ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/117
2016/HC-A/117، 2016/HC-A/117
2016/HC-A/117 (2016/HC-A/117, High Court of the Maldives, 23 May 2017)
2016/HC-A/117
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ރާއްޖެ ޗެމްބަރސްއިން މަސައްކަތްކޮށްފައިވާކަން ސާބިތުވާތީ މަރިޔަމް ޢަލީ ފައިސާ ދައްކަންޖެހޭކަމަށް ޙުކުމްކޮށް، ޤާނޫނީ ޚަރަދުގެ ބަދަލު ނަގައިނުދިނެވެ.
ސަބްލީސް އެގްރީމަންޓެއްގެ ދަށުން މަރުޙޫމަކަށް ލިބެންޖެހޭ ޙައްޤުތައް ވާރިޘުންނަށް ހޯދައިދިނުމަށް ރާއްޖެ ޗެމްބަރސްއާއި ވާރިޘުންނާ ދެމެދު ޤާނޫނީ މަސައްކަތުގެ އެއްބަސްވުމެއް ވެ، އިތުރަށް ހޯދައިދޭ ޙައްޤުގެ އިންސައްތައެއް ފީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވިއެވެ. އެ އެއްބަސްވުމުގެ ދަށުން ވާރިޘެއްގެ ކިބައިން ފީ ހޯދުމަށް ރާއްޖެ ޗެމްބަރސްއިން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޙައްޤުތައް ލިބުނީ ވާރިޘުންގެ އަމިއްލަ މަސައްކަތުން ކަމާއި، އެކަން ދައްކާ ހެއްކަށް ދަށުކޯޓުން ރިޢާޔަތްނުކުރި ކަމާއި، ޕާޓްނަރޝިޕްގެ ނަމުގައި ދަޢުވާ ހުށަހެޅީ ބާރެއް ނެތް ފަރާތެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނީ މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން ފީ ދައްކަންޖެހޭ މިންވަރު ކަނޑައެޅުމުގައި، ވާރިޘުންނަށް އިތުރު ޙައްޤުތައް ލިބުނީ ޤާނޫނީ މަސައްކަތް ކުރި ފަރާތުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންތޯ ނުވަތަ ވާރިޘުންގެ އަމިއްލަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންތޯ ސާބިތުކުރުމާއި، ޕާޓްނަރޝިޕެއްގެ ނަމުގައި ދަޢުވާ ހުށަހެޅުމުގެ ބާރު ޕާޓްނަރަކަށް ލިބިގެންވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމާއި ކުރި މަސައްކަތަށް އިސްތިއުނާފުކުރި ފަރާތުން އިންކާރުނުކުރާކަމާއި، ޙައްޤުތައް ލިބުނީ އަމިއްލަ މަސައްކަތުން ކަމަށް ސާބިތުކުރާނެ ކާފީ ހެކި ހުށަނާޅާތީ އިތުރު ޙައްޤުތައް ލިބުނީ ރާއްޖެ ޗެމްބަރސްގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބަލަންޖެހޭކަމާއި، ޕާޓްނަރޝިޕްގެ ނަމުގައި މައްސަލަ ހުށަހެޅުމުގެ ބާރު ޕާޓްނަރަކަށް ލިބިގެންވާތީ ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙައްޤުތައް ލިބިގެންދިޔައީ އަމިއްލަ ގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބުނިކަމުގައިވީނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ހުށަހެޅިފައިނުވާތީއާއި، އަދި އެމަސައްކަތް ކުރުމަށް އެހެންފަރާތަކަށް ޙަވާލުކޮށްފައިވާކަން އެނގެން ނެތުމާއެކު، އިތުރު ޙައްޤުތަކެއް ލިބިގެން ދިޔައީ ޤާނޫނީ މަސައްކަތް ކުރުމަށް ޙަވާލުކުރެވުނު ފަރާތުން ކޮށްދިން މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ނަތީޖާއަކީ އެވިޔަފާރިއާއި އެވިޔަފާރީގެ މަސްޢޫލުވެރިޔާ ވަކިނުކުރެވުން ކަމާއި، އެގޮތުން އެވިޔަފާރީގެ އެންމެހައި މިލްކިއްޔާތެއްގެ މިލްކުވެރިއަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާ ކަމުގައިވުމާއި، އެވިޔަފާރިން އުފައްދާ ފައިދާއަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާގެ އެއްޗަކަށްވުމާއި، އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްޢޫލުވެރިޔާއަށް އެހެން ފަރާތެއް ޢައްޔަންކުރެވިދާނެ ކަމާއި، ނަމަވެސް އެފަދަ ޙާލަތެއްގައިވެސް އެވިޔަފާރިން ކުރާ މުޢާމަލާތްތަކަށާއި، އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެވިޔަފާރީގެ މަސްޢޫލުވެރިޔާ ބަރީއަނުވާނެ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދެމީހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕާޓްނަރޝިޕެއްގެ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކުރެވޭ ދަޢުވާތަކާއި އެހެނިހެން ލިޔުންތަކުގައި އެ ޕާޓްނަރޝިޕްގެ ނަމުގައި ސޮއިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު، އެ ޕާޓްނަރޝިޕްގެ ޕާޓްނަރަކަށް ލިބިގެންވާ ކަމަށް ބަލަންޖެހޭ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް