ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/516
2016/HC-A/516، 2016/HC-A/516
2016/HC-A/516 (2016/HC-A/516, High Court of the Maldives, 10 August 2017)
2016/HC-A/516
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ދައްކަންޖެހި ނުދައްކާވާ ކުއްޔާއި ޖޫރިމަނާ 06 މަހުގެ ތެރޭގައި ދެއްކުމަށާއި، ތަން ހުސްކޮށް ޙަވާލުކުރުމަށާއި، ޙަވާލުކުރާ ހިނދަކާ ހަމައަށް ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށް ޙުކުމްކުރިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޢިމާރާތެއް 2013 ވަނަ އަހަރަށް ނަޖާހް އާރޓްޕެލަސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް ތަން ބޭނުންކުރަމުން ކުލި ނުދައްކާތީ، ކުއްޔާއި ޖޫރިމަނާ ހޯދުމަށާއި ތަން ހުސްކުރުވުމަށް ދަޢުވާކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާފޯމުގެ ޚުލާޞާއާ ޚިލާފަށް ދަޢުވާކުރާ ފަރާތް އެދުނުހާ ގޮތަކަށް ދަޢުވާ ސީދާކޮށް ޙުކުމްކުރި ކަމަށާއި، ތަނަށް ކުރި ބޮޑު ޚަރަދާމެދު ދަޢުވާކުރާ ފަރާތުން އެއްޗެއް ނުބުނާއިރު އެކަމާ ކޯޓުން ކަނޑައެޅީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ކުލި ހޯދުމުގެ މައްސަލައެއްގައި ސިވިލް ކޯޓުން ކުރި ޙުކުމަކީ ދަޢުވާގައި އެދިފައިނުވާ ކަމަކަށް ކުރި ޙުކުމެއްތޯއާއި، ކުއްޔަށް ހިފި ފަރާތުން ތަނަށް ކުރި ޚަރަދާމެދު ފާހަގަކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޙުކުމަކީ ދަޢުވާގައި އެދުނު ކަންކަމަށް ކުރި ޙުކުމެއްކަމާއި، އެއްބަސްވުމުގެ ބޭރުން ކުރި ޚަރަދުގެ ޒިންމާ ކުލިދީފައިވާ ފަރާތަށް ނުލިބޭކަން ފާހަގަކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫންކަމާއި، އެފަދަ ޚަރަދަކީ ކުލި ނުދެއްކުމަށާއި ތަން ހުސްނުކުރުމަށް ޙުއްޖަތެއް ނޫންކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޖޫރިމަނާ އާއެކު ލިބިގަތުމަށާއި، ތަންހުސްކުރުމަށް އަމުރުކޮށްދިނުމަށާއި، ތަންހުސްކޮށް ޙަވާލުކުރުމާ ހަމައަށް ކުއްޔާއި ޖޫރިމަނާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް ކުޅަ ދަޢުވާއެއްގައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ތަން ހުސްކޮށް ޙަވާލުކުރުމާ ހަމައަށް ކުރިން އެއްބަސްވެފައިވާ ފަދައިން ކުއްޔާއި ޖޫރިމަނާ އަރަމުންދާނެކަމަށް ކަނޑައަޅައި ކުރާ ޙުކުމަކީ ދަޢުވާގެ ސީޣާގައި އެދިފައިނެތްކަމެއް މައްޗަށް ކުރާ ޙުކުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައި، އެއްބަސްވުމުގެ ބޭރުން ކުއްޔަށް ހިފި ފަރާތުން ކުރާ ޚަރަދުތަކުގެ ޒިންމާ ކުއްޔަށް ދިން ފަރާތުން ދޭންޖެހޭކަން އެއްބަސްވުމަށް ބެލުމުން އެނގެން ނެތްނަމަ، އެކަން ފާހަގަކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކޯޓުން ކުޅަ ކަމެއްގެ ގޮތުގައި ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކުއްޔަށް ހިފިތަނަށް ކުރިކަމަށް ބުނާ ޚަރަދުގެ ބަދަލަކާއި މެދު ގޮތެއް ކަނޑަނޭޅި އޮތް އޮތުމަކީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ކުއްޔަށް ހިފިތަނުގެ މަންފާ ޙާސިލުކޮށް އެތަނަށް ދައްކަންޖެހޭ ކުލި ނުދައްކާ، އަދި ކުއްޔަށް ހިފިތަން ހުސްކޮށް ޙަވާލުނުކުރުމަށް ކުއްޔަށް ހިފި ފަރާތަށް ލިބިއޮތް ޤާނޫނީ ޙުއްޖަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް