ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/339
2016/HC-A/339، 2016/HC-A/339
2016/HC-A/339 (2016/HC-A/339, High Court of the Maldives, 26 October 2017)
2016/HC-A/339
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ދަޢުވާލިބޭ ކުންފުނީގެ ޣައިރު ޙާޟިރުގައި މައްސަލަ ބަލައި، 19,546 ޑޮލަރު 30 ދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކުރިއެވެ.
ރިސޯޓަކުން ދިން ޚިދުމަތްތަކުގެ ނުދައްކާ ބާކީ 19,546 ޑޮލަރު ހޯދުމަށް ދަޢުވާކުރި މައްސަލައެއް ސިވިލް ކޯޓުން ކުރި ޙުކުމެއް ބާޠިލްކޮށް، ހައިކޯޓުގެ 2014/HC-A/81 ޤަޟިއްޔާއިން އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމުން ބެލި މައްސަލައެކެވެ.
އިސްތިއުނާފުކުރި ކުންފުނިން ބުނީ، އެކުންފުނި ޙާޟިރުނުކޮށް ބަހެއް ނުހޯދާ މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42(ށ) އާއި 142 ވަނަ މާއްދާއާއި ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފު ކަމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ހައިކޯޓުން އަލުން ބެލުމަށް ފޮނުވި މައްސަލައެއް ސިވިލް ކޯޓުން ދަޢުވާލިބޭ ފަރާތް ޙާޟިރުނުކޮށް އޭނާގެ ބަހެއް ނުހޯދާ ޣައިރު ޙާޟިރުގައި ނިންމުމަކީ ޤާނޫނުއަސާސީއާއި ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޙާޟިރުވުމުގެ އަމުރުތައް ފޮނުވައި، ރައްދުނުކުރެވުމުން މީޑިއާގައި އިޢުލާނު ކޮށްފައިވާތީ ޤަވާޢިދުގެ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާއިރު، ޝަރީޢަތް ހިނގަމުންދާކަން އެކުންފުންޏަށް އެނގިތިބި ކަމަށާއި، އިޖުރާޢަތުތަކާ ޚިލާފުވިކަމަށް ބުނާ ބުނުމުގެ ހެއްކެއް ހުށަނާޅާތީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ޙާޟިރުވާންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް ރޭޑިއޯއިން ނުވަތަ ޓީވީއިން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް އެފަރާތަކުން ކޯޓަށް ޙާޟިރުނުވެއްޖެނަމަ، އެފަރާތަކަށް ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެފަރާތެއްގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތައް ބެލުމަށްޓަކައި ދަޢުވާލިބޭ ފަރާތް ޙާޟިރުކުރުމަށް ކޯޓަށް މީހުން ޙާޟިރުކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާ އެއްގޮތަށް ކޯޓުން ޢަމަލުކުރުމުންވެސް ދަޢުވާލިބޭ ފަރާތުން ކޯޓަށް ޙާޟިރުނުވެއްޖެނަމަ، އެމީހެއްގެ ޣައިރު ޙާޟިރުގައި މައްސަލަ ބަލައި މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ދަޢުވާލިބޭ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން ޣައިރު ހާޒިރުގައި ޤަޟިއްޔާ ހިންގަނީ، އެފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަށް އެފަރާތުގެ އިންކާރު އޮތްކަމަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- 2014/HC-A/81
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް