ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/74
2017/HC-A/74، 2017/HC-A/74
2017/HC-A/74 (2017/HC-A/74, High Court of the Maldives, 19 February 2017)
2017/HC-A/74
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ތަޙްޤީޤު ނިމި ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލިއެވެ.
ލޯންޗަކުން ބޭލި ފޮށްޓެއް ހިފައިގެން ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ފޮށީގައި ބަނގުރާ ހުރިކަމަށް ޝައްކުކުރެވޭ ފުޅިތައް ފެނުނެވެ. ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދު އިތުރުކުރަން ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއަށާއި، ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ 9 ވަނަ ނުކުތާއަށާއި، ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ (ރ) ގެ ދަށުން ހައިކޯޓުގެ 2013/HC-A/371 ގައި ކަނޑައެޅި އުޞޫލަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ބަނގުރާ ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައިވާ ފަރާތެއް، ތަޙްޤީޤު ނިމި ގިނަ ދުވަސް ބަންދުގައި ހުރުމުގެ ސަބަބުން ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގައިވާ އުޞޫލުތަކާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް އަމުރުކުރި
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ކުށްތަކަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެއްކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާއިރު، ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާތީ، ތުހުމަތުކުރެވޭ ފަރާތް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތުހުމަތުކުރެވޭ ކުށާ ގުޅިގެން ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާކަން އެނގެންއޮތުމުން، މައްސަލާގެ ޒާތާއި ބާވަތުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތް މުޖުތަމަޢަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެންއޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ސުޕްރީމް ކޯޓުގެ 2011/SC-A/33
- ހައިކޯޓުގެ 2013/HC-A/371
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް