ސައިޓޭޝަން ކޮޕީ ކުރުމަށް
2017/SC-E/04
އިލެކްޝަންސް ކޮމިޝަން ވ. ޢިމްރާން އަންވަރު، 2017/SC-E/04
Elections Commission v. Imraan Anwar 2017/SC-E/04 (2017/SC-E/04, Supreme Court of the Maldives, 27 March 2017)
އިލެކްޝަންސް ކޮމިޝަން ވ. ޢިމްރާން އަންވަރު
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ގއ. ވިލިނގިލި ރަށު ކައުންސިލްގެ މެންބަރުކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލި ޢިމްރާން އަންވަރަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރި މީހެއްކަން، އެ ޕާޓީން ލަސްވެގެން ފޮނުވި ޕްރައިމަރީގެ މަޢުލޫމާތުން އެނގުމުން، އޭނާގެ ކެންޑިޑެސީ ބާޠިލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކެންޑިޑޭޓުގެ ހުށަހެޅުން ޤަބޫލުކުރިއިރު ޕާޓީގެ ޕްރައިމަރީގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައި ނުވާކަމާއި، އެ މަޢުލޫމާތުން އޭނާ ޕްރައިމަރީގައި ވާދަކުރިކަން ސާބިތުވާތީ ޤާނޫނު ނަންބަރު 28/2016 ގެ 10 ވަނަ މާއްދާއާ އެއްގޮތަށް ކެންޑިޑެސީ ބާޠިލުވާންޖެހޭކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރެވޭތޯ، އަދި އެފަދަ ކެންޑިޑެސީ ޤަބޫލުކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާޠިލު (އިއްތިފާޤުން)
ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރި މެންބަރަކަށް އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަނުކުރެވޭނެކަމާއި އެފަދަ ކެންޑިޑެސީ ކޮމިޝަނުން ބާޠިލުކުރަންވާނެކަން ޤާނޫނު ނަންބަރު 28/2016 ގެ 10 ވަނަ މާއްދާގައި ކަނޑައަޅާފައިވާތީ، ޢިމްރާން އަންވަރަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރުމުގެ ޙައްޤު ނުލިބޭކަމަށް ކަނޑައަޅައި، އޭނާއަށް ވާދަކުރެވޭގޮތަށް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލު
- މީލާދީ ސަނަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށާއި، އެ ފަރާތަކުން އެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލުކުރަން ވާނެކަމަށް ޤާނޫނު ނަންބަރު 2016/28 އިން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:2017/SC-E/04
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: ޢިމްރާން އަންވަރު
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 05 މާރިޗު 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 މާރިޗު 2017
ނިމުނު ތާރީޚް: 27 މާރިޗު 2017
މައްސަލަ ނިންމި ގަޑި: 14:15
[2]މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ
[3]މި ޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ގއ. ވިލިނގިލި ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރު އަކީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެފައިވާ ފަރާތެއްކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި އެ ޕާޓީގެ ޕްރައިމަރީގެ ނަތީޖާއިން ސާބިތުވެފައިވާ މީހަކަށްވެފައި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލްކުރަން ވާނެކަމަށް ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ކަނޑައަޅައިފައިވާތީ، ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ބުނެ، ޢިމްރާން އަންވަރުގެ ކެންޑިޑެސީއަކީ ބާޠިލް ކެންޑިޑެސީއެއްކަމަށް ކަނޑައަޅައިދިނުން އެދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/01 ޤަޟިއްޔާއިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ 48 ގަޑިއިރު ފާއިތުވާ ފަހުން އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ މީހެއްގައި ފުރިހަމަވުން ޤާނޫނުން ލާޒިމްކޮށްފައިވާ ޝަރުޠެއް ފުރިހަމަނުވާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެ މީހެއްގެ ކެންޑިޑެސީ ބާޠިލްކޮށްދިނުން އެދި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
[4]މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާ ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގައި "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، ބުނެވިދިޔަ ޤާނޫނު ނަންބަރު 2016/28 ގެ 10 ވަނަ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި، އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލު ކުރަންވާނެއެވެ". މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
[6](ށ) ދެވަނަ ކަމަކީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނުކަން އަންގައި، 08 ޖަނަވަރީ 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި އެ ކޮމިޝަންގެ ނަންބަރު (A)CA-2017/5 އިޢުލާނުގައި، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކަށް އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެކަން ބަޔާންކޮށްފައި އޮންނަކަން އެނގެން އޮންނަ ކަމެވެ.
[7](ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ޤަވާޢިދު ނަންބަރު R-85/2016 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤަވާޢިދުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ލިސްޓްތައް އިލެކްޝަންސް ކޮމިޝަނާ ޙިއްސާކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށްފައިވާކަމާއި، ބަޔާންވެދިޔަ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށާއި، ޕްރައިމަރީއެއް ބާއްވައިފައިވާނަމަ އެ ޕްރައިމަރީގެ މަޢުލޫމާތުތައް 12 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެ ކޮމިޝަނަށް އެންގުމަށް، އެ ކޮމިޝަންގެ ނަންބަރު 38-BB/MDP/2017/6 ސިޓީއިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަންގައިފައިވާކަން އެނގެން އޮންނަކަމާއި، ބަޔާންވެދިޔަ އެ ކޮމިޝަންގެ ނަންބަރު 38-BB/MDP/2017/6 ސިޓީއާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓް ހޯދުމަށް ބޭއްވުނު ޕްރައިމަރީގެ މަޢުލޫމާތުތަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައިވަނީ، އެ ކޮމިޝަނުން އެ މަޢުލޫމާތުތަށް ޙިއްސާކުރުމަށް ދީފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން 24 ޖަނަވަރީ 2017 ގައި ކަން އެނގެން އޮންނަކަމެވެ.
[8](ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ޢިބާރާތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އެ މީހަކަށް ލިޔުމަކުން އަންގަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، 18 ޖަނަވަރީ 2017 ގައި ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅައިފައިވަނީ، 08 ޖަނަވަރީ 2017 ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ފޮނުވައިފައިވާ އެ ކޮމިޝަންގެ ނަންބަރު 38-BB/MDP/2017/6 ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޕާޓީގެ ޕްރައިމަރީގެ މަޢުލޫމާތު އެ ކޮމިޝަނަށް ނުލިބިވަނިކޮށްކަމާއި، އެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބުނުއިރު، ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަށް، އެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަށް ހުށަހެޅި ކެންޑިޑެސީ ޤަބޫލުކޮށް، 18 ޖަނަވަރީ 2017 ގައި އެކަން ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަށް އަންގައިފައިވާކަން އެނގެން އޮންނަކަމެވެ.
[9](ބ) ފަސްވަނަ ކަމަކީ، މީލާދީ ސަނަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށާއި، އެ ފަރާތަކުން އެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލުކުރަން ވާނެކަމަށް ޤާނޫނު ނަންބަރު 2016/28 އިން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަކީ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، އެ ޕާޓީގެ ޓިކެޓް ހޯދުމަށް ބޭއްވުނު ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން، އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް 24 ޖަނަވަރީ 2017 ގައި ފޮނުވި މަޢުލޫމާތުތަކުން ސާބިތުވެ އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރުމުގެ ޙައްޤު ޢިމްރާން އަންވަރަށް ލިބިގެން ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[10]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ގއ. ވިލިނގިލި ރަށު ކައުންސިލްގެ މެންބަރުކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައިފައިވާ، ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަކީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށްޓަކައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައިވާ މަޢުލޫމާތުތަކުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2016/28 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ބައިވެރިވުމުގެ ޙައްޤު ގއ. ވިލިނގިލީ ކޯޒީވިލާ، ޢިމްރާން އަންވަރަށް ލިބިގެން ނުވާތީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ޢިމްރާން އަންވަރަށް ވާދަކުރެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ޤާނޫނު ނަންބަރު 28/2016 (ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤަވާޢިދު ނަންބަރު R-85/2016 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤަވާޢިދު
- 2011/SC-A/01
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 5 މާރިޗު 2017 · ރަޖިސްޓްރީކުރީ 15 މާރިޗު 2017 · ނިމުނީ 27 މާރިޗު 2017 (12 ދުވަސް)