ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/56
2016/HC-A/56، 2016/HC-A/56
2016/HC-A/56 (2016/HC-A/56, High Court of the Maldives, 22 April 2018)
2016/HC-A/56
މައްސަލައިގެ ޚުލާޞާ
1456/Cv-C/2012 ގެ ޙުކުމަށް ރިޢާޔަތްކޮށް، ދެފަރާތުގެ މެދުގައި ސަރުކާރުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުވާ އެއްބަސްވުމެއް ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުން ތަންފީޛުކޮށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އުޞޫލުގެ 8 ވަނަ މާއްދާގައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ސިވިލް ކޯޓުން ސަރުކާރަށް ޙުކުމްކުރިއެވެ.
ސީއެސްއާރު މަޝްރޫޢާއެކު އދ. ފުށިދިއްގާ (ރަތްދިއްގާ) ރިސޯޓަކަށް ތަރައްޤީކުރުމަށް ހުށަހެޅި ހުށަހެޅުން ސަރުކާރުން ޤަބޫލުކުރިކަން 08 ޑިސެމްބަރު 2011 ގެ ސިޓީއަކުން ފިނޭންސް މިނިސްޓްރީން އަންގައި ޑްރާފްޓް އެގްރީމެންޓެއް ފޮނުވިއެވެ. ދެން ސީއެސްއާރު ހުށަހެޅުންތަކަށް ބަދަލު އައިސްފައިވާކަން އަންގައި މަޝްވަރާ ކުރިއަށްދިޔަ ނަމަވެސް އެގްރީމެންޓުގައި ސޮއިނުކުރެވުމުން، އެއްބަސްވުމަށް ޢަމަލުކުރުމަށް އަމުރުކުރުމަށް އެދި ހުށަހެޅި ފަރާތުން ދަޢުވާކުރިއެވެ. މި ރަށް ދެން އެހެން ކުންފުންޏަކަށް އެމްއެމްޕީއާރުސީން ކުއްޔަށް ދިނުމަށް ނިންމި ކަމުން، އެ ކުންފުނި އިސްތިއުނާފުގައި ތަދައްޚުލްވިއެވެ.
ދައުލަތުން ބުނީ ހައިކޯޓުގެ ސާބިޤާތަކަށް ރިޢާޔަތްނުކޮށް، ދައުލަތުގެ ހެކި ބަލައިނުގެން، ސީއެސްއާރު އެއްބަސްވުމުގެ ޝަރުޠުތައް ފުރިހަމަނުވެ ދައުލަތަށް އެއްބަސްވުންތަކުގައި ސޮއިކުރުން ލާޒިމުކޮށް، ޓެންޑަރ މައްސަލަތަކުގެ ސާބިޤާތައް ނުބައިކޮށް ތަޠްބީޤުކުރިކަމަށެވެ.
މައިގަނޑު ސުވާލު
ސީއެސްއާރު މަޝްރޫޢާއެކު ރަށެއް ރިސޯޓަކަށް ތަރައްޤީކުރުމަށް ހުށަހެޅި ހުށަހެޅުން ސަރުކާރުން ޤަބޫލުކުރިކަން އަންގައި ޑްރާފްޓް އެގްރީމެންޓެއް ފޮނުވުމުން، ސޮއިނުކުރެވި ހުރި އެ އެއްބަސްވުމަކީ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް ޢަމަލުކުރުން ލާޒިމު އެއްބަސްވުމެއްތޯއާއި، އެ އެގްރީމެންޓާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތަށް އަމުރުކުރެވޭނެތޯ؛ އަދި އިސްތިއުނާފީ މަރުޙަލާގައި ތިންވަނަ ފަރާތަކަށް ތަދައްޚުލްވުމުގެ ހުއްދަ ދިނުން.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ރިސޯޓު ތަރައްޤީކުރުމުގެ ބަނދެވޭ އެއްބަސްވުމެއް އުފެދޭނީ ލިޔުމުން ވެވޭ އެއްބަސްވުމަކުން ކަމާއި، 08 ޑިސެމްބަރު 2011 ގެ ސިޓީއަށްފަހުވެސް މަޝްވަރާ ކުރިއަށްދިޔަ ކަމާއި ސޮއިކުރެވިފައި ނުވާ ކަމުން އެފަދަ އެއްބަސްވުމެއް ނެތެވެ. އެހެންކަމުން ޑްރާފްޓް އެގްރީމެންޓާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރަށް ލާޒިމުކުރާނެ ހަމައެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައަކީ ތިންވަނަ ފަރާތެއްގެ ޙައްޤު ހިމެނޭ އަދި އެ ފަރާތުގެ މަޞްލަޙަތު ހިމެނޭ މައްސަލައެއްކަމަށް ޤަބޫލުކުރެވޭނަމަ، މައްސަލަ ކޯޓުގައި ކުރިއަށްދިޔަކަން ނޭނގުމުން އެ ފަރާތުން ދަށުކޯޓުގައި ތަދައްޚުލްވެފައި ނުވިޔަސް، އިސްތިއުނާފީ މަރުޙަލާގައި އެ ފަރާތަށް ތަދައްޚުލްވުމުގެ ހުއްދަ ދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫނެވެ. ނަމަވެސް ޓޫރިސްޓް ރިޒޯޓް ހިންގުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ތަޠްބީޤުވާނެ މުޢާމަލާތެއްކަމުގައިވީ ހިނދު، ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމަކީ ވަކި ކަންތައްތަކެއް ހިމެނޭގޮތުން ލިޔުމުން އޮންނަންޖެހޭ އެއްބަސްވުމެކެވެ. ރަށަކާމެދު ދެފަރާތު ދެމެދު އަނގަބަހުން އެއްބަސްވެފައިވީކަމުގައި ބެލިނަމަވެސް، ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އުފަންވާނީ ސަރުކާރާއި ރަށް ކުއްޔަށް ހިފާ ފަރާތާއި ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިޓީއާއެކު ފޮނުވާފައިވާ އެއްބަސްވުމުގައިވާ ފަދައިންކަމަށާއި، އެގްރިމަންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާގޮތުގެ ތަފްޞީލް އަރުވާނެކަމަށް ބަޔާންކޮށްފައިވާ ސިޓީއަކަށްފަހު ދެފަރާތު ދެމެދު މަޝްވަރާކުރެވި، ހުށަހެޅުންތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށް އަންގާފައިވާނަމަ، އެ ސިޓީއަކީ ސީ.އެސް.އާރް މަޝްރޫޢެއް ޝަރުޠުކޮށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ލާޒިމްކުރާފަދަ އެއްބަސްވުމެއްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް އޮތުން ލާޒިމްކޮށްފައިވާ ހިނދު، އެފަދަ އެއްބަސްވުމެއް ނެތްއިރު، ދެ ފަރާތު ދެމެދު ކުރެވުނު މަޝްވަރާތަކެއްގެ މައްޗަށް ބަލައި އެ މަޝްވަރާތަކާއި އެއްގޮތްވާގޮތުގެ މަތިން ލިޔުމުން އެއްބަސްވުމަކަށް އައުމަށް ސަރުކާރުގެ ފަރާތުން އިންކާރުކުރަމުންދާ ޙާލަތުގައި، ފޮނުވި ޑްރާފްޓް އެގްރިމަންޓާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުގެ މައްޗަށް ލާޒިމްކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އުޞޫލު (01 ޑިސެމްބަރު 2011)
- ހައިކޯޓުގެ ނަންބަރު 2013/HC-A/75 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/13 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2011/HC-A/285 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2005/HC-A/139 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/217 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2012 ޤަޟިއްޔާ
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް