ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/333
2017/HC-A/333، 2017/HC-A/333
2017/HC-A/333 (2017/HC-A/333, High Court of the Maldives, 10 August 2017)
2017/HC-A/333
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކޮށްލިއެވެ.
ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖަކާމެދު އެކިދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ފުލުހުން 15 ދުވަހަށް ބަންދު އިތުރުކުރުމަށް އެދުނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި ފިލާފާނެތީއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރި
ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާކަމާއި ތަޙްޤީޤު ނިމިފައިނުވާކަން އެނގޭތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60(ބ) އަށް ރިޢާޔަތްކޮށް ކުށުގެ ބާވަތާއި ޙާލަތަށް ބަލައި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ. އެ މީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތްކަމުގައިވިޔަސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ 1 އިން 4 އަށް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް