ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/118
2016/HC-A/118، 2016/HC-A/118
2016/HC-A/118 (2016/HC-A/118, High Court of the Maldives, 23 May 2017)
2016/HC-A/118
މައްސަލައިގެ ޚުލާޞާ
އެއްބަސްވުމުގެ 4 (ށ) ގެ ދަށުން މި ވާރިޘު ޒިންމާވާންޖެހޭ 24,000 ޑޮލަރު ރާއްޖެ ޗެމްބަރސްއަށް 4 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން (C/2013-1970/Cv) ޙުކުމްކުރިއެވެ.
ރިސޯޓެއް ކުއްޔަށް ދިނުމުގެ ސަބްލީސް އެގްރީމަންޓުގެ ދަށުން މަރުޙޫމް އުސްއަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ރާއްޖެ ޗެމްބަރސްއާއި ވާރިޘުންނާ ދެމެދު ޤާނޫނީ ޚިދުމަތުގެ އެއްބަސްވުމެއް ވެފައިވެއެވެ. އިތުރަށް ހޯދައިދޭ ޙައްޤުތަކުގެ 4 އަހަރުގެ 15% ކޮންމެ ވާރިޘަކު ވަކިވަކިން ދައްކާ ގޮތަށް އެއްބަސްވެފައިވާއިރު، ކުލި އަހަރަކު 100,000 ޑޮލަރުން 500,000 ޑޮލަރަށް އިތުރުވުމުން ރާއްޖެ ޗެމްބަރސްއިން މި ވާރިޘުގެ މައްޗަށް ފީ ހޯދުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތް: އިތުރު ޙައްޤުތައް ލިބުނީ ވާރިޘުންގެ އަމިއްލަ މަސައްކަތުން ކަމަށް ރިސޯޓް ކުންފުނިން ބުނެ ހެކި ދީފައިވާއިރު އެއަށް ރިޢާޔަތްނުކޮށް ނިންމާފައި؛ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއް ޕާޓްނަރު ކަމަށްވާއިރު ރާއްޖެ ޗެމްބަރސްގެ ނަމުގައި ދަޢުވާ ބަލައިގަތުން ޤާނޫނާ ޚިލާފު.
މައިގަނޑު ސުވާލު
ޤާނޫނީ ޚިދުމަތުގެ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފީ ކަނޑައެޅޭނެ، ސަބްލީސް އެގްރީމަންޓުގެ ދަށުން ވާރިޘުންނަށް އިތުރު ޙައްޤުތައް ލިބުނީ ޤާނޫނީ ޚިދުމަތްދިން ފަރާތުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންތޯ؛ އަދި ޕާޓްނަރޝިޕެއްގެ ނަމުގައި އެއް ޕާޓްނަރަކު ސޮއިކޮށް ދަޢުވާ ހުށަހެޅުން ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމާއި ރާއްޖެ ޗެމްބަރސްގެ މަސައްކަތަށް އިސްތިއުނާފުކުރި ފަރާތުން އިންކާރެއް ނުކުރެއެވެ. ވާރިޘުންގެ އަމިއްލަ މަސައްކަތުން ޙައްޤުތައް ލިބުނުކަމަށް ކާފީ ހެކި ހުށަހަޅާފައި ނުވާތީ އިތުރު ޙައްޤުތައް ލިބުނީ ރާއްޖެ ޗެމްބަރސްގެ މަސައްކަތުން ކަމަށް ބަލަންޖެހެއެވެ. ރާއްޖެ ޗެމްބަރސްއަކީ ދެ ޕާޓްނަރުންގެ ޕާޓްނަރޝިޕަކަށްވާތީ، ފީ ހޯދުމަށް ދަޢުވާ ހުށަހެޅުމުގެ ބާރު އެއް ޕާޓްނަރަށް ލިބިގެންވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސަބްލީސް އެގްރީމަންޓެއްގެ ދަށުން ވާރިޘުންނަށް އިތުރަށް ލިބުނު ޙައްޤުތައް ލިބިގެންދިޔައީ އެފަރާތްތަކުން އަމިއްލަ ގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބުނިކަމުގައިވީނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ހުށަހެޅިފައި ނުވާތީއާއި، އެމަސައްކަތް ކުރުމަށް އެހެންފަރާތަކާ ޙަވާލުކޮށްފައިވާކަން އެނގެން ނެތުމާއެކު، އެއިރު ލިބެމުންދިޔަ މިންވަރަށްވުރެ އިތުރު ޙައްޤުތަކެއް ލިބިގެން ދިޔައީ ޤާނޫނީ ޚިދުމަތުގެ އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދިން ފަރާތުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ނަތީޖާއަކީ އެވިޔަފާރިއާއި އެވިޔަފާރީގެ މަސްއޫލުވެރިޔާއާ ވަކިނުކުރެވުމެވެ. އެގޮތުން އެވިޔަފާރީގެ އެންމެހައި މިލްކިއްޔާތެއްގެ މިލްކުވެރިއަކީ އެވިޔަފާރީގެ މަސްއޫލުވެރިޔާއެވެ. އެވިޔަފާރިން އުފައްދާ ފައިދާއަކީ އެވިޔަފާރީގެ މަސްއޫލުވެރިޔާގެ އެއްޗެކެވެ. އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ އެވިޔަފާރީގެ މަސްއޫލުވެރިޔާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އެވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްއޫލުވެރިޔާއަށް އެހެން ފަރާތެއް ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް އެފަދަ ޙާލަތެއްގައި ވެސް އެވިޔަފާރިން ކުރާ މުޢާމަލާތްތަކަށާއި، އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެވިޔަފާރީގެ މަސްއޫލުވެރިޔާ ބަރީއަ ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދެމީހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕާޓްނަރޝިޕަކުން ކޮށްދޭ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކުރެވޭ ދަޢުވާތަކާއި އެހެނިހެން ލިޔުންތަކުގައި އެ ޕާޓްނަރޝިޕްގެ ނަމުގައި ސޮއިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު އެ ޕާޓްނަރޝިޕްގެ އެއް ޕާޓްނަރަށް ލިބިގެންވާ ކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް