ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/28
އިލެކްޝަންސް ކޮމިޝަން ވ. ޙަސަން ސަޢީދު، 2011/SC-E/28
Elections Commission v. Hassan Saeed 2011/SC-E/28 (2011/SC-E/28, Supreme Court of the Maldives, 28 September 2011)
އިލެކްޝަންސް ކޮމިޝަން ވ. ޙަސަން ސަޢީދު
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޏ. ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވުނު ޙަސަން ސަޢީދަކީ ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 343/RIC-3/2010 ޤަޟިއްޔާއިން ސާބިތު ދަރަންޏެއް ސާބިތުވެފައިވާ، އަދި އެ ޙުކުމްގައިވާ ގޮތަށް ދަރަނި ދައްކަމުން ނުދާ މީހެއްކަމަށް ބުނެ، އޭނާގެ މެންބަރުކަން ބާޠިލުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު ނުކުތާއަކީ ސާބިތު ދަރަނި ޙުކުމާ އެއްގޮތަށް އަދާނުކުރާތީ ޙަސަން ސަޢީދުގެ ކިބައިގައި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައިވާ ޝަރުޠު ފުރިހަމަނުވާކަމެވެ. ދަޢުވާލިބޭ ފަރާތުގެ ނުކުތާތައް ޙުކުމުގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ މީހަކު ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކޮށް ހޮވިއްޖެނަމަ، އެ މީހާގެ ކައުންސިލް މެންބަރުކަން ޤާނޫނީގޮތުން ބެލެވޭނެތޯ.
ނިންމި ގޮތް
ކައުންސިލް މެންބަރެއްކަމަށް ނުބެލެވޭ — އިންތިޚާބުވުން ބާޠިލު
ޙަސަން ސަޢީދު ދަރަނި ކޯޓަށް ދައްކާފައިވަނީ 30 ޖެނުއަރީ 2011 ގައި ކަމަށްވާތީ، އެ ދަރަނި ދައްކާފައިވަނީ ޙުކުމްގައިވާ ގޮތަށް ނޫންކަމާއި، ކުރިމަތިލިއިރު ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގެ ޝަރުޠު އޭނާގެ ކިބައިގައި ފުރިހަމަނުވާކަން ކޯޓުން ފާހަގަކުރިއެވެ. 2011/SC-E/04 އާއި 2011/SC-E/06 ޤަޟިއްޔާތަކުން ކަނޑައެޅި އުޞޫލުގެ މަތިން، ޝަރުޠު ފުރިހަމަނުވާ ފަރާތެއް ހޮވިއްޖެނަމަވެސް އެ އިންތިޚާބުވުން ބާޠިލުވާތީ، ޙަސަން ސަޢީދަކީ އަތޮޅު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރެވުނެވެ.
ކަނޑައެޅުނު އުޞޫލު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް، މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުޠު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/28
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާލިބޭ ފަރާތް: ޙަސަން ސަޢީދު
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 13 އޭޕްރީލް 2011
ނިމުނު ތާރީޚް: 28 ސެޕްޓެމްބަރ 2011
މައްސަލަ ނިންމި ގަޑި: 11:20
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރުޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
[3]މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޏ. ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ އެރަށު އެއްގަމިގެ ޙަސަން ސަޢީދަކީ ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 343/RIC-3/2010 ގެ ޤަޟިއްޔާއިން ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށްވެފައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި ވާގޮތުގެ މަތިން ޙަސަން ސަޢީދު އެ ދަރަނި ދައްކަމުން ނުދާކަން އެންގެން އޮންނާތީ، އެ ސަބަބަށްޓަކައި ޙަސަން ސަޢީދުގެ ލޯކަލް ކައުންސިލްގެ މެންބަރުކަން ބާޠިލުވާނެކަމެއް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[4]މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއިއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
[6](ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ޏ. ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޙަސަން ސަޢީދަކީ ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 343/RIC-3/2010 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަމާއި، ޙަސަން ސަޢީދުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޏ. ފުވައްމުލަކު ކޯޓަށް ދައްކާފައިވަނީ 30 ޖެނުއަރީ 2011 ވަނަ ދުވަހުކަން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AC/141/2011-RIC މެސެޖް ފޯމުން އެނގެން އޮތުމުން ޙަސަން ސަޢީދު އެ ދަރަނި ދެއްކިކަމުގައި ވިޔަސް ދައްކާފައިވަނީ ބުނެވިދިޔަ ނަންބަރު 343/RIC-3/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި ވާގޮތަށް ނޫންކަން ރަނގަޅަށް އެނގެން އޮތުމެވެ.
[7](ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޏ. ފުވައްމުލަކު މެދު ދާއިރާ އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޙަސަން ސަޢީދުގެ މައްޗަށް ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެ ޙުކުމާ އެއްގޮތަށް ޙަސަން ސަޢީދު އެ ދަރަނި އަދާކުރަމުން ގޮސްފައިނުވާކަން ރަނގަޅަށް އެނގެން އޮތްއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމުގެ ޝަރުޠު، 25 ނޮވެމްބަރ 2011 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލިއިރު ޙަސަން ސަޢީދުގެ ކިބައިގައި ފުރިހަމަނުވާކަން އިސްވެ އިޝާރާތްކުރެވުނު ލިޔުންތަކުން އެންގެން އޮންނާތީ، ޙަސަން ސަޢީދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެންބަރުކަމަށް ކުރިމަތިލީއިރުވެސް ޤާނޫނު ނަންބަރު 10/2010 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާ މީހެއްކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
ޙުކުމް:
[8]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް، މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުޠު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާތީ، ޙަސަން ސަޢީދަކީ ޤާނޫނު ނަންބަރު 2010/10 ގެ ދަށުން އިންތިޚާބުވެފައިވާ ޏ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1
- 2011/SC-E/04
- 2011/SC-E/06
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 އޭޕްރީލް 2011 · ރަޖިސްޓްރީކުރީ 13 އޭޕްރީލް 2011 · ނިމުނީ 28 ސެޕްޓެމްބަރު 2011 (5.5 މަސް)