ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/10
އިލެކްޝަންސް ކޮމިޝަން ވ. މުޙައްމަދު ސިފާޙް، 2011/SC-E/10
Elections Commission v. Mohamed Sifaah 2011/SC-E/10 (2011/SC-E/10, Supreme Court of the Maldives, 2 February 2011)
އިލެކްޝަންސް ކޮމިޝަން ވ. މުޙައްމަދު ސިފާޙް
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ލ. އިސްދޫ ރަށު ކައުންސިލަށް ކުރިމަތިލި މުޙައްމަދު ސިފާޙްގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ 180/JC/2006 ގައި ދިހަހާސް ރުފިޔާއަށްވުރެ މަތީ މުދަލަކުން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާތީ، އޭނާއަކީ ވާދަކުރުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުނެވެ. ދަޢުވާ ލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވާތީ އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ބެލުނެވެ.
ވައްކަމުގެ ކުށް ސާބިތުވެފައިވުމަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގެ ދަށުން ވާދަކުރުމުގެ ޙައްޤު ގެއްލޭ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅިއެވެ.
މައިގަނޑު ސުވާލު
ދިހަހާސް ރުފިޔާއަށްވުރެ މަތީ މުދަލަކުން ވައްކަންކުރިކަން ސާބިތުވެފައިވާ މީހަކަށް ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ވާދަކުރުމުގެ ޙައްޤު ލިބޭތޯ.
ނިންމި ގޮތް
ކެންޑިޑޭޓަށް ވާދަކުރުމުގެ ޙައްޤު ނުލިބޭ ކަމަށް ކަނޑައެޅި
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާ، އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއް ނުވުމުގެ ޝަރުޠު، 180/JC/2006 ގެ ޙުކުމުން މުޙައްމަދު ސިފާޙްގެ ކިބައިގައި ފުރިހަމަނުވާކަން އެނގޭތީއާއި، 2011/SC-E/04 އާއި 2011/SC-E/06 ގައި ކަނޑައެޅި އުޞޫލުގެ މަތިން، އޭނާއަށް އިންތިޚާބުގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު ނުލިބޭކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
[1]ޤަޟިއްޔާ ނަންބަރު: 2011/SC-E/10ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ސިފާޙް
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[2]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 27 ޖެނުއަރީ 2011
ނިމުނު ތާރީޚް: 02 ފެބްރުއަރީ 2011
މައްސަލަ ނިންމި ގަޑި: 15:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[3]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[4]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ލ. އިސްދޫ ރަށު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ މުޙައްމަދު ސިފާޙު ގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 180/JC/2006 ގެ ޤަޟިއްޔާއިން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ މުދަލަކުން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ ކަމަށާއި، ވައްކަމުގެ ކުށްސާބިތުވެފައިވުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ކަނޑައެޅިފައިވާކަމަށް ބުނެ، މުޙައްމަދު ސިފާޙުއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
[5]އަދި މިމައްސަލަ ހިންގުމަށްޓަކައި ދަޢުވާލިބޭ ފަރާތްކަމުގައިވާ މުޙައްމަދު ސިފާޙްއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން މުޙައްމަދު ސިފާޙް ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެފައިނުވާތީއާއި، 2 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން ޢާއްމުކޮށް އިޢުލާންކުރުމުންވެސް، މުޙައްމަދު ސިފާޙް ކޯޓަށް ޙާޟިރުވެފައިނުވާތީ މިމައްސަލަ ހިންގިފައިވަނީ މުޙައްމަދު ސިފާޙްގެ ޣައިރު ޙާޟިރުގައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[6]މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[7](ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާމީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
[8](ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މުޙައްމަދު ސިފާޙަކީ ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ މުދަލަކުން ވައްކަންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 180/JC/2006 ގެ ޤަޟިއްޔާއިން 1 (އެކެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 180/JC/2006 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތް އިރު އެޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން އެނގެން އޮތުމެވެ.
[9](ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، ލ. ދަނބިދޫ ފުއްޓަރު، މުޙައްމަދު ސިފާޙުގެ ކިބައިގައި ފުރިހަމަނުވާކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 180/JC/2006 ގެ ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން މުޙައްމަދު ސިފާޙަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[10]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު މުޙައްމަދު ސިފާޙްއަށް ލިބިގެންނުވާކަމަށް މުޙައްމަދު ސިފާޙްގެ ޣައިރު ޙާޟިރުގައި ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4
- 2011/SC-E/04
- 2011/SC-E/06
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 27 ޖަނަވަރީ 2011 · ރަޖިސްޓްރީކުރީ 27 ޖަނަވަރީ 2011 · ނިމުނީ 2 ފެބުރުއަރީ 2011 (6 ދުވަސް)