ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/364
2016/HC-A/364، 2016/HC-A/364
2016/HC-A/364 (2016/HC-A/364, High Court of the Maldives, 8 June 2017)
2016/HC-A/364
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ހެކީގެ ހެކިބަހާއި ގުޅިފައިވާ ޤަރީނާތަކުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 06 މަސް ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަޙައްދަކަށް ބެރިކޭޑް ދުރަށް ޖައްސައި ގަދަކަމުން ވަނުމުން، ފުލުހުންގެ ޤާނޫނުގެ 72 ވަނަ މާއްދާއާ ޙަވާލާދީ ފުލުހުންގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދަޢުވާ ކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކާފީ ހެކި ނެތި އެންމެ ހެކިވެރިއެއްގެ ބަހަށް ކުށް ސާބިތުކުރި ކަމަށާއި، ދިފާޢީ ހެކިން ހުށަހެޅުމަށް ފުރުޞަތު ނުދިން ކަމަށާއި، އަދަބު ކަނޑައެޅީ ޤާނޫނުލްއުޤޫބާތާއި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށް ސާބިތުކުރުމަށް ހުށަހެޅި ހެކި ކާފީތޯއާއި، ދިފާޢީ ހެކިން ބަލައިނުގަތުން ޞައްޙަތޯއާއި، ޤާނޫނުލްއުޤޫބާތު ތަންފީޒުވުމަށްފަހު ކަނޑައެޅި އަދަބު ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހެކިވެރިއެއްގެ ބަހަށް ބާރުދޭ ގޮތަށް އިތުރު ދެ ފަރާތަކުން ހެކިބަސް ދީފައިވާތީ ހެކި ކާފީކަމާއި، ދިފާޢީ ހެކިން ހުށަހެޅީ ކުށް ނުކުރާކަން ސާބިތުކުރުމަށް ކަމުން ބަލައިނުގަތުމަށް ނިންމި ސަބަބު ޞައްޙަކަމާއި، ކުރިން ކުށް ސާބިތުވެފައިވާތީ ޤާނޫނުލްއުޤޫބާތުގެ ދަށުން ވެސް ލިބޭނީ ހަމަ އެ 06 މަހުގެ އަދަބުކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށެއް ކުރިކަން ސާބިތުކުރެވޭނީ ހަމައެކަނި ހެކިވެރިންގެ ބަހުން އެކަނި ނޫނެވެ. ޖިނާއީ ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމަށްޓަކައި އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ދަޢުވާލިބޭ ފަރާތުންވާ އިޢުތިރާފް ނުވަތަ ދެހެކިންނަށް ވުރެ މަދުނޫން ޢަދަދެއްގެ ހެކިންގެ ހެކިބަސް ނުވަތަ ހެއްކަކާއި އެހެކި އިތުރަށް ކަށަވަރުކޮށްދޭ ޤަރީނާހުރި ނަމަވެސް ކުށް ސާބިތުވާކަމަށް ބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަންޖެހޭނެކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި އެމުސްތަނަދުތަކާއި ދަލީލުތައް ފުދޭތޯ ބެލުމަކީ، މައްސަލައިގެ "ފެކްޓްސް" ގެ ތެރޭގައި ހިމެނޭ އެހެކިތައް ވަޒަންކުރާ ކޯޓެއްގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ހުށަހެޅޭ ދަލީލުތައް ތަޤްޔީމުކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެންނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޝަރީޢަތަށް ހުށަހެޅޭ ހެކިތަކުގެ ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅާ، ހެކިންގެ ހެކިބަސް ޤަބޫލުކުރުމާއި ނުކުރުމާއި، ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި ޙާޟިރުކުރަންނުޖެހޭ ހެކިންނާމެދު ގޮތެއް ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅޭ ކަންކަމެވެ. ނަމަވެސް، އެގޮތަށް ނިންމަންޖެހުނު ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންޖެހޭނެއެވެ. އެނިންމުން ބިނާކުރި ސަބަބުތަކުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއް ބަޔާންކުރެވިފައިވާނަމަ، އެކަމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުންކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- މައްސަލައެއް ނުވަތަ ކަމެއް ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމުން، މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުން ކުށް ނުކުރާކަން ސާބިތުކުރުމަކީ ޢާންމު އުޞޫލަކުން ކުރަންޖެހޭނެ ކަމަކަށް ނުވާތީ، ދަޢުވާގައި ބުނާ ޢަމަލަކީ ދަޢުވާލިބޭ ފަރާތް ހިންގާފައިވާ ޢަމަލެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާ ދިފާޢީ ހެކިން، ހެކި ހުށަހެޅި ސަބަބަށް ބަލައި ބަލައިނުގަތުމަށް ނިންމުމަކީ ޝަރުޢީ ޤާނޫނީ އަޞްލަކާ ޚިލާފު ސަބަބެއް ކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، އައު ޤާނޫނަކުން ލުއި ލިބޭނަމަ އެޤާނޫނަކުން ލިބޭ ލުއިތައް ދަޢުވާލިބޭ ފަރާތަށް ލިބިދެވެންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަކަށް ވުރެ އަދަބު ބޮޑުކުރެވޭ ކަންތައްތަކާއި އަދަބު ލުއި ކުރެވޭ ކަންތައްތަކެއް ހިމެނިފައިވާއިރު، ކުށުގެ ރެކޯޑް އޮތުމާ ނެތުމުގެ މައްޗަށްވެސް އަދަބުގެ މިންވަރު ބިނާވެގެން ދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި މިބާވަތުގެ ކުށެއް ސާބިތުވެފައިވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1104 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށަށް ކަނޑައެޅިފައިވާ އަދަބު އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 75 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1002 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1104 ވަނަ މާއްދާގެ (ށ)
- 2009/SC-A/30
- 2011/SC-A/23
- 2011/HC-A/192
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް