ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/310
2017/HC-A/310، 2017/HC-A/310
2017/HC-A/310 (2017/HC-A/310, High Court of the Maldives, 15 October 2017)
2017/HC-A/310
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި 15 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ޤަސްދުގައި މީހަކު މެރުމާއި ޓެރަރިޒަމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތާއި ސީސީޓީވީ ފޫޓޭޖާއި ކޯލް ޗާޓް ހުށަހަޅައި ބަންދު އިތުރުކުރުމަށް އެދުނެވެ.
ތުހުމަތުކުރެވޭ ފަރާތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދުގެ ޤަވާޢިދުގެ 7(ހ) އާއި ކުރީގެ ޙުކުމްތަކާ ޚިލާފު، ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް ނެތް، އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކާ ޚިލާފު އަމުރެއްކަމަށެވެ.
މައިގަނޑު ސުވާލު
ޤަސްދުގައި މީހަކު މެރުމާއި ޓެރަރިޒަމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް 15 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދުގެ ޤަވާޢިދާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހެޅިފައިވާއިރު، ކުށުގެ ބޮޑުކަމާއި ތަޙްޤީޤު ކުރިއަށްދާތީ ބަންދުގައި ބެހެއްޓުމުގެ ސަބަބު ފަނޑިޔާރަށް ފެނުން ޤާނޫނާ ޚިލާފެއް ނޫނެވެ. މުޖުތަމަޢަށް ނުރައްކާތެރި މީހަކު ބަހައްޓަންވާނީ ނުރައްކާ ނުފޯރުވޭނެ ތަނެއްގައެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ތަޙްޤީޤުކުރުމުގައި ހުރި އުނދަގޫތަކުގެ މިންވަރާއި، ހިމެނޭ މީހުންގެ ޢަދަދާއި، ކުށުގެ ޠަބީޢަތާއި ކުޑަބޮޑު މިނާއި، ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، ފިލައި ރައްކާވުމުގެ ބިރާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރު ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤަސްދުގައި މީހުން މެރުމާއި، ޓެރަރިޒަމާއި އަދި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު
- 2010/SC-A/19
- 2012/HC-A/260
- 2013/HC-A/35
- 2015/HC-A/236
- 2013/HC-A/57
- 2015/HC-A/170
- 2013/HC-A/177
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް