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުކުރިއެވެ.
މައިގަނޑު ސުވާލު
ޖަމާޢަތް ހަދައިގެން ވައްކަންކުރިކަން ސާބިތުވެފައިވާ މީހަކަށް ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ވާދަކުރުމުގެ ޙައްޤު ލިބޭތޯ.
ނިންމި ގޮތް
ކެންޑިޑޭޓަށް ވާދަކުރުމުގެ ޙައްޤު ނުލިބޭ ކަމަށް ކަނޑައެޅި
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާ، އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއް ނުވުމުގެ ޝަރުޠު، 874/JC/1998 ގެ ޙުކުމުން މައުމޫން އިބްރާހީމްގެ ކިބައިގައި ފުރިހަމަނުވާކަން އެނގޭތީއާއި، 2011/SC-E/04 އާއި 2011/SC-E/06 ގައި ކަނޑައެޅި އުޞޫލުގެ މަތިން، އޭނާއަށް އިންތިޚާބުގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު ނުލިބޭކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/12
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: މައުމޫން އިބްރާހިމް
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 27 ޖެނުއަރީ 2011
ނިމުނު ތާރީޚް: 01 ފެބްރުއަރީ 2011
މައްސަލަ ނިންމި ގަޑި: 16:05
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ހދ. ނޮޅިވަރަމް ރަށު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ މައުމޫން އިބްރާހީމްގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 874/JC/1998 ގެ ޤަޟިއްޔާއިން ވަށްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާކަމަށް ބުނެ، މައުމޫން އިބްރާހީމް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[4]މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާމީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއި އެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
[6](ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މައުމޫން އިބްރާހީމަކީ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 874/JC/1998 ގެ ޤަޟިއްޔާއިން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 874/JC/1998 ގެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުން އެނގެން އޮތް އިރު ހުށަހެޅިފައިވާ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން މައުމޫން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމެވެ.
[7](ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، މައުމޫން އިބްރާހީމްގެ ކިބައިގައި ފުރިހަމަނުވާކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 874/JC/1998 ގެ ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން މައުމޫން އިބްރާހީމަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[8]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއިއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ހައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު މައުމޫން އިބްރާހީމަށް ލިބިގެންނުވާކަމަށް ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4
- 2011/SC-E/04
- 2011/SC-E/06
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 27 ޖަނަވަރީ 2011 · ރަޖިސްޓްރީކުރީ 27 ޖަނަވަރީ 2011 · ނިމުނީ 1 ފެބުރުއަރީ 2011 (5 ދުވަސް)