ސައިޓޭޝަން ކޮޕީ ކުރުމަށް
[2025] SC 17
ޢަލީ ތިހްނާން ފަޒީން ވ. ޕްރޮސެކިއުޓަރ ޖެނެރަލް، [2025] SC 17 (2025/SC-A/32)
Ali Thihnaan Fazeen v. Prosecutor General [2025] SC 17 (2025/SC-A/32, Supreme Court of the Maldives, 18 June 2025)
ޢަލީ ތިހްނާން ފަޒީން ވ. ޕްރޮސެކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 10 އެޕްރީލް 2025 އިން 10 މޭ 2025 އަށް ފޯނު ހިފެހެއްޓުމުގެ އަމުރު ނެރުނެވެ. ހައިކޯޓުގެ އަޣުލަބިއްޔަތުން ނިންމީ އަމުރު ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ؛ އަޤައްލިއްޔަތު ރައުޔުގައި ބުނީ އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް ހުށަހެޅިފައި ނުވާކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއް ހުއްދަނެތި މައްސަލަތަކަށް އެކްސެސްވެ ސިއްރު މަޢުލޫމާތު ޙިއްޞާކޮށް، އޮފީހުގެ ކަންކަން ރެކޯޑްކޮށް ފޮޓޯނަގާފައިވާ ކަމަށް ތުހުމަތުކޮށް އެ އޮފީހުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، އޭނާގެ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނީ ހުށަހެޅީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީ ކަމަށާއި އެ ބުނުން ކޮރަބޮރޭޓްކުރާ ހެއްކެއް ނެތްކަމަށް، ހައިކޯޓުން އަލް މުރުސީ މައްސަލައަށް ރިޢާޔަތް ނުކުރިކަމަށް، އަދި ވާޤިޢާ ތަފާތު ސުޕްރީމް ކޯޓު ނިންމުންތައް ތަޠްބީޤުކުރިކަމަށެވެ. ދައުލަތުން އެދުނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ނުގެނައުމަށެވެ.
މައިގަނޑު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ފޮނުވި ތަޙްޤީޤަށް އެދޭ ސިޓީއާއި ފުލުހުން ހުށަހެޅި ތަފްސީލުގެ މައްޗަށް ބިނާކޮށް ފޯނު ހިފެހެއްޓުމުގެ ކޯޓު އަމުރު ނެރުމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ސަބަބެއް އޮތްތޯ؛ އަދި ހައިކޯޓުން އެ ކޯޓުގެ ކުރީގެ ނިންމުމަކަށް (އަލް މުރުސީ) ރިޢާޔަތް ނުކުރުމާއި، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާބެހޭ ސުޕްރީމް ކޯޓު ނިންމުންތައް ތަޠްބީޤުކުރުމުގައި ގޯހެއް ވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ނިންމުން ޤާއިމް
ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލަނީ ކޮންމެ މައްސަލައަކަށް ވަކިވަކިން ކަމަށާއި، ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ދައްކާފައި ނުވާކަމަށް ކަނޑައެޅިއެވެ. ހައިކޯޓުން ބަރޯސާވީ އަލް މުރުސީއަށް ފަހުގެ ސުޕްރީމް ކޯޓު ނިންމުންތަކަށް ކަމުން އަލް މުރުސީއަށް ރުޖޫޢަވާން ލާޒިމެއް ނޫން ކަމަށާއި، އެ އުޞޫލުތަކަކީ އެއްގޮތަކަށް ތަޠްބީޤުކުރެވޭ ހަމަތަކެއް ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18) ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ސުވާލު އުފެދޭ ޙާލަތުގައި، ޖިނާއީ ޙަރަކާތެއް ހިންގާފައިވާކަން ނުވަތަ ހިންގަމުންދާކަން ފަރުވާތެރި މީހަކަށް ޤަބޫލުކުރެވި، އެކަން ސާފު ވާޤިޢާއަކުން ނުވަތަ ވާޤިޢާތަކުން ފެންނަން އޮންނަ ހިނދު، ބުއްދީގެ ހަމަތަކުން ބަލާއިރު އެ ވާޤިޢާތަކުގެ މައްޗަށް ފިޔަވަޅެއް އެޅުން ލާޒިމުވާކަމަށް ދޭހަވާން ވާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19) ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލެނީ ކޮންމެ މައްސަލައަކަށް ވަކިވަކިންނެވެ؛ ތަޙްޤީޤަށް އެދޭ ސިޓީގައިވާ ކަންކަމާއި ފުލުހުން ހުށަހެޅި ތަފްސީލުގެ މައްޗަށް ބިނާކޮށް ނެރުނު ފޯނު ހިފެހެއްޓުމުގެ އަމުރުގައި، ތުހުމަތު ޝައްކުގެ މަޙައްލުން ނެއްޓި އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް، އިސްތިޤުރާރުވެފައިވާ ހަމަތަކަށް ބުރަވެ އިސްތިއުނާފުކުރާ ފަރާތަށް ދައްކާފައި ނުވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20) އެކަށީގެންވާ މިންވަރަށް ހެކި ހުރިތޯ ބެލުމުގެ އުޞޫލުތައް ބަޔާންކުރާ ސުޕްރީމް ކޯޓުގެ ނިންމުންތައް ހައިކޯޓުގެ ކުރީގެ ނިންމުމަކަށްފަހު ނިކުމެ، ހައިކޯޓުން އެ ނިންމުންތަކަށް ބަރޯސާވެފައިވާ ހިނދު، ހައިކޯޓުގެ ކުރީގެ ނިންމުމަކަށް (2021/HC-A/96، އަލް މުރުސީ މައްސަލަ) އަލުން ރުޖޫޢަވާން ލާޒިމުކުރެވޭނެ ހަމައެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20) 'އެކަށީގެންވާ ވަރަށް ހެކި' ހުރިކަމާބެހޭ ސުޕްރީމް ކޯޓުގެ އުޞޫލުތަކަކީ، އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ޙާލަތުގައި އެއްގޮތަކަށް ތަޠްބީޤުކުރެވޭ ހަމަތަކެކެވެ؛ އެ އުޞޫލުތައް ތަޙްޤީޤީ މަރުޙަލާގެ ފޯނު ހިފެހެއްޓުމުގެ އަމުރެއްގައި ތަޠްބީޤުކުރުމުން ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ނަތީޖާއެއް ނުކުމެދާނެކަން ނުދައްކާހާ ހިނދަކު، އެއީ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް (2019/SC-A/15) ގައި ކަނޑައެޅި ހަމަތަކާ ޚިލާފު ކަމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–22) ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ތިލަނުކޮށްދޭ މި އިސްތިއުނާފަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރުން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 17 2025/SC-A/32
ޝަރީޢަތް ނިމުނުގޮތް ޢަލީ ތިޙްނާން ފަޒީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސައިން ޝަހީދު ނިމުނު ތާރީޚު 18 ޖޫން 2025
އިސްތިއުނާފު ކުރެވުނު ގަޟިއްޔާ 2025/HC-B12/15 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލް ޢަލީ ތިޙްނާން ފަޒީން، ހ. ދަންވަރުގެއާގެ، މާލެ ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ މަރިޔަމް ޝަހުމާ، ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ފަރާސް ޝާކިރު، ޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ޝާމާ ނަޞީރު ޤާނޫނީ ވަކީލު:
މަރްޔަމް ނާޒްލީނު
ޖިނާއީ މައްސަލަ – ކޯޓު އަމުރު – ހެކީގެ މިންވަރު – ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުން
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
ކްރިމިނަލް ކޯޓުން ނިންމިގޮތް 2
ހައިކޯޓުގައި ކުރި އިސްތިއުނާފު 3
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފް 5
އިސްތިއުނާފުގެ ތަފްސީލު 7
ފޯނު ހިފެހެއްޓުމާއިމެދު 7
ކުރީގެ ނިންމުންތަކަށް ރިޢާޔަތް ނުކުރުން 9
ނިންމުން އަދި ނަތީޖާ 11
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 11
ފަނޑިޔާރު ޙުސައިން ޝަހީދު 11
ޙުކުމް 11
` ޢަލީ ތިޙްނާން ފަޒީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2025] SC 17 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/15 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، މާލެ، ހ. ދަންވަރުގެއާގެ، ޢަލީ ތިޙްނާން ފަޒީން1 (މީގެފަހުން "ޢަލީ ތިޙްނާން ފަޒީން" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ، ޢަލީ ތިޙްނާން ފަޒީން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ހުއްދަ ނެތް ގިނަ މައްސަލަތަކަކަށް އެކްސެސްވެ، އެ މައްސަލަތަކުގައި ހިމެނޭ ސިއްރު ހައްސާސީ މަޢުލޫމާތު އެހެން ފަރާތްތަކާ ޙިއްޞާކޮށް، އެ އޮފީހުގެ އިސްވެރިންނާ ގުޅޭގޮތުން ޞައްޙަ ނޫން އަދި އަޚުލާޤީ ގޮތުން ބަދު ވާހަކަ ދައްކާ، އޮފީސް ތެރޭގައި ހިނގާ ކަންކަން ފޮޓޯ ނަގައި, ރެކޯޑު ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލައިގައި، ޢަލީ ތިޙްނާން ފަޒީން ގެންގުޅޭ ފޯނުތަކާއި، އިލެކްޓްރޯނިކް ޑިވައިސްތަކުން މި މައްސަލައާ ގުޅުންހުރި ހެކި ޤަރީނާ ލިބޭނެ ކަމަށް ޤަބޫލުކޮށް، ޢަލީ ތިޙްނާން ފަޒީން ގެންގުޅޭ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައިގެ ހެކި ޤަރީނާ ހޯދުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި
10 އެޕްރީލް 2025 ގައި އެދިފައި ވެއެވެ.2
3ދިވެހި ފުލުހުންގެ ޚިދުމަތުން އެދުނު ފަދައިން ކްރިމިނަލް ކޯޓުން އަމުރު ނެރެދީފައިވެއެވެ. އެއީ އެ ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓު އަމުރެވެ. (" މީގެ ފަހުން" ފޯނު ހިފެހެއްޓުމުގެ އަމުރު" ނުވަތަ ކޯޓު އަމުރު"). މި އަމުރުގެ ދަށުން ޢަލީ ތިޙްނާން ފަޒީން ގެންގުޅޭ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައިގެ ހެކި ޤަރީނާ ހޯދުމަށް، 10 އެޕްރީލް 2025 އިން ފެށިގެން 10 މެއި 2025 ގެ ނިޔަލަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މުއްދަތު ދީފައިވެއެވެ.
4ބަޔާންވެދިޔަ އަމުރުގެ އިތުރުން މި މައްސަލައިގައި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއްވެސް ކްރިމިނަލް ކޯޓުން ނެރެދީފައިވެއެވެ.3 ނަމަވެސް، ކުރިމަތީގައި މިއޮތް މައްސަލައިގައި ހިމެނެނީ އިސްވެބުނެވުނު ފޯނު ހިފެހެއްޓުމުގެ އަމުރެވެ.
ކްރިމިނަލް ކޯޓުން ނިންމިގޮތް
5ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓު އަމުރުން، 10 އެޕްރީލް 2025 އިން ފެށިގެން 10 މެއި 2025 ގެ ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާ ފަދައިން ފޯނު ހިފެހެއްޓުމުގެ އަމުރު ނެރެދިނުމަށް އެ ކޯޓުން ނިންމާފައިވެއެވެ. މި އަމުރު އެ ކޯޓުން ނެރެދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު4 ގެ 36 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގެ (ނ) އާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ5 ޤަޟިއްޔާއަށް ރިޢާޔަތްކޮށެވެ.
ހައިކޯޓުގައި ކުރި އިސްތިއުނާފު
6ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅި ސިޓީ ފިޔަވައި އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވަނީސް ކަމަށާއި، މިއީ ފަނޑިޔާރުންގެ ޤާނޫނު6 ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ އުސޫލާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. މީގެ އިތުރުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ7 ޤަޟިއްޔާގެ ކޮން އުސޫލަކަށް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާ އަދި 38 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ކޯޓުން އަމުރު ނެރެފައިވާއިރު، މި މާއްދާތަކަކީ މިފަދަ އަމުރެއް ނެރުމުގައި ރިޢާޔަތްކުރެވޭނެ މާއްދާތަކެއް ނޫންކަމަށެވެ.
7ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2025/HC-B12/15 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ. މިފަދައިން ޙުކުމް ކުރުމުގައި އެ ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
7.1. މައްސަލަތަކުގެ ތަޙްޤީޤުގެ ކުރީކޮޅުގައި އަނިޔާލިބޭ ފަރާތުގެ ޝަކުވާ ފިޔަވައި އެހެން އެއްވެސް ހުށަހެޅުމެއް ނެތި އެ ޝަކުވާގެ މައްޗަށް އެކަނި ބިނާކޮށް ފިޔަވަޅު އެޅުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމު ބަރޯސާވަނީ ތެދު މަޢުލޫމާތު ހުށަހަޅާ ކަމުގެ އިޤުރާރުގެ މައްޗަށް ކަމާއި، މި މައްސަލައިގައި އަމުރަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމުގައި "ކޯޓު އަމުރަށް އެދި ހުށަހަޅާ ފަރާތުގެ އިޤްރާރު" ގައި، ފޯމުގައި ވަނީ ތަޙުޤީޤުކޮށް ޤާނޫނީގޮތުން މައްސަލަ ދިރާސާ ކުރުމަށްފަހު ހޯދާފައިވާ ތެދު މަޢުލޫމާތު ކަމާއި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ހިމަނާފައި ނުވާނެކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލަޠީފް ސޮއިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތައްގަނޑު ޖަހާފައި ވާކަން؛
7.2. ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްއިން މަޢުލޫމާތު ހޯދައިގެން މެނުވީ ތަޙްޤީޤު ނުކުރެވޭ ބާވަތުގެ މައްސަލަތަކުގެ ޚާއްޞަ އެއް ސިފައަކީ، ހެކި ނައްތާލުމަށް ނުވަތަ ހެއްކަށް ބަދަލު ގެނައުމުގެ ފުރުޞަތު ފަހިވެފައި ފަސޭހަވުން ކަމާއި، މި ބާވަތުގެ މައްސަލަތަކުގައި ޤާނޫނު މުގުރާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ފަރުދީ ޙައްޤާއި މުޖުތަމަޢުގެ ޙައްޤަށް ފަރުވާތެރިވުމާއެކު، ކުށްކުރާ މީހުންނާ އެއްދުވެލީގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮންނަންވާނެކަން؛
7.3. ވަޒީފާގެ ޙައިސިއްޔަތުން އެކްސެސް ވާންނުޖެހޭ މައްސަލައަކަށް ޢަލީ ތިޙްނާން ފަޒީން ވަނުމުގެ އިތުރުން، މައްސަލައަށް ވަނުމަށްފަހު ލިބުނު މަޢުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކޮށްފައިވާ ކަމުގެ އިޙްތިމާލު އޮތްކަމަށް ބުނެފައި ވުމުން، ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ޢަމަލަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތުގެ ބޭނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލަތަކުން ހޯދުމަށް ހުއްދަ އަދި ޖާއިޒު މިންވަރުގެ ބޭރުން ގަސްދުގައި މަޢުލޫމާތު ހޯދާފައިވުން ކަމަށް ސަބަބުވެރި މިންގަނޑުން ބަލަންޖެހޭކަން؛
7.4. ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިތޯ ބަލަނީ ކޮންމެ މައްސަލައެއްގައި ވަކިވަކިންކަމާއި، ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ ޢަމަލު ތަކަކީ، ޝައްކުފިލައި ގޮސްފައިވާކަމެއްކަން، ދައުލަތުން ކޯޓު އަމަރުކަށް އެދުނު އިރު ހުށަހަޅާފައިވާ ސިޓީއިން އެނގޭކަމާއި، އެހެނީ، ބައެއް ޙާލަތްތަކުގައި، އެކަމެއްގެ ބާވަތުން އަނިޔާލިބުނު ފަރާތުގެ ބަސްފިޔަަވައި އިތުރު ހެއްކެއް ނޯވެދާނެކަމާއި، އެކަމުގެ މައްޗަށް ބިނާކޮށް ސަބަބުވެރި ވިސްނުމަކުން ވިސްނައި، ފަނޑިޔާރަކަށް، ތަޙްޤީޤަކަށް ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފެހެއްޓުމަށް ހުރަހެއް އޮތްކަމަށް ނުދެކޭކަން.
8ހައިކޯޓުގެ އަޤައްލިއްޔަތު ރައުޔުގައި ވަނީ، ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފަހައްޓައި ބަލައި ފާސްކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބެލެވިދާނެ ހެކި ޤަރީނާ ތަޙްޤީޤުކުރާ ފަރާތުން ހުށަހަޅާފައި ނެތަތީ، އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް ހުށަހެޅިފައި ނުވާކަމަށެވެ.
9ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ބުނާ ހައިކޯޓުގެ ނިންމުން ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފް
10ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ތިން ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ނެރެދިނުމަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމައެކަނި ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއް ކަމުގައިވާއިރު، އެ ސިޓީގައި ތުހުމަތުކުރާ ކަންތަކާ ޢަލީ ތިޙްނާން ފަޒީން އާ ގުޅުވައިދޭ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު، އެ ސިޓީގައި ބުނާ ބުނުން ކޮރަބޮރޭޓް ކުރެވޭނެ އިތުރު ހެއްކެއްނެތްއިރު، މި ޙާލަތުގައި ކޯޓު އަމުރު ނެރުމަށް އެކަށީގެންވާ ހެއްކެއް އޮތް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތްއިރު، އަދި ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާއިރު، ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ކޯޓު އަމުރެއް ނެރުމަށް އެކަށީގެންވާ ހެއްކެއް އޮތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ގޯސްކޮށްކަމުގައިވުމާއި، އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކޯޓުން ދައްކާފައިހުރި ވާހަކަތަކަކީ ކޯޓު އަމުރަށް އެދުނު ފޯމުގައި ހުރި ވާހަކަތަކެއް ކަމުގައިނުވާއިރު، އެފަދައިން ކޯޓުގެ އަމިއްލަ އިސްނެގުމަށް ސަބަބުތަކެއް ބަޔާންކުރެވޭނެ ހަމައެއްނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބެލުމުގައި ހަމައެކަނި ތުހުމަތުކުރާ ފަރާތުން ބުނާ ބުނުން އެކަނި ނުފުދޭނެ ކަމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/96 (މުޙައްމަދު ޢަބްދުﷲ އަޙްމަދު އަލް މުރުސީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ ތަޙްޤީޤު މަރުޙަލާގައި ފޯނު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގެ އިސްތިއުނާފެއް ކަމުގައިވާއިރު، މި މަރުޙަލާ އަކީ ޝަރީޢަތުގެ ކުރީގެ މަރުޙަލާ ކަމުގައި ބަލައިގެން، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާމެދު މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ހަވާލާދީފައިވާއިރު، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުންތަކާއި މި މައްސަލައިގެ ވާޤިޢާތައް ނުވަތަ material facts އެއްގޮތް ނޫންކަން ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތްއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް8 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމުންތައް މި މައްސަލައަށް ތަޠްބީޤުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުގެ ތަފްސީލު
11މަތީގައި ބަޔާންކުރެވިފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު މި އިސްތިއުނާފުގައި ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނިންމުމާއި ހައިކޯޓުގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ.
12މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައިވާ ދައުލަތުން އެދިފައިވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
13މި އިސްތިއުނާފުގައި އޮތީ ތިން ނުކުތާއެކެވެ. މި ތިން ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން ބެހިގެންވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ، ޢަލީ ތިޙްނާން ފަޒީން ކުށެއްކުރި ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބެއްނެތި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރެއް ނެރެފައިވާކަމަށް ދެކި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކުރާ ކަންކަމެވެ. ދެވަނަ ބަޔަކީ، އިސްތިޤުރާރުވެފައިވާ ކުރީގެ ނިންމުންތަކަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ސުޕްރީމް ކޯޓުގެ ނިންމުންތައް ތަތުބީޤުކޮށްފައި ނުވާކަމަށް ދެކި ޢަލީ ތިޙްނާން ފަޒީން އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާގައި ދައްކާފައިވާ ވާހަކަ ތަކުގެ މައްޗަށެވެ.
14ވުމާއެކު، މި ކަންކަމުގެ މައްޗަށް ބަލާލުމަށްޓަކައި އަންނަނިވި ކަންކަމުގެ މައްޗަށް ނަޒަރު ކުރަމެވެ.
ފޯނު ހިފެހެއްޓުމާއިމެދު
15ޢަލީ ތިޙްނާން ފަޒީން ދެކޭގޮތުގައި، މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅިއިރު ހިމަނާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން 10 އެޕްރީލް 2025 ގައި ޢަލީ ތިޙްނާން ފަޒީންގެ މައްސަލަ ތަހްޤީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީ ("ސިޓީ") އެކަނި ކަމަށާއި، އެ ސިޓީގައިވާ ކަންކަން އެމަގުން ހިނގާފައިވާކަމަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީވެ، ޢަލީ ތިޙްނާން ފަޒީން ކުށްކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
16މި މައުޟޫޢުގައި އިތުރަށް ކުރިޔަށްދާއިރު، ޙަވާލާދެވޭ ސިޓީ އަކީ، ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ތުހުމަތު ކުރެވޭކަންކަމާގުޅޭ ގޮތުން ޖިނާއީ ތަޙްޤީޤެއް ކޮށްދިނުމަށް އެދި ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލައެއްގެ ތެރެއިން، ޢަލީ ތިޙްނާން ފަޒީން ހުއްދަ ނެތް ގިނަ މައްސަލަތަކަކަށް އެކްސެސްވެ އެ މައްސަލަތަކުގައި ހިމެނޭ ސިއްރު އަދި ޙައްސާސީ މަޢުލޫމާތުތައް އެ އޮފީހުގެ މުވައްޒަފުންނާ ޙިއްސާކޮށްފައިވާކަން އެނގިފައި އޮތުމާއެކު، އަދި އޮފީސް ތެރޭގައި ހިނގާކަންކަން ރެކޯޑްކޮށް، ފޮޓޯނަގައި، މިގޮތުން ލިބޭ މަޢުލޫމާތު އޮފީހުން ބޭރު ފަރާތްތަކަށް ހިއްސާކޮށްފައި އޮތުމުގެ އިޙްތިމާލު އޮތްކަމަށް ފެންނަކަމަށް ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ. މި މައްސަލައިގައި އޮތް ޤާނޫނީ ބަހުސް ފެށެނީ މި ސިޓީއާ ހިސާބުންނެވެ. އިސްތިއުނާފުކުރާ ފަރާތުން ދެކެނީ، މި ސިޓީގައިވާ ކަންކަމަށް ބާރު ލިބޭ އިތުރު ހެކި ހުންނަންޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން މިކަމަށް އިންކާރު ކުރެއެވެ.
17ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ތުހުމަތުކުރާ ކަންކަމުގެ ތެރޭގައި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި، ފާރަލުމާއި، ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމާއި، ޢަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށް ހިމެނެއެވެ.
18ޕްރިސިޑެންސް 1ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިތޯ ސުވާލު އުފެދޭ ޙާލަތުގައި ފަނޑިޔާރެއްގެ އަތުގައި އޮންނަ މައްސަލައެއްގައި ޖިނާއީ ޙަރަކާތެއް ހިންގާފައިވާކަން ނުވަތަ ހިންގަމުންދާކަން ފަރުވާތެރި މީހަކަށް ގަބޫލުކުރެވި އެކަން ސާފު ވާޤިޢާއަކުން ނުވަތަ ވާޤިޢާތަކަކުން ފެންނަން އޮންނަ ހިނދު، ބުއްދީގެ ހަމަތަކުން ބަލާއިރު އެ ވާޤިޢާތަކުގެ މައްޗަށް ފިޔަވަޅެއް އެޅުން ލާޒިމުވާކަމަށް ދޭހަވާން ވާނެއެވެ.9
19ޕްރިސިޑެންސް 2ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިތޯ ބެލެނީ ކޮންމެ މައްސަލައަކަށް ވަކިވަކިން ކަމަށްވެފައި، މި މައްސަލައަށް ބަލާނަމަ، ޢަލީ ތިޙްނާން ފަޒީންގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް އެދުމުން ކުރިމިނަލް ކޯޓުން އަމުރު ނެރެދީފައިވަނީ ޙަވާލާދެވޭ ސިޓީގައި ބަޔާންކުރާ ކަންކަމާއި އަދި އެކަމުގެ ތަފްސީލުގައި ފުލުހުންގެ ފަރާތުން ހުށަހެޅުނު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށް އެނގެން އޮވެއެވެ. އަދި އެ ސިޓީގެ މައްޗަށް ބުރަވެ ޢަލީ ތިޙްނާން ފަޒީންގެ މައްޗަށް ކުރެވޭ ތުހުމަތު ޝައްކުގެ މަހައްލުން ނެއްޓި، އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ހައިކޯޓުން ނިންމާފައި ވެއެވެ. މިހާރު، އެ ނިންމުން ރަގަޅު ނޫންކަމަށް ދެކި މި އިސްތިއުނާފުގައި ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އިސްތިޤުރާރުވެފައިވާ ހަމަތަކުގެ މައްޗަށް ބުރަވެ އޭނާއަށް ބުނެދެވިފައި ނުވެއެވެ.
ކުރީގެ ނިންމުންތަކަށް ރިޢާޔަތް ނުކުރުން
20ޕްރިސިޑެންސް 3ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ އެ ކޯޓުގެ މުޙައްމަދު ޢަބުދުﷲ އަލްމުރުސީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް10 ("އަލް މުރުސީ މައްސަލަ") މި ޤަޟިއްޔާގައި މައްސަލަ ހުށަހަޅާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބުރަވެ އެކަށީގެންވާ މިންވަރަށް ހެކިހުރިކަމަށް ނުބެލޭނެކަމާއި، އެ ބުނާ ބުނުމުގެ މައްޗަށް ގުޅުވާލެވޭ އިތުރު ހެކި ހުންނަންޖެހޭނެކަމަށް އެ މައްސަލައިން ދޭހަވާތީވެ، ހައިކޯޓުން އިސްތިއުނާފުކުރެވޭ މި މައްސަލަ ނިންމުމުގައި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް އެ ކޯޓުން ރިއާޔަތް ކުރަންޖެހޭކަމަށް އިސްތިއުނާފީ ދެވަނަ ނުކުތާގައި ޢަލީ ތިޙްނާން ފަޒީން ބަޔާންކޮށްފައި އޮވެއެވެ. އަލް މުރުސީ މައްސަލައިގައިވެސް ޙަވާލާދެވެނީ އެކަށީގެންވާ ހެކީގެ ނިސްބަތުގެ ހަމައަކަށެވެ. ހައިކޯޓުގެ އަލް މުރުސީ މައްސަލައަށްފަހު، އެކަށީގެންވާ މިންވަރަށް ހެކި ހުރިތޯ ބެލުމުގައި ޢަމަލު ކުރާނެ އުޞޫލުތައް ބަޔާންކުރާ ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކެއް ހުރުމާއެކު ސުޕްރީމް ކޯޓުގެ އެ ނިންމުތަކަށް ހައިކޯޓުގެ ނިންމުގައި ބަރޯސާވެފައިވާކަން އެނގެން އޮންނާތީވެ ހައިކޯޓުގެ ކުރީގެ ނިންމުމަކަށް ނުވަތަ އަލް މުރުސީ މައްސަލަ އަށް އަލުން ރުޖޫޢަވާންޖެހޭ ކަމަށް ލާޒިމުކުރެވިދާނެ ހަމައެއް ނެތެވެ. ހަމަ މިއާއެކު، އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޢަލީ ތިޙްނާން ފަޒީން ފާހަގަ ކޮށްފައިވަނީ، ކުރިމަތީގައި މިއޮތީ ފޯނު ހިފެހެއްޓުމުގެ އަމުރުކާގުޅޭ މައްސަލައެއް ކަމަށްވެފައި، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާމެދު މަތީ މަރުޙަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިވުމަކީ ވާޤިޢާތައް އެއްގޮތް ނޫން ދެ މައްސަލައަކަށް ޙަވާލާ ދިނުމުވެ. މިއީ، އިބްރާޙީމް ޢަބުދުއްލަތީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް11 މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަޠުބީޤުކުރުމުގައި އެކަށައަޅާފައިވާ ހަމަތަކާ ޚިލާފުކަމަށް ދެކޭކަމަށެވެ. ނަމަވެސް، ހައިކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވަނީ، ސުޕްރީމް ކޯޓުގެ ގިނަ މައްސަލަތަކުގައި ބަޔާންކޮށްދޭ "އެކަށީގެންވާ ވަރަށް ހެކި" ހުރިކަމަށް ދޭހަކޮށްދޭ އުސޫލުތަކުގެ މައްޗަށެވެ. މި އުޞޫލުތަކަކީ، އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާ ޙާލަތުގައި އެއްގޮތަކަށް ތަތުބީޤްކުރެވޭ ހަމަތަކެއް ކަމަށްވެފައި، އިސްތިއުނާފުކުރާ ފަރާތުން މި މައުޟޫޢުގައި ހުށަހަޅާފައިވާ ކަންކަމުގައި އިތުރަށް ކުރިއަށް ދިއުމުން ޤާނޫނީ ގޮތުން ދެކޮޅު ޖެހޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް ނުފެންނަ ހިނދު، ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާ ބަލައި ގަންނަންޖެހޭ ހަމަ އެއް އޮތްކަމަށް ނުދެކެމެވެ.
ނިންމުން އަދި ނަތީޖާ
21ޕްރިސިޑެންސް 5ބަޔާންކުރެވުނު ކަންކަމުގެ އަލީގައި، މި އިސްތިއުނާފަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފެނެއެވެ.12
22ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް މި މައްސަލައިގައި ތިލަވެފައި ނުވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުރު
24މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2025/SC-A/32 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް ޙުސައިން ޝަހީދު (ރިޔާސަތު)
1
2 މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަފާތު ދެ އަމުރަކަށް އެދުނެވެ. އެއީ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ކޯޓު އަމުރަކާއި، އެހެނިހެން ކޯޓު އަމުރަކަށެވެ.
3 ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2025/120 ކޯޓު އަމުރު
4 ޤާނޫނު ނަންބަރު 12/2016
6 ޤާނޫނު ނަންބަރު 13/2010
8 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ
9 މަފްތޫޙް ސަޢީދު ވ ޕްރޮސިކިއުޓަރ ޖެނެރަލް [2021] SC 67
10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/96 ޤަޟިއްޔާ
11 2019/SC-A/15
12 އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91) މައްސަލަ އާއި، އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް [2023] SC 36 މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 މައްސަލަ އާއި، މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް[2022] SC 22 މައްސަލަ އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް[2022] SC 23 މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26 މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70 މައްސަލަ.
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 36 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ
- [2021] SC 62 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ)
- 2021/HC-A/96 (މުޙައްމަދު ޢަބްދުﷲ އަޙްމަދު އަލް މުރުސީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 67 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- [2023] SC 36 (އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް)
- [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- [2022] SC 22 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް)
- [2022] SC 23 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- [2022] SC 26 (އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- [2022] SC 70 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް)
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 1 ޖޫން 2025 · ރަޖިސްޓްރީކުރީ 5 ޖޫން 2025 · ނިމުނީ 18 ޖޫން 2025 (13 ދުވަސް)