ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/19
2016/HC-A/19، 2016/HC-A/19
2016/HC-A/19 (2016/HC-A/19, High Court of the Maldives, 13 March 2017)
2016/HC-A/19
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތަފާތުކުރުމެއް ނުކުރާކަމާއި މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކުރިކަން ސާބިތުނުވާތީ ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށް އަމުރުކުރިއެވެ.
ޓްރެއިންޑް ޓީޗަރެއް ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރުމުން ގޭގައި ހުރި ބޫޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކެއް ފެނި ހައްޔަރުކުރުމާ ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަނުން ގަވާއިދު 2010 ގެ 215 (ނ) (11) އާއި 214 އާއި ސިވިލް ސަރވިސް ޤާނޫނުގެ 47 (ނ) (3) ގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރިއެވެ. އޭނާ ތުހުމަތަށް އިންކާރުކުރިއެވެ.
ދައުލަތުން ބުނީ ޓްރައިބިއުނަލުން ގަވާއިދުގެ 216 (ށ)، 215 (ނ) (11) އަދި 225 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރާ ކަމަށާއި، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ވަޒީފާއެއް ކަމުން ސިވިލް ސަރވިސް ޤާނޫނުގެ 47 (ނ) (3) އަށް ރިޢާޔަތް ނުކޮށް ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެން ސިވިލް ސަރވިސް ގަވާއިދު 2010 ގެ 215 (ނ) (11) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބަކާއި މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަމާއެކުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާއި ޢަދުލުވެރިކަމާއެކު ކަމަށާއި، ސާބިތުކުރުމުގެ ބުރަ ވަޒީފާދޭ ފަރާތުގެ މައްޗަށް ކަމަށާއި، މަސްތުވާތަކެއްޗާ މުވައްޒަފާ ގުޅުވާ ހެއްކާއި ޤަރީނާ ކޮމިޝަނުން ބަލާފައިނުވާކަމަށާއި، ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވިކަމަށް ބުނި ނަމަވެސް އެއޮފީހުގައި އެފަދަ މައްސަލައެއް ނެތްކަމަށް އަންގާފައިވާތީ ވަކިކުރީ އެކަށީގެންވާ ސަބަބަކާ ނުލައި ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަކިކުރުމުގެ ކުރިން، ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނައިރު، ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް ފަހުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ސިވިލް ސަރވިސް ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11 ވަނަ ނަންބަރުގެ ދަށުން އެންމެ ފުރަތަމަ ފަހަރުން ވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ހަރުދަނާ ޤަރީނާއެއްކަމުގައި ބަލާ ޤަރީނާއެއް ލިބިފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ގެންގުޅުނުކަން ޤާނޫނީ ގޮތުން އެފަދަ މައްސަލަ ބެލުން ޙަވާލުކުރެވިފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މަސްތުވާތަކެތި ފެނުނީ އޭނާގެ ހާޒިރުގައި ނޫންކަމަށާއި އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެ މުވައްޒަފަކު މައްސަލައިގެ އަސްލަށް އިންކާރުކޮށްފައިވާއިރު، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުންހުރިކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވޭތޯ ވަޒީފާއިން ވަކިކުރުމުގައި ބަލާފައިވާކަން އެނގެން ނެތްނަމަ، އެ ވަކިކުރުމަކީ ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް ކުރެވިފައިވާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ)، 3(ބ))
- ތުހުމަތު ކުރެވުނު މަސްތުވާތަކެއްޗާއި މުވައްޒަފާއި ގުޅުމެއް ނެތްކަމަށް ބެލުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭނަމަ، އޭނާ ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށް ބުރަވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 214 ވަނަ މާއްދާގެ (ހ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 11 ވަނަ ނަންބަރު
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް