ސައިޓޭޝަން ކޮޕީ ކުރުމަށް
2009/SC-A/33
ޢާއިޝަތު ލިޔުޝާ ވ. މުޙައްމަދު ވަޙީދު، 2009/SC-A/33
Aishath Liyushaa v. Mohamed Waheed 2009/SC-A/33 (2009/SC-A/33, Supreme Court of the Maldives, 7 July 2011)
ޢާއިޝަތު ލިޔުޝާ ވ. މުޙައްމަދު ވަޙީދު
މައްސަލައިގެ ޚުލާޞާ
މަދަނީކޯޓުން ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާގައި ވިޔަފާރި ޞައްޙަކަމަށާއި ބިމުގެ މިލްކުވެރިޔަކީ އަނީސާ ޢަލީ ކަމަށް ޙުކުމްކޮށް، ހައިކޯޓުން ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫންކަމަށް ބުނެ ޢާއިޝަތު ލިޔުޝާ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅީ، އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުންނެވެ.
ވ. ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 1400 އަކަފޫޓުގެ އަމިއްލަ ގޯތިން 800 އަކަފޫޓާއި އޭގައިވާ ޢިމާރާތްތައް 90000 ރުފިޔާއަށް މއ. އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމަށް އެދި މުޙައްމަދު ވަޙީދު މަދަނީކޯޓަށް ހުށަހެޅިއެވެ. އޭނާގެ އަންހެން ދަރި ޢާއިޝަތު ލިޔުޝާ އެ ވިއްކުމާ ދެކޮޅު ހެދީ، ބައްޕަ ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި ނުވާކަމަށް ބުނެއެވެ.
ޢާއިޝަތު ލިޔުޝާ ހުށަހެޅީ، ހައިކޯޓުން އޭނާގެ ނުކުތާތަކަށް ރިޢާޔަތްނުކުރިކަމަށާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި ގޯތިގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ޝަރުޠު، ވިއްކާ މީހާ ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުން ފުރިހަމަވާތޯ ބަލާފައިނުވާކަމަށާއި، ބާކީ 600 އަކަފޫޓު 15 އަހަރަށް ކުއްޔަށްދީފައިވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން، މިފަދަ މައްސަލަތަކުގައި މަދަނީކޯޓުން ޢަމަލުކުރާ އުޞޫލުން މި މައްސަލަ ބަލާފައިނުވާކަމަށް ބުންޏެވެ. ދަޢުވާލިބޭ ފަރާތުގެ ހުށަހެޅުންތައް ޙުކުމުގައި ތަފްޞީލުކޮށްފައެއް ނުވެއެވެ.
މައިގަނޑު ސުވާލު
ވ. ރައްސާމް ގޯތިން 800 އަކަފޫޓު ވިއްކުމުގެ ވިޔަފާރި ޞައްޙަކަމަށް މަދަނީކޯޓާއި ހައިކޯޓުން ކުރި ޙުކުމް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ، ގޯތިވިއްކާ މީހާއާއި އޭނާ ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމުގެ ޝަރުޠާއި ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގޯތިގަނެވިއްކުމާބެހޭ ޤަވާއިދާ އެއްގޮތްވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމްކޯޓުން ކަނޑައެޅީ ހުށަހެޅި ސަބަބުތައް ބިނާވެފައިވަނީ ޤާނޫނީ ނުކުތާތަކުގެ މައްޗަށް ކަމުން، މައްސަލަ ސުޕްރީމްކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ހުށަހެޅިފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ގޯތިގަނެވިއްކުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާއަށް ބަލާއިރު، ވިއްކުން ހިނގީ ޝަރީޢަތް މެދުވެރިކޮށް ކަމަށާއި، ގަންނަ ފަރާތުގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނުވާކަމަށާއި، ޓެކްސް ދައްކާފައިވާކަމަށާއި، ބާކީ 600 އަކަފޫޓު ވިއްކާ މީހާއާއި އޭނާ ބަލަންޖެހޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބޭނުންކުރެވޭނެ ގޮތަށް އޭނާގެ މިލްކުގައި ބާކީ އޮތްކަމަށް ކޯޓުން ފާހަގަކުރިއެވެ. ކުއްޔާބެހޭ އެއްބަސްވުމަކީ މަދަނީކޯޓުގެ ޙުކުމުގެ ފަހުގެ ލިޔުމަކަށްވާތީ، ދަށު ކޯޓުތަކުން އެ ލިޔުން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށާއި، ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާތީ ފަނޑިޔާރުންގެ އިއްތިފާޤުން އެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށްއެދި ހުށަހެޅި ފޯމްގެ 7 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ސަބަބުތައް ބިނާކޮށްފައިވަނީ ޤާނޫނީ ނުކުތާތަކެއްގެ މައްޗަށްކަން އެނގެން އޮތުމުން، އެމައްސަލައަކީ ސުޕްރީމްކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލާއެއްގޮތަށް ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ކަނޑައެޅި ބަޔާންވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [14])
- ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުޞޫލާ އެއްގޮތަވާގޮތުގެ މަތިން ކަނޑައެޅޭ އަގަކަށް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) މިއަކުރުތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ގޯތިވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން ޝަރުތުކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ބައިކުރެވޭ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުމާއި، އަދި ގަންނަ ފަރާތަކީ ކުންފުންޏެއްކަމުގައިވާނަމަ، ގެދޮރު އެޅުމާއި ތަންތަން ބިނާކޮށް ތަރައްޤީކުރުމަށް ޚާއްސަވެފައިވާ، އަދި ސަރުކާރުގެ ޙިއްސާއެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން ޝަރުތުކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން ޝަރުތުކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ބ) ގައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [16])
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދި، 20/10/2004 ގައި ޢަމަލުކުރެވެމުންދިޔަ ގޯތިގަނެވިއްކުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާއަށް ބަލާއިރު، އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ އެވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [17])
- ކޯޓަކުން ޤަޟިއްޔާ ނިމުނު ތާރީޚުގެ މާފަހުގެ ލިޔުމެއްގައިބުނާ މައްސަލައަކީ، އެކޯޓުން ޤަޟިއްޔާ ބެއްލެވުމުގައި އެލިޔުމުގެ މައްޗަށް އެއްވެސް މިންވަރަކަށް ބެލުމުގެ ޤާނޫނީ އެއްވެސް ޙައިޘިއްޔަތެއް ލިބިފައިވާ މައްސަލައެއްނޫންކަން އެނގެން އޮތުމުން، އެލިޔުމާބެހޭ މައްސަލައަކީ، އެޤަޟިއްޔާ އިސްތިއުނާފުކުރެވުނު ކޯޓުން ބައްލަވައި ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންބަލާއިރު އެއްވެސް މިންވަރަކަށް ބައްލަވަންޖެހޭ މައްސަލައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [24])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/33
ދަޢުވާކުރާ ފަރާތް: ޢާއިޝަތު ލިޔުޝާ،
[1]ދަޢުވާލިބޭ ފަރާތް: މުޙައްމަދު ވަޙީދު، ވ. ދާރުލް އަމަން (މ. ވެސްޓް އެންޑް ލޮޖް )
މައްސަލައިގެ ބާވަތް: ވިޔަފާރި
[2]މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 އޮކްޓޯބަރު 2009
ނިމުނު ތާރީޚް: 07 ޖުލައި 2011
މައްސަލަ ނިންމި ގަޑި: 11:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/160
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 02 ޖޫން 2008
ނިމުނު ތާރީޚް: 07 އޭޕްރީލް 2009
[3]1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫންކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި ( ފްލޯ) ޢާއިޝަތު ލިޔުޝާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[4]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫންކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި ( ފްލޯ) ޢާއިޝަތު ލިޔުޝާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
[5]2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށް ކަމަށްބުނެ ޢާއިޝަތު ލިޔުޝާގެ ފަރާތުން ތިން ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން:
[6]ފުރަތަމަ ސަބަބަކީ މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށް ހައިކޯޓަށް ހުށަހެޅި ނުކުތާތައް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
[7]ދެވަނަ ސަބަބަކީ، ބިމާބެހޭ ޤާނޫނާއި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގޯތިގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ގޯއްޗެއް ވިއްކާލެވޭނީ ގޯތިވިއްކަން އެދޭމީހާއާއި އެމީހަކު ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި އޮތްނަމަ ކަމުގައި ބުނެފައިވާކަމަށާއި، ނަމަވެސް މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ޤަޟިއްޔާ އެކޯޓުން ބެއްލެވިއިރު، ގޯތީގެ ވެރިމީހާގެ (ޢާއިޝަތު ލިޔުޝާގެ ބައްޕަ މުޙައްމަދު ވަޙީދުގެ) ބަލަންޖެހިފައިތިބި މީހުންތިބިތޯއާއި އެމީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮތްތޯ ބަލާފައެއްނުވާކަމަށާއި މިހެންވެ، ހައިކޯޓުގެ 2008/HC-A/160 ނަންބަރު ޤަޟިއްޔާގައި އެނުކުތާ ފާހަގަކޮށް އަދި ޢާއިޝަތު ލިޔުޝާއަކީ، ގޯތީގެ ވެރިމީހާ (ޢާއިޝަތު ލިޔުޝާގެ ބައްޕަ މުޙައްމަދު ވަޙީދު) ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ބަލަންޖެހިފައިއިން އަންހެން ކުއްޖެއްކަމާއި ޢާއިޝަތު ލިޔުޝާ ދިރިއުޅޭނެ އެއްވެސް މަގެއް ހަމަޖައްސާދީފައިނުވާކަން ހައިކޯޓުގެ ޝަރީޢަތުގައި ސާބިތުކޮށްދީފައިވާއިރު، އެނުކުތާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި އަދި 1400 އަކަފޫޓުގެ ތެރެއިން 800 އަކަފޫޓު ވިއްކުމަށްފަހު ގޯތީގެ ބާކީ 600 އަކަފޫޓުވަނީ 15 އަހަރުގެ މުއްދަތަކަށް އެހެންފަރާތަކަށް ކުއްޔަށްދީފަ ކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
[8]ތިންވަނަ ސަބަބަކީ، ކޮންމެ އިދާރާއެއް، މުއައްސަސާއެއް ނުވަތަ ކޯޓެއް ކަމުގައިވިޔަސް އެއްބާވަތެއްގެ މައްސަލާގައި ޢަމަލުކުރަންޖެހޭނީ އެއްގޮތަކަށް ކަމުގައިވުމަކީ، ޤާނޫނީ ހަމައެއް ކަމުގައިވީހިނދު، އަދި ޤާނޫނުއަސާސީ ލާޒިމްކުރަނީ ޤާނޫނު ހިންގުމުގައި އަދި ޤާނޫނުން ލިބޭ މަންފާތައް ހަމަހަމަކަމާއެކު ކޮންމެމީހަކަށް ލިބުމަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ލާޒިމްކުރާ ކަމަށްވީހިނދު، މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ޤަޟިއްޔާ، އެކޯޓުންބެލިއިރު، އެކޯޓުން މިބާވަތުގެ މައްސަލަތައް ބެލުމުގައި ޢަމަލު ކުރަމުން ގެންދަވާ އުޞޫލުން ބައްލަވާފައިނުވާކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ޢާއިޝަތު ލިޔުޝާ މަދަނީކޯޓުގެ ޤަޟިއްޔާ ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން ހުށަހެޅި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާއިރު، އެކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ރިޢާޔަތްކޮށްފައި ނުވާކަމަށާއި، މިގޮތުން މިބާވަތުގެ މައްސަލަތަކުގައި ގޯތީގެ ވެރިމީހާއާއި އޭނާ ބަލަންޖެހޭ މީހުން (ގޯތީގެ ވެރިމީހާގެ އުފަން ދަރިން) ދިރިއުޅޭނެ ގޮތެއް ހަމަޖެހިފައި އޮތްތޯ ކޯޓުން ސީދާ ކޯޓަށް ހާޟިރުކޮށްގެން އަދި މުނިސިޕަލްޓީ މެދުވެރިކޮށް ބަލަމުން ގެންދާ ނަމަވެސް މިމައްސަލާގައި އެގޮތަށް ބަލާފައި ނެތްކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
[9]3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގެ، ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށްކަމަށް ބުނެ ޢާއިޝަތު ލިޔުޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި ޢާއިޝަތު ލިޔުޝާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ މައްޗަށް ޝަރުއީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[10](ހ) ފުރަތަމަކަމަކީ މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށްއެދި ޢާއިޝަތު ލިޔުޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅި ފޯމްގެ 7 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ، އިސްވެ އިޝާރާތްކުރެވުނު ތިން ސަބަބަށް ބަލާއިރު އެތިން ސަބަބުވެސް ބިނާކޮށްފައިވަނީ ޤާނޫނީ ނުކުތާތަކެއްގެ މައްޗަށްކަން އެނގެން އޮތުމުން މިމައްސަލައަކީ ސުޕްރީމްކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލާއެއްގޮތަށް ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮންނަ ކަމެވެ.
[11](ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގެ ދަށުން އެކޯޓުން އިސްތިއުނާފުކޮށް ބައްލަވާފައިވާ މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާގައި ވ.ރައްސާމް މުޙައްމަދު ވަޙީދު ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ.ރައްސާމްއެވެކިޔާ 1400 އަކަފޫޓްގެ އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ބިން 90000/- (ނުވަދިހަހާސް ރުފިޔާ) ގެ އަގަށް މއ.އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމަށް އެދި މުޙައްމަދު ވަޙީދު ހުށަހެޅުމުން އެކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި
[12]މަދަނީކޯޓުން އެމައްސަލަ ނިންމަވާފައިވަނީ، ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ.ރައްސާމްއެވެކިޔާ 1400 އަކަފޫޓް އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާ ބިން 90000/- (ނުވަދިހަހާސް ރުފިޔާ) ގެ އަގަށް މއ.އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކައި، މިއަގަށް ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަބިން އަނީސާ ޢަލީ ގަނެ އަގުޚަލާސްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި މިވިޔަފާރީގެ ސަބަބުން ވ.ރައްސާމްއެވެކިޔާ އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާ ބިމުގެ މިހާރުގެ މިލްކުވެރިފަރާތަކީ، މއ. އޮއިސިސްވިލާ އަނީސާ ޢަލީ ކަމަށް ޙުކުމްކުރައްވާފަކަމާއި މިކަންކަން މަދަނީކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
[13](ނ) ތިންވަނަކަމަކީ، މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާ އިސްތިއުނާފްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ، ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވ.ރައްސާމްއެވެކިޔާ އަމިއްލަ ގޯތީގެ 1400 އަކަފޯޓުގެ އަމިއްލަ ބިމުގެ ތެރެއިން 800 އަކަފޫޓް ބިމާއި، އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން މއ.އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމާބެހޭ ވިޔާފާރީގެ އީޖާބާއި ޤަބޫލު ހިނގާފައިވަނީ އެދެފަރާތުގެ ފުރިހަމަ އިޚްތިޔާރާއި ރުހުމުގައި މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައިކަމަށްވެފައި، އެވިޔާފާރި އެގޮތުގެމަތިން ޢަޤުދުކުރުމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ހުރަސްއަޅާ ސަބަބެއް ނެތްކަމަށް ބައްލަވައި މަދަނީކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވާފަކަން އެނގެން އޮންނަކަމެވެ.
[14](ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮންނަކަމެވެ.
[15](ބ) ފަސްވަނަކަމަކީ، "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ 16 ވަނަ މާއްދާގައި ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތަކަށް އެއްފަހަރާ އަގުދެއްކުމަށްފަހު، ނުވަތަ އެކިފަހަރު މަތިން ފައިސާ ދައްކައި އަގުއަދާކުރާ އުޞޫލުން މިޤާނޫނުގެ ދަށުންހަދާ ޤަވާޢިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގުދައްކައި ނިންމުމަށްފަހު އެގޯއްޗެއް ގަނެވިދާނެ ކަމަށާއި، މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މިޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިންކަމަށް ކަނޑައަޅައި ބަޔާންވެފައިވާކަން އެނގެން އޮންނަ ކަމެވެ.
[16](ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ 24/08/2006 ގެ ތާރީޚުގައިކަމާއި، އަދި އެޤަޟިއްޔާ ނިމިފައިވަނީ 30/01/2007 ގެތާރީޚުގައިކަން އެނގެންއޮންނައިރު، އެދުވަސްވަރު "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ 18 ވަނަ މާއްދާއަށް ޢަމަލުކުރެވެމުންދިޔައީ، އެޤާނޫނުގެ 18 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުކަމުގައިވާ ޤާނޫނު ނަންބަރު 2004/01 ( 03/05/2004 ) ގެ 3 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙުކުރެވިފައިވާ ގޮތުގެމަތިންކަން އެނގެން އޮންނައިރު އެމާއްދާގެ (ހ) އަށްބަލާއިރު، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް ޝާއިޢުކޮށްފައިވާ އުޞޫލާ އެއްގޮތަވާގޮތުގެ މަތިން ކަނޑައެޅޭ އަގަކަށް، އެމާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) މިއަކުރުތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންކަން އެނގޭކަމާއި މިގޮތުން އެމާއްދާގެ (ށ) ގައި ގޯތިވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ނ) ގައި: ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ބައިކުރެވޭ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުމާއި، އަދި ގަންނަ ފަރާތަކީ ކުންފުންޏެއްކަމުގައިވާނަމަ، ގެދޮރު އެޅުމާއި ތަންތަން ބިނާކޮށް ތަރައްޤީކުރުމަށް ޚާއްސަވެފައިވާ، އަދި ސަރުކާރުގެ ޙިއްސާއެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ރ) ގައި ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ބ) ގައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ޝަރުތުކޮށްފައިވާކަމާއި މިކަންކަން އެމާއްދާއިން ރަނގަޅަށް އެނގެން އޮންނަ ކަމެވެ.
[17](ކ) ހަތްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ދަށުން އިސްތިއުނާފްކުރެވުނު މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ 24/08/2006 ގެ ތާރީޚުގައިކަމާއި، އަދި އެޤަޟިއްޔާ ނިމިފައިވަނީ 30/01/2007 ގެ ތާރީޚުގައިކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދި، 20/10/2004 ގައި ޢަމަލުކުރެވެމުންދިޔަ " ގޯތިގަނެވިއްކުމާބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާއަށް ބަލާއިރު، އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ އެވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާއިރު، ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ.ރައްސާމްއެވެކިޔާ 1400 އަކަފޫޓު އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާބިން -/90000 (ނުވަދިހަހާސް ރުފިޔާ) ގެ އަގަށް މއ.އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމުގެ މުޢާމަލާތް ހިންގާފައިވަނީ ޝަރީޢަތް މެދުވެރިކޮށްކަމާއި، މިގޮތުން ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވ.ރައްސާމްއެވެކިޔާ 1400 އަކަފޫޓު އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ބިން -/90000 (ނުވަދިހަހާސް ރުފިޔާ) ގެ އަގަށް މއ.އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކިފަދައިން އެއަގަށް އެޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ބިން މއ.އޮއިސިސްވިލާ އަނީސާ ޢަލީ ގަނެ އެވިޔާފާރީގެ އަޤުދުގެ އީޖާބާއި ޤަބޫލު، އިސްލާމީ ޝަރީއަތުގެ ޞައްޙަމަގުން ހިނގައި، އެއަޤުދު ޝަރީއަތުގެ މަޖިލީހުގައި ކުރެވިފައިވާ ކަމާއި މިކަންކަން މަދަނީކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމެވެ.
[18](އ) އަށްވަނަކަމަކީ، ވ.ރައްސާމްއެވެ ކިޔާ ގޯއްޗަކީ ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ގޯއްޗެއްކަމާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީވެސް މުޙައްމަދު ވަޙީދު ކަމާއި މިގޯތި އަމިއްލަ ގޯއްޗެއްގެ ގޮތުގައި މުޙައްމަދު ވަޙީދުގެ ނަމުގައި ދިވެހި ދައުލަތުން ރަޖިސްޓްރީކޮށްދެއްވާފައިވަނީ "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 2002/01) ގެ 16 ވަނަ މާއްދާގެ ދަށުން ހެދިފައިވާ "ބަންޑާރަގޯތި އަމިއްލަ ކުރުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފައިވާތީކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މިގޯތީގެ ބޮޑުމިނަކީ 1400 އަކަފޫޓްކަމާއި، މިކަންކަން 17/08/2006 ގައި މާލޭ މުނިސިޕަލްޓީއިން ވ.ރައްސާމްއަށް ހައްދަވާދެއްވާފައިވާ ނަންބަރު އ 4190 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އިން އެނގެން އޮންނަ ކަމެވެ.
[19](ވ) ނުވަވަނަކަމަކީ، ވ.ރައްސާމް އެވެކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިމުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް މަދަނީކޯޓުން ކުރި ނަންބަރު: 144-IB-2/2006/1444 ޢިއުލާނާ ގުޅިގެން މިލްކުވެރިކަމާމެދު އެއްވެސް ފަރާތަކުން ދަޢުވާކޮށްފައިނުވާކަމާއި، އަދި ޤާނޫނު ނަންބަރު 76/28 ގައިވާފަދަ ދަރަންޏެއް ވ.ރައްސާމް މުޙައްމަދު ވަޙީދުގެ މައްޗަށް ސާބިތުވެފައި ނެތްކަމާއި މިކަންކަން މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
[20](މ) ދިހަވަނަކަމަކީ، ވ.ރައްސާމްއެވެކިޔާ 1400 އަކަފޫޓް އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ބިން ގަންނަ ފަރާތްކަމުގައިވާ މއ.އޮއިސިސްވިލާ އަނީސާ ޢަލީގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަޖިސްޓްރީ ކޮށްފައިނުވާކަން މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-C/144/2007/19 ( 29/01/2007) ގެ ސިޓީއިން އެނގެން އޮންނަ ކަމެވެ.
[21](ފ) އެގާރަވަނަކަމަކީ، ވ.ރައްސާމައެވެކިޔާ އަމިއްލަ ގޯތި ވިއްކާލުމަށް ވ.ރައްސާމް މުޙައްމަދު ވަޙީދު ހުށަހަޅާފައިވާ -/90000 (ނުވަދިހަހާސް ރުފިޔާ) ގެ އަގަކީ، ދިވެހިރާއްހޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ޓެކްސް ނެގުމަށްޓަކައި އެކަށައަޅާފައިވާ އަގަށްވުރެ ދަށް އަގެއްކަމުން އެބިން ވިއްކުމުގައި ދައްކަންޖެހޭ ޓެކްސް ނަގަންވާނީ -/528000 ( ފަސްލައްކަ އަށާވީސްހާސް ރުފިޔާ) ގެ %15 ޢަދަދު ކަމަށް މާލޭ މުނިސިޕަލްޓިގެ ނަންބަރު 99-C/144/2007/19 (29/01/2007) ގެ ސިޓީގައި ބަޔާންކޮށްފައިވާއިރު، މިސިޓީގައި ކަނޑައަޅާފައިވާ އެޢަދަދުގެ %15 އަށްވާ -/79200ރ. (ހަތްދިހަނުވަހާސް ދުއިސައްތަ ރުފިޔާ)، ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައިވާކަން ޑިޕާރޓްމަންޓް އޮފް އިންލެންޑް ރެވެނިޔުގެ ނަންބަރު 07/5848 ( 30/01/2007 ) ގެ ފައިސާގެ ރަސީދު އިން އެނގެން އޮންނަކަމެވެ.
[22](ދ) ބާރަވަނަކަމަކީ، ވ.ރައްސާމް އެވެކިޔާ 1400 އަކަފޫޓް އަމިއްލަ ގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ އަގަށް، ވިއްކިފަރާތާއި ގަންނަ ފަރާތް އެއްބަސްވެފައިވާ -/90000ރ. (ނުވަދިހަހާސް ރުފިޔާ) ނަގުދުން، ގަތް ފަރާތް އަނީސާ ޢަލީގެ ފަރާތުން، ވިއްކިފަރާތް މުޙައްމަދު ވަޙީދަށް ދައްކައި އަގު ޚަލާސްކޮސްފައިވާކަން މިދެފަރާތުގެ ބަހުން އެނގެން އޮންނަ ކަމެވެ.
[23](ތ) ތޭރަވަނަކަމަކީ، ވ.ރައްސާމްއެވެކިޔާ އަމިއްލަ ގޯއްޗަކީ، 1400 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެއް ކަމަށްވެފައި މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާގެ ދަށުން މުޙައްމަދު ވަޙީދު ވިއްކާފައިވަނީ އެގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަންކަން އެނގެން އޮތުމުން އެގޯތީގެ ބިމުން މުޙައްމަދު ވަޙީދާއި، މުޙައްމަދު ވަޙީދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ބޯހިޔާވަހިކަން ހޯދައިދޭންޖެހޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ބޭނުންކުރެވިދާނެ 600 އަކަފޫޓުގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަން މުޙައްމަދު ވަޙީދުގެ މިލްކުގައި ބާކީ އޮތްކަމާ އަދި ބާކީ އޮތް މި މިންވަރަކީ، "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ، މިމައްސަލަ މަދަނީކޯޓުން ނިންމި ދުވަސްވަރު ޢަމަލު ކުރެވެމުންދިޔަ "ގޯތި ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގައި ވަކި ގޯއްޗެއްގެ ގޮތުގައި ދައުލަތުން ރަޖިސްޓްރީކޮށްދިނުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާ މިންވަރެއްވެސް ނޫންކަމާއި މިކަންކަން އެނގެން އޮންނަ ކަމެވެ.
[24](ލ) ސާދަވަނަކަމަކީ، ވ.ރައްސާމްއެވެކިޔާ އަމިއްލަ ގޯތިން 600 އަކަފޫޓް ކުއްޔަށް ދިނުމާބެހޭ ގޮތުން މ.ދޫރެސް ޢާޠިފް ޖަމީލްއާއި ވ.ރައްސާމް މުޙައްމަދު ވަޙީދާ ދެމެދު ވެވިފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ ލިޔުމަށް ބަލާއިރު އެލިޔުމުގައިވާ ތާރީޚަކީ 15/04/2007 ކަމަށްވުމުން އެލިޔުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާ އެކޯޓުން ނިމުނު ތާރީޚް ކަމަށް އެޤަޟިއްޔާގެ ރިޕޯޓްގައިބުނާ ތާރީޚްކަމުގައިވާ 30/01/2007 ގެ ތާރީޚުގެ މާފަހުގެ ލިޔުމެއްކަން އެނގެން އޮތުމުން، މިލިޔުމުގައިބުނާ މައްސަލައަކީ، މަދަނީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެކޯޓުން ބެއްލެވުމުގައި އެލިޔުމުގެ މައްޗަށް އެއްވެސް މިންވަރަކަށް ބެލުމުގެ ޤާނޫނީ އެއްވެސް ޙައިޘިއްޔަތެއް ލިބިފައިވާ މައްސަލައެއްނޫންކަން އެނގެން އޮތުމުން، އެލިޔުމާބެހޭ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންބަލާއިރު އެއްވެސް މިންވަރަކަށް އެޤަޟިއްޔާގައި ބައްލަވަންޖެހޭ މައްސަލައެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަކަމެވެ.
[25](ގ) ފަނަރަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވަނީ މަދަނީކޯޓުގެ ނަންބަރު 1373/MC/2006 ގެ ޤަޟިއްޔާއާއި އަދި އެޤަޟިއްޔާ އިސްތިއުނާފްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާ ގޮތުގެ މަތިންކަމަށާއި އެހެންކަމުން ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވިޔަސް ނެތްކަމަށެވެ.
ޙުކުމް:
[26]އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބަލާއިރު،
[27]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއްކަމަށް މިމައްސަލަބެލި މިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤް ވެވުނުހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް މިމައްސަލަބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ަ
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 2004/01 ( 03/05/2004 ) ގެ 3 ވަނަ ނަންބަރު
- ގޯތިގަނެވިއްކުމާބެހޭ ޤަވާއިދު ގެ 9 ވަނަ މާއްދާ
- ބަންޑާރަގޯތި އަމިއްލަ ކުރުމާބެހޭ ޤަވާއިދު
- ސުޕްރީމްކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 76/28
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 އޮކްޓޫބަރު 2009 · ރަޖިސްޓްރީކުރީ 12 އޮކްޓޫބަރު 2009 · ނިމުނީ 7 ޖުލައި 2011 (20.8 މަސް)