ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/173
2016/HC-A/173، 2016/HC-A/173
2016/HC-A/173 (2016/HC-A/173, High Court of the Maldives, 25 April 2016)
2016/HC-A/173
މައްސަލައިގެ ޚުލާޞާ
ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި 10 ދުވަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތާއި އިތުރު މީހަކު ހުރި ކޮޓަރިން ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ ތަކެއްޗާއި ކެނަބިސްއަށް ޕޮޒިޓިވްވާ ސެލޯފިންކޮޅުތަކެއް ފުލުހުންނަށް ފެނި، ތުހުމަތުކުރެވޭ ފަރާތުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރު ނެރުނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާޢިދުގެ 7(ހ) އާއި 2010/SC-A/19 ގެ 9 ވަނަ ނުކުތާއާއި، ޤާނޫނުއަސާސީގެ 143(ރ) ގެ ދަށުން ތަބާވާންޖެހޭ 2011/SC-A/33 ގެ އުޞޫލަށް ރިޢާޔަތްނުކޮށް ކަމަށެވެ.
މައިގަނޑު ސުވާލު
ޤަވާއިދާ ޚިލާފަށް ބަނގުރާ އަދި މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދުގެ ޤަވާޢިދުގެ 7(ހ) އާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 އާއި 2011/SC-A/33 ގެ އުޞޫލުތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރުމަށް އަމުރު
މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށެއްކަމާއި، ކޮޓަރިން ގިނަ ޢަދަދެއްގެ ތަކެތި ފެނުމުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ، 2011/SC-A/33 އާ އެއްގޮތަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަންވާނެކަމަށް ކަނޑައެޅުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމަށެވެ. އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ))
- ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ މީހެކެވެ. އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހެއްގެ ފަރުދީ މަޞްލަޙަތަށް އެކަނި ނޫނެވެ. ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތަށްވެސް ބެލި، މުޖުތަމަޢުގެ ޖަމާޢީ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެކެވެ. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ، އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގައި ބަޔާންކުރައްވާ، ތުހުމަތުކުރެވިފައިވާ ފަރާތް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާތީ، ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޒާތާ ބާވަތުގެ ގޮތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް މައުޖޫދުވެފައިވާނަމަ، ބަންދުގައި ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ޕްރޮސިކިއުޝަނުގެ ނުކުތާގައި)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ސުޕްރީމް ކޯޓުގެ 2011/SC-A/33
- ސުޕްރީމް ކޯޓުގެ 2016/SC-A/10
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް