ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/182
2014/HC-A/182، 2014/HC-A/182
2014/HC-A/182 (2014/HC-A/182, High Court of the Maldives, 14 April 2016)
2014/HC-A/182
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ހެކިންގެ ހެކިބަހާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 77/17 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވިޔަފާރި ކުރުމަށްޓަކައި މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން ޣައިރު ޙާޟިރުގައި ޢުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާ ލައިގެންހުރި ސޯޓުގެ ޖީބުން ފެނުނު ސައިބޯނި އުރައެއްގެ ތެރޭގައި އޮތް ފިލްމް ހުސްކުރި ދަޅެއްގައި ޖުމްލަ 24.9723 ގްރާމް ކެނަބިސް ހުރިކަން ތަޙްލީލް ރިޕޯޓުން އެނގުނެވެ. ދަޢުވާއަށް އޭނާ އިންކާރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ މިންގަނޑާ ޚިލާފަށް ކުށް ސާބިތުކުރި ކަމަށާއި، ދިފާޢީ ހެކިބަހަށް ބުރަދަން ނުދިން ކަމަށާއި، ޒިންމާ އުފުލަން ނުޖެހޭ ޙާލަތެއްގައި ޒިންމާ އުފުލުވި ކަމަށާއި، މަސްތުވާތަކެއްޗާއި މިންވަރު ކަށަވަރުނުކުރި ކަމަށާއި، ޙުކުމުގައި އެހެން މީހެއްގެ ނަން ލިޔެވިފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 77/17 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ޢުމުރަށް ޖަލަށްލުމަށް ކުރި ޙުކުމް، ހެކީގެ މިންގަނޑާއި ހިޔާޒަތުގެ ޒިންމާއާއި ދިފާޢީ ހެކިބަހާއި ތަޙްލީލު ރިޕޯޓާ ބެހޭ އުޞޫލުތަކާ އެއްގޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެއްޗަށް އެމީހަކު ޒިންމާވާނެ ކަމަށާއި، ކުށުގެ ރެކޯޑް ނެތުމަކީ ޙުއްޖަތެއް ނޫން ކަމަށާއި، ތަޙްޤީޤުގައި ނުބުނެ ޝަރީޢަތުގައި ދައްކާ ދިފާޢީ ވާހަކައަށް އިޢުތިބާރު ނުދެވޭނެ ކަމަށާއި، ތަޙްލީލު ރިޕޯޓަށް ދަށުކޯޓުގައި ސުވާލު ނުއުފައްދާތީ އެއަށް ބިނާކުރުމަކީ ޚިލާފުކަމެއް ނޫން ކަމަށާއި، ނަމުގެ ގޯސްއަކީ ލިޔުމުގެ ކުށެއް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުރިން އެއްވެސް ކުށެއް ކޮށްފައިނުވާ ފަރާތެއްވެސް ކުށުގެ ޢަމަލެއް ހިންގައި އަދި އެފަދަ ޢަމަލެއްގައި ބައިވެރިވެދާނެކަމީ ސަލާމަތްބުއްދިއަށްވެސް ޤަބޫލުކުރެވޭ ކަމެއްކަމަށްވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަކީ، އެފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކެއްނޫނެވެ. ތުހުމަތުކުރެވިފައިވާ މީހާގެ ކުށުގެ ރެކޯޑެއްނެތުމާއި، އެމީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާ އެއްވެސް އެއްޗަކަށް ޕޮޒިޓިވްވެފައިނުވުމަކީ، މީހެއްގެ އަތުން ފެންނަ މަނާކުރެވިފައިވާ މަސްތުވާއެއްޗަކާމެދު އެމީހަކު ޒިންމާ އުފުލަންނުޖެހޭ ފަދަ ޤާނޫނީ ޙުއްޖަތެއްނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮވެއެވެ. މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި [މުޠްލަޤު މަސްއޫލިއްޔަތު] ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހެއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނު ނަންބަރު 77/17 ގެ 2 ވަނަ މާއްދާގެ (ހ) ގައި މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާކަމާއި، އެކުށުގެ އަދަބަކީ ޢުމުރަށް ޖަލަށްލުންކަން 2 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތަޙްޤީޤު މަރުޙަލާގައި ތުހުމަތުކުރެވޭ ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތެއް ބަޔާންކުރުމަކާ ނުލައި، އަދި އެކަން އެގޮތަށް ފާހަގަނުކުރި އެކަށީގެންވާ ސަބަބެއް ހާމަނުކޮށް، ޝަރީޢަތުގެ މަޖިލީހުގައި އެތަކެތި ލިބުނު ގޮތް ކިޔައިދީ އެތަކެތީގެ ޒިންމާ އުފުލާނެ މީހަކު ދެއްކުމަކީ، ހެކި އުފައްދައިގެން ޝަރީޢަތަށް ހުށަހެޅުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވުމުން، އެފަދަ ދިފާޢީ ހެކިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޝަރީޢަތުން ރިޢާޔަތްކޮށް އެމައްޗަށް އިޢްތިބާރެއް ދެވޭނެ ވާހަކަތަކެއް ކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ލެބޯޓްރީ ތަޙްލީލް ރިޕޯޓުގެ ޞައްޙަކަމާމެދު ނުވަތަ އެރިޕޯޓް ތައްޔާރުކުރި ފަރާތަކާބެހޭ ގޮތުން ނުވަތަ އެތަކެތި ތަޙްލީލުކުރި ފަރާތުގެ ޢިލްމީ ޤާބިލްކަމާއި ތަޖްރިބާއާބެހޭ ގޮތުން އެއްވެސް ސުވާލެއް ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އުފައްދާފައިނުވާނަމަ، އެކަންކަން ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އޮވެމެ، އެޙައްޤުގެ ބޭނުން ނުކޮށް ދޫކޮށްލާފައިވުމުން، ތަޙްލީލު ރިޕޯޓުގައި ހިމެނިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވާ ޙުކުމް ކުރެއްވުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފުކަމެއްކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ދަޢުވާކުރެވިފައިވަނީ ހަމައެކަނި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކަމަށްވާއިރު، ޙުކުމުގައި އޭނާގެ ނަމުގެ ބަދަލުގައި އެހެން ނަމެއް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގޭނަމަ، އެއީ މުޅި މައްސަލައިގެ ވާޤިޢާއަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. އަދި އެއީ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ކަމަކަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތާވަލު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/08 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް