ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/221
އާދަމް ނަޞީރު ވ. އާއިޝަތު ސުއިޒާ، 2017/HC-A/221
Adam Naseer v. Aaishathu Suizaa 2017/HC-A/221 (2017/HC-A/221, High Court of the Maldives, 4 February 2018)
އާދަމް ނަޞީރު ވ. އާއިޝަތު ސުއިޒާ
މައްސަލައިގެ ޚުލާޞާ
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން، ވިއްކަން އެދޭ މީހާއާއި ޢާއިލާއަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުމުގެ ޝަރުޠު ފުރިހަމަ ނުވާތީ ވިޔަފާރީގެ ޢަޤުދު ކޮށްދެވެން ނެތްކަމަށް ނިންމިއެވެ.
އިސްތިއުނާފުކުރި ފަރާތުގެ ނަމުގައިވާ 4000 އަކަފޫޓުގެ އަމިއްލަ ގޯތި 100,000 ރުފިޔާއަށް ޝަރީޢަތް މެދުވެރިކޮށް ވިއްކުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އޭނާއާއި ޢާއިލާ ދިރިއުޅެނީ އަނބިމީހާގެ ބައްޕަގެ ގޭގައި ކަމަށާއި، އަނބިމީހާގެ ނަމުގައި ބަންޑާރަ ގޯއްޗެއް އޮވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤަވާޢިދުގެ 17 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާކަމަށާއި، 2014/SC-A/40 ގެ ޙާލަތާ ތަފާތުތައް ރިޢާޔަތް ނުކޮށް ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ވިއްކަން އެދޭ ގޯތި ފިޔަވައި ވިއްކާ މީހާގެ ނަމުގައި އެހެން ގޯއްޗެއް ނެތްނަމަވެސް، އަނބިމީހާގެ ނަމުގައިވާ ގޯއްޗަކާއި ޢާއިލާގެ ގޭގައި ދިރިއުޅެމުންދާއިރު، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ 'ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން' މި ޝަރުޠު ފުރިހަމަވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވި
އަނބިމީހާގެ ނަމުގައި ގޯއްޗެއް އޮތުމަކީ ޤަވާޢިދުގެ 17 (ހ) ގައިވާ ފަދަ ތަނެއްކަމުންނާއި، ޢާއިލާއާއެކު ދިރިއުޅެމުންދާ ގޭގައި ކުރިއަށްވެސް ދިރިއުޅެވޭނެ ކަމަށް ބުނާތީއާއި، ވިއްކަން އެދޭ ގޯއްޗަކީ ހުސްގޯއްޗަކަށް ވާތީ، ދިރިއުޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކަނޑައަޅައި ޙުކުމް ބާޠިލުކޮށް، މުޢާމަލާތުގެ ޞައްޙަކަން ބަލައި ގޮތެއް ކަނޑައެޅުމަށް އަލުން ބެލުމަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި ބިމާއި ގޯތި ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތުކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަމިއްލަ ބިމެއް ވިއްކުމުގެ މުޢާމަލާތެއް ހިންގުމުގެ ކުރިން، ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުމާއި، ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމާއި، ގޯތި ވިއްކާ އަގުގެ 15% ޓެކްސްގެ ގޮތުގައި ބިން ވިއްކާ ފަރާތުން ސަރުކާރަށް ދެއްކުން ލާޒިމް ކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އިން މުޝައްރިޢު ޙާސިލުކުރަން ބޭނުންވާ އިޖުތިމާޢީ މަޞްލަޙަތަކީ ގޯއްޗެއް ވިއްކަން އެދޭ މީހާގެ މިލްކުގައިވާ ގޯތި ވިއްކާލާ ޙާލަތުގައި އޭނާއާއި، އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ ފަރާތްތައް މަގުމަތިނުވެ، ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހި އިންތިޒާމުވެފައިވުމެވެ. ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުމުގެ މުރާދަކީ ވިއްކަން އެދޭތަން ފިޔަވައި އެހެންތަނެއް އޭނާއާއި، އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ހަމަޖެހިފައިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމަށް ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން އެމައްސަލައަކާ ގުޅުން ހުރި އެހެނިހެންކަންތައް ބެލުމަށްފަހުގައެވެ. އެގޮތުން ބަލާނެ ކަންތައްތަކަކީ، އެމީހެއްގެ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ތަނެއް ރަޖިސްޓްރީވެފައި އޮތުން، ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްއޮވެ އެތަނެއްގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން، ނުވަތަ ދިރިއުޅެވޭނެ އެހެންތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރުން، ނުވަތަ ރާއްޖެއިން ބޭރުގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފުލެޓެއް ހުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ގޯތި ވިއްކާ ފަރާތަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން މާނަކުރަންޖެހޭނީ ހުށަހެޅޭ ކޮންމެ މައްސަލައަކަށް ވަކިން އެމައްސަލައަކާއި ގުޅުން ހުރި އެހެންކަންކަމުގެ މައްޗަށް ބެލުމަށްފަހުގައެވެ. ގޯތި ވިއްކާ މީހާއަށް ވިއްކާ ގޯތި ފިޔަވައި އެހެން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް ލިބިފައިނެތުމަކީ ހަމައެކަނި އެސަބަބަށްޓަކައި ގޯތި ވިއްކުމުގެ މުޢާމަލާތް ހިންގުމުގެ ޝަރުތު ފުރިހަމަވެފައިނުވާކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ (ޤާނޫނު ނަންބަރު 2015/39 އިން 25 ވަނަ މާއްދާ)
- ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު (1 އޮކްޓޯބަރު 2008) ގެ 9 ވަނަ މާއްދާގެ (ށ)
- ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު (1 އޮކްޓޯބަރު 2008) ގެ 17 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- 2014/SC-A/40
- 2015/HC-A/367
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް