ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/26
އިލެކްޝަންސް ކޮމިޝަން ވ. ޢަބްދުﷲ ޖަމީލް، 2011/SC-E/26
Elections Commission v. Abdhuﷲ Jameel 2011/SC-E/26 (2011/SC-E/26, Supreme Court of the Maldives, 28 September 2011)
އިލެކްޝަންސް ކޮމިޝަން ވ. ޢަބްދުﷲ ޖަމީލް
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވުނު ޢަބްދުﷲ ޖަމީލްގެ މައްޗަށް ކުރީގެ ފުލުސް ކޯޓުގެ 244/FC/1989 ގެ ޤަޟިއްޔާއިން ވައްކަމުގެ ކުށް ސާބިތުވެ، 4 މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށްފައިވާތީ، އޭނާގެ ކައުންސިލް މެންބަރުކަން ބާޠިލުވާނެކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހުށަހެޅުމަކީ، ވައްކަމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގެ ދަށުން ކައުންސިލް މެންބަރުކަމަށް ޝަރުޠު ހަމަނުވާ ސަބަބެއް ކަމެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާ ޝަރުޠު ފުރިހަމަނުވާ މީހަކު ލޯކަލް ކައުންސިލަށް ހޮވިއްޖެނަމަ، އެ މީހާގެ މެންބަރުކަން ޤާނޫނީގޮތުން ބާޠިލުވާނެތޯ.
ނިންމި ގޮތް
ކައުންސިލް މެންބަރުކަން ޤާނޫނީގޮތުން ބާޠިލު
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާ ޝަރުޠު ޢަބްދުﷲ ޖަމީލްގެ ކިބައިގައި ކުރިމަތިލި އިރުވެސް ފުރިހަމަނުވާކަން ކުރީގެ ޙުކުމުން އެނގޭކަމަށް ކޯޓުން ކަނޑައެޅިއެވެ. 2011/SC-E/04 އާއި 2011/SC-E/06 ގައި ކަނޑައެޅި އުޞޫލާ އެއްގޮތަށް، ޝަރުޠު ފުރިހަމަނުވާ މީހަކު ހޮވިއްޖެނަމަވެސް އޭނާ އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާތީ، ޢަބްދުﷲ ޖަމީލަކީ ކައުންސިލްގެ މެންބަރެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރެވުނެވެ.
ކަނޑައެޅުނު އުޞޫލު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުތު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/26
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާލިބޭ ފަރާތް: ޢަބްދުﷲ ޖަމީލް
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 06 މާރޗް 2011
ނިމުނު ތާރީޚް: 28 ސެޕްޓެމްބަރ 2011
މައްސަލަ ނިންމި ގަޑި: 11:05
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރުޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ ޢަބްދުﷲ ޖަމީލް ގެ މައްޗަށް ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 244/FC/1989 ގެ ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ޢަބްދުﷲ ޖަމީލްގެ ލޯކަލް ކައުންސިލް މެންބަރުކަން ބާޠިލުވާނެކަމެއް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[4]މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއިއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރި ނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
[6](ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ އއ. ހިމަންދޫ ރަށު ކައުންސިލުގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޢަބްދުﷲ ޖަމީލަކީ ވައްކަންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 244/FC/1989 ގެ ޤަޟިއްޔާއިން 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށްފައިވާ މީހެއްކަން، ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 244/FC/1989 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު އެޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.
[7](ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޢަބްދުﷲ ޖަމީލްގެ މައްޗަށް ވައްކަމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވީހިނދު، މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، ޢަބްދުﷲ ޖަމީލްގެ ކިބައިގައި ފުރިހަމަނުވާކަން ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 244/FC/1989 ގެ ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، ޢަބްދުﷲ ޖަމީލަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެންބަރުކަމަށް ކުރިމަތިލީއިރުވެސް ޤާނޫނު ނަންބަރު 10/2010 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާ މީހެއްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
[8]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުތު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާތީ، ޢަބްދުﷲ ޖަމީލަކީ ޤާނޫނު ނަންބަރު 2010/10 ގެ ދަށުން އިންތިޚާބުވެފައިވާ އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝ
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4
- 2011/SC-E/04
- 2011/SC-E/06
- 244/FC/1989
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 6 މާރިޗު 2011 · ރަޖިސްޓްރީކުރީ 6 މާރިޗު 2011 · ނިމުނީ 28 ސެޕްޓެމްބަރު 2011 (6.8 މަސް)