ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/194
2016/HC-A/194، 2016/HC-A/194
2016/HC-A/194 (2016/HC-A/194, High Court of the Maldives, 26 November 2017)
2016/HC-A/194
މައްސަލައިގެ ޚުލާޞާ
ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުން، ދައުލަތުން އިންކާރުކުރި ނަމަވެސް، ދެގޯތި ލާޖައްސައި ބަންޑާރަ ގޯތީގެ މިލްކުވެރިކަން އެޓަރނީ ޖެނެރަލްގެ އޮފީހަށާއި ޕްލޭން ސަރަޙައްދުގެ ގޯތީގެ މިލްކުވެރިކަން ތިން މިލްކުވެރިންނަށް ލިބިގެންވާކަމަށް ޙުކުމްކޮށްފައިވެއެވެ.
ތިން މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ބަންޑާރަ ގޯއްޗެއް، ސުނާމީ ކާރިސާއަށްފަހު ޕްލޭން ސަރަޙައްދުގައި އަޅާފައިވާ ގެއެއްގެ ގޯއްޗާ ލާޖެއްސުމަށް އެދި، އެ މިލްކުވެރިންގެ ތެރެއިން އެކަކު އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ.
ދައުލަތުން ބުނީ، ނިންމުމަކީ 2013/HC-A/106 ގައިވާ އުޞޫލާ ޚިލާފު ނިންމުމެއްކަމަށާއި، އެހެން މިލްކުވެރިންގެ ބަސް ނުހޯދައި ނިންމުމުން ޤާނޫނުއަސާސީގެ 40 (ހ) އިން ލިބިދޭ ޙައްޤަށް އުނިކަން އަތުވާކަމަށާއި، ހެއްކާބެހޭ ގޮތުންނާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ބަންޑާރަ ދެގޯތި ލާޖެއްސުމުގެ މައްސަލައެއްގައި، ގޯތި ރަޖިސްޓްރީވެފައިވާ އެހެން މިލްކުވެރިޔަކާއި ބިމުގެ ނާޒިރުގެ ބަސް ނުހޯދައި ދަށުކޯޓުން ލާޖެއްސުމަށް ކުރި ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ގޯތީގެ މިލްކުވެރިންގެ ތެރެއިން އެކަކުގެ ބަސް ބުނުމުގެ ބާރު ދަޢުވާކުރި ފަރާތަށް ލިބިފައިވި ނަމަވެސް، އަނެއް މިލްކުވެރިޔާގެ ބަހާއި ބިމުގެ ނާޒިރުގެ ބަސް ހޯދާފައިނުވާތީ، ލާޖެއްސުން ޞައްޙަނުވާނެކަމަށް ކަނޑައަޅައި ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވާފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދެގޯތި ލާޖެއްސުމުގެ މުޢާމަލާތެއް ހިންގާނަމަ، އެގޯތިތަކުގެ ރަޖިސްޓްރީގެ ކަންތައް ބެލެހެއްޓުމުގެ ބިމުގެ ނާޒިރުކަން ލިބިގެންވާ ފަރާތްތަކުން ދެގޯތި ލާޖެއްސުމާމެދު އިޢުތިރާޟެއް އޮތްކަން ނުވަތަ ނޫންކަން ޝަރީޢަތުގެ ފަރާތުން ބަލައި ކަށަވަރުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ގޯއްޗެއް ލާޖެއްސުމުގެ މައްސަލައެއްގައި، އެގޯތި ރަޖިސްޓްރީ ކުރެވިފައިވާ އެހެން މިލްކުވެރިންގެ އިޢުތިރާޟެއް އޮތްތޯ ޝަރީޢަތުން ކަށަވަރުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ގޯތީގެ މިލްކުވެރިއެއްގެ ފަރާތުން މައްސަލައެއްގައި ވާހަކަދެއްކުމަށް އެހެން މީހަކު ހަމަޖައްސައިފިކަމަށް ބަޔާންކޮށް ކައުންސިލަށް ސިޓީ ފޮނުވާފައިވާނަމަ، އެމައްސަލައިގައި އެ މިލްކުވެރިޔާގެ ފަރާތުން ބަސްބުނުމުގެ ޤާނޫނީ ބާރު ހަމަޖެއްސުނު މީހާއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބަންޑާރަ ދެގޯތި ލާޖެއްސުމާމެދު އެދެ ބިމުގެ ނާޒިރުގެ ބަހެއް ނުހޯދައި އެދެގޯތި ލާޖެއްސުން ޞައްޙަވެގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މައްސަލައިގެ މަޞްލަޙަތު ހިމެނޭ ފަރާތެއްގެ ބަހާއި ބިމުގެ މިލްކުވެރި ފަރާތުގެ ބަސް ނުހޯދައި ކުރާ ލާޖެއްސުމުގެ ޙުކުމަކީ ބާޠިލު ޙުކުމެކެވެ. އެފަރާތްތަކުގެ ބަސް ހޯދުމަށްފަހު ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 އާއި ޙުކުމް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- 2013/HC-A/106
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް