ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 02
އާމިނަތު ޝަޝީ ވ. މުޙައްމަދު ލަޠީފް، [2025] SC 02 (2023/SC-A/08)
Aminath Shashee v. Mohamed Lateef [2025] SC 02 (2023/SC-A/08, Supreme Court of the Maldives, 15 January 2025)
އާމިނަތު ޝަޝީ ވ. މުޙައްމަދު ލަޠީފް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ 190/Cv-C-HD/2018 ޤަޟިއްޔާގައި، އާމިނަތު ޝަޝީގެ ނަމުގައިވާ ގޯއްޗެއް އޭނާގެ ނުރުހުމުގައި އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ނިންމިއެވެ. މުޙައްމަދު ލަޠީފް އިސްތިއުނާފުކުރުމުން ހައިކޯޓުގެ 2020/HC-A/38 ޤަޟިއްޔާގައި އެ ޙުކުމް ބާޠިލުކޮށް، ވާޤިޢާ ކަށަވަރުކުރުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރިއެވެ. އެ ނިންމުން އާމިނަތު ޝަޝީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީއެވެ.
ހުޅުމާލެއިން ބީލަމުގެ އުޞޫލުން ވިއްކި ގޯއްޗެއް އެޗްޑީސީއާއި އާމިނަތު ޝަޝީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބުނެވެ. މުޙައްމަދު ލަޠީފް ދަޢުވާކުރީ، ގޯއްޗަށް ދައްކަންޖެހޭ ފައިސާ އޭނާ ދައްކައި، ގޯތި އޭނާއަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ބަދަލުކުރުމަށް ދެފަރާތް އަނގަބަހުން އެއްބަސްވިކަމަށް ބުނެ، އެ އެއްބަސްވުން ބަދަލުކުރުމަށް އަމުރުކޮށްދިނުމަށް އެދިއެވެ. އެފަދަ އެއްބަސްވުމެއް ވެވުނުކަމަށް އާމިނަތު ޝަޝީ އިންކާރުކުރިއެވެ.
އާމިނަތު ޝަޝީ ބުނީ އެޗްޑީސީއާއި އޭނާއާ ދެމެދުގެ އެއްބަސްވުމަށް ބިނާކޮށް މުޙައްމަދު ލަޠީފަށް ދަޢުވާ ނުކުރެވޭނެކަމަށް ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުން ބުނާކަމަށާއި، އަނގަބަހުން ވެވޭ އެއްބަސްވުމަކުން ބިމުގެ މިލްކުވެރިކަން ބަދަލުކުރެވޭ ގޮތަށް ތަޙުވީލުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ޚިލާފު ކަމަށާއި، ކޮންސްޓްރަކްޓިވް ޓްރަސްޓެއް މި މައްސަލައަށް ނުހިނގާނެކަމަށެވެ. މުޙައްމަދު ލަޠީފް ބުނީ ދަޢުވާއަކީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ ބެހޭ ދަޢުވާއެއްކަމުން އެ މަބްދައު ތަޠުބީޤު ނުވާނެކަމަށާއި، މައުޟޫޢީ ނުކުތާތައް ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށެވެ.
މައިގަނޑު ސުވާލު
އެޗްޑީސީއާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު ވެފައިވާ ގޯތި ވިއްކުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން، ދެ ފަރާތް ދެމެދު އަނގަބަހުން ވެވުނުކަމަށް ބުނާ އެއްބަސްވުމުގެ ވާގިއާ ކަށަވަރުކުރުމަށް (އަދި ކޮންސްޓްރަކްޓިވް ޓްރަސްޓެއް އޮތްތޯ ބެލުމަށް) ހައިކޯޓުން މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައާއި ޤާނޫނާ ޚިލާފު ކަމެއްތޯއާއި، މައުޟޫޢީ ގޮތުން ނުނިމޭ ނުކުތާތަކާމެދު ސުޕްރީމް ކޯޓަށް ގޮތެއް ކަނޑައެޅޭނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުން ދެމިހުރި)
މުޙައްމަދު ލަޠީފުގެ ދަޢުވާއަކީ އެޗްޑީސީއާއި އާމިނަތު ޝަޝީއާ ދެމެދުގެ އެއްބަސްވުމުގެ ދަށުން ކުރާ ދަޢުވާއެއް ނޫން، ދެފަރާތުގެ މެދުގައި ވެވުނުކަމަށް ބުނާ އެއްބަސްވުމަކާ ބެހޭ ދަޢުވާއެއް ކަމުން، ވާޤިޢާ ކަށަވަރުކުރުމަށް ތަޙުވީލުކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައާ ޚިލާފުކަމެއް ނޫންކަމަށް ކޯޓުން ކަނޑައެޅިއެވެ. ބާކީ ނުކުތާތަކަކީ ވާޤިޢާ ކަށަވަރުނުކޮށް މައުޟޫޢީ ގޮތުން ނުނިމި އޮތް ކަންކަމާ ބެހޭ ނުކުތާތައް ކަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެކަންކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނުކަނޑައެޅޭނެކަމަށް ކަނޑައެޅިއެވެ. ތަޙުވީލުކުރުން ޚިލާފުވަނީ ކޮން ޤާނޫނަކާކަން އާމިނަތު ޝަޝީއަށް ބުނެދެވިފައި ނުވާތީ، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން ކޮންޓްރެކްޓެއްގެ ދަށުން ޙައްޤުތައް ލިބި ޒިންމާތައް މަތިވަނީ އެ ކޮންޓްރެކްޓްގެ ބައިވެރިންނަށެވެ؛ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް އެ ފަރާތާ ގުޅުމެއް ނެތް ކޮންޓްރެކްޓަކާ ގުޅިގެން އެ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ދަޢުވާކުރުން މަނާކުރެއެވެ. ([2022] SC 36 އަށް ހަވާލާދީ، ޕެރ. 17)
- ދަޢުވާއަކީ ތިންވަނަ ފަރާތަކާ ވެފައިވާ އެއްބަސްވުމުގެ ސީދާ މައުޟޫޢާ ގުޅިގެން، ނުވަތަ އެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމަކާ ގުޅިގެން، ނުވަތަ އެ އެއްބަސްވުމުގެ ދަށުން ލިބިދެވޭ މަންފާއެއް ހޯދުމަށް ކުރާ ދަޢުވާއެއް ނޫން ނަމަ، އަދި ދަޢުވާ ބިނާވެފައިވަނީ ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތާ ދެމެދު ވަކި ގޮތަކަށް ވެވުނުކަމަށް ބުނާ ވަކި އެއްބަސްވުމެއްގެ މައްޗަށް ނަމަ، އެފަދަ ދަޢުވާއަކަށް ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައު ހުރަހެއް ނާޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ދެ ފަރާތް ދެމެދު ވަކި ގޮތަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ފުރަތަމަ ކަނޑައަޅަންޖެހޭނެ ކަމަށާއި، އެ އެއްބަސްވުމާ ގުޅިގެން ޚަރަދުތަކެއް ކޮށްފައިވާނަމަ ޤާނޫނީ ގޮތުން ނިކުންނާނެ ނަތީޖާއާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ؛ މި ވާގިއާ ކަށަވަރުކުރުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައާ ޚިލާފު ޢަމަލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–21)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ޤާނޫނާ ޚިލާފު ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާނަމައެވެ؛ އެއީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން ނިކުމެދާނެ ތަފާތު ނަތީޖާތަކުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތް ނެރެން ބޭނުންނުވާ ނަތީޖާއަކަށް އިސްތިއުނާފު ކުރެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- ވާގިއާ ކަށަވަރުނުކޮށް މައުޟޫޢީ ގޮތުން ފައިސަލާ ނުކުރެވޭ ކަމެއްގައި ސުޕްރީމް ކޯޓަށް ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެވެއެވެ؛ އެގޮތަށް ކުރުމަކީ ދަށު މަރުޙަލާތަކުގައި ހިނގަމުންދާ މައްސަލައެއްގެ މައުޟޫޢަށް އަސަރުކުރާ މޭރުމުން ޙުކުމް ކުރުމަށްވާތީ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ތަޞައްވުރުކުރާ އިޖުރާއަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ތަހުވީލުކުރެވުނު މައްސަލައިގެ މައުޟޫޢާ ގުޅޭ ނުކުތާތައް (އަނގަބަހުން ވެވޭ އެއްބަސްވުމަކުން މިލްކުވެރިކަން ބަދަލުކުރުމާއި ކޮންސްޓްރަކްޓިވް ޓްރަސްޓާ ގުޅޭ ހުއްޖަތްތައް) ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާއިރު، ހައިކޯޓުން މައްސަލައިގެ މައުޟޫޢާ ގުޅޭ ގޮތެއް ކަނޑައަޅާފައިނުވާ ހާލަތެއްގައި އެ ނުކުތާތަކަކީ ތަހުވީލުކުރުމުގެ ނިންމުމަށް ބަދަލު ގެންނަން ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–27، 30)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 02 2023/SC-A/08 ޝަރީޢަތް ނިމުނުގޮތް އާމިނަތު ޝަޝީ ވ. މުޙައްމަދު ލަޠީފް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 15 ޖަނަވަރީ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/38 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ލަޠީފް، ބްލޫވިލާ، ސ. ހިތަދޫ އާމިނަތު ޝަޝީ، މ. ހާފުސް، މާލެ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާޓްނާރސް އެލް.އެލް.ޕީ ޝާހީން ޙަމީދު، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ އަނގަބަހުން ވެވުނު އެއްބަސްވުން، ގޯތި ގަތުމުގެ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުން، ވާގިއާ ކަށަވަރުކުރުމަށް ދަށު ކޯޓަށް ތަހުވީލުކުރުން
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގެ ފަސްފަހަތް 1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 6
ޕްރިވިޓީ އޮފް ކޮންޓްރެކްޓް 7
އިސްތިއުނާފީ 2 ވަނަ
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 13
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 13
ޙުކުމް 13
` އާމިނަތު ޝަޝީ ވ. މުޙައްމަދު ލަޠީފް [2025] SC 02 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މ. ހާފުސް، މާލެ، އާމިނަތު ޝަޝީގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި ކޯޓުން އެ މައްސަލައާމެދު ނިންމި ގޮތެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ސ. ހިތަދޫ، ބްލޫވިލާ، މުޙައްމަދު ލަޠީފްއެވެ.
މައްސަލައިގެ ފަސްފަހަތް
2ހުޅުމާލެ އަތިރިމައްޗާ ކައިރިން 114 ގޯތި ބީލަމުގެ އުޞޫލުން ވިއްކުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗްޑީސީ") އިން އިޢުލާން ކުރިއެވެ. މި އިޢުލާނާ ގުޅިގެން އާމިނަތު ޝަޝީގެ ފަރާތުން ގޯތި ގަންނަން އެދޭ ފޯމު ހުށަހަޅާފައިވެއެވެ.
3އާމިނަތު ޝަޝީއަށް ބީލަން ކާމިޔާބު ކުރެވުމުން، އާމިނަތު ޝަޝީއާއި އެޗްޑީސީއާ ދެމެދު 30 އެޕްރީލް 2012 ގައި ހުޅުމާލެ، ލޮޓް ނަންބަރު 11091 ގޯތި ވިއްކުމަށާއި ގަތުމަށްޓަކައި ނަންބަރު HDC/LDS/12/798 "ހުޅުމާލޭން ގޯތި ވިއްކުމުގެ އެއްބަސްވުން" ވެފައިވެއެވެ.
4މި އެއްބަސްވުމުގެ ދަށުން ގޯތި ވިއްކާ ފަރާތަކީ އެޗްޑީސީ އެވެ. ގޯތި ގަންނަ ފަރާތަކީ އާމިނަތު ޝަޝީއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާމިނަތު ޝަޝީގެ ބަދަލުގައި މުޙައްމަދު ލަޠީފްއެވެ. އަދި ހަމަ އެ ތާރީޚު (30 އޭޕްރިލް 2012) ގައި ގޯއްޗާ ޙަވާލުވިކަމުގެ ލިޔުމުގައިވެސް ސޮއިކޮށްފައިވަނީ އާމިނަތު ޝަޝީގެ ފަރާތުން މުޙައްމަދު ލަޠީފްއެވެ.1
5މި މައްސަލައިގައި މުޙައްމަދު ލަޠީފްގެ މައިގަނޑު ދަޢުވާއަކީ އާމިނަތު ޝަޝީގެ ނަމުގައި ހުޅުމާލެއިން ގޯތި ގަތުމަށް ބީލަމުގެ އުސޫލުން ހުށަހެޅި ނަމަވެސް، އާމިނަތު ޝަޝީއަށް ބީލަން ކާމިޔާބު ކުރެވިއްޖެނަމަ، ގޯއްޗާ ގުޅިގެން އެޗްޑީސީއަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް މުޙައްމަދު ލަޠީފް ދެއްކުމަށް މި ދެ ފަރާތުން އެއްބަސްވި ކަމަށާއި، އަދި ހުޅުމާލެއިން ލިބޭ ގޯތި މުޙައްމަދު ލަޠީފްއަށް ނުވަތަ މުޙައްމަދު ލަޠީފް ކަނޑައަޅާ ފަރާތެއްގެ ނަންމަތީ ގޯތި ރަޖިސްޓްރީކުރުމަށް އާމިނަތު ޝަޝީއަށް ޝަރުޠުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މި އެއްބަސްވިގޮތާ އެއްގޮތަށް މުޙައްމަދު ލަޠީފް ޢަމަލުކޮށް ފައިސާ ދެއްކިނަމަވެސް، އާމިނަތު ޝަޝީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރު ކުރާކަމަށެވެ.
6މި ޚުޞޫމާތާ ގުޅިގެން މުޙައްމަދު ލަޠީފްގެ ފަރާތުން ކޯޓަށް މީގެ ކުރިން ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. ފުރަތަމަ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު
(176/HMC/2016) 43/Cv-C-HD/2016 ގަޒިއްޔާއިން ބެލި މައްސަލަ ކަމުގައިވާއިރު، މި މައްސަލައިގެ ދަޢުވާ އަލުން އިޞްލާޙުކޮށް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލު ކޮށްދިނުމަށް މުޙައްމަދު ލަޠީފްގެ ފަރާތުން އެދުމުން، އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް 08 ޖެނުއަރީ 2017 ގައި މައްސަލަ ނިންމާފައިވެއެވެ.
7އޭގެ އެއް ހަފްތާ ފަހުން މުޙައްމަދު ލަޠީފްގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް އަލުން މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބެލީ އެ ކޯޓުގެ 17/Cv-C-HD/2017 ގަޒިއްޔާއިންނެވެ. އެ މައްސަލައިގައި މުޙައްމަދު ލަޠީފްގެ ވަކީލް ހާޒިރުވެފައިނުވާތީ، 06 ޑިސެންބަރު 2018 ގައި ދަޢުވާ ފޯމު ބާޠިލުކޮށް މައްސަލަ ނިންމާފައިވެއެވެ.
8މި ދެ މައްސަލައިގެ ދަޢުވާގައިވާ ތަފްސީލު މިހާރު ބަލަމުން މިދާ މައްސަލައަށް މުހިންމު ނުވާތީ އެ ތަފްސީލު ބަޔާންކޮށްފައިނުވާނެއެވެ.
9ތިންވަނަ ފަހަރަށް މުޙައްމަދު ލަޠީފުގެ ފަރާތުން އާމިނަތު ޝަޝީގެ މައްޗަށް އުފުލި ދަޢުވާއަކީ މިހާރު ބަލަމުން މިދާ މައްސަލައިގެ ދަށު ކޯޓު ގަޒިއްޔާއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު
190/Cv-C-HD/2018 ގަޒިއްޔާއެވެ. މި މައްސަލައިގައި އާމިނަތު ޝަޝީގެ އިތުރުން އެޗްޑިސީއަށްވެސް ދަޢުވާ ރައްދުވިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
10ސިވިލް ކޯޓުގެ ނަންބަރު 190/Cv-C-HD/2018 ގަޒިއްޔާގައި މުޙައްމަދު ލަޠީފް ކުރި ދަޢުވާއަކީ، ހުޅުމާލެ އަތިރިމަތި ކައިރިން ގޯއްޗެއް ގަތުމަށްޓަކައި މުޙައްމަދު ލަޠީފް ބޭނުންވާތީ، އާމިނަތު ޝަޝީގެ ނަމުގައި ބިޑު ހުށަހަޅައި، ބިޑު ކާމިޔާބުވެއްޖެ ނަމަ ހުޅުމާލެއިން ލިބޭ ގޯތި މުޙައްމަދު ލަޠީފްއަށް ނުވަތަ މުޙައްމަދު ލަޠީފްގެ ފަރާތުން ކަނޑައަޅާ އެހެން ފަރާތެއްގެ ނަން މައްޗަށް ބަދަލުކުރުމަށް ޝަރުޠުކޮށް، ގޯއްޗާ ގުޅިގެން އެޗްޑީސީއަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް މުޙައްމަދު ލަޠީފްގެ ފަރާތުން ދައްކައި، އެއްބަސްވެވުނު އުޞޫލުން މުޙައްމަދު ލަޠީފްގެ ފަރާތުން ޢަމަލު ކުރިނަމަވެސް، އެއްބަސްވެވުނު ގޮތަށް ގޯތީގެ އެއްބަސްވުން މުޙައްމަދު ލަޠީފް ނުވަތަ މުޙައްމަދު ލަޠީފް ކަނޑައަޅާ އެހެން ފަރާތަކަށް ބަދަލުކުރުމަށް އާމިނަތު ޝަޝީ އިޢުތިރާޒުކުރާތީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވުނު އުޞޫލުން މުޙައްމަދު ލަޠީފް ނުވަތަ މުޙައްމަދު ލަޠީފް ކަނޑައަޅާ އެހެން ފަރާތެއްގެ ނަން މައްޗަށް ބިޑުން ކާމިޔާބުވި ހުލުމާލެ ލޮޓް ނަންބަރު 11091 ގޯތި/ގޯތީގެ އެއްބަސްވުން ބަދަލު ކުރުމުގެ އެންމެހައި ކަމެއް ކުރުމަށް، އާމިނަތު ޝަޝީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ދެފަރާތް ދެމެދު އެއްބަސްވެވުނު ގޮތްތައް އިދާރީ ގޮތުން ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ފުރިހަމަ ކުރުމަށް އެޗްޑީސީއަށް އަންގައި އަމުރުކޮށްދިނުމަށް އެދިއެވެ.
11އެ ގަޒިއްޔާގައި ނިންމާފައިވަނީ އާމިނަތު ޝަޝީއަށް މިލްކުކުރެވޭ ގޮތަށް އޭނާގެ ނަމުގައި އޮތް ގޯއްޗެއް، އާމިނަތު ޝަޝީގެ ނުރުހުމުގައި، ކޯޓުން އެ ގޯތި އާމިނަތު ޝަޝީގެ ނަންމަތިން ކަނޑައި މުޙައްމަދު ލަޠީފްއަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަން މައްޗަށް ބަދަލުކޮށްދެވިދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި މި ދެފަރާތް ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވިކަން ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ޝަފަހީ ހެކިން ހާޒިރުކުރި ނަމަވެސް، އާމިނަތު ޝަޝީގެ ނުރުހުމުގައި ގޯތި ބަދަލު ކުރުމުގެ މުޢާމަލާތް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި މުޙައްމަދު ލަޠީފްގެ ފަރާތުން އެދިފައިވާގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ އެންމެހައި ކަމެއް ކުރުމަށް އާމިނަތު ޝަޝީގެ މައްޗަށާއި ދެފަރާތް ދެމެދު އެއްބަސްވެވުނު ގޮތަށް އިދާރީ ގޮތުން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުމަށް އެޗްޑީސީގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
12ސިވިލް ކޯޓުގެ ނަންބަރު 190/Cv-C-HD/2018 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް ހައިކޯޓުން ކަނޑައެޅި ތަރަހައިގެ ތެރެއިން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް މައްސަލަ ތަހުވީލުކުރިއެވެ. ހައިކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
12.1. މި މައްސަލަ ދަށު ކޯޓަށް ހުށަހެޅި މައިގަނޑު އަސާސަކީ މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު އަނގަބަހުން ވެވުނުކަމަށް ބުނާ އެއްބަސްވުންކަމާއި، މި އެއްބަސްވުން ވެވުނުކަމަށް އާމިނަތު ޝަޝީ އިންކާރު ކޮށްފައިވާއިރު، މި އެއްބަސްވުން ވެފައިވާކަމާއި އެކަމާ ގުޅިގެން ހިންގި މުޢާމަލާތް ސާބިތުކޮށްދިނުމަށް މުޙައްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ހާޒިރުކޮށް މި މައްސަލައިގެ ވާގިއާ ކަށަވަރު ކުރުމަށްފަހުގައި މެނުވީ މި މައްސަލައިގައި ގޮތެއް ކަނޑައެޅިދާނެކަމަށް ނުފެންނަކަން.
12.2. ގޯތި ގަތުމަށްޓަކައި ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ކުންފުނި މެދުވެރިކޮށް މުޙައްމަދު ލަޠީފް ފައިސާ ދައްކާފައިވާކަމަށް ބުނާއިރު، އެފަދައިން ބަޔާންކުރާ އެ ކުންފުނީގެ ސިޓީއެއް ސިވިލް ކޯޓަށް ހުށަހެޅިފައިވާކަމާއި މި ކަމުގައި އޮތީ ހަމައެކަނި މުޙައްމަދު ލަޠީފް ބުނާ ބުނުން އެކަނި ނޫންކަން.
12.3. އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދު ވެވުނު ކަމަށް ބުނާ އެއްބަސްވުމަކީ އާމިނަތު ޝަޝީއަށް އެކަމުގެ ސަބަބުން މުޤާބިލެއް ލިބެން އޮތް އެއްބަސްވުމެއް ނޫންކަމާއި، މި އެއްބަސްވުން ވެވުނީ އާމިނަތު ޝަޝީއަކީ މުޙައްމަދު ލަޠީފްގެ 25% ހިއްސާ އޮންނަ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފަކަށް ވުމާއި މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު އޮތް ޢާއިލީ ގުޅުމުގެ ސަބަބުން، އޮތް އިތުބާރުގެ މައްޗަށް ބިނާކޮށްކަމަށް މުޙައްމަދު ލަޠީފްގެ ފަރާތުން ބުނެފައިވުމުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނު2 ގެ ދަށުން ވެފައިވާ ކޮންޓްރެކްޓެއް ނޫންކަން.
12.4. އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދު ކޮންސްޓްރަކްޓިވް ޓްރަސްޓެއް އޮތްތޯ ދަށު ކޯޓުން ކަނޑައަޅަންޖެހޭކަމާއި، އެގޮތުން މުޙައްމަދު ލަޠީފްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަސް ދަށު ކޯޓުން ނަގަންޖެހޭކަމުގައި ދެކޭކަމަށާއި އަދި އެ ހެކިބަހުން ދެނެގަނެވޭކަންކަމާއި ހުށަހެޅުނު ލިޔުންތަކުން ދެނެގަނެވޭ ކަންކަމަށް ރިޢާޔަތް ކުރަންވާނެކަން.
12.5. ގޯތި ވިއްކުމާއި، ހިބަޔާއި ވަސިއްޔަތުން ދިނުމުގެ މުޢާމަލާތްތަކަކީ ޝަރީޢަތް މެދުވެރިކޮށް ހިންގަންޖެހޭ މުޢާމަލާތްތައް ކަމަށް ދަށު ކޯޓުން ބަޔާން ކޮށްފައިވާއިރު، މިކަމަކީ މި މައްސަލައިގައި ބަހުސް ކުރެވިދާނެކަމެއް ކަމުގައި ނުދެކޭކަމާއި، އެހެނީ ދަށު ކޯޓަށް މުޙައްމަދު ލަޠީފްގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ ގޯތީގެ މިލްކުވެރިކަން ހޯދުމަށް ނޫންކަމާއި، މުޙައްމަދު ލަޠީފްގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވަނީ ގޯތި ވިއްކުމަށްޓަކައި އެޗްޑީސީ އާއި އާމިނަތު ޝަޝީއާ ދެމެދު ވެފައިވާ އެއްބަސްވުން މުޙައްމަދު ލަޠީފްއަށް ނުވަތަ މުޙައްމަދު ލަޠީފް ކަނޑައަޅާ ފަރާތަކަށް ބަދަލުކޮށްދިނުމަށްކަމުން، މިއީ ޝަރީޢަތް މެދުވެރިކޮށް ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމަށް އެދުމާ ތަފާތު ހާލަތެއްކަން.
13މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިމިފައިވަނިކޮށް، 25 އޮގަސްޓް 2022 ގައި، އެޗްޑީސީގެ ފަރާތުން ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހެޅިއެވެ. އަދި އެ ކޯޓުގެ ނަންބަރު 213-CVCHD-2022 ގަޒިއްޔާގައި ވިޔަފާރީގެ އަގު ދައްކާ ނިންމާފައިވާތީ، ހުޅުމާލެ ނަންބަރު 11091 އަމިއްލަ ގޯތީގެ މިލްކުވެރި ފަރާތަކީ އާމިނަތު ޝަޝީކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
14ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އާމިނަތު ޝަޝީގެ ފަރާތުން އަންނަނިވި 04 (ހަތަރެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާތަކާމެދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.
14.1. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބުދަޢުއަށް ރިޢާޔަތްކުރުމެއްނެތި ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
14.2. އަނގަބަހުން ވެވޭ އެއްބަސްވުމެއްގެ ދަށުން ބިމުގެ މިލްކުވެރިކަން ބަދަލުކުރެވިދާނެ ފުރުޞަތު ލިބޭ ގޮތަށް މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ތަހުވީލުކުރުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ3 ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
14.3. އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދު ކޮންސްޓްރަކްޓިވް ޓްރަސްޓެއް އޮތްތޯ ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ބިމާބެހޭ ގޮތުން ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާ އެކުއިޓީގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
14.4. އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދުވެފައިވާ ކަމަށް މުޙައްމަދު ލަޠީފްގެ ފަރާތުން ބުނާ އެއްބަސްވުމަކީ މިލްކުވެރިކަން ބަދަލުކުރުމާ ތަފާތު އެއްބަސްވުމެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ4 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޕްރިވިޓީ އޮފް ކޮންޓްރެކްޓް
15އާމިނަތު ޝަޝީއާ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބިނާކޮށް އެއްބަސްވުމުގެ ބައެއް ވިޔަސް ތަންފީޒުކުރުމުގެ ގޮތުން މުޙައްމަދު ލަޠީފްގެ ފަރާތުން ދަޢުވާކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށާއި މިކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް އާމިނަތު ޝަޝީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
16މި ނުކުތާގެ ރައްދުގައި މުޙައްމަދު ލަޠީފްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ ދަޢުވާގައި ބަޔާންކުރާ ގޮތަށް މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގޯތި ގަނެވިއްކުމުގެ އެއްބަސްވުން މުޙައްމަދު ލަޠީފް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަން މައްޗަށް ބަދަލު ކުރެވިދާނެކަން ނުވަތަ ނޫންކަން ކަމުގައިވާއިރު، މި ހާލަތުގައި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައު ތަޠުބީޤު ކުރަން ނުޖެހޭކަމަށެވެ.
17އާމިނަތު ޝަޝީގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ސުޕްރީމް ކޯޓުގެ އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް5 ގަޒިއްޔާގައި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުއާ ގުޅޭ ގޮތުން އަންނަނިވި ތައުރީފު ފަނޑިޔާރު މަޙާޒު އަލީ ޒާހިރު ބަޔާންކުރައްވާފައިވެއެވެ.
"ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމެއްގެ ދަށުން ޙައްޤުތަކެއް ލިބިގެންދާނީ އަދި ޒިންމާތަކެއް މަތިވެގެންދާނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށެވެ. މި އުސޫލުގެ މައްޗަށް ތަރުތީބުވެގެން އަންނަ އަނެއް އުސޫލަކީ،
(ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއް ކަމުގައި ނުވާ ފަރާތަކަށް، އެ ފަރާތާ ގުޅުމެއް ނެތް ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓްރެކްޓާ ގުޅިގެން ދަޢުވާ ނުކުރެވުމާއި،
(ށ) ކޮންޓްރެކްޓަކާ ގުޅިގެން، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް، ކޮންޓްރެކްޓާ ގުޅުމެއް ނެތް ފަރާތެއްގެ މައްޗަށް ދަޢުވާ ނުކުރެވުމުގެ އުސޫލެވެ."
ވުމާއެކު، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް، އެ ފަރާތަކާ ގުޅުމެއް ނެތް ކޮންޓްރެކްޓަކާ ގުޅިގެން އެ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ދަޢުވާކުރުން މަނާކުރެއެވެ.
18އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި މުޙައްމަދު ލަޠީފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އާމިނަތު ޝަޝީގެ ފަރާތުން ދީފައިވާ ރައްދުގައި މި މައްސަލައަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުއަށް ބަލާއިރު، އެޗްޑީސީ އާއި އާމިނަތު ޝަޝީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބުނެފައިވެއެވެ.6 ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ހަވާލާދީ ވަކި ޖަވާބެއް ދީފައިނުވެއެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު ވެފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުމެއް ނޫންކަމަށާއި، އެހެންނަމަވެސް މުޙައްމަދު ލަޠީފްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް، ވާގިއާ ކަށަވަރުކުރަންޖެހޭ ކަމަށެވެ.7 އަދި ސާބިތުވާ ވާގިއާތަކެއްގެ ގޮތުން، މިދެ ފަރާތް ދެމެދު ކޮންސްޓްރަކްޓިވް ޓްރަސްޓެއް އުފެދިފައިވާކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭ ކަމަށެވެ.
19ޕްރިސިޑެންސް 2މުޙައްމަދު ލަޠީފުގެ ފަރާތުން މި މައްސަލައިގައި ކޮށްފައިވާ ދަޢުވާއަކީ އެޗްޑީސީއާއި އާމިނަތު ޝަޝީއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ސީދާ މައުލޫއުއާ ގުޅިގެން، ނުވަތަ އެ އެއްބަސްވުމުގެ ދަށުން އެއް ފަރާތުން އުފުލަންޖެހޭ އިލްތިޒާމަކާ ގުޅިގެން ނުވަތަ އެ އެއްބަސްވުމުގެ ދަށުން ލިބިދެވޭ މަންފާއެއް ނުލިބިގެން ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ނޫނެވެ. އެއާ ޚިލާފަށް، މުޙައްމަދު ލަޠީފްގެ ދަޢުވާއަކީ މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު ހުޅުމާލެ ގޯތީގެ ބީލަން ކާމިޔާބު ކުރުމުން، ދެން ޢަމަލުކުރާނެ ގޮތަކާ ގުޅިގެން މި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާނެ ކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއެކެވެ.
20ޕްރިސިޑެންސް 3މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު ހުޅުމާލެއިން ގޯތި ގަތުމަށް ވަކި ގޮތަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ފުރަތަމަ ކަނޑައަޅަންޖެހެއެވެ. އަދި އެއްބަސްވުމާ ގުޅިގެން މުޙައްމަދު ލަޠީފް ޚަރަދުތަކެއް ކޮށްފައިވާނަމަ، ދެން ޤާނޫނީ ގޮތުން ނިކުންނާނެ ނަތީޖާއާ މެދު ގޮތެއް ކަނޑައަޅަންޖެހެއެވެ.
21މި މައްސަލައިގެ ވާގިއާކަމުގައިވާ އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދު ހިނގި މުޢާމަލާތް ކަށަވަރު ކުރުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލު ކުރި ކުރުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ނޫނެވެ. އަދި އެ ނިންމުމުގެ ސަބަބުން އާމިނަތު ޝަޝީއާއި އެޗްޑީސީއާ ދެމެދު އޮތް "ހުޅުމާލޭން ގޯތި ވިއްކުމުގެ އެއްބަސްވުން" އާ ގުޅިގެން ހައިކޯޓުން ވަކި ގޮތެއްވެސް ކަނޑައަޅާފައިނުވެއެވެ.
އިސްތިއުނާފީ 2 ވަނަ، 3 ވަނަ އަދި 4 ވަނަ ނުކުތާ
22އާމިނަތު ޝަޝީގެ ފަރާތުން ހުށަހެޅި ދެންހުރި ނުކުތާތަކަށް ބަލާއިރުގައި، ދެވަނަ އިސްތިއުނާފީ ނުކުތާގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ އަނގަބަހުން ވެވޭ އެއްބަސްވުމެއްގެ ދަށުން މިލްކުވެރިކަން ބަދަލުކުރެވިދާނެ ފުރުސަތު ލިބޭ ގޮތަށް މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ. މި ނުކުތާގެ ތަފުސީލުގައި ބިމުގެ މިލްކުވެރިކަން ބަދަލުނުކުރެވޭނެ ހުއްޖަތްތައް ބަޔާންކޮށްފައިވެއެވެ.
23ހަމަ އެފަދައިން، އިސްތިއުނާފީ ތިންވަނަ ނުކުތާގައިވެސް ކޮންސްޓްރަކްޓިވް ޓްރަސްޓެއް މި މައްސަލައިގެ މައްޗަށް ނުހިނގާނެކަމުގެ ހުއްޖަތްތައް ދައްކާފައިވެއެވެ. އަދި އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި މި މައްސަލައަކީ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މައްސަލައެއް ކަމަށްބުނެ އާމިނަތު ޝަޝީގެ ފަރާތުން ވަކާލާތު ކޮށްފައިވެއެވެ.
24އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާ ތިލަގޮތަކަށް ޚުލާސާކުރާނަމަ، އެ ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ އާމިނަތު ޝަޝީއާއި މުޙައްމަދު ލަޠީފްއާ ދެމެދު ކޮންމެވެސް މުޢާމަލާތެއް ހިނގިކަމަށް ޤަބޫލުކުރެވޭކަމަށެވެ. ސަބަބަކީ އާމިނަތު ޝަޝީ ބީލަމުން ކާމިޔާބުކުރި ގޯއްޗާ ގުޅިގެން މުޙައްމަދު ލަޠީފު ފައިސާގެ ކޮންމެވެސް ޚަރަދުތަކެއް ކުރިކަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ސިޓީއަކުން ދޭހަވާތީއެވެ.8 މި މުޢާމަލާތް ސާބިތުކުރުމަށް މުޙައްމަދު ލަޠީފް ސިވިލް ކޯޓަށް ހެކިންވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ ހެކިންގެ ހެކިބަހުން މުޙައްމަދު ލަޠީފްއާއި އާމިނަތު ޝަޝީއާ ދެމެދު އެއްބަސްވުމެއް އޮތްކަން ހެކިންގެ ހެކިބަހުން ސާބިތުވިޔަސް، އާމިނަތު ޝަޝީގެ ނަމުގައި ނުވަތަ މިލްކުގައިވާ ގޯއްޗެއް އާމިނަތު ޝަޝީގެ ނުރުހުމުގައި ޝަރީޢަތުން އެހެން ފަރާތަކަށް ނުދެވޭނެކަމަށެވެ. ސިވިލް ކޯޓުން ޤާނޫނީ ގޮތުން ނިކުންނާނެ އެހެން ނަތީޖާއަކަށް ރިޢާޔަތްކޮށްފައި ނުވެއެވެ.
25ޕްރިސިޑެންސް 6ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައިގެ ވާގިއާތައް ކަށަވަރު ކުރުމާއެކު ގޮތެއް ކަނޑައެޅުމަށެވެ. އަދި ކޮންސްޓްރަކްޓިވް ޓްރަސްޓެއް އޮތްކަން ނުވަތަ ނެތްކަން ބެލުމަށެވެ. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި މި މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން އެއްވެސް ކަމެއް ކަނޑައަޅާފައިނުވެއެވެ.
26އާމިނަތު ޝަޝީގެ ފަރާތުން ހުށަހަޅާފައިވާ 2 ވަނަ، 3 ވަނަ އަދި 4 ވަނަ ނުކުތާތަކުގެ ތަފުސީލު ދައުރުވަނީ މައްސަލައިގެ މައުލޫއުއާ ގުޅިގެންނެވެ. އެ ނުކުތާތަކަކީ ހައިކޯޓުން މައްސަލަ ވަކި ގޮތަކަށް ނިންމައިގެން ހުށަހަޅާފައިވާ ނުކުތާތަކަކަށްވުރެ ބޮޑަށް، އެ މައްސަލަ ވަކި ގޮތަކަށް ނިމިއްޖެނަމަ ނިކުންނާނެ ޤާނޫނީ މައްސަލަތަކާ ގުޅޭ ނުކުތާތަކެކެވެ.
27އިސްތިއުނާފު ރައްދުވާ މުޙައްމަދު ލަޠީފްގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، މައުލޫއީ ކަންކަމާ ގުޅިގެން ދަށު ކޯޓުގައި މި ނުކުތާތައް ހުށަހެޅުމުގެ ފުރުސަތު އާމިނަތު ޝަޝީއަށް ލިބިގެންވެއެވެ.
28ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ9 16 ވަނަ މާއްދާގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ހ) ގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ދެކޭނަމަ، އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. މި އަކުރުގެ ސަރީހަ އިބާރާތުން ހަވާލާދެނީ ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށެވެ. ހައިކޯޓުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އެތައް ބައިވަރު ތަފާތު ނަތީޖާތައް ނިކުތުމުގެ އިހުތިމާލު އޮތް ކަމެއްގައި، އެތަނުން އިސްތިއުނާފުކުރާ ފަރާތް ނެރެން ބޭނުންނުވާ ނަތީޖާއަކަށް ނޫނެވެ.
29ޕްރިސިޑެންސް 5މިވަގުތު ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައިގައި، ވާގިއާ ކަށަވަރުނުކޮށް އަދި މައުލޫއީ ގޮތުން ފައިސަލާ ކުރެވިފައިނުވާ ކަމެއްގައި، މި ކޯޓަށް ގޮތެއް ކަނޑައެޅިދާނެ ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، އާމިނަތު ޝަޝީގެ ފަރާތުން ހުށަހެޅި ފަހު ތިން ނުކުތާއަށް ފުރަތަމައިނުންވެސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ، ސުޕްރީމް ކޯޓަށްވުރެ ދަށު މަރުހަލާތަކުގައި ހިނގަ ހިނގާއޮތް މައްސަލައެއްގެ މައުލޫއުއަށް އަސަރުކުރާ ފަދަ މޭރުމުން މި ކޯޓުން ޙުކުމް ކުރެވުމެވެ. މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ތަސައްވުރުކުރާ އިޖުރާއަތެއް ނޫނެވެ.
30އެހެންކަމުން، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާގެ ވާގިއާތައް ކަށަވަރުކޮށް މައްސަލައިގެ މައުލޫއުއާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރިކުރުން ޚިލާފުވަނީ ކޮން ޤާނޫނަކާކަން އިސްތިއުނާފުކުރާ އާމިނަތު ޝަޝީއަށް ބުނެދެވިފައިނުވެއެވެ. މި ސަބަބަށްޓަކައި ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
31މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
32މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު)
1 އެޗްޑީސީގެ "ހުޅުމާލޭގެ އަތިރިމައްޗާ ކައިރި ސަރަހައްދުން ބީލަމުގެ އުސޫލުން ވިއްކާ ގޯއްޗާ ހަވާލުވުން"، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 190/Cv-C-HD/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 184
2 ޤާނޫނު ނަންބަރު 4/91
3 ޤާނޫނު ނަންބަރު 1/2002
4 ޤާނޫނު ނަންބަރު 13/2010
5 [2022] SC 36 ޕެރެގްރާފް 13
6 އާމިނަތު ޝަޝީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު 4.2.3، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/38 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 61
7 ހައިކޯޓުގެ ނަންބަރު 2020/HC-A/38 ގަޒިއްޔާގެ 18 އަދި 19 ވަނަ ޕެރެގްރާފް
8 އިސްތިއުނާފު ކުރެވޭ ހައިކޯޓު ނަންބަރު 2020/HC-A/38 ގަޒިއްޔާގެ 17 ވަނަ ޕެރެގްރާފް
9 ޤާނޫނު ނަންބަރު 22/2010
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ)
- [2022] SC 36 (އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)، ޕެރ. 13
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 22 ޖަނަވަރީ 2023 · ރަޖިސްޓްރީކުރީ 12 ފެބުރުއަރީ 2023 · ނިމުނީ 15 ޖަނަވަރީ 2025 (23.1 މަސް)