ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/115
2016/HC-A/115، 2016/HC-A/115
2016/HC-A/115 (2016/HC-A/115, High Court of the Maldives, 23 May 2017)
2016/HC-A/115
މައްސަލައިގެ ޚުލާޞާ
ޕާޓްނަރޝިޕުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައިވާކަން ސާބިތުވާތީ، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 24,000 ޑޮލަރު އިސްތިއުނާފުކުރި ފަރާތުން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ޙުކުމްކޮށް، ޤާނޫނީ ޚަރަދު ނަގައިނުދެއެވެ.
ރިސޯޓެއް ކުއްޔަށް ދިނުމުގެ ސަބްލީސް އެގްރީމަންޓުގެ ދަށުން މަރުޙޫމަކަށް ލިބެންޖެހޭ ޙައްޤުތައް ވާރިޘުންނަށް ހޯދައިދިނުމަށް، ހޯދައިދޭ އިތުރު ޙައްޤުގެ 4 އަހަރުގެ 15% ކޮންމެ ވާރިޘަކު ވަކިވަކިން ދިނުމުގެ ޝަރުޠާއެކު ވާރިޘުންނާއި ޤާނޫނީ ޕާޓްނަރޝިޕަކާ ދެމެދު އެއްބަސްވުމެއް ވެފައިވެއެވެ. އެއަށްފަހު ވާރިޘުންނަށް ލިބޭ އަހަރީ ފައިސާ އިތުރުވިއިރު، އިސްތިއުނާފުކުރި ފަރާތުން ދައްކަންޖެހޭ ފީ ހޯދުމަށް ޕާޓްނަރޝިޕުން ދަޢުވާކުރިއެވެ.
ޙައްޤުތައް ލިބުނީ ވާރިޘުންގެ އަމިއްލަ މަސައްކަތުން ކަމަށާއި، އެކަން ލިޔުމުން ސާބިތުކޮށްދިން ނަމަވެސް ސިވިލް ކޯޓުން ރިޢާޔަތްނުކުރި ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރީ ޕާޓްނަރަކު ކަމުން ޕާޓްނަރޝިޕުގެ ފަރާތުން ދަޢުވާ ބަލައިގަތުން ޤާނޫނާ ޚިލާފު ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ރިސޯޓެއްގެ ސަބްލީސް އެގްރީމަންޓުގެ ދަށުން ވާރިޘުންނަށް ލިބުނު އިތުރު ޙައްޤުތައް ލިބުނީ ޤާނޫނީ ޚިދުމަތް ދިން ޕާޓްނަރޝިޕުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންތޯ، އަދި ޕާޓްނަރޝިޕުގެ ނަމުގައި ދަޢުވާ ހުށަހެޅުމުގެ ބާރު އެއް ޕާޓްނަރަކަށް ލިބިގެންވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމާއި ކުރި މަސައްކަތަށް އިންކާރުނުކުރާއިރު، އިތުރު ޙައްޤުތައް ލިބުނީ އަމިއްލަ މަސައްކަތުން ކަމަށް ސާބިތުކުރާނެ ކާފީ ހެކި ހުށަހަޅާފައި ނުވާތީ ޕާޓްނަރޝިޕުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބަލަންޖެހޭ ކަމަށާއި، ޕާޓްނަރޝިޕުގެ ނަމުގައި ދަޢުވާ ހުށަހެޅުމުގެ ބާރު އެއް ޕާޓްނަރަކަށް ލިބިގެންވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނީ މަސައްކަތް ކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތެއް ކުރި މަސައްކަތާ ގުޅިގެން އިތުރު ޙައްޤުތަކެއް ލިބިފައިވާއިރު، އެ ޙައްޤުތައް ލިބިގެންދިޔައީ އަމިއްލަ ގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބުނިކަމުގައިވީނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ހުށަހެޅިފައި ނުވާނަމަ އަދި އެމަސައްކަތް ކުރުމަށް އެހެންފަރާތަކާ ޙަވާލުކޮށްފައިވާކަން އެނގެން ނެތްނަމަ، އެ އިތުރު ޙައްޤުތައް ލިބިގެން ދިޔައީ އެ ފަރާތުން ކޮށްދިން މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ނަތީޖާއަކީ އެވިޔަފާރިއާއި އެވިޔަފާރީގެ މަސްޢޫލުވެރިޔާއާ ވަކިނުކުރެވުންކަމާއި، އެގޮތުން އެވިޔަފާރީގެ އެންމެހައި މިލްކިއްޔާތެއްގެ މިލްކްވެރިއަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާ ކަމުގައިވުމާއި، އެވިޔަފާރިން އުފައްދާ ފައިދާއަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާގެ އެއްޗަކަށްވުމާއި، އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ އެވިޔަފާރީގެ މަސްޢޫލުވެރިޔާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- އެވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްޢޫލުވެރިޔާއަށް އެހެން ފަރާތެއް ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް އެފަދަ ޙާލަތެއްގައިވެސް އެވިޔަފާރިން ކުރާ މުޢާމަލާތްތަކަށާއި، އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެވިޔަފާރީގެ މަސްޢޫލުވެރިޔާ ބަރީޢަ ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ދެމީހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕާޓްނަރޝިޕެއްގައި، އެ ޕާޓްނަރޝިޕުން ކޮށްދޭ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކުރެވޭ ދަޢުވާތަކާއި އެހެނިހެން ލިޔުންތަކުގައި ޕާޓްނަރޝިޕުގެ ނަމުގައި ސޮއިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު، އެ ޕާޓްނަރޝިޕުގެ އެއް ޕާޓްނަރަކަށް ލިބިގެންވާ ކަމަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް