ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/70
2016/HC-A/70، 2016/HC-A/70
2016/HC-A/70 (2016/HC-A/70, High Court of the Maldives, 24 February 2016)
2016/HC-A/70
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ހުށަހެޅިފައިވާ ކަންތަކަށް ބަލާއިރު އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނުފެންނާތީ ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހަކު ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނި، އެ ތަކެއްޗަށް އޭނާ ތަޙްޤީޤުގައި އިޢުތިރާފުވިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ 2010/SC-A/19 އާއި ހައިކޯޓުގެ 2012/HC-A/260 އާއި 2013/HC-A/355 ޤަޟިއްޔާތަކުގެ އުޞޫލަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކު، އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނުފެންނާތީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ޤަޟިއްޔާގެ އުޞޫލާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލުކޮށް، 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި ޠަބީޢަތާއި ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤުގައި އިޢުތިރާފުވެފައިވުމަށް ބަލާއިރު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ އަމުރު ބާޠިލުކުރިއެވެ. ނަމަވެސް ބަންދު 2 މަހަށްވުރެ ދިގުވެފައިވާއިރު ތަޙްޤީޤަށް އިތުރު ގޮންޖެހުމެއް ބަޔާންކޮށްފައި ނުވާތީއާއި އަވަހަށް ދަޢުވާކުރުމަކީ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގެ ޙައްޤަކަށްވާތީ ބަންދުކުރީ 10 ދުވަހަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކީ، މުޖުތަމަޢަށް އޮތް ނުރައްކާތެރި ކުށެކެވެ. އަދި މިފަދަކުށްތައް ކުރާ މީހުންނަކީ، އެމީހުންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާފަދަ ބައެއްގެ ގޮތުގައި ބެލެވެން އޮންނަ ބައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި، ކުށުގެ ތަބީޢަތަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި، އެކުށަށް ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، މިފަދަ އެންމެހައި ކަންކަމަކީ ބަންދުގެ މުއްދަތުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ފެނުނު މަސްތުވާއެއްޗެއްކަމަށް ޝައްކުކުރެވޭ ތަކެއްޗަށް ޒިންމާ ނަގައި އެތަކެއްޗަކީ އޭނާގެ ތަކެތިކަމަށް ތަޙްޤީޤުގައި އިޢުތިރާފުވެފައިވާ މީހަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ނޫނީ ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި އެ ކުށުގެ ޠަބީޢަތަށާއި އެކުށުގެ ކުޑަބޮޑު މިނަށާއި ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާފަދަ ޢަމަލެއްކަމުގައި ބެލެވެން އޮތް ހިނދު، އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވެން އޮތުމުން، ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- އަވަހަށް މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމަކީވެސް ޤާނޫނުއަސާސީގެ 50 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް