ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/76
2017/HC-A/76، 2017/HC-A/76
2017/HC-A/76 (2017/HC-A/76, High Court of the Maldives, 7 February 2017)
2017/HC-A/76
މައްސަލައިގެ ޚުލާޞާ
ހައްޔަރުކުރިއިރު ކޯޓު އަމުރެއް ނެތުމާއި ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ނުފެންނާތީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދެވޭނެކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރެވުނު ނޫރުއްނިޒާމްގެ ބަންދު 24 ގަޑިއިރުގެ ތެރޭގައި ކްރިމިނަލް ކޯޓުން 10 ދުވަހަށް އިތުރުކުރިއެވެ. އެ މުއްދަތު ހަމަވާތީ 15 ދުވަހަށް ބަންދު އިތުރުކުރުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 46 އަދި 49 ވަނަ މާއްދާއާއި ބަންދުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސަބަބުތަކަށް ރިޢާޔަތް ނުކޮށް، ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރެވި، ކްރިމިނަލް ކޯޓުން 10 ދުވަހަށް ބަންދު ކުރިން އިތުރުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު، ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އިޖްރާއަތާ ޚިލާފަށް ކަމަށް ބުނެ އިތުރު ނުކުރެވޭނެކަމަށް ހަމަ އެ ކޯޓުން ކަނޑައެޅުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ، އަދި ބަންދު އިތުރުކުރުމަށް އެކަށީގެންވާ ސަބަބު ހުރިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ހަމަ އެ ކޯޓުން ކުރިން ބަންދު އިތުރުކޮށް ނިންމާފައިވާ ނިންމުން އެ ކޯޓުން ބަދަލުކުރުމަކީ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމާއި، ތުހުމަތުގެ ބާވަތާއި ހެކި ޤަރީނާއަށް ބަލާއިރު ދޫކޮށްލުމަކީ ނުވަތަ ގޭބަންދުގައި ބެހެއްޓުމަކީ ވެސް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކަމަށްވާތީ ބަންދު އިތުރުކުރުމަށް އެކަށީގެންވާ ސަބަބު އޮތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ތަޙްޤީޤުގެ އުނދަގޫތަކުގެ މިންވަރާއި، ހިމެނޭ މީހުންގެ ޢަދަދާއި، ކުށުގެ ޠަބީޢަތާއި ކުޑަބޮޑު މިނާއި، ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، ފިލައި ރައްކާވުމުގެ ބިރާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރު ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ، އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޢަދަލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް ބައްޓަން ކުރެވިފައިވާގޮތުން، ޝަރުޢީ ކޯޓަކުން ނިންމާ ނިންމުމެއް ބާޠިލް ކުރެވޭނީ، އެނިންމުން ނިންމި މަރުޙަލާއަށްވުރެ މަތީ މަރުހަލާގެ ކޯޓަކުންނެވެ. ތުހުމަތުކުރެވޭ މީހެއްގެ ބަންދާމެދު ހަމަ އެކޯޓުން ކުރިން ގޮތެއް ކަނޑައަޅާފައިވަނިކޮށް، ހައްޔަރުކުރި ކުރުމަކީ ޤާނޫނީ އިޖްރާއާތުގެ އިމުން ބޭރުން ކޮށްފައިވާ ހައްޔަރެއްކަމަށް ކަނޑައަޅައި ނިންމުމަކީ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިސްތިއުނާފީ އުޞޫލުތަކާއި ޚިލާފަށް ނިންމާ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އެއްމަރުހަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ނިންމާ ނިންމުންތައް ހަމަ އެމަރުޙަލާއެއްގެ ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރާނަމަ، ޢަދަލު އިންސާފު ޤާއިމު ކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ފުށު އެރުންތަކެއް އެކަމުގެ ސަބަބުން ނުކުމެގެންދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ތަޙްޤީޤު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، ފަނޑިޔާރަކު ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫނެވެ. ތުހުމަތުކުރެވިފައިވާ ފަރާތުގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު
- 2010/SC-A/19
- 2016/SC-A/10
- 2011/SC-A/33
- 2011/SC-A/19
- 2012/HC-A/260
- 2013/HC-A/35
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް