ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/99
2017/HC-A/99، 2017/HC-A/99
2017/HC-A/99 (2017/HC-A/99, High Court of the Maldives, 13 February 2017)
2017/HC-A/99
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ތުހުމަތުކުރެވޭ ފަރާތް ގޭބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިފެހެއްޓި ފަރާތެއް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ސާބިޤާތަކާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމާމެދު ކުރިމިނަލް ކޯޓުން ނެރުއްވި އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި މަތީ ކޯޓުތަކުގެ ސާބިޤާތަކާ އެއްގޮތަށް ނެރުއްވި އަމުރެއްތޯ، އަދި މައްސަލަ ޝަރީޢަތަށް ހުށަހަޅައި ޝަރީޢަތުން ބަންދާމެދު ގޮތެއް ނިންމާފައިވާއިރު ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމަންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ހައިކޯޓުން ގޮތެއް ނުނިންމި
ހެކި ޤަރީނާއާއި މައްސަލައިގެ ބާވަތުން ގޭބަންދުވެސް ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ދޭތީ އަމުރަށް ބަދަލު ގެންނަން ޖެހެއެވެ. ނަމަވެސް މައްސަލަ ޝަރީޢަތަށް ހުށަހަޅައި ޝަރީޢަތުން ބަންދާމެދު ގޮތެއް ނިންމާފައިވާތީ، ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމާނެ ތަނެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- މަސްތުވާތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭބަންދުގައިވެސް ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެކެވެ. އަދި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޤަބޫލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރު، އަދި އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ، އެކަން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 13 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- 2011/SC-A/33
- 2012/HC-A/194
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް