ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/136
2017/HC-A/136، 2017/HC-A/136
2017/HC-A/136 (2017/HC-A/136, High Court of the Maldives, 14 March 2017)
2017/HC-A/136
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2017 ފެބްރުއަރީ 22 އިން މާރޗް 07 އަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވިއެވެ.
ދައުލަތުގެ އިސްވެރިންގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމާއި، ބްލެކްމެއިލްކުރަން އުޅުމާއި، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމާއި ހާމަކުރުމުގެ ތުހުމަތުގައި އިސްތިއުނާފުކުރި ފަރާތް ބަންދުކުރެވުނެވެ. ތަޙްޤީޤުގެ ރިޕޯޓާއި ފޯނުގެ ޗެޓްލޮގްތަކާއި ޕޮލިސް އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 2010/SC-A/19 ގެ 9 ވަނަ ނުކުތާގައިވާ އުޞޫލާ ޚިލާފު އަމުރެއް ކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ނެތި ބަންދުކުރީ ކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ އިސްވެރިންގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމާއި ބްލެކްމެއިލްކުރުމާއި ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމާއި ހާމަކުރުމުގެ ތުހުމަތުގައިވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 2010/SC-A/19 ގެ އުޞޫލާ ޚިލާފު، ނުވަތަ ތުހުމަތު އުފެދޭ މިންވަރުގެ ހެކި ނެތި ނެރުއްވި އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ތުހުމަތު އުފެދޭ މިންވަރުގެ ހެކި ލިބިފައިވާއިރު، ތަޙްޤީޤު ނުނިމި ކޯލް ރެކޯޑިންގްސް އާއި ފޮރެންސިކް ރިޕޯޓް ލިބެން ހުރުމާއި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް ފުލުހުން ބުނުމުން، ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއްކަމުގައި ފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ލިބިފައިވާ، އަދި މިހާރުވެސް ތަޙްޤީޤުކުރަމުން އަންނަ މައްސަލައެއްގައި، މައްސަލާގެ ޒާތަށާއި، ބާވަތަށާއި، އަދި މައްސަލާގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލާއިރު، މިފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ)
- 2010/SC-A/19
- ޚިލާފު ރައުޔު
- ނެތް