ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/21
އިލެކްޝަންސް ކޮމިޝަން ވ. އިބްރާހީމް ފަޔާޟް، 2011/SC-E/21
Elections Commission v. Ibrahim Fayaad 2011/SC-E/21 (2011/SC-E/21, Supreme Court of the Maldives, 3 February 2011)
އިލެކްޝަންސް ކޮމިޝަން ވ. އިބްރާހީމް ފަޔާޟް
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރ. އިންނަމާދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި އިބްރާހީމް ފަޔާޟްގެ މައްޗަށް ކުރީގެ ރ. އިންނަމާދޫ ކޯޓުގެ 05/E11C/2004 ޤަޟިއްޔާއިން ސާބިތުވި ދަރަނި ޙުކުމާ އެއްގޮތަށް އަދާނުކުރާތީ، އޭނާއަކީ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސާބިތު ދަރަނި ޙުކުމާ އެއްގޮތަށް އަދާނުކުރުމަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ވާދަކުރުމުގެ ޙައްޤު ގެއްލޭ ކަމެއްކަމަށެވެ. ކޯޓަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރުމުން ވެސް އިބްރާހީމް ފަޔާޟް ޙާޟިރުނުވުމުން އޭނާގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ނުކުރެއެވެ.
މައިގަނޑު ސުވާލު
ޙުކުމަކުން ސާބިތުވެފައިވާ ދަރަނި ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވޭތޯ.
ނިންމި ގޮތް
ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވޭ (ޣައިރު ޙާޟިރުގައި)
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައިވާ ޝަރުޠު އިބްރާހީމް ފަޔާޟްގެ ކިބައިގައި ފުރިހަމަނުވާކަން ރ. އިންނަމާދޫ ކޯޓުގެ E11C/2011/18 ލިޔުމުން އެނގޭތީއާއި، ޤާނޫނުން ލާޒިމްކުރާ ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް ވާދަކުރުމުގެ ޙައްޤު ނުލިބޭނެކަމަށް 2011/SC-E/04 އާއި 2011/SC-E/06 ގައި ކަނޑައަޅާފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު އިބްރާހީމް ފަޔާޟަށް ލިބިގެންނުވާކަމަށް އޭނާގެ ޣައިރު ޙާޟިރުގައި ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/21
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ފަޔާޟް
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 02 ފެބްރުއަރީ 2011
ނިމުނު ތާރީޚް: 03 ފެބްރުއަރީ 2011
މައްސަލަ ނިންމި ގަޑި: 22:42
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު،ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރ. އިންނަމާދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އިބްރާހީމް ފަޔާޟް ގެ މައްޗަށް ކުރީގެ ރ. އިންނަމާދޫ ކޯޓުގެ ނަންބަރު 05/E11C/2004 ގެ ޤަޟިއްޔާއިން ދަރަނި ސާބިތުވެފައިވާއިރު، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދިއުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާކަމަށް ބުނެ، އިބްރާހީމް ފަޔާޟަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
[4]އަދި މިމައްސަލަ ހިންގުމަށްޓަކައި ދަޢުވާލިބޭ އިބްރާހީމް ފަޔާޟްއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެފައިނުވާތީއާއި، 03 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރުމުންވެސް އިބްރާހީމް ފަޔާޟް ކޯޓަށް ޙާޟިރުވެފައިނުވާތީ މިމައްސަލަ ހިންގިފައިވަނީ އިބްރާހީމް ފަޔާޟްގެ ޣައިރު ޙާޟިރުގައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[5]މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[6](ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
[7](ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އިބްރާހީމް ފަޔާޟްއަކީ، ކުރީގެ ރ. އިންނަމާދޫ ކޯޓުގެ ނަންބަރު 05/E11C/2004 ގެ ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން ރ. އިންނަމާދޫ ކޯޓުގެ ނަންބަރު E11C/2011/18 (1 ފެބްރުއަރީ 2011) ގެ ލިޔުމުން އެނގެން އޮތުމެވެ.
[8](ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހެއްކަމުގައިވުމުގެ ޝަރުޠު، އިބްރާހީމް ފަޔާޟްގެ ކިބައިގައި ފުރިހަމަނުވާކަން ރ. އިންނަމާދޫ ކޯޓުގެ ނަންބަރު E11C/2011/18 (1 ފެބްރުއަރީ 2011) ގެ ލިޔުމުން އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން އިބްރާހީމް ފަޔާޟަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[9]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު އިބްރާހީމް ފަޔާޟަށް ލިބިގެންނުވާކަމަށް އޭނާގެ ޣައިރު ޙާޟިރުގައި ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1
- 2011/SC-E/04
- 2011/SC-E/06
- 05/E11C/2004
- E11C/2011/18
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 2 ފެބުރުއަރީ 2011 · ރަޖިސްޓްރީކުރީ 2 ފެބުރުއަރީ 2011 · ނިމުނީ 3 ފެބުރުއަރީ 2011 (1 ދުވަސް)