ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/231
2017/HC-A/231، 2017/HC-A/231
2017/HC-A/231 (2017/HC-A/231, High Court of the Maldives, 30 May 2017)
2017/HC-A/231
މައްސަލައިގެ ޚުލާޞާ
ހެކި ނައްތާލައިފާނެކަމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެކަމަށްޓަކައި 15 ދުވަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާފަދަ ޙަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި ބަންދުކުރުމަށް ކުރިން ނެރުއްވި ކްރިމިނަލް ކޯޓުގެ އަމުރެއްގެ އިތުރު ބަޔާނުގައި، މުއްދަތުގައި ތަޙްޤީޤު ފުރިހަމަކޮށް ދަޢުވާކުރުމާމެދު ގޮތެއް ނުނިންމައިފިނަމަ ދޫކޮށްލެވޭނެކަމަށް އަންގާފައިވިއެވެ. ދަޢުވާކުރުމާމެދު ގޮތެއް ނުނިންމައި ފުލުހުން އަލުން އަމުރަކަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ކުރީގެ އަމުރުގެ އިތުރު ބަޔާނަށް ހުރަސްއަޅައި ނެރުއްވި މި އަމުރަކީ 2011/SC-SJ/03 ގައިވާ އުޞޫލާ ޚިލާފު އަމުރެއް ކަމަށެވެ. ދައުލަތުން ބުނީ ދެފަހަރު މަޝްވަރާކުރި ނަމަވެސް ދަޢުވާކުރުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުރީގެ ބަންދު އަމުރެއްގެ އިތުރު ބަޔާނުގައި، މުއްދަތުގައި ދަޢުވާކުރުމާމެދު ގޮތެއް ނުނިންމައިފިނަމަ ދޫކޮށްލެވޭނެކަމަށް އަންގާފައިވަނިކޮށް، އެ އަމުރަށް އިސްތިއުނާފު ނުވަތަ މުރާޖަޢާ ނުކޮށް، ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލި
ކުރީގެ އަމުރަށް ދައުލަތުން އިސްތިއުނާފު ނުވަތަ މުރާޖަޢާ ނުކޮށް، އެ އަމުރަށް ހުރަސްއެޅޭ ގޮތަށް އެއްމަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމުމަކީ ޝަރުޢީ ނިޒާމުގެ އަސާސީ އުޞޫލުތަކާއި ޢަދުލު އިންޞާފާ ތަޢާރުޟުވާ ކަމެކެވެ. ތަޙްޤީޤުގެ މިންވަރަށް ރިޢާޔަތްކޮށް، ތުހުމަތުކުރެވޭ ފަރާތް އެއްބަސްވި ޝަރުޠުތަކާއެކު ދޫކޮށްލުމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ޝަރުޢީ ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ ކަންކަމާ ހަވާލުވެތިބޭ މީހުން ޢަމަލުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- އިސްތިއުނާފުކުރުމާއި ކޯޓުން ނިންމާފައިވާ ނިންމުމެއް މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުމަކާ ނުލައި، އެއްމަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެމަރުހަލާގެ އެހެން ކޯޓަކުން ގޮތެއް ނިންމުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ބިނާވެފައިވާ އަސާސީ އުޞޫލުތަކާ އަދި ޢަދުލު އިންޞާފުގެ ހަމަތަކާ ތަޢާރުޟުވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް އިސްތިއުނާފުކުރުމުން ނުވަތަ މުރާޖަޢާކުރުމުން ބަދަލު ނުގެންނަހާހިނދަކު، ޢަމަލުކުރަންޖެހޭނެއެވެ. އެހެންނޫން ނަމަ، އެކަން ވެގެންދާނީ ކޯޓުތަކުގެ ނިންމުންތަކުގެ އިތުބާރާއި ކަށަވަރުކަން ގެއްލި ކޯޓުގެ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމަށް ފުރުޞަތު ހުޅުވިގެން ދާނެ ކަމަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ)
- 2011/SC-SJ/03 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް