ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/461
2016/HC-A/461، 2016/HC-A/461
2016/HC-A/461 (2016/HC-A/461, High Court of the Maldives, 18 April 2018)
2016/HC-A/461
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން ދަޢުވާކުރާ ފަރާތުން ސާބިތު ނުކުރާތީ، ސިޓީއަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވި ސިޓީއެއްކަމަށް ނުބެލެވޭކަމަށް ކަނޑައަޅައި ދަޢުވާ ބާޠިލުކުރިއެވެ.
ހުޅުމާލޭގެ ގޯއްޗެއް ވިއްކުމަށް 2007 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، ފައިސާ ދެއްކުމަށް ފުރުޞަތުދީ ސިޓީތައް ފޮނުވުމަށްފަހު، އެޗް.ޑީ.ސީ އިން 2015 ސެޕްޓެމްބަރުގައި އެއްބަސްވުން ނިމުމަކަށް ގެނެސް ގޯތި އަނބުރާ ޙަވާލުކުރަން އެންގިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަށުކޯޓުން ދަޢުވާގެ އަސާސް އޮޅުވާލައި، ހުށަހެޅި ލިޔުންތަކަށް ރިޢާޔަތް ނުކޮށް ނިންމިކަމަށާއި، 2010 ގެ ނޯޓިހަށްފަހު އިތުރު ނޯޓިހެއް ނުދީ، އަދި ނުދައްކާ ޢަދަދު އެއްބަސްވުމުގެ 16 (ށ) އާ ޚިލާފަށް ހިސާބުކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ހުޅުމާލޭން ގޯތި ވިއްކުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އަންގައި ފޮނުވި ސިޓީއަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވި ބާޠިލު ސިޓީއެއްތޯ؛ އަދި ދަށުކޯޓުން ދަޢުވާގެ އަސާސް އޮޅުވާލައި، ހުށަހެޅި ލިޔުންތަކަށް ރިޢާޔަތް ނުކޮށް ޙުކުމްކުރީތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަށުކޯޓުން ނިންމީ ހުށަހެޅި ދަޢުވާއާމެދު ކަމާއި ލިޔުންތަކަށް ނަޒަރުކޮށްފައިވާކަމާއި، 2015 ގެ ސިޓީތަކަކީ އެއްބަސްވުމުގެ ދަށުގެ ނޯޓިސްގެ ގޮތުގައި ބެލެވޭ ސިޓީތަކެއްކަމާއި، ފައިސާ ނުދައްކާކަން ދަޢުވާކުރާ ފަރާތުގެ ބަހުން އެނގޭކަމާއި، ހިސާބާ ދެކޮޅުވާނަމަ ކޯޓަށް ހުށަހެޅުމުގެ މަގު އޮތްކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާއަށާއި، އެ ދަޢުވާއާ ގުޅިގެން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކޮށް ބަލާއިރު، ދަށުކޯޓުން ނިންމަވާފައިވަނީ ދަޢުވާކުރާ ފަރާތުން އެދިފައިވާ ކަމާމެދުކަން އެނގެން އޮތްނަމަ، އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ދަޢުވާގެ އަސާސް އޮޅޭގޮތަށް ކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޙުކުމަށް ވާޞިލުވުމުގައި ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔުންތަކަށާއި ފާހަގަކުރި ނުކުތާތަކަށް ޝަރީޢަތުން ނަޒަރުކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްނަމަ، ލިޔުންތަކަށާއި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ޤާނޫނު ނަންބަރު 13/2010 ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ނޯޓިސް އަކީ، ވަކި މިވެނި ގޮތަށް އޮތުން ލާޒިމްކުރާ އެއްޗެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ވިއްކާ ފަރާތުން ގަންނަ ފަރާތަށް ފޮނުވި ސިޓީތަކަކީވެސް، އެކަން އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކުން އެނގެން އޮތްނަމަ، އެއްބަސްވުމުގެ މާއްދާއެއްގެ ދަށުން އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވިއްކާފަރާތުން ކަނޑައަޅައި ގަންނަ ފަރާތަށް ފޮނުވަންޖެހޭކަމަށް ބަޔާންކޮށްފައިވާ ނޯޓިސްގެ ގޮތުގައި ބެލެވޭނެ ނޯޓިސްއެއް ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ނުދައްކާ ހުރި ޢަދަދުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދަކީ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ހިސާބުކޮށްފައިވާ ހިސާބުކުރުމެއް ކަމުގައި ގަންނަ ފަރާތުން ދެކޭނަމަ އެކަން ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ދިޔުމުގެ މަގު ފަހިވެފައި އޮވެމެ، އެ ފުރުޞަތުގެ ބޭނުން ނުހިފައި އޮތްއޮތުމަކީ، އެއްބަސްވުން ބާޠިލުވެއްޖެކަމަށް އަންގައި ފޮނުވި ސިޓީއަކީ ބާޠިލު އަދި އެމައްޗަށް ޢަމަލުކުރަން ނުޖެހޭނެ ސިޓީއެއްކަމަށް ކަނޑައެޅޭނެ ޝަރުޢީ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް